September 20, 2024 22:36
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޢަދުލުވެރި ރަސްކަލެއްގެ ވާހަކަ

މައްކާގެ މުޝްރިކުން މުސްލިމުންނަށް ދެމުންދިޔަ އަނިޔާއަކަށް ނިމުމެއް ނާދެއެވެ. ދެން ކަންކުރާނެ ގޮތަކާމެދު ޙަބުޝްކަރައިން އެނބުރި މައްކާއަށް އައި މުސްލިމުންނާއި މައްކާގައިތިބި މުސްލިމުން މަޝްވަރާކުރިއެވެ. އެއަށްފަހު އެމީހުން އެއްބަސްވީ އަނެއްކާވެސް ޙަބުޝްކަރައަށް ހިޖުރަކުރާށެވެ. އެގޮތުން މައްކާގެ މުސްލިމުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޙަބުޝްކަރައަށް ހިޖުރަކުރިއެވެ. އެއީ ގާތްގަނޑަކަށް އަށްޑިހަވަރަކަށް މުސްލިމުންނެވެ. މިފަހަރު ހިޖުރަކުރި ޖަމާޢަތުގެ ވެރިއަކަށް ހުންނެވީ ރަސޫލާ ﷺ ގެ ދެބެއިންގެ ދެދަރި ބޭކަލެއް ކަމުގައިވާ ޖަޢުފަރު އިބުނު އަބީ ޠާލިބުއެވެ.

ފުރަތަމަ ހިޖުރަކުރި މުސްލިމުން އެނބުރި އައުމުގެ ހިކުމަތަށް ބަލާއިރު އެކަމުގެ ފަހަތުގައިވަނީ ހިޖުރަކޮށްގެން ގެއްލުމެއް ނެތްކަމުގެ ޔަގީންކަން މުސްލިމުންނަށް ލިބުމެވެ. ޙަބުޝްކަރައިން އެނބުރި އައި މުސްލިމުންގެ ފަރާތުން އެޤައުމުގައި މުސްލިމުންނަށް ނުރައްކަލެއްނުވާކަން އެނގުނެވެ. އަދި ކާބޯތަކެއްޗާއި ރައްކާތެރިކަން އެމީހުންނަށް އޮތްކަންވެސް ކަށަވަރުވިއެވެ.

ދެވަނަ ފަހަރަށް މުސްލިމުން ހިޖުރަކުރުން، ޤުރައިޝުންނަށްވީ ވަރަށްބޮޑު ލަދުވެތިކަމަކަށެވެ. އެމީހުންގެ ތެރެއިން އަށްޑިހަ މީހުން އެމީހުން ދޫކޮށް އެހެން ބިމަކަށް ދިއުން އެމީހުންނަށް ބެލުނީ ނިކަމެތި ކަމަކަށެވެ. ސަބަބަކީ ނިސްބަތުން އަށްޑިހަ މީހުން ބޮޑު އަދަދަކަށްވުމެވެ. އެހެންވެ މިކަމާ ކަންބޮޑުވެ މިގޮތަށް މައްކާއިން ހިޖުރަކުރެވުނަ ނުދިނުމަށް އެމީހުން ކަނޑައެޅިއެވެ. އަދި މިކަމުގައި ޙަބުޝްކަރައިގެ ރަސްގެފާނާއި މަޝްވަރާކުރުމަށް މައްކާއިން ދެ މީހަކު ޙަބުޝްކަރައަށް ދަތުރުކުރިއެވެ. މިރަސްގެފާނުގެ ލަގަބީ ނަމަކީ ނަޖާޝީއެވެ. ނަޖާޝީއަކީ ސީޒަރ ނުވަތަ ފިރުޢައުނުފަދަ ލަގަބެކެވެ. ނަޖާޝީ ރަސްގެފާނުގެ އަސްލު ނަންފުޅަކީ އަޞްޙުމާއެވެ. ނަޖާޝީ އަރިހަށް ދިޔަ ވަފުދުގައި ހިމެނުނު އެކަކީ އަމްރު އިބުނު ޢާސްއެވެ. އަނެއް މީހާގެ ނަމާމެދު ޚިލާފުތައްވެއެވެ.

Advertisement

އުއްމު ސަލަމަ ރިވާކުރެއްވިކަމަށް ޞަޙީ ބުޚާރީ ބަޔާންކުރާގޮތުގައި ދެވަނަ ފަހަރަށް ހިޖުރަކުރެވުނު މުސްލިމުންނާމެދުވެސް ޙަބުޝްކަރައިން ކަންކުރީ ވަރަށް ރަނގަޅަށެވެ. އެރަށަށް ލެފިހިސާބުން ހިޖުރަކުރި މުސްލިމުންނަށް މެހުމާންދާރީ ލިބުނެވެ. އަދި އިސްލާމް ދީނަށް އުޅެ ދީނުގެ އަޅުކަންކުރުމުގެ ހުއްދަ އެމީހުންނަށް ލިބުނެވެ. އުއްމު ސަލަމަ ބަޔާންކުރެއްވިގޮތުގައި އެމީހުންނާއި ދެކޮޅަށް އެއްވެސް ކަމެއް ޙަބުޝްކަރައިގައި ނުހިނގައެވެ.

ނަޖާޝީ އަރިހަށް ދިޔަ ވަފުދުން އަގުބޮޑު ގިނަގުނަ ހަދިޔާ ގެންދިޔައެވެ. އޭގެތެރޭގައި މައްކާގެ އޭރުގެ އެންމެ މުހިންމު އެއް އުފެއްދުންކަމުގައިވާ ޖަމަލު ހަން ހިމެނެއެވެ. މިވަފުދުން އެންމެ ފުރަތަމަ ބައްދަލުކުރީ ވަޒީރުންނާއެވެ. ދެން ވަޒީރުންނަށް އަގުބޮޑު ހަދިޔާތައް ވެދުންކުރިއެވެ. އެއަށްފަހު މައްކާއިން އެގައުމަށް ހިޖުރަކުރި މުސްލިމުންނަކީ ވަކިވެގަނެގެން އުޅޭ ބާޣީންގެގޮތުގައި ސިފަކުރިއެވެ. އަދި އެމީހުން އެނބުރި މައްކާއަށް ފޮނުވައިދެއްވުމަށް ރަސްގެފާނު ނަޖާޝީއަށް ދަންނަވާނެ ވާހަކަ ކޮންމެ ވަޒީރެއްގެ އަރިހުގައި މިވަފުދުން ދެންނެވިއެވެ. މިކަމުގައި ވަޒީރުންގެ މަދަދާއި ތާއީދު ބޭނުންވާކަމަށްވެސް ދެންނެވިއެވެ.

ޖެހިގެން އައި ދުވަހު މައްކާގެ ވަފުދު ނަޖާޝީއާ ބައްދަލުކުރައްވައި އެމީހުން ބޭނުންވާ ކަންކަމުގެ ވާހަކަ ދެންނެވިއެވެ. އެގޮތުން މައްކާއިން ޙަބުޝްކަރައަށް ހިޖުރަކުރި މީހުންނަކީ މޮޔަ ޒުވާނުންކަމުގައި ދެންނެވިއެވެ. އެމީހުންނަކީ ޤުރައިޝުންގެ ދީން ދޫކޮށް އައި ބައެއް ކަމުގައިވެސް ދެންނެވިއެވެ. އަދި އެމީހުން ނަޖާޝީގެ ދީނަށް ތަބާނުވާކަންވެސް ވަފުދުން ރަސްގެފާނަށް ދެންނެވިއެވެ. އަދި އެމޮޔަ ޒުވާނުންތައް ޤުރައިޝުންނާއި ހަވާލުކޮށްދެއްވުމަށް ވަފުދުން އެދި ދެންނެވިއެވެ. އަދި ވަފުދުން ގެންދިޔަ އަގުބޮޑު ހަދިޔާތައް ނަޖާޝީއަށް ވެދުމަށް އެރުވިއެވެ. ވަފުދުގެ މައިގަނޑު ބޭނުމަކަށްވީ ހައްލައިގެން ނުވަތަ ރިޝްވަތުދީގެން ނަމަވެސް ހިޖުރަކުރި މުސްލިމުން ޙަބުޝްކަރައިން ބޭރުކުރުމެވެ.

ޤުރައިޝްގެ ވަފުދުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ނަޖާޝީ ރައްދުދެއްވިއެވެ. އޭނާގެ ވާހަކައިގައި މުސްލިމުން ޙަބުޝްކަރައަށް ހިޖުރަކުރީ އޭނާ ދެއްވި ހިމާޔަތާއި ރައްކާތެރިކަމުގެ ސަބަބުންނެވެ. އެހެންކަމުން އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެކުރިން އެމީހުންގެ ވާހަކަ އަޑުއައްސަވަންޖެހޭ ކަމުގައި ނަޖާޝީ ވިދާޅުވިއެވެ. ނަޖާޝީއަކީ ޢަދުލުވެރި ރަސްކަލެކެވެ. އަދުލުވެރިން ކަންކުރާނީ އަބަދުވެސް ކަމުގެ ދެކޮޅު ބަލައިގެންނެވެ. އެގޮތުން މުސްލިމުންގެ އަޑުއްސަވާފައި މެނުވީ ޤުރައިޝުންނާއި އެމީހުން ހަވާލުނުކުރެވޭނެކަމަށް ރަސްގެފާނު ވިދާޅުވިއެވެ.

ދެން ޖެހިގެން އައި ދުވަހު ނަޖާޝީ ޖަޢުފަރު އިބުނު އަބީ ޠާލިބު ކައިރިއަށް މަންދޫބަކު ފޮނުއްވައި ހިޖުރަކުރި މުސްލިމުން ގަނޑުވަރަށް ހާޒިރުވުމަށް އެންގެވިއެވެ. މިޚަބަރު ލިބުމުން މުސްލިމުން ބިރުގަނެ ނަޖާޝީ އަރިހުގައި ދައްކާނެ ވާހަކަޔާމެދު އެމީހުންގެ މެދުގައި މަޝްވަރާކުރިއެވެ. މިވާހަކަތަކަށް ރައްދުދެއްވައި ޖަޢުފަރު އިބުނު އަބީ ޠާލިބު ވިދާޅުވިގޮތުގައި ރަސޫލާ ﷺ ވިދާޅުވެފައިވާ ގޮތަށް މެނުވީ އެމީހުން ރަސްގެފާނު އަރިހުގައި ވާހަކައެއް ނުދައްކާނެއެވެ. ކޮންމެއަކަސް މުސްލިމުން ގަނޑުވަރަށް ހާޒިރުވިއިރު ނަޖާޝީގެ ވަށައިގެން އޭނާގެ ދީނީ މުޝީރުންނާއި ވަޒީރުން ތިއްބެވިއެވެ.

މައްކާއިން އައި ވަފުދަށް ފުރަތަމަ ގޮވުމުން އަމްރު އިބުނު ޢާސް ތެދުވެ ރަސްގެފާނަށް ކުރުނީސްކުރިއެވެ. އެއީ ރަސްކަމުގެ ކޮއިލުތެރޭ ކަންހިނގާ އާދައެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިއާދަކާދަ އޮވެއެވެ. މުސްލިމުންނަށް ގޮވުމުން ޖަޢުފަރު ތެދުވެވަޑައިގެން ކުރުނީސް ނުކުރައްވައި ކުރިއަށް ވަޑައިގަތެވެ. ކުރުނީސް ނުކުރުމުން އެތަނުގައި ތިއްބެވި ވަޒީރުން ޖަޢުފަރާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް މުސްލިމުން ކުރުނީސް ނުކުރާކަމަށެވެ.

ދެން ނަޖާޝީ އެދިވަޑައިގަތީ އަލަށް އީޖާދުވި އިސްލާމް ދީނަކީ ކޮބައިކަން ބަޔާންކޮށްދެއްވުމަށެވެ. މިކަމަށް އިޖާބަދެއްވައި ޖައުފަރު ވަރަށް ސަރީހަކޮށް އަދި ނުހަނު ބަލާޢަތްތެރި އިބާރާތުން އިސްލާމް ދީނަކީ ކޮބައިކަން ބަޔާންކުރެއްވިއެވެ. ޖަޢުފަރު ދެއްކެވި ތަފުސީލީ ވާހަކަފުޅުތަކުން ނަޖާޝީއަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އަދި މުސްލިމުން އަތުގައި އިސްލާމް ދީނަށް ބާވައިލެއްވި ވަޙީހުރިތޯ އެއްސެވިއެވެ. ދެން ޖަޢުފަރުގެފާނު އެކަލޭގެފާނުގެ ހިތްގައިމު އަޑުފުޅުން މަރްޔަމް ސޫރަތުން އާޔަތްތައް ކިޔަވައި ވިދާޅުވިއެވެ. އެވަގުތު ދަރުބާރުގައި ތިއްބެވި ވަރަށްގިނަ ބޭކަލުންނަށް ކީރިތި ކުރެއްވުނެވެ. އަދި ކިޔެވުނު އާޔަތްތަކުގެ ތަރުޖަމާ އިއްވުމުން ޚުދު ރަސްގެފާނު ނަޖާޝީއަށް ކީރިތިކުރެއްވުނެވެ. އެއަށްފަހު އޭނާ ހުވާކުރައްވައި ވިދާޅުވިގޮތުގައި މިވަޙީގެ މަސްދަރަކީ މޫސާގެފާނާއި ޢީސާގެފާނުގެ ވަހީގެ މަސްދަރުކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.

މާލީގެ ރަސްގެފާނު މަންސާ މޫސާގެ ތާރީހީ ހައްޖު/ ފޮޓޯ: އެބައުޓް އިސްލާމް

މައްކާއިން އައި ވަފުދު އެނބުރި ދިއުމަށް ނަޖާޝީ އެންގެވިއެވެ. އަދި ޙަބުޝްކަރައިގައި ތިބި މުސްލިމުން އެމީހުންނާއި ހަވާލުނުކުރެވޭނެކަމަށް ނަޖާޝީ ވިދާޅުވިއެވެ. މިކަމާގުޅިގެން އަމްރު އިބުނު ޢާސް އަނެއްކާވެސް އިތުރު ހިންތާއެއްރޭވިއެވެ. އެއަށްފަހު އޭނާގެ ވަފުދުގެ ބައިވެރިންނަށް އެވާހަކަ ކިޔައިދިނެވެ. އެއީ ނަޖާޝީއާއި އިތުރަށް ބައްދަލުކޮށްގެން މުސްލިމުން ހަބުޝްކަރައިން ބޭރުކުރެވޭނެ ގޮތެއް ހޯދުމަށެވެ. މިކަމާ ޚުދު އަމްރުގެ ބައިވެރިންވެސް މާބޮޑަކަށް ގަޔައެއްނުވިއެވެ. އެމީހުން އެދުނީ މުސްލިމުން ބޭރުކުރުމަށް އިތުރަށް ނޫޅުމަށެވެ. ސަބަބަކީ މުސްލިމުންނަކީ އެމީހުންގެ ރަށްވެހީންނާއި ތިމާގެ މީހުންނާއި އަވަށްޓެރީންނަށްވުމެވެ.

ކޮންމެއަކަސް ޖެހިގެން އައި ދުވަހު އަމްރު ބިން ޢާސް ދެވަނަ ފަހަރަށް ރަސްގެފާނު ނަޖާޝީއާ ބައްދަލުކުރެއްވިއެވެ. އަދި އޭނާ ނަޖާޝީއަރިހު ދެންނެވިގޮތުގައި އޭނާއަށް ކުރީ ބައްދަލުވުމުގައި ހަނދާންނެތިގެން ވާހަކައެއް ނުދެންނެވިވެއެވެ. އެއީ މުސްލިމުން، ނަޖާޝީގެ ކަލާނގެ ޢީސާގެފާނަށް ކުފުރުގެ ބަސްތައް ބޭނުންކުރުމެވެ. މާނަޔަކީ ޢީސާގެފާނަކީ ކަލާނގެ ދަރިކަލެއްކަމުގައި މުސްލިމުން ގަބޫލުނުކުރާ ވާހަކައެވެ. މިވާހަކަ އިވިވަޑައިގަތުމާއެކު މުސްލިމުން ކައިރިއަށް ނަޖާޝީ މަންދޫބަކު ފޮނުއްވިއެވެ. އަދި މުސްލިމުން ވަގުތުން ނަޖާޝީގެ ގަނޑުވަރަށް ހާޒިރުވުމަށް އެންގެވިއެވެ. މިކަމާ މުސްލިމުން ކަންބޮޑުވެ ނިހާޔަތަށް ބިރުގަތެވެ. އަދި ރަސްގެފާނު އަރިހުގައި ދަންނަވާނެ ވާހަކަޔަކާމެދު މަޝްވަރާކުރިއެވެ. މިމަޝްވަރާގައި ޖަޢުފަރު ވިދާޅުވިގޮތުގައި އެމީހުން ވާހަކަދައްކާނީ ރަސޫލާ ﷺ ވިދާޅުވިގޮތަށެވެ. އެގޮތުން ޢީސާގެފާނަކީ ﷲ ގެ އަޅެއްކަމާއި ﷲ ގެ ރަސޫލެއްކަމުގައި ދެންނެވުމެވެ.

ޖެހިގެން އައި ދުވަހު މުސްލިމުން ނަޖާޝީ އަރިހަށް ހާޒިރުވިއެވެ. ދެން ނަޖާޝީ ޢީސާގެފާނާބެހޭގޮތުން އެމީހުންނާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ޖަޢުފަރު ވާހަކަފުޅު ދެއްކެވީ ރަސޫލާ ﷺ ވިދާޅުވިގޮތަށެވެ. އެއީ އެކަލޭގެފާނަކީ ﷲ ގެ އަޅެއްކަމާއި އެކަލޭގެފާނަކީ ﷲ މާތްކުރެއްވި ރަސޫލެއްކަމެވެ. ޖަޢުފަރު ހާމަކުރެއްވި ޙައްޤު ބަސްފުޅުން ނަޖާޝީއަށް ލިބިވަޑައިގަތީ އިތުރު ޔަގީންކަމެވެ. އެހެނީ ޚުދު އޭނާ ޘާލޫޘް ނުވަތަ ޓްރިނިޓީ ޤަބޫލުނުކުރެއްވުމެވެ. ދެން ރަސްގެފާނަށް ވެދުމަށް އެރުވި ހުރިހާ ހަދިޔާއެއް އަނބުރާ އަމުރާ ހަވާލުކުރެއްވުމަށްފަހު އޭނާއާއި އޭނާގެ ވަފްދު އެނބުރި ދިއުމަށް ރަސްގެފާނު ނަޖާޝީ އަމުރުކުރެއްވިއެވެ. އުއްމު ސަލަމަ ރިވާކުރެއްވިގޮތުގައި އަމުރާއި އޭނާގެ ބައިވެރިން ގަނޑުވަރުން ދިޔައީ ވަރަށްބޮޑަށް ފަޟީހަތްވެގެންނެވެ. ދެން ނަޖާޝީ މުސްލިމުންނަށް އިހުނަށްވުރެ ބޮޑަށް މެހުމާންދާރީއާއި ރައްކާތެރިކަން ދެއްވިއެވެ. މުސްލިމުން ޙަބުޝްކަރައިގައި ދިހައެއް ނުވަތަ އެގާރަ އަހަރު އުޅުނެވެ. އެމީހުން އެނބުރި އައުމަށް ރަސޫލާ ﷺ އެންގެވީ ޚައިބަރު ހަނގުރާމައަށްފަހުއެވެ. އޭރު މަދީނާއިން ޔަހޫދީން ދުރުކޮށް އެރަށް މުސްލިމުންނަށް ރައްކާތެރި ރަށަކަށް ހެދުނެވެ.

ޙަބުޝް ކަރައިގައި ތިބި މުސްލިމުންގެ ތެރެއިން އުބައިދިއްލާހި ބިން ޖަހުޝް އަވަހާރަވިއެވެ. އެއީ ރަސޫލާ ﷺ އާ ދެބެއިންގެދެދަރި ބޭކަލެކެވެ. އުބައިދިއްލާހިގެ އަނބިކަނބަލަކީ އަބޫ ސުފްޔާންގެ ދަރިކަނބަލުން އުއްމި ހަބީބާ އެވެ. އުއްމި ހަބީބާ ހުވަފަތްވުމާއެކު އެކަމަނާ ބަލަހައްޓާނެ ފަރާތެއްނެތުނެވެ. އެހިނދު ރަސްގެފާނު ނަޖާޝީ މެދުވެރިކުރައްވައި އެކަމަނާއަށް ކައިވެނީގެ ހުށަހެޅުއްވުމެއް ރަސޫލާ ﷺ ފޮނުއްވިއެވެ. ދެން ނަޖާޝީ ކައިވެނީގެ ކަންތައްތައް ހަމަޖައްސަވައި އުއްމު ހަބީބާ ބަޔަކާ ހަވާލުކުރައްވައި މަދީނާއަށް ފޮނުއްވެވިއެވެ.

މިވާހަކައިން މުސްލިމުންނަށް މުހިންމު ފިލާވަޅެއް ލިބިދެއެވެ. އެއީ ޞަޙާބީން އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގައި އޭރު އޮތް ނިޒާމް ބޭނުންކުރެއްވިކަމެވެ. ޙަބުޝްކަރައަކީ އިސްލާމީ ދައުލަތެއްނޫނެވެ. ހަމައެފަދައިން ރަސްގެފާނު ނަޖާޝީއަކީވެސް މުސްލިމެއްނޫނެވެ. އެހެންވެ އެހާލަތުގައި ކަންތައް ކުރަންވާގޮތަށް ޙިކުމަތްތެރިކަމާއެކު ޞަޙާބީން ކަންކުރެއްވިއެވެ. އެއީ ތަނުގައި އޭރު އޮތް ހާލަތު ގަބޫލުކޮށް އެހާލަތާ ދެކޮޅުވެރިނުވެ ކަންކުރުމެވެ. އަދުގެ މުސްލިމުންވެސް ކަންކުރަންޖެހެނީ ޖަޢްފަރު ކަންތައްކުރެއްވިފަދައިންނެވެ.

ދަލާއިލް އަލް ނުބުއްވާގައި އަލް ބައިޙަޤީ ބަޔާންކުރައްވާގޮތުގައި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ނަޖާޝީއަށް އިސްލާމް ދީނަށް ދައުވަތު އަރުވައި ސިޓީފުޅެއް ފޮނުއްވިއެވެ. ޖަވާބުގައި އޭނާއަކީ މުސްލިމެއްކަމުގައި ބަޔާންކުރައްވައި ރަސޫލާ ﷺ އަށް ޖަވާބުދެއްވިކަމުގައިވެއެވެ. ޒަމާންތަކެއް ފަހުން ނަޖާޝީ އަވަހާރަވިއެވެ. މިކަމުގެ ޚަބަރު ރަސޫލާ ﷺ އަށް ދެއްވީ ޖިބުރީލްގެފާނެވެ. އެހިނދު އެކަލޭގެފާނު ނަޖާޝީއަށް ޣައިބަށް ކަށުނަމާދުކުރެއްވިއެވެ. މިއީ އެކަލޭގެފާނު ޣައިބަށް ކުރެއްވި ހަމައެކަނި ކަށުނަމާދެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް