އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމުން އެލިބެނީ އެފަދަ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ދާއިމީގޮތަކަށް އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކެއް ރަށުފެންވަރުގަވެސް ކުރިއަށް ގެންދިއުން މުހިންމެވެ.
ބައެއް ރަށްރަށުގެ ކައުންސިލް ފެންވަރުގަ އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުން އިސްނަގައިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަރާކްތައް ހިންގާކަން ފާހަގަކުރެވެއެވެ. މިގޮތުން ހަކުރުބަލީގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަށް 'ހެލްތް ސްކްރީނިންގ' ޕްރޮގްރާމްތައް ވެސް ދަނީ އިންތިޒާމްކުރަމުންނެވެ.
ދުޅަހެޔޮކަމަށް އިސްކަންދީ ތަފާތު މައުލޫމާތުތައް ދިނުމަށް ވެސް ހަރަކާތްތަކެއް އިންތިޒާމް ކުރެވިދާނެއެވެ. އަދި އިސްރަށްވެހިންނާއި ކުޑަކުދިން ގުޅިގެން އުފާވެރިވަގުތުތަކެއް ހޭދަކުރުމަށް ތަފާތު ކުޅިވަރުތައްވެސް އިންތިޒާމް ކުރެވިދާނެއެވެ.
މާލޭގެ ސްކޫލެއްގައި ކާފައާއި މާމައާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިން މަންޒަރު މިދިޔަމަހު ވަނީ ފެނިފައެވެ. މިފަދަ ހަރާކާތްތަކުން ދަރިވަރުންނާއި އާއިލާގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނާދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އިސްރަށްވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން 'ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް' އާއި 'އެޗްޑީސީ' ގުޅިގެން ހުޅުމާލެ ބީޗްގައި މިދިޔަ މަހު ވަނީ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. މިހަރަކާތުގެތެރެއިން ހަކުރުހުންނަ މިންވަރު ބެލުމުގެ އިތުރަށް ތަފާތު މައުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.
އަދި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން 'ދޮށީއުމުރާއި ސިއްހަތު'ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އެޗްޑީސީ އިން ވަނީ މިދިޔަމަހު ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ހަކުރުބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތަކަށް ހޭލުންތެރިކުރުވައިފައިވެއެވެ.
މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާއިރު މިފަދަ ތަފާތު ސިއްޙީ ޕްރޮގްރާމްތައް ހޮސްޕިޓަލުތަކުން އިސްނަގައިގެން ވެސް ކުރިއަށް ގެންދެވިދާނެއެވެ. އަދި އެނޫން މުއައްސަސާތަކުން ވެސް އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމަކީ އެފަދަ މީހުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީނެވެ. މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކުވެސް ވަނީ އެލިބުނު ހިތްހަމަޖެހުން ހިއްސާކޮށްފައެވެ.
" ވަރަށް އުފާވި ރަށުފެންވަރުގައި ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އެންމެން ޕާކަށް ގެންގޮސް މައުލޫމާތުދިނުމުން. އަދި އެންމެން އެއްތަނަކުން އެގޮތަށް ދިމާވީމަވެސް ލިބުނު ހިތްހަމަޖެހުން ބޮޑު. ތަފާތު އެކި ސަބަބުތަކާހުރެ އާންމުކޮށް ބޭރަށް ގޮސް ނުއުޅޭ އުމުރުން ދުވަސްވީ މީހުންވެސް މިފަދަ ޕްރޮގްރާމްތަކުގަ ބައިވެރިވޭ" ޒީޓައިމްސް އާއި މައުލޫމާތު ހިއްސާކުރަމުން އާއިޝަތު ދީދީ ފާހަގަކުރިއެވެ.