ގޮނަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަޅުތަކާއި ފަރުތަކުގައި އުޅޭ ބާވަތެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 17.7 އިންޗި ނުވަތަ 45 ސެންޓިމީޓަރަށެވެ. މި މަހަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައާއި ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް 9 މަޑުކަށި ހުންނަ އަދި ކަރުތާފަތް ކައިރީ ކޮތަރިބައިގައި 11 މަޑުކަށި ހުންނަ މަހެކެވެ. ހަތަރު އަރިގޮތަށް ފޮށިގަނޑެއްހެން ހުންނަ ބޮޑުވާވަރަކަށް މަހުގެ ބައްޓަން ދިގުވާ ނިގޫފަތުގެ ކޮޅު ވަށްކޮށް ހުންނަ މަހެކެވެ.
މިބާވަތުގެ މަސްތަކަކީ ބާރަށް ދުވެއުޅެވޭ ބާވަތުގެ މަހެއް ނޫނެވެ. ޅަމަސްތައް ގާތަކާއި މުރަކަތަކުގެ ނިވާކަމުގެތެރޭ އުޅެ ބޮޑެތިވުމުން ފަރުގެ ބޭރަށް ނުވަތަ ފަޅުތެރެއަށް ނުކުމެއުޅެއެވެ. މިބާވަތުގެ މަސްތަކަކީ އޭގެ ޅައުމުރުގައި ރީނދޫކުލައިގަ ކަޅު ތިކިތަކެއްޖަހާފައި ހުންނަ މަހެކެވެ. މިމަސްތައް ކައިއުޅެނީ މުރަކައިގައި ޖަހާފަހުންނަ ފެހިފަދަ ތަކެއްޗާއި ކުދި މަސްތަކާއި މޫދުގައި ހުންނަ ފަނިފަކްސާ ފަދަ ތަކެއްޗެވެ.
ގޮނަކީ ހަރު ތޮށިގަނޑެއް ހުންނަ މަހެކެވެ. މިމަހަކީ ރާއްޖޭގައި އާންމުކޮށް ކައިއުޅޭ ބާވަތެއްގެ މަހެއް ކަމުގައި ނުވިނަމަވެސް ބައެއް މީހުން ކެއުމަށް މިމަސް ބޭނުންކުރެއެވެ. މި މަހުގެ ފޮށިގަނޑެއްހެން ހުންނަ ބައި ބަނޑާވީ ފަރާތުން ފަޅާލުމަށްފަހު އެތެރޭގައި ހުންނަ މަސްތައް ނަގާ އެފޮށިގަނޑު ތެއްޔެއްގެ ގޮތުގައި ބޭނުންކޮށްގެން ކައްކާއުޅެއެވެ. އަދި ގޭތެރެ ޒީނަތްތެރިކުރުމުގެ ގޮތުން މަހުގެ އެތެރޭގައި ހުންނަ ބައިތައް ނަގައި ސާފުކޮށް ތޮށިގަނޑު ހިއްކުމަށްފަހު ފާރުގައި އެތޮށިގަނޑު ހަރުކޮށް އުޅެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ނެރެފައިވާ 'ދިވެހިރާއްޖޭގައި އުޅޭ މަހުގެ މައުލޫމާތު' ފޮތުގައި ބަޔާންކޮށްފައިވާ ގޮނުގެ ވައްތަރުތަކަކީ:
ގޮނު
ކަށި ގޮން
ގޮން މަސް
މަސްޓޭންކުގައި މޫދުމަސްތަކާއެކު މިބާވަތުގެމަސް ގެންގުޅޭ ފަރާތްތަކުން ވިސްނުން ބަހައްޓަންވީ، މިމަހަކީ ހާސްވެ ކަންބޮޑުވުމުން ވިހައިގެ ބާވަތެއް ދޫކުރާ މަހެއް ކަމުން ޓޭންކުގައި ގެންގުޅޭ އެހެނިހެން މަސްތައް އެވިހައިގެ ސަބަބުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ރޭގަނޑު ނުވަތަ އަނދިރި ތަނެއްގައި ކުއްލިއަކަށް އަލިވުމުންވެސް މިބާވަތުގެ މަސް ވިހަ ދޫކުރާކަމަށްވެއެވެ.
މައުލޫމާތު: ފިޝްކީޕަރ، ޑައިވްކްލަބް މޯލްޑިވްސް
ކިޔުންތެރިންގެ ހިޔާލު
Thiyaige mas varah meeruvaane
ކޮމެންޓްސް ބަންދުކުރެވިފައި