November 23, 2024 01:12
Advertisement

-Advertisement-

ޑެންގީ ފެތުރެމުންދާތީ ސަމާލުވާންވީ ކަންތައް!

މިދުވަސްވަރު ބެލެނިވެރިންގެ ފަރާތުން އެންމެގިނައިން އިވޭ ވާހަކައަކީ ދަރިފުޅު ބަލިވެ ސްކޫލަށް ނުފޮނުވޭ ވާހަކައެވެ. ރޯގާޖެހި ހުންއައިސް ފަރުވާހޯދާ މިންވަރު އިތުރުވަމުން އަންނައިރު މީގެތެރެއިން ބައެއް ކުދިންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އެޑްމިޓް ކޮށްގެން ފަރުވާހޯދާ ކުދިންގެ ތެރޭގައި ޑެންގީއަށް ފަރުވާހޯދާ ކުދިންވެސް ހިމެނެއެވެ.

ބައެއް ސްކޫލުތަކުން ބެލެނިވެރިންނަށް ފޮނުވި ނޯޓިސްއެއްގައި ވަނީ, ރޯގާޖެހި ހުމުގެ އަލާމާތެއް ފެންނަން ހުރެއްޖެނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށް އެދިފައެވެ. އަދި ކުދިން ސްކޫލަށް ފޮނުވާއިރު މާސްކު އެޅުމަށް އިސްކަން ދިނުމަށް އެދިފައިވެއެވެ. މިއީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ކުރުން މުހިންމުކަމެކެވެ.

ޑެންގީ ފެތުރެމުން އަންނައިރު ތިރީގައި މިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މުހިންމު މައުލޫމާތެވެ.

Advertisement

ޑެންގީއިން ރައްކާތެރިވުމަށް މަދިރި އާލާވާނެ ތަންތަން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. 

އާންމުކޮށް މަދިރި އުފެދި އާލާވެދާނެފަދަ ތަންތަން:

  • ޖަމާވެފައި ހުންނަ ކުންޏާއި ފެން ހަރުލާގޮތަށް ހުންނަ ތަކެތި
  • ފެންވަޅުތަކާއި ފެންތާނގި ފަދަ ތަކެތި
  • ހަދަމުންދާ އިމާރާތްތަކުގެ ފައުންޑޭޝަން އެޅުމަށް ކޮނެފައި ހުންނަ ވަޅުގަނޑު
  • ޝީޓު، ލިފްޓްގޮޅި، ފެންވަޅު
  • ދިޔަދޮވި އަދި ފެންއެޅޭ ގޮތަށް ހުންނަ އެހެނިހެން ތަންތަނާއި ތަކެތި
  • ފެންހަރުލާ ބައެއްވައްތަރުގެ ގަސްތައް

މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

  • ގައިގެ ހަންގަނޑު ނުފެންނަވަރަށް ދޫކޮށް ކުލަމަޑު ފޭރާން އެޅުން
  • މަދިރި ދުރުކުރާ ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުން
  • މަދިރިދާގަނޑު ބޭނުންކުރުން (އާންމު ތަންތަނުގަ ކުޑަކުދިން ނިންދަވާއިރު ބޭނުންކުރެވިދާނެ)
  • ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިދާގަނޑު ހަރުކުރުން
  • މަދިރި މަރާ ރެކެޓު ބޭނުންކުރުން

ޑެންގީއަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފުރާނައަށް ނުރައްކާވެދާނެފަދަ ބައްޔެކެވެ. ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، މިމަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެތެރޭގައި:

  • 39 ޑިގްރީ ސެލްސިއަސް އަށް ހުން ގަދަވުން
  • ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން އަދި ބައެއްފަހަރު ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް (ރޭޝް) ނެގުން

މީގެއިތުރުން އާދަޔާޚިލާފަށް ވަރުދެރަވެ، ހަށިގަނޑުގެ އެކިތަންތަނުން (އާންމުކޮށް ނޭފަތް، ހިރުގަނޑު އަދި ހަންގަނޑުން) ލޭ އައުން ފަދަ ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާއަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށާއި، ބަލިން ރައްކާތެރިވުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރޯގާޖެހި ހުންއައިސް އުޅޭ ކުދިންނަށް ވީހާގިނައިން ދިޔާތަކެތި ދިނުން މުހިންމެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް