September 20, 2024 22:23
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމާއި ގުޅޭ ތަފާތު ހާދިސާތައް!

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތް ގޮތާބެހޭގޮތުން އިތުރު ރިވާތައްވެސްވެއެވެ. އެފަދަ ރިވާއެއް ބުނާގޮތުން އެއް ރެޔަކު ބަނގުރަލަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ޢުމަރުގެފާނު ބޭރަށް ނިކުމެވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު ވެދެވަޑައިގަތީ އާންމުކޮށް ޒުވާނުން ބަނގުރާބޮއެ ހަދާ ގެއަށެވެ. އެގޭގައި މީހަކު ނެތުމުން ދެން އެކަލޭގެފާނު ވަޑައިގަތީ އެފަދަ އަނެއްގެއަށެވެ. އެގޭގައިވެސް މީހަކު ނެތުމުން ދެން ވަޑައިގަތީ ބަނގުރާ ވިއްކާ މީހެއް ކައިރިއަށެވެ. ބަނގުރާ ވިއްކާ މީހާ ނެތުމުން ދެން އެކަލޭގެފާނު ނިންމެވީ ބަނގުރަލަށްޖެހިފައި ހުރި ބޭނުން ކުޑަކުރެއްވުމަށްޓަކައި ހަރަމްފުޅަށް ވަޑައިގެން ޠަވާފުކުރެއްވުމަށެވެ. ދެން ޢުމަރު ހަރަމްފުޅަށް ވަޑައިގަތްއިރު ރަސޫލާ ﷺ ގިނަކަންޏާ ގެފުޅު ކައިރީގައި ނަމާދުކުރައްވަނީއެވެ. އެކަލޭގެފާނު ޤުރްއާންކިޔަވާ ވިދާޅުވާ އަޑު ޢުމަރުގެފާނަށް ސާފެވެ. މެންދަމުގެ އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އެރީ އެއީ ރަސޫލާ ﷺ އަށް ހަމަލާއެއްދޭން ރަނގަޅު ދަނޑިވަޅެއްކަމުގައެވެ. ދެން ސިއްރުސިއްރުން ވަޑައިގެން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ޢުމަރު މަޑުކުރައްވައި އެކަލޭގެފާނުގެ ކިޔެވުން އަޑުއައްސަވަން ފެއްޓެވިއެވެ. މިއީ ޢުމަރުގެފާނު ކީރިތި ޤުރްއާން އަޑުއެއްސެވި ފުރަތަމަ ފަހަރެވެ. ކީރިތި ޤުރްއާންގެ ރީތިކަމާއި ފުރިހަމަކަމުން ހައިރާންފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅުގައި ތަފާތު ސުވާލުތައް އުފެދެން ފެށިކަމުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. އެއިން ކޮންމެ ސުވާލަކަށް ރަސޫލާ ﷺ ގެ ކިޔެވެލިން އެކަލޭގެފާނަށް ޖަވާބު ލިބިވަޑައިގަތެވެ. އޭރު އެކަލޭގެފާނު ކިޔަވާ ވިދާޅުވީ ސޫރަތުލް ޙައްޤާއެވެ.

ޢުމަރުގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'މިއީ ކޮންތާކުން އަންނަ އެއްޗެއް ހެއްޔެވެ؟ މިވާނީ ކޮންމެވެސް މޮޅު ޝާއިރެއްގެ ޅެންތަކެއްކަމަށެވެ.'

އެވަގުތު ރަސޫލާ ﷺ ކިޔަވާވިދާޅުވި އާޔަތުގައިވެއެވެ. 'އެއީ ޅެންވެރިއެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން އީމާންވަނީ ވަރަށްވެސް ކުޑަކޮށެވެ.'

Advertisement

ދެން އެކަލޭގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'މިވާނީ ކޮންމެވެސް ކާހިނެއްގެ ނުވަތަ ޖާދޫގަރެއްގެ ބަހަށެވެ.'

އެވަގުތު ރަސޫލާ ﷺ ވިދާޅުވި އާޔަތުގެ މާނައިގައިވެއެވެ. 'އެއީ ކާހިނެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.'

ދެން އެކަލޭގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'އެހެންވެއްޖެއްޔާ ދެން މިއީ ކޮން އެއްޗެއް ހެއްޔެވެ؟

އެވަގުތު ރަސޫލާ ﷺ ވިދާޅުވި އާޔަތުގެ މާނައިގައިވެއެވެ. 'އެއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ.'

ދެން އެކަލޭގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'މިއީ މުޙައްމަދު އުފައްދައިގެން އުޅޭ އެއްޗަކަށް ވެއްޖެނަމަޔޯލައެވެ.'

އެވަގުތު ރަސޫލާ ﷺ ވިދާޅުވި އާޔަތުގެ މާނައިގައިވެއެވެ. 'އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ހިތްޕުޅުގެ މައިނާރު ކަނޑުއްވައިފީމުހެވެ.'

ޢުމަރުގެފާނު ފަހުން ވިދާޅުވިގޮތުގައި މިއީ އެކަލޭގެފާނުގެ ހިތްޕުޅަށް އިސްލާމްދީން ވަން ފުރަތަމަ ފަހަރެވެ. ދެން ރަސޫލާ ﷺ އަށް އެއްވެސް ކަމެއް ނުކުރައްވައި އެކަލޭގެފާނު ގެއަށް ވަޑައިގަތެވެ.

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމާގުޅޭ އެހެން ރިވާއެއްގައި ވެއެވެ. އެކަލޭގެފާނު ޤުރައިޝްގެ މީހުންނާއެކު އިށީދެވަޑައިގެން އިންނަވަނިކޮށް އެތަނަށް އަބޫޖަހުލުއައެވެ. އެއަށްފަހު އޭނާ ރަސޫލާ ﷺ އަށް އެތިވަރު ގޮވަންފެށިއެވެ.

'އެއްވެސް މީހަކު އަހަރެމެންގެ ކާބަފައިންނާއި ކަލާނގެތަކަށް އިހާނެތިކޮށް ނުހިތާ ވަރަށް އޭނާ އެކަން ކޮށްފިއެވެ. އޭނާ އަހަރެމެންގެ ދީނަށް ފުރައްސާރަކޮށްފިއެވެ. އަދި ބުދަށް އަޅުކަންކުރާ މީހަކަށް ނަރަކައިގެ އަޒާބުލިބޭނެކަމަށް އެބަބުނެއެވެ. އަދި އޭނާ އަހަރެމެންގެ ކާބަފައިން ބޮޑު މަޖަލަކަށް ހަދައިފިއެވެ. އޭނާގެ ކިބައިން އަހަރެމެން ސަލާމަތްކޮށްދޭނީ ކާކު ހެއްޔެވެ؟ އެކަންކުރި މީހަކަށް ސަތޭކަ މޮޅު ޖަމަލު ދޭނެކަމަށް ﷲ ހެކިކޮށް އަހަރެން އަހުދުވަމެވެ. އަދި އެމީހަކަށް ސަތޭކަ އުގިޔާގެ ރިހި ދޭނަމެވެ.' އެދުވަސްވަރަށް ބަލާއިރު މިއީ ވަރަށް ބައިވަރު މުދާ ނުވަތަ ތަނަވަސްކަމެވެ.

ފޮޓޯ: ގްލޯބަލް ވިލެޖް ސްޕޭސް

އެވަގުތު ޢުމަރުގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'މިއީ ހާދަ ބައިވަރު ފައިސާއެކެވެ. މިކަންވާނީ ކުރާށެވެ.' ދެން އެކަލޭގެފާނު ގެއަށް ވަޑައިގެން ކަނޑި ހިއްޕަވައިގެން ރަސޫލާ ﷺ އަށް ދިމާއަށް ވަޑައިގަތެވެ. މިދަތުރުގައި އާދަޔާޚިލާފް އެތައް ކަމެއް ޢުމަރުގެފާނު ހުއްޓުވިކަމުގައިވެއެވެ. އެގޮތުން އެކަލޭގެފާނަށް ރީތި އަރަބި ބަހުން އިވިވަޑައިގަތް ބަޔާނެއްގައި ވެއެވެ. 'ތިޔައުޅެނީ ކޮން ކަމެއް ކުރަން ހެއްޔެވެ؟ އެމީހާއަކީ ﷲ ފިޔަވައި އެހެން އިލާހަކު ނުވެޔޭ ބުނުން ފިޔަވައި އެހެން ކަމެއް ކުރާ މީހެއްނޫނެވެ.' މިއަޑަކަށްވެސް ނުބައްލަވައި ޢުމަރުގެފާނު ކުރިއަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނާ ބައްދަލުވީ ސިއްރިޔާތުގައި އިސްލާމްވި މީހެއް ކަމުގައިވާ ނުޢައިމް އިބުނު ޢަބުދިއްލާހި އަލްނައްޙާންއާއެވެ.

ދެން ނުޢައިމް ޢުމަރުގެފާނު އަރިހުގައި ކޮންތާކަށްތޯ ވަޑައިގަންނަވަނީ އަދި ކޮން ކަމެއްތޯވީ އެއްސެވިއެވެ. ޖަވާބުގައި ޢުމަރު ވިދާޅުވިއެވެ. 'މިހާރު ދެން ފުދިއްޖެއެވެ. އަހަރެމެންނަށް ހަލާކަށް ގޮވާތާ ވަރަށް ދުވަސްވެއްޖެއެވެ. އަހަރެމެންގެ ކާބަފައިންނަށް ފުރައްސާކޮފިއެވެ. އަހަރެން މިދަނީ މުޙައްމަދު މަރާލާށެވެ.' އެވަގުތު ނުޢައިމް ހާސްވެ ތެޅިގެންފައި ދެންނެވިއެވެ. 'ކަލޭގެފާނު ބުއްދިފިލާ ދިޔައީތޯއެވެ؟ ޢަބްދުލް މަނާފްގެ ދަރިކޮޅުން މީހަކު މަރާލުމަށްފަހު މިބިމުގައި އުޅެވިދާނެކަމަށް ކަލޭގެފާނަށް ފެންނަނީހެއްޔެވެ؟ ކަލޭގެފާނު ކަމެއްކުރަން ބޭނުންކަމަށްވާނަމަ ފުރަތަމަ އަމިއްލަ ޢާއިލާގެ ކަންތައްތައް ހަމަޖައްސާށެވެ.'

މިކަމާ ހައިރާންވެވަޑައިގެން ޢުމަރުގެފާނު ނުޢައިމާ ސުވާލުކުރެއްވިއެވެ. 'ތިޔަބުނި ވާހަކައިގެ މާނަޔަކީ ކޮބައިހެއްޔެވެ؟' ޖަވާބުގައި ނުޢައިމް ދެންނެވިއެވެ. 'ކަލޭގެފާނަށް ނޭގޭހެއްޔެވެ؟ ކަލޭގެފާނުގެ ކޮށްކޮއާއި އެކަނބުލޭގެ ފިރިމީހާ އިސްލާމްވެއްޖެއެވެ.' ނުޢައިމްގެ ބޭނުމަކަށްވީ ރަސޫލާ ﷺ ގެ ހަށިކޮޅާއި ޢުމަރުގެފާނު ދުރުކުރުމެވެ. ކޮންމެއަކަސް މިޚަބަރުން އިހުނަށްވުރެބޮޑަށް ޢުމަރުގެފާނުގެ ކޯފާބޮޑުވިއެވެ. އެކަލޭގެފާނަށް މިކަންވީ އެކަލޭގެފާނުގެ މޫނުފުޅުގައި މީހަކު އެތިފަހަރެއް އެޅުންފަދަކަމަކަށެވެ. އެހެންވެ ޢުމަރުގެފާނު އަވަހަށް ގެއަށް ވަޑައިގަތެވެ. ގޭގެ ދޮރާށްޓާ ކައިރިވުމުން އެކަލޭގެފާނަށް އިވިވަޑައިގަތީ ކީރިތި ޤުރްއާން ކިޔަވާ އަޑެވެ.

ފާޠިމަތު ބިންތި ޚައްޠާބާއި ފިރިކަލުން ސަޢީދު އިބުނު ޒައިދަށް ޤުރްއާންކިޔަވަން ދަސްކޮށްދިނީ ޚައްބާބު އިބުނު ޢަރަތުއެވެ. ދެން ޢުމަރުގެފާނު ވަރަށް ބާރަށް ދޮރުލެއްޕެވުމަށްފަހު ގެއަށް ވަދެވަޑައިގަތެވެ. މިކަމާ ގަތް ބިރުން ފާޠިމަތާއި ޚައްބާބު ބިރުން ގޭތެރެއަށް ވަދެ ފިލިއެވެ. ދެން ޢުމަރުގެފާނު ވިދާޅުވި އަޑުއިވުނެވެ.

އާދޭ، މިތަނަށް. މިތަނަށް އާދޭ! ދުވަހުގެ މިވަގުތު ކަލޭމެން މިތަނުގައި ތިޔަކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންނަށް މިއިވުނީ ކަލޭމެން ކޮން އެއްޗެއް ކިޔެވި އަޑެއް ހެއްޔެވެ؟ ޖަވާބުގައި ފާޠިމަތު ދެންނެވިއެވެ.

'ނޫން. ކަލޭގެފާނަށް އެއްވެސް އެއްޗެއް އިވި ވަޑައިނުގަންނަވާނެއެވެ.'

ދެން ޢުމަރުގެފާނު ﷲ ގަންދެއްވައި ހުވާކުރައްވައި ވިދާޅުވިއެވެ. 'އަހަރެންނަށް އަޑު އިވުނެވެ. އަހަރެންނަށް އެނގޭ ކަލޭމެން ދެމަފިރިން އިސްލާމްވީކަން.'

ފާޠިމަޠާއި ސަޢީދު އެކަން ދޮގުކުރެއްވިއެވެ. ދެން ޢުމަރުގެފާނުގެ ރުޅިވެރިކަން އިތުރުވެ ސައީދަށް ހަމަލާދެއްވިއެވެ. އެދެބެއިކަލުންގެ މެދަށް ފާޠިމަތު ވެންނެވުމުން އެހަމަލާ އެރީ އެކަނބުލޭގެ ހަށިކޮޅަށެވެ. މިހަމަލާއިން ފާޠިމަތުގެ ހަށިކޮޅުން ލޭ އައެވެ. އެވަގުތު މިދެމަފިރިން ރުޅިވެރިކަން ފާޅުކޮށް ޢުމަރުގެފާނަށް ދެންނެވިއެވެ، 'އާއެކެވެ، އަހަރެމެން އިސްލާމްވެއްޖައީމެވެ. އަދި ރަސޫލާ ﷺ އަށް ތަބާވެއްޖައީމެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟ ކަލޭގެފާނަށް ފެނިވަޑަގަންނަވާގޮތެއް ހައްދަވާށެވެ.' ކޮއްކޮގެ ލޭފެނުމާއި އަދި އެދެމަފިރިންގެ އިޚުލާސްތެރިކަންފެނި ޢުމަރުގެފާނުގެ ހިތްޕުޅު މަޑުވިއެވެ. އަދި އެކަލޭގެފާނު މައިތިރިވެވަޑައިގަތުމަށްފަހު އެމީހުން ކިޔާ އެއްޗެއް ދުށުމަށް އެދިވަޑައިގަތެވެ. މިކަމާ ފާޠިމާ ކަންބޮޑުވިއެވެ. އެއީ ކީރިތި ޤުރްއާނަކީ ހުރުމަތްތެރިވެގެންވާ އެއްޗަކަށްވާއިރު އެފޮތުގެ ހުރުމަތްކެނޑޭފަދަ ކަމެއް ޢުމަރުގެފާނުގެ ކިބައިން ފެނުމަށް ބޭނުންނުވާތީއެވެ. ދެން އެފޮތުން ކިޔަވާ ވިދާޅުވުން ފިޔަވައި އެހެން ކަމެއް ނުކުރައްވާނެކަމަށް ޢުމަރުގެފާނު ވަޢުދުވެވަޑައިގަތެވެ.

ދެން ފާޠީމާ ދެންނެވިއެވެ. 'ކަލޭގެފާނަކީ މުޝްރިކެކެވެ. އެހެންވެ ޠާހިރުވެގެންމެނުވީ ކަލޭގެފާނަށް މިފޮތުގައި އަތެއްނުލެވޭނެއެވެ.' ދެން އެކަލޭގެފާނު ވުޟޫކުރައްވައިގެން ވަޑައިގަތެވެ. އެއަށްފަހު އެކަލޭގެފާނު ޠާހާ ސޫރަތް ކިޔަވައި ވިދާޅުވިއެވެ. އެހިސާބުން އެކަލޭގެފާނުގެ ހިތްޕުޅަށް އިސްލާމް ވަނެވެ. އަދި ރަސޫލާ ﷺ އާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ސަޢީދު ޢުމަރުގެފާނު ގޮވައިގެން ދާރުލް އަރުޤަމްއަށް ވަޑައިގަތެވެ. އޭރުވެސް އެކަލޭގެފާނުގެ އަތްޕުޅުގައި ކަނޑިއޮތެވެ. ދެން ދޮރު ވަރަށް ބާރަށް ޖެހުމަށްފަހު ޢުމަރުގެފާނު ދާރުލްއަރުޤަމްއަށް ވެދެވަޑައިގަތެވެ. ޞަޙާބީއަކަށް ޢުމަރުގެފާނު ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. 'ޔާ ރަސޫލާ ﷺ ޢުމަރުގެފާނު ބޭރުގައި ކަނޑިއަކާއެކު އެބަހުންނެވިއެވެ.  

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
4
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް