September 20, 2024 22:49
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޝައިޠާނީ އާޔަތްތަކާގުޅޭ ހާދިސާ

ރަސޫލުﷲ ﷺ ގެ ސީރާ އަށާރަވަނަ ބައި

ޤިއްސަތުލް ޣަރާނީޤްއަށް ސެޓަނިކް ވަރސަސް ނުވަތަ ޝައިޠާނީ އާޔަތްތައް މިބަސް ފުރަތަމަ ބޭނުންކުރީ މުސްތަޝްރިގެއް ނުވަތަ އޮރިއެންޓަލިސްޓެއްކަމުގައިވާ ސަރ ވިލިއަމް މުޔަރއެވެ. ސްކޮޓްލަންޑްގެ ޢިލްމުވެރިއެއްކަމަށްވާ މުޔަރ އަކީ ރަސޫލާ ﷺ ގެ ސީރާ އިނގިރޭސި ބަހުން ތަފުސީލުކޮށް ފުރަތަމަ ލިޔުނު މުސައްނިފުންގެތެރެއިން މީހެކެވެ. މުޔަރ މަރުވީ 1905 ވަނަ އަހަރުއެވެ. މުސްލިމް ޢިލްމުވެރިން މިހާދިސާ ނުވަތަ ވާހަކައަށް ދެއްވާފައިވާ ނަމަކީ ޤިއްސަތުލް ޣަރާނީޤްއެވެ. މިބަހުގެ މާނަޔަކީ ޣަރާނީޤުގެ ވާހަކައެވެ. ޣަރާނީޤަކީ މާކަނާ ކަހަލަ ކަރު ދިގު ރީތި ދޫންޏެކެވެ.

ކޮންމެއަކަސް ޙަބުޝްކަރައަށް ހިޖުރަކުރެއްވި ބޭކަލުން ތިން މަހަށްފަހު އެނބުރިވަޑައިގަތެވެ. އެބޭކަލުން ހިޖުރަކުރެއްވީ ރަޖަބު މަހުއެވެ. އެއަށްފަހު އެނބުރި މައްކާއަށް ވަޑައިގަތީ އެއަހަރުގެ ޝައްވާލު މަހުއެވެ. މިބޭކަލުން ކުއްލިގޮތަކަށް އެނބުރި ވަޑައިގަންނަވަންޖެހުނީ ޤުރައިޝް ވަންހައިގެ މީސްތަކުން އިސްލާމް ދީނަށް ވަން ޚަބަރު ލިބިވަޑައިގަތުމުންނެވެ. އެކަމަކު އެބޭކަލުން އެނބުރި މައްކާއަށް ވަޑައިގަތުމުން އެނގުނީ އެއީ ފެތުރުނު ދޮގު ވާހަކައެއްކަމެވެ. މިވާހަކަ އުފެދި ފެތުރުނީ ވަކި ހާދިސާއަކަށް ބިނާވެގެންނެވެ. ބަޔާންމިކުރަނީ އެހާދިސާގެ އެންމެ ޞައްޙަ ތިން ރިވާއެވެ. ފުރަތަމަ ރިވާ އައިސްފައިވަނީ ޞަޙީޙު ބުޚާރީގައެވެ. މިރިވާގައިވާގޮތުން ދީނަށް ގޮވައިލެއްވުމުގެ ފަސްވަނަ އަހަރުގެ ރަމަޟާން މަހު ރަސޫލާ ﷺ ނަޖުމް ސޫރަތް އެއްކޮށް ކިޔަވާވިދާޅުވިއެވެ. މިއީ މުސްލިމުން ހިޖުރަކުރެއްވިފަހުން އައި ފުރަތަމަ ރަމަޟާން މަހެވެ. މިސޫރަތުގެ މޮޅުކަމާއި ވަރުގަދަކަމުން މިސޫރަތުން މައްކާގެ މުޝްރިކުންނަށްވެސް ވަރުގަދަ އަސަރެއްކުރިއެވެ. އެގޮތުން ރަސޫލާ ﷺ މިސޫރަތް ކިޔަވާވިދާޅުވުމަށްފަހު އެންމެފަހު އާޔަތާއެކު ސަޖިދައަށް ވަޑައިގަތެވެ. އެއީ އެއާޔަތަކީ ސަޖިދައިގެ އާޔަތަކަށްވުމެވެ. އެކަލޭގެފާނާއެކު މުސްލިމުންވެސް ސަޖިދަކުރިއެވެ. އެވަގުތު މިސޫރަތް އަޑުއަހަންތިބި މުޝްރިކުންނަށްވެސް ކުރެވުނު ވަރުގަދަ އިހުސާސާއެއްކޮށް ބޭ އިޚުތިޔާރުގައި ސަޖިދަކުރެވުނެވެ. ރަސޫލާ ﷺ ގެ ފަހަތްޕުޅުން މުސްލިމުންނާއެކު މުޝްރިކުން ސަޖިދަކުރި ޚަބަރު ޙަބުޝްކަރައަށް ފޯރީ ބަދަލުވެގެންނެވެ. ހިޖުރަކުރި މުސްލިމުންނަށް ޚަބަރުވީ މައްކާގެ މުޝްރިކުން އިސްލާމްވީކަމަށެވެ. މިއީ މިހާދިސާގެ ސައްހަ ނުވަތަ ހަގީގީ ރިވާއެވެ.

Advertisement

ދެވަނަ އަދި ތިންވަނަ ރިވާއަކީ އަސްލެއްނެތް ނުވަތަ ހަގީގަތާއި ޚިލާފް ދޮގު ރިވާތަކެއްކަން އެނގެއެވެ. އެހެނީ މިރިވާތައް ޙަދީޘް އެއްވެސް ފޮތެއްގައިނުވުމެވެ. އެގޮތުން ދެވަނަ ރިވާ އައިސްފައިވަނީ އައްޠަބަރީގެ ތަފުސީރު ފޮތެއްގައެވެ. ޠަބަރީ އޭނާގެ ފޮތް ފައްޓަވަމުން އެފޮތުގައިވާ ވާހަކަތަކަކީ ޢިލްމީ ދިރާސާތަކަށް ބިނާކުރައްވާ ފޮތެއްނޫންކަމަށް ބަޔާންކުރައްވައެވެ. އަދި އޭގައިވާ ވާހަކަތަކަކީ އޭނާއަށް އިވިވަޑައިގަތް ހުރިހާ ވާހަކަތަކެއްކަމަށް ބަޔާންކުރައްވައެވެ. ދެވަނަ ރިވާގެ މަސްދަރަކަށް އައްޠަބަރީ ފާހަގަކުރައްވަނީ ތާބިޢީ ބޭކަލެއްކަމުގައިވާ އުރްވާ އިބުނު ޒުބައިރުއެވެ. އުރްވާއަކީ ޞަޙާބީއަކަށްނުވާތީ އެކަލޭގެފާނަށް ރަސޫލާ ﷺ ފެނިފައެއްނުވެއެވެ. އުރުވާއަށް މިވާހަކަ ލިބިވަޑައިގަތީ ސީދާ ރަސޫލާ ﷺ ގެ އަރިހުންކަމުގައިނުވާތީ މިވާހަކަ ތެދު ޞައްޙަ ވާހަކައަކަށްބެލޭނެ ހެއްކެއް ނުވަތަ ބުއްދީގެ ހަމައެއްނުވެއެވެ. އުރުވާ ވިދާޅުވިގޮތުގައި ނަޖުމް ސޫރަތުގެ 19 އަދި 20 ވަނަ އާޔަތް ކިޔަވާވިދާޅުވުމާއެކު ޝައިޠާނާ ހަޅޭއްލަވައިގަތެވެ. އެއަށްފަހު ޤުރްއާނުގައި ނެތް ދެއާޔަތް އޭނާ ޤުރްއާނުގައި ހިމެނިއެވެ. ޝައިޠާނާ އިތުރުކުރި އާޔަތްތަކުގެ އަޑު މުސްލިމުންނަކަށް ނީވެއެވެ. އެކަމަކު އެދެއާޔަތުގެ އަޑު މުޝްރިކުންނަށް އިވުނެވެ. ބަޔާންމިކުރަނީ އެދެއާޔަތެވެ.

'މި ބުދުތަކަކީ ގަދަފަދަ ރީތި ދޫނިތަކެކެވެ. އަދި މިބުދުތަކުގެ އެދުންތަކަށް އިޖާބަދެވޭނެއެވެ.' ޔަޢުނީ އެބުދުތަކަށް ޝަފާޢަތްތެރިވެވޭނެއެވެ. އުރުވާ ވިދާޅުވިގޮތުގައި މިއާޔަތްތަކުގެ އަޑު މުޝްރިކުންނަށް އިވުމުން އެމީހުން ކަނޑައެޅީ ރަސޫލާ ﷺ ދޫދެއްވައި އެމީހުންގެ ދީންވެސް ގަބޫލުކުރެއްވީކަމަށެވެ. ޔަޢުނީ ރަސޫލާ ﷺ މުޝްރިކުންގެ ކަލާނގެތައްވެސް ގަބޫލުކުރެއްވީއެވެ. އެހެންވެ ރަސޫލާ ﷺ ނަޖުމް ސޫރަތް ކިޔަވާވިދާޅުވުމަށްފަހު ސަޖިދައަށް ވަޑައިގަތުމުން މުޝްރިކުންވެސް ސަޖިދަކުރީ އެކަލޭގެފާނު އެމީހުންގެ ކަލާނގެތައް ގަބޫލުކުރެއްވީތީއެވެ.

ތިންވަނަ ރިވާ އައިސްފައިވަނީ އަލްވާޙިދީގެ އަސްބާބުލް ނުޒުލުއިންނެވެ. އޭނާ ބަޔާންކުރެއްވިގޮތުގައި ޝައިޠާނާ ކިޔަވާ އަޑު އިވިވަޑައިގަތުމުން ރަސޫލާ ﷺ ހީފުޅުކުރެއްވީ އެއީ ޖިބުރީލްގެފާނު އެކަލޭގެފާނަށް ކިޔަވައި ވިދާޅުވެދެއްވީކަމަށެވެ. ދެން އެއާޔަތްތައް އެކަލޭގެފާނު ކިޔަވައި ވިދާޅުވިއެވެ. '..... ތިލްކަ ޣަރާނީޤަލްއުލާ ވައައްނައް ޝަފާޢަތަހުންނަ ލަތުރްތަޖާ.' ދެން ސޫރަތް ނިމުމުން ރަސޫލާ ﷺ އާއެކު މުޝްރިކުން ސަޖިދަކުރުމުން ޖިބުރީލްގެފާނު ރަސޫލާ ﷺ އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނު ކިޔަވާވިދާޅުވީ ކޮން އާޔަތްތަކެއްތޯ އެއްސެވިއެވެ. ދެން އެކަލޭގެފާނު އެދެއާޔަތާއެކު ކިޔަވައި ވިދާޅުވުމުން އެދެއާޔަތަކީ ޖިބުރީލުގެފާނު ގެނެސްދެއްވި އާޔަތްތަކެއްނޫންކަމަށް ރަސޫލާ ﷺ އަރިހުގައި އެކަލޭގެފާނު ވިދާޅުވިއެވެ. މިކަމާ ރަސޫލާ ﷺ ކަންބޮޑުވެވަޑައިގަނެ ހިތާމަކުރެއްވިއެވެ. ތަންދޮރުވަކިނުވާ މީހަކަށް ތިންވަނަ ރިވާ އިން ލިބޭ އެއް މެސެޖަކީ ޖިބުރީލްގެފާނާއި ޝައިޠާނާ ވަކިކުރަން ރަސޫލާ ﷺ އަށް އެނގިވަޑައިނުގަތްކަމެވެ. ސަލްމާން ރުޝްދީއަށް ޚިޔާލީ ވާހަކަ ސެޓަނިކް ވަރސަސް ލިޔަން ޚިޔާލުއައީ މިރިވާއިން ކަމަށް ގަބޫލުކުރެވެއެވެ.

މުސްލިމް ގިނަ ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ދެވަނަ އަދި ތިންވަނަ ރިވާއަކީ ޞައްޙަ ތެދު ވާހަކައެއްނޫނެވެ. އޭގެތެރޭގައި އިބުނު ކަޘީރު، އަލްޤާޟީ އައްޔާދު، ފަޚުރުއްދީން އަލްރާޒީ، އަލްބާނީ އަދި މުޙައްމަދު އިބުނު އިސްޙާޤު އިބުނު ޚުޒައިމާ ހިމެނެއެވެ. ދެވަނަ ރިވާ ގަބޫލުކުރެއްވި އެންމެ މަޝްހޫރު ޢިލްމުވެރިޔާކީ އިބުނު ހަޖަރު އަލްއަސްޤަލާނީ އެވެ. ހަމައެގޮތަށް ތިންވަނަ ރިވާ ގަބޫލުކުރެއްވި އެންމެބޮޑު އިލްމުވެރިޔަކީ އިބުނު ތައިމިއްޔާއެވެ. މިދެބޭކަލުންގެވެސް ނިންމުމަކީ ކީރިތި ޤުރްއާނަށް އެއްވެސް މީހަކަށް އެއްވެސް ގޮތެއް ނުހެދޭނެކަމަށެވެ. ޔަޢުނީ ﷲ ގެ ވަޙީ ބަސްފުޅަށް އުނިއިތުރު ނުގެނެވޭނެކަމެވެ. މިހާދިސާ ޢިލްމީގޮތުން ދިރާސާކުރުމަށްޓަކައި 1966 ވަނަ އަހަރު މިސްރުގެ ވެރިރަށް ޤާހިރާގައި މުސްލިމް ޢިލްމުވެރިންގެ މެދުގައި ބަހުސްކުރެވުނެވެ. މިބަހުސްގެ ނަތީޖާއަކީ ދެވަނަ އަދި ތިންވަނަ ރިވާ ޞައްޙަނޫންކަމަށް އެބޭކަލުން އިއްތިފާގުވުމެވެ.

ޑރ. ޔާސިރު ޤާޟީ ބަޔާންކުރައްވާގޮތުގައި ބަޔާންމިކުރާ ސަބަބުތަކަށްޓަކައި ދެވަނަ އަދި ތިންވަނަ ރިވާ އަހަރެމެން ގަބޫލުކުރާކަށްނުޖެހެއެވެ.

  • ﷲ ގެ ވަޙީ ބަސްފުޅަށް އެއްވެސް ގޮތަކުން ޝައިޠާނާއަށް ނުފޯޒުނުފޯރުވޭނެކަން ކީރިތި ޤުރްއާނުން އެނގޭކަން
  • މިހާދިސާގެ ޞައްޙަ ނުވަތަ ތެދު ރިވާއެއްނެތްކަމާއި ރިވާތަކުގެ ޟައީފްކަން
  • މިވާހަކައިގެ ރިވާތައް ގިނަކަމާއި އެރިވާތަކުގައި ހުރި ތަފާތުތަކުގެ ގިނަކަން
  • ޙަދީޘްގެ ބޮޑު އެއްވެސް ފޮތެއްގައި މިވާހަކަނެތުން
  • އާޔަތްތައް ބާވައިލެއްވި ހާލަތް ދިރާސާކުރުމުން މިވާހަކައިގެ ބާޠިލުކަން އެނގުން
  • ޖާހިލިއްޔަ ޒަމާނުގެ އަރަބީން ބުދަށް ޣަރާނީޤު މިބަސް ބޭނުންނުކުރާކަން
  • ބުޚާރީގެ ހަދީޘްފޮތުގައި ވަރަށް ސާފުކޮށް މިވާހަކަ ބަޔާންވެފައިއޮތުން

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް