ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް) ކަނެކްޝަން އެމްއޭސީއެލް އަދި ސްޓެލްކޯގެ ފުލެޓުތަކަށް ފޯރުކޮށްދީފައެވެ. މިއީ ހުޅުމާލެ ތަރައްގީކުރުމުގެ ތެރެއިން، އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަރ ކަނެކްޝަންތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހިދުމަތެކެވެ.
އެޗްޑީސީ އިން މައުލޫމާތުދޭގޮތުގަ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންދަނީ މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ހޯދަންފަށާފައެވެ. މި ނެޓްވޯކް އިން އާންމުންނަށާއި އަދި މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
" މި މިކްސްޑް-ރެޒިޑެންޝަލް އެޕާޓްމަންޓްތަކުގައި ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީއަކީ ރައްޔިތުން ދިރިއުޅެންފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ހިދުމަތްތައް އަވަހަށް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި މި އެފްޓީޓީއެޗް ކަނެކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ސްޕީޑް އަދި ސާވިސް ރޭންޖެއް ލިބިގެންދޭ". އެޗްޑީސީ އިން ފާހަގަކުރިއެވެ.
އެފްޓީޓީއެޗް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކަށް ލިބޭ ފައިދާތަކުގެތެރޭގައި ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރުމަށް ގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވުން ހިމެނެއެވެ.
" އެފްޓީޓީއެޗް އާއެކު ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ހިދުމަތް ދިނުމަށް ހޭދަވާވަގުތާއި ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ. އަދި ހަމައެގޮތުން، އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ".
އޯޕަން އެކްސެސް ނެޓްވޯކް އާއި އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް) ގެ ސަބަބުން މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއްނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށާއި، އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ މައުލޫމާތުދީފައެވެ އަދި ހިދުމަތްދޭ ފަރާތްތަކަށް ނެޓްވޯކް ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރެވިދާނެއެވެ.