ދިވެހިރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ.
ކެންސަރު ބައްޔާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ 'ބޮޑުފެންޑާ' ޕްރޮގްރާމްގައި މައުލޫމާތު ދެއްވީ، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން އެވެ. ތިރީގައި މިވަނީ ޑރ. ޝިފާން ފާހަގަކުރެއްވި މުހިންމު މައުލޫމާތުތަކެވެ.
ދިވެހިރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ މައުލޫމާތު އެނގޭނެ ނެޝަނަލް ރަޖިސްޓްރީއެއް ނޯވެއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުން ފެށިގެން އައިޖީއެޗްގައި ދަނީ އެހޮސްޕިޓަލުން ފަރުވާހޯދާ ކެންސަރު ބަލިމީހުންނާ ގުޅޭގޮތުން ރަޖިސްޓްރީއެއްގައި މައުލޫމާތުތައް ރައްކާކުރަމުންނެވެ.
އެންމެ އާންމުކޮށް ފެންނަ ކެންސަރުގެ ބާވަތްތައް:
- އުރަމަތީ ކެންސަރާއި އަނގައިގެ ކެންސަރާއި އޯވަރިއަން ކެންސަރު، ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރ.
މިނޫން ކެންސަރުތައް ވެސް ފެންނައިރު ކުޑަކުދިންނަށް ޖެހޭ ކެންސަރުތައް ރާއްޖޭގަ ދެނެގަނެވޭނެ ގޮތެއް ނެތްކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ.
ކެންސަރު ބަލި އިތުރުވާ ސަބަބުތައް:
- ބަލި ދެނެގަތުމަށް ވަސީލަތްތައް އިތުރުވެފަވުން.
- ނޭދެވޭ އާދަތަކުގެ ސަބަބުން. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުފުން. މިއީ ވަރަށް ނުރައްކާތެރިކަންތައް.
- ކެއުމަށް ބޭނުންކުރާ ބައެއް ތަކެއްޗަކީ ކެންސަރުޖެހުމަށް މަގުފަހިކޮށްދިނުމަށް މުހިންމު ރޯލެއް ކުޅޭ އެއްޗެއް. ސޮސެޖް، ޕެކެޓް ކޮށްފަހުންނަ އެއްޗެހި. މަސްދަޅުފަދަތަކެތި. މިއީ ކެންސަރު ޖެއްސުމަށް މަގުފަހިކޮށްދޭ އެއްޗެހި. ތާޒާ ކާތަކެއްޗާއެކު މިންހެޔޮ ކެއުން ބޭނުންކުރުމަށް އިސްކަންދޭންޖެހޭ.
ކެންސަރު ޖެހުމަށް މެދުވެރިވާ ކަންތައް ބެހިފައިވަނީ ދެބަޔަކަށް
- އެއްބަޔަކީ އެކަން ބަދަލުކުރުމުގެ ބާރު އަޅުގަނޑުމެންގެ އަތުގަ އޮންނަ ކަންކަން. އަނެއްކަމަކީ އަޅުގަނޑުމެންގެ އަތުގަ ނެތް ކަންތައް. މިސާލަކަށް އުރަމަތީގެ ކެންސަރ އަދި އުމުރުން ދުވަސްވުމުން ޖެހޭ ކެންސަރުގެ ވައްތަރުތައް އެއީ ބަދަލުކުރެވޭނެ ކަންތަކެއް ނޫން. ކުޑަކުދިންނަށް ޖެހޭ ޖެނެޓިކް ވައްތަރުތައްވެސް މީގެތެރޭގަ ހިމެނޭ.
ހަށިގަނޑުގަ ޓިއުމަރ އުފެދުން
- ކޮންމެ ގުނަވަނެއްގަވެސް ސެލްތައް އިތުރުވެ ބަދަލުވަމުންދާއިރު ބައެއްފަހަރު ރަނގަޅު ނޫންގޮތައް ސެލްތައް އުފެދޭ. މިސާލަކަށް ޖެނެޓިކް މައްސަލައަކުންވެސް އެހެންވެދާނެ. މިފަދަ ކަމަކަށް މިކިޔަނީ ޓިއުމަރއެއް އުފެދިއްޖެއޭ. ނުވަތަ ކެންސަރއެއް އުފެދިއްޖެއޭ.
- ހުރިހާ ޓިއުމަރ އަކީ ކެންސަރއެއް ނޫން. ޓިއުމަރއެއް އުފެދުމާއެކު ޖެހޭނީ އެކަމަށް ޚާއްސަ ޑޮކްޓަރުންގެ ފަރުވާ ހޯދަން.
ބަލިމީހާ އަށް އަންނަ ނަފްސާނީ ޖިސްމާނީ ބަދަލުތައް:
- އެންމެ ބޮޑު ލަކުނެއް ލާނީ ނަފްސާނީގޮތުން. ކެންސަރަކީ އާއިލާގެ އެކަކަށް ޖެހޭ އެއްޗެއް ނޫން. މުޅި އާއިލާ އަށް ވެސް ބައިވަރު ބަދަލުތަކެއް އަންނާނެ. ހިތްވަރާއެކު މަސައްކަތް ކުރުން ރަނގަޅު ގޮތަކީ.
- ރާއްޖޭގައި އާއިލާކައިރީގަ ހުރެގެން ފަރުވާ ހޯދުމަކީ ލިބޭނެ ހިތްހަމަޖެހުމެއް ހިތްވަރެއް.
- ބަލިމީހުން އެދައްކާ ހިތްވަރުން ހިތްވަރުލިބިގެން ޑޮކްޓަރުން ފަރުވާއަށް ތެދުވަނީ. ކެންސަރަށް ފަރުވާ ހޯދާ މީހުންނަކީ ބަތަލުންފަދަ ބައެއް.
ކެންސަރުގެ ފަރުވާ ބެހިފައިވަނީ ދެބަޔަކަށް:
- ލޯކަލް ޓްރީޓްމެންޓް: ތައިރޮއިޑް ކަހަލަ ބަޔަކަށް ކެންސަރ ޖެހިއްޖެނަމަ އޮޕަރޭޝަންކޮށްފަ އެބައި ނަގަނީ. ދުރަށް ފެތުރިއްޖެނަމަ ރޭޑިއޭޝަން ދޭނެ.
- ސިސްޓަމިކް ޓްރީޓްމެންޓް: ކީމޯ ތެރަޕީއާއި ޓާގެޓެޑް ތެރަޕީއާއި އިމިޔުނޯ ތެރަޕީ. ހޯމޯން ތެރަޕީ. އެއީ މުޅި ހަށިގަނޑަށް އަސަރުކުރާނެ ކަންތައް. ސިސްޓަމިކް ޓްރީޓްމެންޓް ރާއްޖޭގަ ދެވޭނެ.
ރާއްޖޭގައިވެސް 90 އިންސައްތަ ކެންސަރުގެ އޮޕަރޭޝަންތައް ކުރެވޭ. އަލުން ގުނަވަންތައް ހެދުން އެއީވެސް ރާއްޖޭގަ ކުރާކަމެއް. މިސާލަކަށް މޫނުގެ ބައެއް ނުވަތަ އުރަމަތި ނަގައިފިއްޔާ މަސްއަޅައިގެން އެބައެއް ހެދުން އެއީވެސް ރާއްޖޭގަ ދެވެންހުރި ފަރުވާއެއް.
ލޯކަލް ޓްރީޓްމެންޓްގަ ހިމެނިގެން ރާއްޖޭގަ ފަރުވާ ނުދެވޭނީ ރޭޑިއޭޝަން. އެއީ ނިއުކްލިއަރ މެޑިސިންގ ފެސިލިޓީ ރާއްޖޭގަ ގާއިމްވެފަނެތީމަ.
ރޭޑިއޭޝަން ހިދުމަތް ހޯދާއިރު ސަމާލުކަންދޭންޖެހޭ ކަންތައް:
ރޭޑިއޭޝަންގެ ބައެއް ފަރުވާދޭއިރު ވަކި ދުވަހެއްވަންދެން އެކަހެރިކޮށްފަވެސް ބަހައްޓަން ޖެހިދާނެ އާންމުންނާ ބައްދަލު ނުވެވޭގޮތަށް. އެއީ އެހެން މީހެއްގެ ހަށިގަނޑަށް އަރާފާނެ ރޭޑިއޭޝަނެއްގެ ސަބަބުން. މިފަދަ ފަރުވާއެއް ގެންދިއުމާއެކުވެސް ކެއުމާއި ނިދުމާ ކުރެވެންހުރިވަރަކަށް ކަސްރަތު ކުރިއަށްގެންދިއުމަށް އިސްކަންދޭންޖެހޭ.
އެންމެބޮޑަށް ވިސްނަންވީ ކަންތައް:
- ފަރުވާ ނިމުނު ކަމުގަވިއަސް ޑޮކްޓަރުގެ އިރުޝާދުގެމަތިން ޓެސްޓްތައް ހަދަމުން ދިއުން. އެއީ އަލުން ކެންސަރުގެ އަލާމާތެއް ފެނޭތޯ ބެލުމަށް ކުރާކަމެއް.
- ފަރުވާހުއްޓާނުލުން ވަރަށް މުހިންމު. ކެންސަރ ޖެހުނު ގުނަވަން ނެގިއަސް އިތުރަށް ދޭންޖެހޭ ފަރުވާތައް ދޭންވާނެ. ރަނގަޅު ގޮތަކީ ފަރުވާއެއްކޮށް ނިންމުން.
- ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖިއްޔާ އެއްކޮށް 100 އިންސައްތަ ޝިފާލިބުމުގެ ފުރުސަތު އޮތް ބައްޔެއް. ރާއްޖޭގަވެސް ފަރުވާކޮށްގެން ރަނގަޅުވި މީހުން މަދެއްނޫން. ބޮޑުވަރުވެފަ ހުއްޓަސް ބޭސްކޮށްގެން އިތުރަށް ބޮޑުވަރުވިޔަނުދީ ހިފެހެއްޓޭނެ ފަރުވާތައް އެބަހުރި.
ކެންސަރ ސަޕޯޓް ގުރޫޕުގަ ބައިވެރިވުން މުހިންމު:
ކެންސަރ ސޮސައިޓީގެ ފަރާތުން ކުރިއަށްގެންދާނެ ކެންސަރ ސަޕޯޓް ގުރޫޕެއް. މިގުރޫޕުން ދަނީ އެކަކު އަނެކެއްގެ ހިތްވަރާއެކު ވަރަށް ރަނގަޅު ޕްރޮގްރާމެއް ކުރިއަށްގެންދަމުން. ފަރުވާ ކުރިއަށްގެންދާ ގިނަ މީހުން އެޕްރޮގްރާމްގަ ބައިވެރިވޭ. އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ.
ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު ސްކްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ޝިފާން ވަނީ ފާހަގަކުރައްވާފައެވެ.