ފުރަތަމަ ދަރިފުޅު ލިބޭއިރު ވަރަށް ބޮޑަށް ތައްޔާރުވެ ގިނަ ކަންތައްތަކެއް އަމިއްލައަށް ދަސްކުރަންޖެހެއެވެ. މިގޮތަށް ކަންތައްތައް ދަސްކުރާއިރު އަދި ގިނަ އަދަދެއްގެ ތަކެތި ގަންނައިރު ކުޑަދަރިފުޅު ޖެހުމަށް ބޭނުންކުރާ ނެޕީއާއިމެދު ވިސްނާލެވެނީ ފަހުވަގުތުއެވެ.
ބައެއްފަހަރަށް ގަންނަ ނެޕީއަކީ ކުޑަދަރިފުޅު ބޭނުންކުރުމަށް އެހާ ރަނގަޅު ނޫން ވައްތަރުގެ ނެޕީއަށްވެސް ވެއެވެ. ތަފާތު ވައްތަރުގެ ނެޕީ ގަންނަންޖެހުމުން އަތުން ބޮޑު ހަރަދެއް ކުރަންޖެހޭ ފަހަރުވެސް އާދެއެވެ.
ތިރީގައި މިވަނީ ނެޕީއާއި ގުޅޭގޮތުން އެނގުން މުހިންމު މައުލޫމާތެވެ.
- ނެޕީ އިން ލީކުވުން
ޚާއްސަކޮށް ރޭގަނޑު ގަޑީގައި ނެޕީއިން ލީކުވާކަމަށް ފާހަގަވެއެވެ. މިކަން ހައްލުކުރުމަށް ދުވާލުގަޑީގައި ބޭނުންކުރާވަރަށްވުރެ ބޮޑު ނެޕީއެއް ރޭގަނޑު ބޭނުންކުރެވިދާނެއެވެ. އެއިރުން ދަރިފުޅުގެ ނެޕީއިން ލީކުވެގެން ރޭގަނޑު ދަންވަރު ހުރިހާއެއްޗެއް ސާފުނުކޮށް ވެދާނެއެވެ. އެކަމަކު ބޮޑުނެޕީއެއް ބޭނުންކުރިއަސް ނެޕީ ބަދަލުކުރަންޖެހޭ ގަޑީގައި ބަދަލުކުރުމަށް އިސްކަންދޭންވާނެއެވެ. އެހެންނޫނީ ގިނައިރުވެފައިވާ ނެޕީގެ ސަބަބުން ދަރިފުޅަށް ނިދަން އުދަގޫވުން އެކަށީގެންވެއެވެ.
- ކުޑަ ދަރިފުޅު އަބަދުވެސް ހަރަކާތްކުރާނެކަމަށް ސަމާލުވުން
ކުޑަދަރިފުޅުގެ ނެޕީ ބަދަލުކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކީ އެކުދިން އަބަދުވެސް ހަރަކާތްތެރިވެ އުޅޭތީއެވެ. ކުޑަދަރިފުޅުގެ ނެޕީ ބަދަލުކުރާއިރު އެކުއްޖާގެ ސަމާލުކަން ހޯދުމަށް ވާހަކަދެއްކިދާނެއެވެ. ނުވަތަ ގަޔާވާނެކަހަލަ އަޑުތައް ލެއްވިދާނެއެވެ. އަދި ބޭނުންވާ ކުޅޭއެއްޗެއް އަތަށް ދެވިދާނެއެވެ. އެގޮތަށް ސަމާލުކަން ހޯދުމަށްފަހު އަވަސްއަވަހަށް ނެޕީ ބަދަލުކުރެވޭތޯ ބަލާށެވެ. މިއީ ވެސް ހުނަރެކެވެ.
- ނެޕީ ޖެހުމުން އެލާޖިކްވުން
ބައެއް ވައްތަރުގެ ނެޕީ ޖެހުމުން ކުޑަދަރިފުޅުގެ ހަންގަނޑު ރަތްވެ ކުދިކުދި ބިހިތަކެއް ނަގާ ނުވަތަ ހިރުވާގޮތްވެސް ވެދާނެއެވެ. މިގޮތަށް ވާނަމަ އެހެންވައްތަރެއްގެ ނެޕީއަށް ބަދަލުކުރާށެވެ. އަދި ރަނގަޅަށް ސާފުކުރުމަކީވެސް ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މުހިންމު ކަމެކެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ކްރީމެއް ބޭނުންކުރެވިދާނެއެވެ.
- ބޭނުންވައްތަރެއްގެ ނެޕީއެއް ހޯދުން
ނެޕީ ހޯދާއިރު ފަސޭހައިން ބޭނުންކުރެވޭ ރަނގަޅު ބްރޭންޑެއްގެ ނެޕީ ހޯދުމަށް އިސްކަންދެވިދާނެއެވެ. ބައެއް ނެޕީތަކަކީ ތުނިކޮށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ހަދާފަހުންނަ ނެޕީއެވެ. އެއްފަހަރު ބޭނުންކޮށްފަ އުކާލާ ނެޕީ ހުންނައިރު އަނެއްބައި ނެޕީއަކީ ފޮތިން ތައްޔާރުކޮށްފަ ހުންނަ ނެޕީއެވެ. އަމިއްލައަށް ބެލުމަށްފަހު އެންމެ ފަސޭހައިން ބޭނުންކުރެވޭނެ ރަނގަޅު ވައްތަރެއްގެ ނެޕީއެއް ގަނެވިދާނެއެވެ.