September 20, 2024 14:26
Advertisement

-Advertisement-

ޖާހިލިއްޔަ ޒަމާނުގައި ވަރި

ޖާހިލިއްޔަ ޒަމާނުގައި ތަފާތު ގޮތްގޮތައް ވަރިކުރެއެވެ. އީލާއުކުރުމާއި ޠިހާރުކުރުމަކީ މީގެތެރެއިންވާ ގޮތްތަކެކެވެ. رسول الله ރަސޫލު ކަމައިގެން ފޮނުއްވުނު އިރުވެސް ޢަރަބީންގެ ތެރޭގައި ޠިހާރުކުރުން އޮތެވެ.

ޠިހާރުކުރުމަކީ މައިމީހާއާއި ނުވަތަ ކައިވެނި ޙަރާމް އަންހެނަކާ، ތިމާގެ އަނބިމީހާ އާއި އެއްފަދަކުރުމެވެ. އެއީ ދަރިން، އަންހެން ކޮއްކޮ، ދައްތަ، ނުވަތަ ބޮޑުދައިތަ ފަދަ މަޙްރަމުންނާ އެއްފަދަ ކުރުމުވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި މިކަންކުރެވެނީ އަންހެން މީހާއަށް އަނިޔާވެރިވުމަށްޓަކައެވެ. އެޒަމާނުގައި ޠިހާރުކޮށްފިނަމަ އެދެމީހުން ދާއިމަށް ޙަރާމްވެއެވެ. ދެން އެދެމީހުނަށް ގުޅެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

ނަމަވެސް އިސްލާމްދީން އައުމަށްފަހު ޠިހާރު ކުރުންވަނީ ޙަރާމް ކުރައްވާފައެވެ. މާތްﷲ ވަޙީކުރައްވަނީ: " اَلَّذِيْنَ يُظَاهِرُوْنَ مِنْكُمْ مِنْ نِسَائِهِمْ مَّا هُنَّ أُمَّهَاتِهِمْ إِنْ أُمَّهَاتُهُمْ إِلاَّ الَّآئِيْ وَلَدْنَهُمْ وَإِنَّهُمْ لَيَقُوْلُوْنَ مُنْكًرًا مِنَ الْقَوْلِ وَزُورًا وَإِنَّ اللهَ لَعَفُوٌّ غَفُوْرٌ." ( سورة المجادلة 2) މާނައީ:" ތިޔަބައިމީހުންކުރެ އަނބީންނަށް ޠިހާރުކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެތްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން، އެއުރެން އެބުނަނީ މުންކަރުބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ޢަފޫކުރައްވާ، ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ."

Advertisement

މިއާޔަތުގައި ބަޔާންކުރައްވަނީ ތިމާގެ އަނބިމީހާ، ކައިވެނި ޙަރާމް އަންހެނަކާ އެއްފަދަކުރުމަކީ ﷲ ނަހީ ކުރައްވާފައިވާ ކަމެއްކަމެވެ. ޠިހާރު ކުރުމަކީ މުންކަރު ބަހެއްކަމަށާއި ދޮގެއްކަން މާތްﷲ ވަނީ ސިފަ ކުރައްވާފައެވެ. މިއާޔަތުން ދަލީލުކޮށްދެނީ ޠިހާރު ކުރުމަކީ ޙަރާމްކަމެއްކަމެވެ.

أَوْسْ ގެފާނުގެ އަނބިކަނބަލުން خَوْلَة بِنْتُ ثَعْلَبَة ޠިހާރު ކުރުންވީ މުސްލިމުންގެ ތެރޭގައި ކުރެވުނު އެންމެ ފުރަތަމަ ޠިހާރަށެވެ. އަދި سُوْرَةُ الْمُجَادَلَةَ ގެ އެއްވަނަ އާޔަތުން ފެށިގެން ހަތަރު ވަނަ އާޔަތް ބާއްވާ ލެއްވުނީވެސް ޚައުލާ ބިންތު ޘަޢުލަބާ ޠިހާރު ކުރުމާއިގުޅިގެންނެވެ. އެކަމަނާ އެކަމުގައި  ރަސޫލާ އަރިހުގައި އިސްލާމްދީނުގައި އެކަމަށް ރަނގަޅު ޙުކުމެއް ކުރެއްވުމަށާއި އެކަމާމެދު ﷲ އަށް ޝަކުވާ ދެންނެވުމުންނެވެ. އެހެނީ އޭރުގައި ޠިހާރަށް ހުކުމެއް އައިސްފައި ނުވާތީއެވެ. މިކަމުގެ ސަބަބުން އެކަމަނާގެ ފިރިމީހާ އާއި މުޅިއުމުރަށް ވަކިވާންޖެހޭތީއެވެ. މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ: "ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދިﷲގެ ޙަޟަރަތަށް ޝަކުވާ ދަންނަވާ ކަނބުލޭގެ ބަސް، ﷲ އައްސަވާވޮޑިގެންފިއެވެ." (سورة المجادلة 1)

އިސްލާމްދީނަކީ ހުރިހައި ގޮތަކުންވެސް އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރާ ދީނެކެވެ. މިބޮޑު އަނިޔާއިން އަންހެން މީހާ ރައްކާތެރި ކޮށްދިނީ އިސްލާމީ ޝަރީއަތުގައެވެ. ޖާހިލިއްޔަ ޒަމާނުގައި އޮތް ނުބައި އާދަ ބަދަލުކޮށް އިސްލާމްދީނުގައި ވަކި ޙުކުމެއް ކަޑައެޅުއްވިއެވެ. އަނބިން ޠިހާރުކޮށް އެބުނިބަސް އަނބުރައި ގެނައުމަށް އެދޭނަމަ ކަންތައް ކުރަންޖެހޭނޭ ގޮތް މިއަންނަނިވި އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ:" އަދި އެއުރެންގެ އަނބިންނަށް ޠިހާރުކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި ( އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަޞޭޙަތް ދެއްވާގޮތެވެ. އަދިﷲ އީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފާށެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭންހުށިކަމެވެ! އެއީ ތިޔަބައިމީހުން ﷲ އާއި، އެކަލާނގެ ރަސޫލާއަށް އީމާން ވުމަށްޓަކައެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ކާފަރުންނަށް ވޭންދެނިވި އަޛާބު ހުށްޓެވެ." ( سورة المجادلة 3_4)

މިއާޔަތުން އެނގެނީ  ޠިހާރުގެ ކައްފާރާ އަދާކުރަންޖެހޭނީ ތިންގޮތަކުންކަމެވެ. އަދި ޤުރުއާނުގައި އައިސްފައިވާ ތަރުތީބުން އެކަން ކުރަންޖެހޭނެކަމެވެ. އެއީ އަޅަކު މިނިވަން ކުރެވެން ނެތްނަމަ ވިދިވިދިގެންް ދެމަސް ދުވަހު ރޯދަހިފުން އެކަމަށް ކުޅަދާނަ ނުވާނަމަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. (އެބަޔަކު ކައި އުޅޭ ބާވަތަކުން)

މިއާޔަތްތައް ބާއްވާ ލެއްވުމުން ޠިހާރުކުރުމަކުން އަދި ވަރިއެއް ނުވާނެއެވެ. އެހެންނަމަވެސް ކައްފާރާ ދެއްކުން ފިރިމީހާގެ މައްޗައް ވާޖިބުވެގެންވެއެވެ. އެކައްފާރާ އަދާނުކޮށް އެއްދާން ކުރުމަކީ ޙަރާމްކަމެކެވެ. މިހެންކަމުން ޠިހާރު ކުރުމަށްފަހު ކައްފާރާ ނުދައްކާ އެއްދާންކޮށްފިނަމަ އެދެމީހުންވެސް ފާފަވެރިވާނެއެވެ. އެބަޔަކަށް އޮތީ ﷲ ޙަޟުރަތުން ތަޢުބާވުމަށްފަހު ކައްފާރާ އަދާކުރުމެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް