September 20, 2024 22:32
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އަބޫ ޠާލިބުގެ ހަޔާތްޕުޅުން ލިބިދޭ މުހިންމު ފިލާވަޅުތައް

1- މީހުން ކުރާ ކަންކަމަށް ތަބާވުމުގައި އަހަރެމެން ވިސްނަންޖެހެއެވެ. އެއީ ގިނަ މީހުންނަށް ވީކަމުގައިވީނަމަހެވެ. އަދި އެއީ އަހަރެމެންގެ މައިންބަފައިންނާއި ކާބަފައިންނަށްވީނަމަވެހެވެ. ﷲ ގެ ވަހީ ބަސްފުޅާއި ރަސޫލާ ﷺ ގެ ބަސްފުޅަށްވުރެ މުޤައްދަސް ބަސްފުޅެއްނުވެއެވެ. އެހެންފަރާތްތަކަށް ތަބާވާ މީހުންނަށް ޤިޔާމަތް ދުވަހު ޢަފޫއެއްނުކުރެވޭނެއެވެ. އެމީހުންނަކީ ކިތަންމެ މާތް ކިތަންމެ ބޮޑު ބަޔަކަށްވީނަމަވެހެވެ. ކާބަފައިންގެ ފަރާތުން ވާރުތަވާ ކަންކަމަކީ ޙައްޤުކަމުގެ ދަލީލެއްނޫނެވެ. ޙައްޤުއަންނަނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުންނެވެ. މިކަމާގުޅުން ހުރި ކިތަންމެ ވާހަކައެއް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ.

 އަޙުޒާބު ސޫރަތުގެ 67 ވަނަ އާޔަތުގައި ވެއެވެ. 'އަދި އެމީހުން ބުނާނެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނާއި އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެމީހުން އަޅަމެން މަގުފުރައްދައިފިއެވެ.'

ޒުޚުރުފް ސޫރަތުގެ 23 ވަނަ އާޔަތުގައިވެއެވެ. '.. ތިމަންމެންގެ ކާބަފައިންގެ ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ އަސަރުތަކުގައި މަތީގައި ތިމަންމެން ތަބަޢަވެގެން ހިނގަމުއޭ..'

Advertisement

މިބާވަތުގެ ބަހަނާތަކަށް ﷲ ކީރިތި ޤުރްއާނުގައި ރައްދުދެއްވައެވެ. ޒުޚުރުފް ސޫރަތުގެ 24 ވަނަ އާޔަތުގައި ވެއެވެ. '...ތިޔަބައިމީހުންގެ ކާބަފައިން އެދީނެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް ދީނަށްވުރެ ހައްގުކަން ބޮޑު ދީނަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެމީހުން ބުންޏެވެ. ހަމަކަށަވަރުން، އެދީނަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި ދީނަށް ތިމަންމެންވަނީ ކާފިރުވެގެންނެވެ.'

2- ޙައްޤު އިލާހަކީ ހަމައެކަނި ﷲ ކަމެވެ. ހުރިހާ ކަމެއް ފެށެނީ އަދި ނިމެނީ އެކަލާނގެ ޙަޟުރަތުންކަމެވެ. ކޮންމެ ކަމެއްގެ ފުރިހަމަ ކޮންޓްރޯލްއޮތީ އެއިލާހުގެ ޙަޟުރަތުގައިކަމެވެ. އަދި ކޮންމެ ކަމަކަށް އެއިލާހު ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް މެނުވީ އެއްވެސް ކަމެއް ނުހިނގާނެކެމެވެ. މިސާލަކަށް ﷲ ގެ ޙަޟުރަތުގައި އެންމެ މަތިވެރި ބޭކަލަކީ ރަސޫލާ ﷺ އެވެ. އެކަމަކު އެކަލޭގެފާނުގެ އަރިހުގައި އެންމެލޮބުވެތިކަން ބޮޑު ބޮޑުބޭބޭކަލުންނަށް އެކަލޭގެފާނަށް ތެދުމަގުނުދެއްކެވުނެވެ. ރަސޫލާ ﷺ ގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ބޭނުންފުޅުވިކަމެއް ކުރެއްވުމުގެ ބާރު އެކަލޭގެފާނަށް ލިބިވަޑައިނުގަތެވެ. އެހެންކަމުން އަމުދުން އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށްފަހު އެކަލޭގެފާނަށް ކަންކުރެއްވޭނެގޮތަކީ ނެތްގޮތެކެވެ. އެކަމަކު ބައެއް މުސްލިމުން އެކަލޭގެފާނު ކަލާނގެއެއްގެ ދަރަޖައަށް މަތިވެރިކުރެއެވެ. އަދި ސުވަރުގެއާއި ނަރަކައަށް ދާނެ މީހުން އެކަލޭގެފާނަށް ކަނޑައެޅޭނެކަމަށް އެފަދަ މީހުން ދެކެއެވެ. ރަސޫލާ ﷺ ގެ ސީރާއިން އަހަރެމެންނަށް އަންގައިދެނީ ރަސޫލަކު ﷲ އާ އެއްފަދަ ނުކުރެވޭނެކަމެވެ. ﷲ އަމުރުކުރައްވާފައިވާ ފަދައިން މެނުވީ ޚުދު ރަސޫލާ ﷺ މަތިވެރިކުރަން އެއްވެސް ކަމެއް މުސްލިމަކަށް ނުކުރެވޭނެއެވެ.

3- އަބޫ ޠާލިބުގެފާނަށް ރަސޫލާ ﷺ ގެ ކިބައިގައިހުރި ލޯބި ﷲ ގެ ބަސްފުޅުން ކަށަވަރުވެއެވެ. ބައެއް މުސްލިމުންގެ ހައްދުފަހަނައަޅާފައިވާ ފިކުރުގައި ކޮންމެ ކާފަރަކަށް އަހަރެމެން ނަފުރަތުކުރަންޖެހެއެވެ. މިއީ ކަނޑައެޅިގެން ކީރިތި ޤުރްއާނާއި ސުންނަތުން ދައްކާ މަގެއްނޫނެވެ. ކާފަރުންނާއި އަހަރެމެންނާ ދެމެދުއޮތް ހަމައެކަނި މައްސަލައަކީ އެމީހުން ﷲ ގެ އެއްކައުވަންތަކަމާއި ރަސޫލާ ﷺ ގެ ރަސޫލުކަން ގަބޫލުނުކުރުމެވެ. ދީނީ ނަޒަރުން ބަލާއިރު ﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިނުވާ ބަޔަކު ދެކެ އަހަރެމެން މުސްލިމުންނަކަށް ލޯތްބެއްނުވެވޭނެއެވެ. ސޫރަތުލް މުޖާދިލާގެ  ބާވީސްވަނަ އާޔަތުގައި ވެއެވެ. 'ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައި ވާތީ ތިބާ ނުދެކޭނޫއެވެ. އެމީހުންނަކީ، އެމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުން ކަމުގައި ވިޔަސްމެއެވެ...'

ބައެއް މީހުން ބުނާގޮތުގައި އިސްލާމް ދީން އައިއިރު މުސްލިމުންނަށް ނަފުރަތު އުފައްދައެވެ. މިއީ ރަނގަޅު ވާހަކައެއްނޫނެވެ. ބަޔާންކުރެވުނު އާޔަތުގައި ﷲ ބަޔާންކުރައްވާ ލޯތްބަކީ ދީނީ ލޯތްބެވެ. ދީނީގޮތުން މުސްލިމުންގެ މައްޗަށް މުސްލިމުން ހުންނަ ލޯތްބަކީ ޣައިރު މުސްލިމުންނަށް މުސްލިމުން ބަހައްޓަންޖެހޭ ލޯތްބެއްނޫނެވެ. އެމީހަކީ ތިމާގެ އާއިލީ މެމްބަރަކަށްވިޔަސް މުސްލިމަކު އެކަމެއްނުވާނެއެވެ. އެކަމަކު ޠަބީޢީގޮތުން އަހަރެމެންނަށް ލޯބިދެވޭނެއެވެ. އެބަހީ ތިމާގެ ޣައިރު މުސްލިމް ބައްޕައަށް ނުވަތަ މަންމައަށް ނުވަތަ އާއިލާ އެހެން މެމްބަރަކަށްވެސް ލޯބިދެވޭނެކަމެވެ. މިސާލަކަށް މުސްލިމް ފިރިހެނަކަށް ޔަހޫދީ ނުވަތަ ނަސާރާ އަންހެނަކާ ކައިވެނިކުރުން ހުއްދައެވެ. އެފަދަ މީހަކާއި ލޯބިނުވެ ކައިވެނިކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ކޮންމެ އިންސާނަކު އަނެއް އިންސާނަކަށް ކަމޭހިތައި އަޅާލާ ލޯބިދިނުމަކީ ހުއްދަ ކަމެކެވެ. އެއީ ކުރަންޖެހޭ ކަންކަމެވެ.

4- އަބޫ ޠާލިބަކީ ކާފަރު ބޭކަލެކެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ބާރާއި ވެރިކަމާއި ޢިއްޒަތަކީ އެކަލޭގެފާނުގެ ކާބަފައިންގެ ފަރާތުން ވާރުތަކުރި ކަންކަމެވެ. ރަސޫލާ ﷺ އަށް ހިމާޔަތާއި ރައްކާތެރިކަން ދެވުނު ސަބަބަކީ އެކަލޭގެފާނު ވެރިއަކަށް ވުމެވެ. އެކަލޭގެފާނު އިސްލާމް ދީން ގަބޫލުކުރެއްވިނަމަ އެކަލޭގެފާނަށް ދެއްވޭނެ ހިމާޔަތަކާއި ރައްކާތެރިކަމެއް ނެތީހެވެ. އެހެންކަމުން ރަސޫލާ ﷺ އަށް ރައްކާތެރިކަން ލިބި އިސްލާމް ދީން ފަތުރަން މަގުފަހިވި ސަބަބަކީ އެކަލޭގެފާނުގެ ކުފުރެވެ. ބައެއް މީހުންގެ ހިތަށް އަރާނެއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުޖެހުމުން އިސްލާމްވެވަޑައިނުގަތީ ކީއްވެހެއްޔެވެ؟ މިފަދަ ކޮންމެ ކަމެއްގެ ޙިކުމަތާއި ސަބަބު އަހަރެމެން އިންސާނުންނަކަށް ނޭގިދެއެވެ. ސަބަބަކީ ޣައިބުގައިވާ ކަންކަން އަހަރެމެން އިންސާނުންނަށް ނޭގުމެވެ. އެފަދަ ކަންކަން ދެނެވޮޑިގެންވަނީ ޙަކީމްވަންތަ ﷲ އެވެ. އަންބިޔާ ސޫރަތުގެ ތޭވީސްވަން އާޔަތުގައިވެއެވެ. 'އެކަލާނގެ ކުރައްވާ ކަމަކާމެދު އެކަލާނގެއާ ސުވާލެއް ނުކުރެވޭނެއެވެ. އެމީހުން ކުރާ ކަންކަމާމެދު އެމީހުންނާ ސުވާލުކުރައްވާނެއެވެ.'

5- ﷲ އަށް އީމާންވުމަކީ ހަމައެކަނި ރަސޫލާ ﷺ ތެދުކުރުމެއްނޫނެވެ. އަދި ﷲ ތެދުކޮށް ރަސޫލާ ﷺ ތެދުކުރިއަސް މުސްލިމަކަށް ނުވާނެއެވެ. މިސާލަކަށް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން އަބޫ ޠާލިބުގެފާނަށް އެނގިވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ކޮށްކޯފުޅަކީ ޙައްޤު ރަސޫލު ބޭކަލެއްކަންވެސް އެނގިވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު މުސްލިމަކަށް ނުވެއެވެ. މުސްލިމަކަށްވަނީ ހިތުގެ އަޑިން ﷲ އާއި ރަސޫލާ ގަބޫލުކޮށް އެކަމަށް ފުރިހަމައަށް ކިޔަމަންވުމުންނެވެ. މިސާލަކަށް ތިމަންނާއަކީ މުސްލިމެކޭ ބުނެ، މުސްލިމަކު އަދާކުރަންޖެހޭ އެއްވެސް ކަމެއް ނުކުރާ މީހާ މުސްލިމަކަށް ނުވާނެއެވެ.

6- ނުބައި މީހުންނާ އެކު އުޅުމަކީ ނުރައްކާތެރި ގެއްލުންހުރި ކަމެކެވެ. އަބޫ ޠާލިބުގެފާނުގެ އެންމެ އަރިހުގައި ތިއްބެވީ އަދި އެކަލޭގެފާނު އެންމެގާތްކޮށް އުޅުއްވީ މުޝްރިކުންނާއެވެ. އޭގެތެރޭގައި އަބޫޖަހުލާއި ވަލީދު އިބުނު މުޣީރާ ހިމެނެއެވެ.

7– އަހަރެމެންނަށް ހީކުރެވެނީ ޣައިރު މުސްލިމެއްގެ ގޮތުގައި މީހަކު މަރުވުމުން އެމީހާ ވަޅުލުމާއި މުސްލިމުން ބެހެންނުޖެހޭނެ ކަމަށެވެ. އެކަމަކު ރަސޫލާ ﷺ ކުރެއްވި އަމުރުފުޅު ވަރަށް ތަފާތެވެ. އެކަލޭގެފާނު ޢަލީގެފާނަށް އެންގެވީ އެކަލޭގެފާނުގެ ބައްޕާފުޅު ފަސްދާނުލެއްވުމަށެވެ. މުސްލިމުންނަށް ނުކުރެވޭނެކަމަކީ ކާފަރެއްގެ މައްޗަށް ކަށުނަމާދުކުރުމެވެ. އެހެންވެ އާއިލީ މެންބަރަކު މަރުވުމުން އެމީހާއަކީ ކާފަރަކަށްވިޔަސް މައްޔިތާގެ މޫނު ބަލާ އެމީހާ ވަޅުލުމުގައި ބައިވެރިވުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަންކަމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް