September 20, 2024 13:34
Advertisement

-Advertisement-

އިސްލާމީ ނަޒަރަކުން ހައްދު: ޝަރީޢަތުގައިވާ ގޮތަށް ޙުކުމް ކުރުމުގައި ބިރު ނުގަތުމަށް އަމުރުކުރެއްވި

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. އިންސާނުންގެ މަޞްލަޙަތައްޓަކައެވެ. އިންޞާފު ޤާއިމުކުރުމަށްޓަކައެވެ. މުޖުތަމަޢުގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައެވެ. މިޙައްދުތައް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައިވަނީ ބަޔާން ކުރައްވާފައިވެއެވެ. ޝަރުޢުގައި ބަޔާންކުރައްވާފައިވާ މިޙައްދުތައް ޤާއިމުކުރެއްވުމަށް އަމުރު ކުރައްވާފައިވެއެވެ. ޙުކުމް ކުރުމުގައި މާތްﷲ ބާވާލެއްވި ޝަރީޢަތަށް ޙުކުމް ކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެހެން ގޮތަކަށް ޙުކުމް ކުރެއްވުން ޙަރާމް ކުރެއްވިއެވެ. މާތްﷲ ބާވާލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ފާސިޤެއްކަމުގައި ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވަނީ: "ومن لم يحكم بما أنزل الله فأولئك هم الفاسِقُونَ " (المائدة 47) މާނައީ: "އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ފާސިޤުންނެވެ".

އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޙުކުމް ކުރުމުގައި އެހެން އިންސާނުންދެކެ ބިރު ނުގަތުމަށް އަމުރުކުރެއްވިއެވެ. އަދި އެހެން މީހުންގެ ރުހުން ހޯދުމަށްޓަކައި ކުޑަ އަގަކަށް ނަމަވެސް މާތްﷲ ބާވާލެއްވި އާޔަތްތައް ވިއްކާނުލުމަށް އަމުރުކުރެއްވިއެވެ. އެއާޔަތްތައް ބަދަލުކުރުންވަނީ ޙަރާމްކުރައްވާފައެވެ. މާތްﷲ ޝަރުޢުކުރައްވާފައިވާ ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކާފިރުން ކަމުގައި ނުވަތަ އީމާންނުވާ ބައެއްގެ ގޮތުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ: "فَلاَ تَخْشَوُاْ النَّاسَ وَاخْشَوْنِ وَلاَ تَشْتَرُوا بِئَايَاتِى ثَمَنًا قَلِيْلاً وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُوْلَئِكَ هُمُ الْكَافِرُونَ " (المائدة 44) މާނައީ: "ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުހިފާށެވެ! ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފަރުންނެވެ." ހަމަމިފަދައިން المائدة 45 ވަނަ އާޔަތުގައި ޙުކުމް ނުކުރާ މީހަކީ އަނިޔާވެރިއެއްކަމުގައި ވަނީ ބަޔާންކޮށް ދެއްވާފައެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގާވަނީ: "އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."

އިސްލާމް ދީނުގައި ޙައްދުތައް ކަނޑައެޅިފައިވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވަނީ ހަމައެކަނި އެކަމުގެ ސަބަބުން މީހުންނަށް ގެއްލުން ލިބޭ ކަންތައްތަކަށެވެ. އެއީ މުޖުތަމަޢުގެ އަފްރާދުން އަމާންކަމާއި ހަމަޖެހުމާއި އެކު އުޅުމަށްޓަކައެވެ. އަދި މުޖުތަމަޢު ފިތުނަ ފަސާދައިން ރައްކާތެރި ކުރުމަށްޓަކައެވެ. މިގޮތުން އެހެން އިންސާނެއްގެ މުދަލަކުން ވައްކަންކުރި މީހާގެ އަތްކެނޑުން ހިނމެނެއެވެ. މިޙައްދު ޝަރުޢު ކުރެއްވީ މުޖުތަމަޢުގެ އަފްރާދުންގެ މުދާ ރައްކާތެރިކުރުމަށްޓަކައެވެ. ފާޙިޝް ޢަމަލުކުރާ އަންހެނާއާއި ފިރިހެނާ ގައިގާ ހައްދުޖެހުން ޝަރުޢުކުރެއްވިއެވެ. އެއީ އެކަމުގެ ސަބަބުން މުޖުތަމައުގައި ކައިވެންޏާއި ނުލައި ލިބޭ ދަރިން ގިނަވެދާނެތީއެވެ. ބައްޕަނެތް ކުދިންނާއި އަޅާލާ ޚަރަދުކުރާނެ މީހަކު ނުހުންނާނެތީއެވެ. އެކުދިންގެ ޒިންމާ ނަގާނެ މީހަކު ނުހުންނާނެތީއެވެ. އަދި ފާޙިޝް އަމަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އެކަމުން މުޖުތަމަޢު ރައްކާތެރި ކުރުމަށްޓަކައެވެ. ހަމައެހެންމެ ޤަޛްފުކުރާ މީހާ ގައިގާ ޙައްދުޖެހުން ޝަރުޢުކުރެއްވީ ވެސް މަތިވެރި މަޤްޞަދެއްގައެވެ. އެއީ އިއްފަތްތެރިކަމާއި އަބުރު ރައްކާތެރިކުރުމަށްޓަކައެވެ. އެއްވެސް ހެއްކަކާއި ނުލައި ޤަޛްފުކުރުން ޙަރާމްކުރެއްވީ މިހެންވެގެންނެވެ. އިންސާނެއްގެ ނަފްސު ޙައްޤަކާ ނުލައި މަރާ މީހުންނަށް ޤިޞާޞު ހިފުން އައިސްފައިވަނީވެސް ހަމަމިހެންނެވެ. މުޖުތަމަޢުގެ އަފްރާދުންގެ ނަފްސު ރައްކާތެރިކުރުމަށްޓަކައެވެ. މުޖުތަމަޢުން އަނިޔާވެރިކަން ނައްތާލުމަށްޓަކައެވެ.

Advertisement

ކުރިން ބަޔާންވެގެން ދިޔަ ޙައްދު ތަކަކީ މާތްﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކެވެ. މިނޫން ގޮތަކަށް ޙުކުމް ކުރުމުގެ ހުއްދަ އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ. އެޙައްޤު މުއުމިނު އަންހެނަކަށް، އަދި ފިރިހެނަކަށްވެސް ލިބިގެން ނުވެއެވެ. އެގޮތަށް ޙުކުމް ނުކުރާ މީހުންނަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހެކެވެ. އަދި އެމީހަކީ މަގުފުރެދިފައިވާ މީހެކެވެ. މާތްﷲ ބާވައިލެއްވި ޝަރީޢަތާއި ޚިލާފުވެ ތިމާ ބޭނުން ގޮތަކަށް ކަންކަމުގައި ޙުކުމް ކުރުންވަނީ ޙަރާމްކުރައްވާފައެވެ. މާތްﷲ ވަޙީކުރައްވަނީ: "وَمَا كَانَ لِمُؤُمِنٍ وَلاَ مؤُمِنَةٍ إِذَا قَضَى اللهُ وَرَسُوْلَهُ أَمْرًا أَنْ يَكُوْنَ لَهُمُ الْخِيَرِةُ مِنْ أَمْرِهِمْ وَمَنْ يَعْصِ الله وَرَسُولَهُ ضَلَّ ضَلَالاً مُبِيْنًا" (الأحزاب 36). މާނައީ: "އަދިﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގު ފުރެދިއްޖެކަން ކަށަވަރެވެ."

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް