October 6, 2024 16:20
Advertisement

-Advertisement-

ކެންސަރުގެ ވޭނުގައި އަތް ބުރިކުރުން: ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް!

ދިރިއުޅުމަކީ ހަނގުރާމައެކެވެ. މިހަނގުރާމަ ކާމިޔާބު ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށެވެ. ހދ. ހަނިމާދޫ ޝަބުނަމްގެ ޙަސަން މުޙައްމަދަކީ ވެސް އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހެކެވެ. އެހެންނަމަވެސް ކޮވިޑްގެ ގަދަ ތޫފާނުގެ ދުވަސްވަރު 35 އަހަރުގެ ޙަސަންގެ ދިރިއުޅުމަށް އައީ ހީވެސް ނުކުރާފަދަ ބާރުގަދަ ކޮޅިގަނޑެކެވެ. އެކޮޅިގަނޑުން ސަލާމަތްވުމަށް އިތުރު ފަރުވާއަށް އެއިރު ފުރޭނެ ގޮތްވެސް ނެތިފަ ހުންނަން ޖެހުނީ ހިތާމައިގެ ކަނޑެއްގައި ފަތަފަތައެވެ.

ޙަސަން ވަނީ އޭނާގެ ދިރިއުޅުން ބަނަކޮށްލި ހިތްދަތި ކަންތައް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ. ކުރިން ބޮޑު ބައްޔެއް ނުވެ ގަދަވެ ސަލާމަތުން ހުރި ޙަސަން، 2020 ވަނަ އަހަރު މާލެ އައިސް ޑޮކްޓަރަށް ދެއްކީ ކަނައަތުގެ އިނގިލިތަކުގަ އާދަޔާޚިލާފަށް ރިއްސާތީ އެވެ.

" ޑޮކްޓަރަށް ދެއްކުމުން ޓްރީޓޮޕް ހޮސްޕިޓަލުން އޮޕަރޭޝަނެއް ކުރި. އެއޮޕަރޭޝަނުން ހަފްތާއެއްވަރު ލުއިލިބުނު. އަނެއްކާވެސް ކެތްނުވާވަރަށް ތަދުވާން ފެށީމަ އޭޑީކޭއަށް ދެއްކީ. ބުނީ ހީވަނީ ކެންސަރުހެންނޭ. ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް. އެކަމަކު އެއީ ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދުކޮށްފަ އޮތް ދުވަސްވަރަށް ވާތީ ދެވޭނެގޮތެއް ނުވި".

Advertisement

ޙަސަންގެ އަތްތިލައިގަ ޓިއުމަރެއް ހުރިކަން އެނގުނީ އެމްއާރުއައި ހަދައިގެންނެވެ. 2 ފަހަރު ސްކޭން ކޮށްގެންވެސް ޓިއުމަރު ހުރިކަން ނޭނގުނުކަން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗް އިން ދީފައިވާ ލިޔުން

ޙަސަން އަށް އިތުރު ފަރުވާއަށް އިންޑިއާ އަށް ދެވޭވަރުވީ 2021 ވަނަ އަހަރު މެދުތެރޭގައެވެ. އެފަހަރު ވަނީ އޭނާގެ ކަނައަތުގެ ތިން އިނގިލި ކެންސަރުގެ ސަބަބުން ބުރިކޮށްފައެވެ. އަދި 3 މަސް ދުވަހު އިންޑިއާގައި މަޑުކުރުމަށްފަހު ޙަސަން ރާއްޖެ އައީ ކެންސަރު ބައްޔާއި ހަނގުރާމަކޮށް އެބަލިން ފަސޭހަވިކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ތަގުދީރު އެކަމަށް ތަނެއް ނުދިނެވެ.

" ރާއްޖެއައިސް 3 މަސްވުމުން އިންޑިއާ އަށް ދިޔައީ ޓެސްޓް ހަދަން. ދިޔައިމަ ބުނީ ރަނގަޅޭ. އަނެއްކާ 6 މަސް ދުވަސް ފަހުން އަންނަން ބުނީ. ރަށަށް ދިޔަތާ 4 މަސް ނުވަނީސް އޮޕަރޭޝަން ކުރިތަން ގޯސްވީ. އިންޑިއާ އަށް އިތުރު ފަރުވާއަށް ދިޔައިމަ ބުނީ އަތްތިލަ އެކީގަ ބުރިކުރުން ނޫން ގޮތެއް ނެތްކަމަށް. ދެން އަތްތިލަ ބުރިކުރީ މިއަހަރު" ހިތާމައާއެކު ޙަސަން ކިޔައިދިނެވެ.

އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުން

ކަނާއަތުގެ އަތްތިލަ ނެތި ދިރިއުޅުމަކީ އުދަގޫ ކަމެކެވެ. އެހެންނަމަވެސް ދިރިއުޅުމަށް ކުރިމަތިވި މިއިމްތިހާނާއި ޙަސަން ކުރިމަތިލީ ހިތްވަރާއެކުގައެވެ. މިއަހަރު ވަނީ ހަނިމާދޫގެ މިސްކިތެއްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަން ފަށާފައެވެ. އެމަސައްކަތުން ލިބޭ އާމްދަނީއިން 5 އަހަރާއި 2 އަހަރުގެ ކުދިންގެ އިތުރުން އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށް މަސައްކަތްކުރަމުން އަންނަ ޙަސަން ބުނީ ކޮންމެ 3 މަހަކުން މާލެ އަށް ޑޮކްޓަރަށް ދައްކަން ދާންޖެހޭ ކަމަށެވެ. އަދި ކޮންމެ 6 މަހަކުން އިންޑިއާ އަށް ދާންޖެހޭތީ އާންމުންގެ އެހީތެރިކަމަށް އެދެން ޖެހުނީއެވެ. ޙަސަންގެ ބޮޑު ދަރިފުޅަކީ ތިންމަހުން ނުވަތަ 4 މަހުން ލޭ އަޅަންޖެހޭ ކުއްޖެއް ކަމަށް ފާހަގަކުރިއެވެ.

ދިރިއުޅުމުގައި ދިމާވާ އިމްތިހާނުތަކަށް ކެތްކޮށްގެން ކުރިއަށްދިއުމަށް ޙަސަން ކުރަމުންދާ ހިތްވަރާއި ގުޅޭގޮތުން 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ޙަސަންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ތަސްލީމާ މުހައްމަދު ބުނީ ބޭބެ ކުރިން އުޅުނީ ވަރަށް ވޭނުގަ ކަމަށެވެ.

" ތަދުވާތީ ނުނިދި އުޅުނުއިރު ވެސް ފެނުނީ ހިތްވަރު ކުރިތަން. ފުރަތަމަ 3 އިނގިލި ނެގިއިރު ވަރަށް ދެރަވެގެން އުޅުނު. ބޭބެ އަކީ ތަފާތު މަސައްކަތް ކުރި މީހެއް. އެންމެ ދެރަވީ އެއްވެސްކަމެއް ނެތިފައޭ ދެން ހުންނަންޖެހޭނީ ހިތަށްއަރާފަ. އެކަމަކު އަތްތިލަ ބުރިކުރުމުންވެސް ފެނުނީ އިތުރު ހިތްވަރަކާއެކު ވާނެއޭ ބުނެ މަސައްކަތްކުރާ މަންޒަރު. އެންމެންވެސް ތިބީ ވަރަށް ދެރަވެފަ. އެކަމަކު ނުދެކެން ބޭބެ ރުއި މަންޒަރެއްވެސް. ވަޒީފާ އަދާކޮށްފަ ލިބޭ ހުސްވަގުތުގަ މަސްހިފަންވެސް ދާނެ. މިއީ އާންމުންގެ އެހީއަށް އެދޭ ފުރަތަމަ ފަހަރު" ތަސްލީމާ ކިޔައިދިނެވެ.

އިންޓަވިއު ނިންމާލަމުން ޙަސަން ވަނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާގެ އާއިލާ އިން ލިބޭ އެހީތެރިކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް އަނބިމީހާގެ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

ޙަސަން އަށް އެހީތެރިވުމަށް:

ނޯޓް: މި ޢާއިލާ އަށް އާންމުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝް ކުރުމުން މި އާއިލާއަށް އެހީތެރިވެދެއްވި އެންމެންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

+1
3
+1
2
+1
1
+1
0
+1
5
+1
1
+1
61

Advertisement

ގުޅުންހުރި ލިޔުންތައް