November 22, 2024 18:28
Advertisement

-Advertisement-

ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަލާމް ގޮވައިލުން

ސަލާމް ގޮވައިލުމަކީ ވަރަށް މާތް އަޅުކަމެވެ. އަދި އެކަމަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެންނެވި ދުވަހު އެންމެ ފުރަތަމައަށް ކުރަން އަމުރުކުރެއްވި ކަމެވެ. މާތްﷲ ރުއްސުންލެއްވި عبد الله بن سلام ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެންނެވި ދުވަހު، އެކަލޭގެފާނާ ބައްދަލު ކުރެއްވުމަށް މީސްތަކުން އަވަސްވެގަތެވެ. އަދި ބުނަމުންދިޔައެވެ. ކީރިތި ރަސޫލާ ވަޑައިގެންފިއެވެ. ކީރިތި ރަސޫލާ ވަޑައިގެންފިއެވެ. އެހިނދު އެކަލޭގެފާނު ދުށުމަށްޓަކައި މީސްތަކުން އެތަނަށް ޖަމާވާންފެށިއެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅު ފެނިވަޑައިގަތުމުން އެއީ ދޮގުވެރިއެއްގެ މޫނުފުޅެއް ނޫންކަން އެނގުނެވެ. އަދި އެކަލޭގެފާނު އެންމެ ފުރަތަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވި ބަސްފުޅަކީ: "އޭ މީސްތަކުންނޭވެ! ސަލާމް ގޮވާށެވެ، އަދި މިސްކީނުންނަށް ކާންދޭށެވެ، އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި ރޭގަނޑުގައި މީސްތަކުން ނިދާފައިވަނިކޮށް ނަމާދުކުރާށެވެ. ސަލާމަތްކަމާއެކު ސުވަރުގެ ވަންނަހުއްޓެވެ." މިއެވެ. (سنن الترمذي).

ސަލާމްގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ އެންމެ ބޮޑު ހެއްކަކީ މާތްﷲ ޞުބުޙާނަހޫ ވަތާޢާލާގެ އަމިއްލަ ޒާތުފުޅަށް "ސަލާމް" ވަޙީކުރެއްވުމެވެ. މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގާވަނީ: "އަމާންކަން ދެއްވާ ރަސްކަލާނގެއެވެ." އަމާންކަމަކީ ސަލާމެވެ. (الحشر:23). أنسގެފާނުގެ ކިބައިން بخاري ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ސަލާމްއަކީ މާތްﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. މި އިސްމުފުޅު ބިމަށް ބާވާލައްވާފައިވެއެވެ. ވީމާ ތިޔަބައިމީހުންގެ މެދުގައި ސަލާމް ގޮވާ އުޅޭށެވެ." (بخاري).

ސަލާމް ގޮވާލާއިރުގައި ހިނތުންވުމާއި، ހިތްހެޔޮކަމާއެކު ގޮވާލަން ޖެހެއެވެ. އެއީ ސަލާމަކީ ތިމާގެ ކިބައިން އަޚާއަށް އެއްވެސް ގެއްލުމެއް އަދި އަނިޔާއެއްވެސް ނުދޭކަމަށް ދެވޭ ޔަޤީންކަމެކެވެ. ހަމައެހެންމެ ސަލާމް ގޮވައިލުމަކީ އަނެއް އަޚާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. أبي هريرةގެ ކިބައިން ރިވާވެގެން އައިސްފައިވާ ކީރިތި ރަސޫލާ  ގެ ޙަދީޘެއްގެ މާނައިގައިވަނީ: "އެއްމުސްލިމް އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން އަޚަކު ފެންނަ ހިނދު، ނުވަތަ ބައްދަލުވާ ހިނދު ސަލާމް ގޮވާލުން ހިނމެނެއެވެ." (مسلم).

Advertisement

ރިވެތި ގޮތުގައި ސަލާމް ގޮވައިލުމަކީ ސަލާމުގެ އަދަބެކެވެ. ވީމާ ސަލާމް ގޮވާލުމާއި، ބަލައިގަތުންވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. أبي هريرةގެ ކިބައިން بخاري ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ މަޖިލީހުގައި ވަނިކޮށް، އެކަލޭގެފާނުގެ ކައިރިންލާފާ ދަމުން މީހަކު "السلام عليكم" މިހެންބުންޏެވެ. އެހިނދު ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ދިހަ ހެޔޮކަންވެއެވެ." އަނެއްކާ އެހެން މީހަކު ހުރަސްކުރަމުން ބުންޏެވެ. "السلام عليكم ورحمة الله" ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ވިހި ހެޔޮކަންވެއެވެ." އަނެއްކާ އެހެންމީހަކު ހުރަސްކުރަމުން ބުންޏެވެ. "السلام عليكم ورحمة الله وبركاته" އެހިނދު ޙަދީޘްކުރެއްވިއެވެ. "ތިރީސް ހެޔޮކަންވެއެވެ." (بخاري).

ކޮންމެ ތަނަކަށް ވަނުމުގެ ކުރިން އަމިއްލަ ނަފްސަށް ސަލާމް ގޮވާލުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ ތިމާގެ އަމިއްލަ ގެކަމުގައިވިޔަސް، އަދި އަޚާގެ ގެ ކަމުގައިވިޔަސްމެއެވެ. އަދި އޮފީސް، ނުވަތަ މިސްކިތަށް ވަންނަމުން ވިޔަސްމެއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމްއަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!" (النور 61). ހަމަމިފަދައިން ޤަބުރެއް ކައިރިން ހުރަސް ކުރާނަމަ މައްޔިތާއަށް ސަލާމްގޮވުން ވެއެވެ. ޢާއިޝާ رضى الله عنهاގެ ކިބައިން މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘުން މިކަން ޘާބިތުވެއެވެ.

ސަލާމް ގޮވައިލުމަކީ އަޅުކަމެކެވެ. އެއީ ތިމާގެ އަޚާއަށް ގެއްލުމެއް، އަދި އަނިޔާއެއް ނުދޭނެކަމުގެ ޔަޤީންކަމެކެވެ. ވީމާ ސަލާމް ގޮވައިލުމަކީ، އެކަމުގެ ސަބަބުން ތިމާގެ އަޚާއަށް ހިތްހަމަޖެހުމާއި، އަމާންކަން ލިބޭނެކަމެކެވެ. ހަމަމިފަދައިން، މާތްﷲގެ ރުހުމާއި، ދަރުމަ ލިބޭނެ ކަމެއްވެސް މެއެވެ. ވީމާ ސަލާމް ގޮވައިލުމަކީ ދިރިއުޅުމުގެ އާދައެއްކަމުގައި ހަދަމާތޯއެވެ! އެއީ ކުޑަ ކަމެއްކަމަށް ދެކި ދޫކޮށް ނުލަމާތޯއެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް