September 20, 2024 22:48
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އުމަރުގެފާނު އިސްލާމްވެވަޑައިގަތުމުން ކަންތައް ދިމާވިގޮތް!

ޞަޙާބީއަކަށް ޢުމަރުގެފާނު ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. 'ޔާ ރަސޫލާ ﷺ، ޢުމަރުގެފާނު ބޭރުގައި ކަނޑިއަކާއެކު އެބަހުންނެވިއެވެ.' ދެން ހަމްޒާ ވިދާޅުވިއެވެ. 'އެކަލޭގެފާނު ވައްދަވާށެވެ. ﷲ އިރާދަކުރައްވަނީ ރަނގަޅުގޮތް ކަމުގައިވާނަމަ އެކަލޭގެފާނު އިސްލާމްވެވަޑައިގަންނަވާނެއެވެ. ﷲ އެނޫންގޮތެއް ދައްކަވައިފިނަމަ އެކަލޭގެފާނުގެ ނިމުންވަނީ އެކަލޭގެފާނުގެ ކަނޑީގައެވެ.'

ދެން ބައެއް ޞަޙާބީން ޢުމަރުގެފާނު ރަސޫލާ ﷺ އަރިހަށް ގެންދެވިއެވެ. އެއަށްފަހު އެކަލޭގެފާނު ރަސޫލާ ﷺ ގެކުރިފުޅުމަތީގައި އިށީންނެވިއެވެ. އިބުނު އިސްޙާޤު ބަޔާންކުރައްވާގޮތުގައި އެހިނދު ރަސޫލާ ﷺ ޢުމަރުގެފާނުގެ ގިރުވާނުގައި ހިއްޕަވާފައި ސުވާލުކުރެއްވިއެވެ. 'އިބުނު އަލްޚައްޠާބު، ކަލޭގެފާނު މިތަނުގައި ތިކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟' ރަސޫލާ ﷺ ގެ ކިބައިން ބިރުފުޅުގެ އެއްވެސް ކަމެއް ނުވެއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 'ކަލޭގެފާނު ތިޔަ މަގުން ހިންގަވާކަމުގައިވާނަމަ ﷲ ކަލޭގެފާނު ހަލާކުރައްވާނެއެވެ'. އެހިސާބުން ޢުމަރުގެފާނު ދެންނެވިއެވެ. 'އަހަރެން މިއައީ އިސްލާމް ދީން ގަބޫލުކުރުމަށެވެ'. މިއަޑުފުޅާއެކު ރަސޫލާ ﷺ ހަރުއަޑުން ﷲ އަކުބަރު ވިދާޅުވިއެވެ. ދެން ސާޅީހަކަށް މުސްލިމުންނާއެކު ހަމްޒަތުގެފާނާއި ޢުމަރުގެފާނު ގެފުޅުކައިރީގައި ނަމާދުކުރެއްވިއެވެ.

ޢުމަރުގެފާނު އިސްލާމްވެވަޑައިތުމާގުޅޭ އެހެން ރިވާއެއްވެސްވެއެވެ. އެރިވާގައިވާގޮތުން އެކަލޭގެފާނު ބޭނުންފުޅުވީ އިސްލާމްދީން ގަބޫލުކުރެއްވިކަން ސީދާ އަބޫޖަހުލަށް އަންގަވައި އޭނާގެ މޫނުގައި ތަފާއްޔެއް ޖައްސަވާށެވެ. އެގޮތުން އެއްދުވަހު ޢުމަރުގެފާނު އަބޫޖަހުލު ހޯއްދަވަން އޭނާގެ ގެއަށް ވަޑައިގެން ދޮރުގައި ޓަކިޖެއްސެވިއެވެ. އެވަގުތު އަބޫޖަހުލު ދޮރުހުޅުވައި ޢުމަރުގެފާނަށް މަރުހަބާކިޔައި ދެންނެވިއެވެ. 'މަރުހަބާއެވެ. ކަލޭގެފާނު ތިޔަ ވަޑައިގަތީ ކޮންކަމަކާތޯއެވެ؟' ޖަވާބުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. 'އަހަރެން މިއައީ އަހަރެންނަކީ މިހާރު މުސްލިމެއްކަން ކަލެއަށް އަންގަންވެގެންނެވެ. އަދި އަހަރެންނަކީ މުޙައްމަދުގެފާނު ގެންނެވި ދީނުގެ މީހަކީމުއެވެ.' އެވަގުތު ފިސާރި ބާރަށް ދޮރު ލެއްޕުމަށްފަހު އަބޫޖަހުލު ބުންޏެވެ. 'ކަލެއަށާއި ކަލޭ އައި ކަންތަކަށް ﷲ ކޯފާ ލައްވާށިއެވެ.'

Advertisement

ދެން މައްކާގައި އެންމެގިނައިން ވާހަކަފަތުރައި ވާހަކަ އުފުލާ މީހަކީ ކޮބައިތޯ ޢުމަރުގެފާނު ހޯއްދެވިއެވެ. އެމީހަކީ ޖަމީލު އިބުނު މުޢައްމަރު އަލްޖުމާހީކަމުގައިވިއެވެ. ޢުމަރުގެފާނު ދެން ޖަމީލު ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. 'އަހަރެންގެ ވަރަށްބޮޑު ސިއްރެއް އެބައޮތެވެ. އަހަރެން އިސްލާމް ދީން ގަބޫލުކޮށްފީމެވެ. އަދި އަހަރެން މިހާރު މިއުޅެނީ މުޙައްމަދު ގެންނެވި ދީނުގައެވެ.' ޖަމީލު އެވަގުތު ފުއްމައިގަތުމަށްފަހު ދުވެފައި ހިނގައްޖެއެވެ. އޭނާގެ ބޭނުމަކަށްވީ މައްކާގެ މީސްތަކުންނަށް މިޚަބަރުދޭ ފުރަތަމަ މީހަކަށް އޭނާވުމެވެ. ދެން އޭނާ މައްކާގެ މަގުތަކުގައި ޢުމަރު އިބުނު ޚައްޠާބު އިސްލާމްވެވަޑައިގަތް ވާހަކަ ގޮވިއެވެ. ބުނެވޭގޮތުގައި ޢުމަރުގެފާނު އިސްލާމްވެވަޑައިގަތް ދުވަހު އެކަލޭގެފާނާ ވަރަށް ގިނަ މީހުން ހަރަމްފުޅުގައި ތަޅާފޮޅިއެވެ. އެކަލޭގެފާނަށް ހިމާޔަތްދެއްވީ އަމްރު އިބުނު ޢާޞްގެ ބައްޕަ ޢާޞްއެވެ.

ހަމްޒަތުގެފާނާއި ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމަކީ މުސްލިމުންނަށް ލިބުނު ވަރަށްބޮޑު ނަސްރެކެވެ. އަދި މިކަމުގެ ސަބަބުން ޤުރައިޝުންނަށް ނުރައްކާވިއެވެ. މިދަނޑިވަޅަކީ އާދަޔާޚިލާފް ދެކަމެއް ހިނގި ވަގުތަކަށްވިއެވެ. އެއްކަމަކީ މުސްލިމުންގެ ގިނަ ބަޔަކު ޙަބުޝްކަރައަށް ހިޖުރަކުރުމެވެ. އަނެއްކަމަކީ މައްކާ ދެބޮޑުން އިސްލާމްދީނަށް ވަނުމެވެ.

ބުނެވޭގޮތުގައި ދީނަށް ގޮވައިލެއްވުމުގެ ހަތްވަނަ އަހަރު ޤުރައިޝް ވަންހައިގެ ހުރިހާ ގަބީލާއަކުން ސައްލާކޮށް ރަސޫލާ ﷺ އަވަހާރަކޮށްލަން ނިންމިއެވެ. މިސައްލާގައި އެމީހުން ބުނިކަމުގައިވެއެވެ. 'އަހަރެމެން އޭނާ މަރާލަންޖެހެއެވެ. އަހަރެމެން އެކަން ކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ބަނޫ ޙާޝިމްގެ މީހުން އޭނާ އަހަރެމެންނަކާ ހަވާލެއްނުކުރާނެއެވެ.' އަހަރެމެން އެމީހުންނަށް އެމީހުން އެދޭގޮތަކަށް މަރުގެ ދިޔަ ހުށަހަޅަމާއެވެ. އަދި އޭނާ މަރާނުލާނެކަމަށް އެމީހުންނަށް އަންގާނީއެވެ. ފައިސާދީގެން އެކަން ކުރުވާނީ އެހެން ގަބީލާއެއްގެ ބަޔަކު ލައްވައެވެ.'

ދެން އެންމެ ފަހު ފަހަރު ކަމަށް ނިންމައިގެން އަބޫޠާލިބުގެފާނު އަރިހަށް އެމީހުން ގޮސް ދެންނެވިއެވެ.

'ކަލޭގެފާނަށް އިތުރުގޮތެއް ނެތެވެ. އަހަރެމެންނާ މުޙައްމަދު ހަވާލުކުރައްވާށެވެ. ކަލޭގެފާނު ބޭނުންފުޅުވާވަރަކަށް މަރުގެ ދިޔަ ދޭނަމެވެ. އޭނާގެ ކަންތައް ނިންމާނީ ޤުރައިޝްގެ މީހެއްވެސްނޫނެވެ. އެހެންނޫނީ އަހަރެމެން ޖެހޭނީ ކަލޭގެފާނު އަހަރެމެންނާއި ވަކިކުރާށެވެ. ކަލޭގެފާނަށް ފެނެއްވެސް ކާއެއްޗެއްވެސް ލިބުނަކަނުދޭނަމެވެ. އަދި އަހަރެމެން ކަލޭގެފާނު މުޅިން ބޮއިކޮޓްކުރާނަމެވެ.' މިގޮތަށް އަބޫޠާލިބުގެފާނު އަރިހުގައި އެމީހުން ވާހަކަދެއްކުމުން ކޯފާއިސްކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ކަލޭމެންނަށް ފެންނަ ގޮތެއް ހަދާށެވެ. އަހަރެންގެ ކޮއްކޮ ކަލޭމެންނާ ހަވާލުކުރާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.'

މިހާދިސާއާ ގުޅިގެން އަބޫ ޠާލިބު މައްކާއިން ބޭރުގައިވާ ވާދީއެއްގައި ދިރިއުޅުއްވަން ފެއްޓެވިކަމުގައިވެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ވާދީއަކީ ބަނޫ ޙާޝިމްގެ މިލްކުގައިވާ ތަނެކެވެ. ބައެއް ރިވާގައިވާގޮތުން ޤުރައިޝުން އެކަލޭގެފާނު އަރުވާލެއްވީއެވެ. ދެން ބަނޫ ޙާޝިމާދެކޮޅަށް އެމީހުން އިގުތިސާދީގޮތުންނާއި ސިޔާސީގޮތުންނާއި އިޖުތިމާއީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އެގޮތުން އެމީހުން އެކުލަވާލި އެއްބަސްވުމުގައިވަނީ ބަނޫ ޙާޝިމް ދަރިކޮޅުގެ އަތުން އެއްޗެއް ނުގަތުމަށާއި އެމީހުންނަށް އެއްޗެއް ނުވިއްކުމަށާއި އެމީހުންނާ ކައިވެނި ނުކުރުމަށެވެ. އެއަށްފަހު މިއެއްބަސްވުން ގެފުޅުގެ އެތެރޭގައި އެލުވިއެވެ. މިއެއްބަސް ލިޔުނު މީހަކީ ބުޢައިޟު އިބުނު ޢާމިރުއެވެ. އޭނާޔާދެކޮޅަށް ރަސޫލާ ﷺ ދުޢާކުރެއްވިއެވެ. ނަތީޖާއަކަށްވީ އޭނާގެ ދެއަތް ވާވެ އެހާލުގައި އޭނާ މަރުވުމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
1
+1
8
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް