November 23, 2024 07:56
Advertisement

-Advertisement-

އެވޭލާ ވާހަކަ: މުލަކު ދޮންއަލިމަނިކާގެ ދޮންމަނިކާ

މީނާއަކީ ފުވައްމުލަކުގައި ހުރި ވަރަށްބޮޑު ބޭސްވެރިއެކެވެ. ހިރިހަމާދިކަލޭގެފާނު މިއީ ދައުލަތުގެ ފަރާތުން އޭނާޔަށް ލައްވާފައިވާ ކޮލިނަމެކެވެ. މީނާއަކީ ވަރަށް ފިކުރުއަވަސް ބުއްދިރަނގަޅު ނާދިރު މީހެކެވެ. މީނާޔާއި އަދި މީނާގެ ދަރީންތައްވެސް އަހަރެމެން ދުށީމުއެވެ. މިއިން ކޮންމެ މީހަކީވެސް ރާއްޖެއިން ރަނގަޅު މުދައުވެރި މީހުންކަމުގައި ހިމެނެއެވެ.

މި ހިރިހަމާދިކަލޭގެފާނު އެއްފަހަރަކު މާލޭގައި ހުންނަވާފައި ރަށަށް ދުރުވާން އައްޑޫ ހިތަދޫ ގަނޑުވަރު މޫސާދީދީގެ (ފަންތުބާއެވެ ކިޔޭ) އޮޑިޔަކަށް އަރުއްވައިފިއެވެ. ދަތުރުކުރަމުންގޮސް ކޮޅުމަޑުލު ޅޮހީގައި އޮޑިޖައްސައިފައި ދޯލިކުޅައުމަށާއި އަދި އެހެންވެސް ކަންތައް ކުޅައުމަށް ރަށަށް ފޭބިމީހުންގެތެރޭގައި މިކަލޭގެފާނު ފައިބަންނަވައިފިއެވެ. ފައިބަންނަވާފައި އެފޭބި މީހުންގެ ގާތުގައި ބުނުއްވައިފިޔޭ، ކުދީންނޭވެ. މިއީ ބަޔަކު މީހުންގެ ރަންގަނޑެއްކަހަލަ ފަޅުރަށެކެވެ. މިރަށްކާމީހުން ތިބޭ ރަށް ތިޔޮތީ ދާދިކައިރީގައެވެ.

މިރަށަށް އޮޑިއެއް ލަފާއްޖެއްޔާ އެމީހުން ޚަބަރު ބަލާން ނާހެއްވެސް ނުތިބޭނެތެވެ. ތިޔަކުދީން ރަށުގެ އެއްޗެއްގައި ކޮންމެވެސް ނުޖެހޭށެވެ. ރުނބަޔަށް ފެންއަޅައި ހަދާށެވެ. ދަރުކޮޅު އެއްޗެތި ހޯދާނީވެސް ހޭޅީން އަތިރީން ގޮނޑުދޮށުންނެވެ. މިހެން ބުނުއްވާފައި އެކަލޭގެފާނު އެއްކިބާތަކަށް ދުރުވެ ކުރައްވާންވީކަމެއް ކުރައްވައިގެން މިތަނަށް އައިސް ނުކުންނެވިއިރު ރަށްކާމީހުންގެ ދޯނިވެސް ފަލިޖަހާފާ އެބައާދެއެވެ. ދާދި ކައިރިވެސް ކޮށްފިއެވެ.

Advertisement

ރަށަށް ފޭބިމީހުން ހުރީ ގަބުޅި ކުރުނބާ އަޅައި ކާށިވެސް ނެރެފައެވެ. މިތަން ދެކެލައްވާފައި މިކަލޭގެފާނު ބުނުއްވިޔޭ، ތިޔޮއް އަންނަނީ މިރަށު ރައްވެހީންގެ ދޯންޏެވެ. ކަލޭމެން ކަންތައް ކޮށްފާ ހުރިގޮތަކީ މިހިރީއެވެ. ދެން އެތައް ދުވަހަކު މިތާގައި ހައްޔަރުވެ އަތޮޅުވެރީން ގާތަށް ގެންގޮސް ނާއިބުމީހާ ޝަރީއަތްކޮށް މިކަހަލަ ކަންތައްތައް ޖެހޭނެއެވެ. އަހަރެމެން ކަހަލަ މުސްކުޅީންގެ ބަސްނާހަނީ ވިއްޔާ ވާނީ ތިޔަހެންނެވެ. މިބައިމީހުން ކިޔައިފޫއޭ ދެންކުރާނީ ކިޔެއްތޯއެވެ. އަވަހަށް އޮޑިއަށް ހިންގަވާށެވެ.

ހިރިހަމާދިކަލޭގެފާނު: އޮޑިއަށް ދިޔައިމާ މިކަން ފޮރުވެން އެބައޮތްހޭ! އެމީހުން މިރަށް ބަލާފައި އޮޑިއަށް އަރައި ނުބަލައިދާނެހޭ! އެހެންނޫނަސް މަށަކީ ދައުލަތުގެ ފަރާތުން ކޮއްޔެއްލައްވާފަހުރި ބޭކަލެކެވެ. މިކަހަލަކަމެއްގައި ބެދިގެން ތިޔަބައިމީހުންގެ ތެރޭގައި ވެގެން މައޮޑިއަށް ގެންދާނީ ކާކުހޭ! މަގޭ ގަދަރު ދަންނަންވާނީ މަށޭ! މިކަހަލަ ޒުވާބުކުރައްވައި އެހެންމީހުން ދެރަވެ ކުރާނެކަމެއް ނޭގި އަނގަހުޅުވި ދެލޯބޮޑުވެފަތިއްބައި އެދޯނި އައިސް ގޮނޑުދޮށުގައި ތިބިމީހުން ކުރާނުކުރާކަމެއް އެނގޭ ހިސާބަށް ލެފުމުން ބުނުއްވައިފިޔޭ، ދެންވެސް މަބުނިކަމެއް ކުރާނީވިއްޔާ ތިޔަތަނުން އެކަކު މިތާގޮނޑުދޮށުގައި ޤިބްލަޔަށް ކުރިމަތިލައިގެން އޮށޯންނާށޭ. ބޮލުގައި ތިޔައޮތް ފޮށާ ގައިމަތީން އަޅައި ނިވާކޮއްލާށެވެ. ބޮއްކުރާގައި ތިޔަހަރަ ދެފާއިން ދެމީހުން ލޮނުއަރުވާންފަށާށޭ. އަނެއް ދެމީހުން އެމީހާގެ ދެފަރާތުގައި އަރިނަގާން އިށީންނާށޭ. މިކަންތަކަށް ފަށައިގަތްތަނާ ބޭރުން އައި ދޯނީގެ މީހުން މިތަން ދެކެފައި ކުޑައިކޮށް މަޑުކޮށްލައިގެން ތިބެފައި އިހުއައި ވަރަށްވުރެ ބާރަށް ފަލިޖަހާފާ އެމީހުންގެ ރަށާ ދިމާޔަށް އަނބުރާލައިފައި ހިނގައްޖައޫއެވެ. ދެން ރަށު ގޮނޑުދޮށުގައި ރޯފަނެއްޖަހައިފައި ހިރިހަމާދި ކަލޭގެފާނު އެމީހުން ގޮވައިގެން އޮޑިއަށް ދުރުވެއްޖެޔޭ ބުނުއްވިޔޭ. ދިރިހުރި މީހަކު ހިނަވައިގެންވެސް މިކަހަލަކަމަކުން ސަލާމަތްވީކަން ރަނގަޅުތާޔޭ. ހިރިހަމާދިކަލޭގެފާނު އޮޑިޔަށް ދުރުވީ އެމީހުން އެމީހާ ހިނަވާން ތިބިތަނާ ދިމާއިން ތަންކޮޅެއް އެއްގަމުގައި މަހާނަޔެއް ހަދައި ދެކޮޅުގައި ރޯދެގަނޑު އޮއްޓާއި ދެގަނޑުގައު ޖައްސަވައިފައެވެ.

ނިމުނީ.

ނޯޓް: މިއީ ހުސައިން ސަލާހުއްދީން ލިޔުއްވައިފައިވާ 'ދިވެހީންގެ ވާހަކަ' ފޮތުން ނަގާފައިވާ ވާހަކައެކެވެ. މިވާހަކަ 'ޒީޓައިމްސް' ގައި ގެނެސްދިނުމުގެ ބޭނުމަކީ އެވޭލާ ވާހަކަ ކުރިން ލިޔެފަ ހުންނަގޮތަށް ކިޔާލުމުގެ ފުރުސަތު ކިޔުންތެރިންނަށް ހޯދައިދިނުމެވެ.

+1
0
+1
1
+1
4
+1
6
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް