December 5, 2024 00:25
Advertisement

-Advertisement-

ޝަޒޫ: ކުރިމަތިވި އަނދިރި ދުވަސްތަކުން އަރައިގަނެ ދައްކާ ހިތްވަރު!

ގދ.ފަރެސްމާތޮޑާ އަށް އުފަން އަދި އެރަށުގައި ދިރިއުޅެމުންދާ މަރްޔަމް ޝަޒްލާ (ޝަޒޫ) އަޅުގަނޑަށް ފާހަގަކުރެވެނީ ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަމިއްލައަށް ކުރަން ދަންނަ ހިތްވަރާއެކު މަސައްކަތްކުރާ ކަނބަލެއްގެ ގޮތުގައެވެ.

ޝަޒޫ އަކީ ވެސް އެހެން އަންހެނުންނެކޭ އެއްގޮތަށް ވަޒީފާ އަދާކުރަމުން ޒަވާޖީ ހަޔާތެއް އުޅެމުން އައި މީހެކެވެ. އެހެންނަމަވެސް އެހަނދާންތަކަކީ ފޮނި ހަނދާންތަކެއް ނޫނެވެ. އެއިރު އެދިމާވި ހިތްދަތި ކަންތައްތައް ހަނދާންކުރާކަށްވެސް ޝަޒޫ ބޭނުމެއް ނުވެއެވެ. އެއަށްވުރެ އޭނާ އަށް މުހިންމީ ލިބުނު ދެދަރިންނާއެކު އަމިއްލައަށް ކޮންމެ މަސައްކަތެއްވެސް ކޮށްގެން ދިރިއުޅެވޭ މީހަކަށްވުމެވެ.

އެކަނިވެރި މައެއްގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ ޝަޒޫ ވަޒީފާ އަދާކުރަނީ ރަށު ސުކޫލުގެ ލައިބްރަރީގަ 'އެސިސްޓެންޓް ލައިބްރޭރިއަން'ގެ މަގާމުގައެވެ. ސްކޫލުގައި ވަޒީފާ އަދާކުރާތާ 16 އަހަރު ވީއެވެ.

Advertisement

ވަޒީފާގެ އިތުރުން ކުރާ މަސައްކަތް:

  • ގްރެފިކްސް ޑިޒައިނިންގ
  • ފޮޓޯނެގުން
  • ވީޑިއޯގްރަފީ
  • ޕްރިންޓިންގ މަސައްކަތް
ޝަޒޫ ނަގާފައިވާ ފޮޓޯތަކެއް

މިހާތަނަށް ފޮޓޯ ނަގައިދީފައިވަނީ ހިލޭ ސާބަހަށް

'ޝަޒޫ ފޮޓޯގްރަފީ' ނަމުގައި ފޭސްބުކްގައި ޕޭޖެއްވެސް ހިންގަމުން އަންނަ ޝަޒޫ މިދާއިރާއަށް ޝައުގުވެރިވީ ލައިބްރަރީގެ ކާޑު ހެދުމަށް ފޮޓޯ ނަގަން ފެށި ހިސާބުންނެވެ.

ޝަޒޫ ނަގާފައިވާ ފޮޓޯއެއް

" ފަންސާސް ހާހަށްވުރެ ގިނަ ފޮޓޯ ނެގިފަ ހުންނާނެ. އާމްދަނީ ހޯދުމަށް އަދި މިމަސައްކަތެއް ނުކުރަން. ރަށުގެ ތާރީޚީ ތަންތަނުގެ ގިނަ ފޮޓޯތަކެއް ނެގިފަ ހުންނާނެ. ރަށުގަ ބާއްވާ ތަފާތު ހަރަކާތްތަކުގެ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ޝެއާކޮށް ބައެއް އޮންލައިން ނޫސްތަކަށް ވެސް ފޮޓޯ ހަދިޔާކޮށްފަ ހުންނާނެ. އަދި ސުކޫލުގައި ބާއްވާ ޖަލްސާތަކުގެ ފޮޓޯ ނަގައިދެން ". ޝަޒޫ

ކުރުމުއްދަތުގެ ހަތަރު ކޯހެއް މިދާއިރާއިން ފުރިހަމަކޮށްފައިވާ ޝަޒޫގެ ފޮޓޯތައް 'ޒީޓައިމްސް' ގެ ފޮޓޯ ކެޓެގަރީގަވެސް ވާނީ ގެނެސްދީފައެވެ.

ފަރެސްމާތޮޑާގެ ގުދުރަތީ ރީތިކަން ފެންނަ ގިނައަދަދެއްގެ ފޮޓޯ ޝަޒޫ ވަނީ ނަގާފައި

'ސްމަރޓް ފޯން ފޮޓޯގްރަފީ އެންޑް ވީޑިއޯގްރަފީ'ގެ އިތުރުން  އިތުރު ކުރުމުއްދަތުގެ ދެކޯހެއް ވަނީ ފުރިހަމަކޮށްފައެވެ. 70 އަށްވުރެ ގިނަ ވީޑިއޯ ތައްޔާރުކޮށްފައިވާ ޝަޒޫގެ ބައެއް ވީޑިއޯތައް ވަނީ ޔޫޓިއުބުގައި ވެސް ހިއްސާކޮށްފައެވެ.

މިފަދަ ކޮންމެ ފޮޓޯއެއް ބަލާލުމުން ވެސް އެމަންޒަރު ހަމަލޮލުން ބަލާހިތްވާނެ

ގްރެފިކްސް ޑިޒައިނިންގައި ކުރިއަށް

ގްރެފިކްސް ޑިޒައިނިންގ އަށް ޚާއްސަ ކޯހެއް ފުރިހަމަކުރުމަށްފަހު، ފޮޓޯޝޮޕް މާސްޓަރ ކްލާސް، ފޮޓޯޝޮޕް މެނިޕިއުލޭޝަން، މޯޝަން ގްރެފިކްސް އަދި ސޯޝަލްމީޑިއާ މާކެޓިންގ ކޯސް ވަނީ ފުރިހަމަކޮށްފައެވެ. އަދި އިލަސްޓްރޭޓަރ ގެ އިތުރު 3 ކޯހެއް ފުރިހަމަކޮށް ފޭސްބުކް ޕޭޖް 'ޝަޒޫ ޑިޒައިނިންގ' މެދުވެރިކޮށް އާމްދަނީ ހޯދުމަށް ދަނީ ފުޅާދާއިރާއެއްގައި ގްރެފިކްސް މަސައްކަތް ކުރަމުންނެވެ.

" ލޯގޯ، ކެންވަސް، ބުކްކަވަރ، ޓީޝާޓް، ޖޯޒީ އަދި އޮފީސް ކާޑާއި ބިޒިނަސް ކާޑު، ވެޑިންގ ކާޑު، ސޯޝަލް މީޑިއާ ޕޯސްޓްތައް ޑިޒައިން ކޮށްދެން. ބައެއްފަހަރު ވަޒީފާއިން ލިބޭ އާމްދަނީއާއި އެއްވަރަށް ޑިޒައިން ކޮށްގެން ރުފިޔާ ލިބޭ" ޝަޒޫ ފާހަގަކުރިއެވެ.

ޝަޒޫ ޑިޒައިން ކޮށްފައިވާ ޔުނިފޯމް

ވަޒީފާ އަދާކުރާ ސުކޫލަށް ހިލޭ ކޮށްދީފައިހުރި ބައެއް މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ކެންވަސް ޑިޒައިނިންގ، އޮފީސް ކާޑު ޑިޒައިންކުރުން، ސްކޫލުގެ އާ ޔުނީފޯމް އަދި ވޯކިންގ ޔުނީފޯމް ޑިޒައިންކުރުން، ކްލާސް ނޯޓިސް ބޯޑު ޑިޒައިންކުރުމުގެ އިތުރަށް އަހަރީ މަޖައްލާގެ ބޭރުގަނޑު، ބެލެނިވެރިންނާއި ދަރިވަރުން އަމަލުކުރާ ގަވާއިދު ފޮތުގެ ބޭރުގަނޑު ޑިޒައިން، ޕްރައިޒްޑޭ ކެންވަސް، ދަރިވަރުންނަށް ދޭ ޚާއްސަ ޗެކްތަކުގެ ޑިޒައިން ފަދަ ގިނަ މަސައްކަތްތައް ހިމެނެއެވެ.

ޝަޒޫގެ ބައެއް ޑިޒައިންތައް

ޕްރިންޓްކުރަން ޝައުގުވެރިވި ގޮތް

ޕްރިންޓްކުރަން ޝައުގުވެރިވީ ސުކޫލުގަ ޕްރިންޓަރެއް ނެތި ހޭދަވި 2 އަހަރެއްހާ ދުވަހު އެމަސައްކަތް އަމިއްލައަށް ކުރަން ފެށިފަހުން ކަމަށް ވަނީ ބުނެފައެވެ. "އެދުވަސްވަރު ސުކޫލުގެ ޕްރިންޓިންގ މަސައްކަތްތައް ކުރީ އަޅުގަނޑު. އަމިއްލަ ޕްރިންޓަރެއް ގެންގުޅެން. ކައިރި މުސްތަގުބަލެއްގައި ކުލަކޮށް ޕްރިންޓްކުރުމާއި ލެމިނޭޓިންގ ޚިދުމަތް ދިނުމަށް މިމަސައްކަތްކުރަނީ. އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އަމިއްލަ ޕްރިންޓަރެއްގަ އަމިއްލަ ޑިޒައިންތަކުގެ ޓީޝާޓާއި ޖޯޒީ ޕްރިންޓްކުރުން". ޝަޒޫ ކުރިއަށް ކުރާ އުންމީދު ފާހަގަކުރިއެވެ. 

ކުރަން ނޭނގޭ މަސައްކަތެއް މަދުވާނެ!

ފިރިހެނުން ކުރާ ބައެއް މަސައްކަތްތައް އަންހެނުން ކުރުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ދެކި ފާޑުފާޑުގެ ނަންނަމުން ގޮވިއަސް އޭނާގެ ފަރުވާލެއް ނެތެވެ. އަމިއްލަ ގޭގަ ކުރަންޖެހޭ ގިނަ މަސައްކަތްތައް އަމިއްލައަށް ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ. މިގޮތުން އޭސީ މަރާމާތުކުރުމާގުޅޭ ބޭސިކް އަދި އެޑްވާންސް ކޯސްވެސް ފުރިހަމަކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

" މަސްކެނޑުން އެއީ ވަރަށް ގިނައިން ކުރާ ކަމެއް. 5 މިނިޓްތެރޭ އާދައިގެ 3 މަސް ކަނޑަން. ކަރަންޓް ބައެއް މަސައްކަތްތައް. މަސްހިފުން އަދި މަސްބޭނުން، ބޯކޮށުން، ކާށި ހެހުން، ރޭނުން، ސިމެންތިޖެހުން، ކުލަލުން، ދަވާދުލުން، ފަރުނީޗަރު އަމިއްލައަށް މަރާމާތު ކުރަން އެނގޭ. ވަޅުގެތެރެއަށް ފައިބާ ވަޅުދިޔަހިއްކުމުގެ މަސައްކަތްކުރަން". ހިތްހަމަޖެހުމާއެކު ޝަޒޫ ފާހަގަކުރިއެވެ.

މިއީ ކޮންމެ ކޮންމެ އަންހެނަކު ކުރާ މަސައްކަތްތަކަކަށް ނުވެދާނެއެވެ. ބަލިހާލަތު ހުރިގޮތުން މީގެތެރެއިން ބައެއް މަސައްކަތްތައް ޝަޒޫ މިފަހަކަށް އައިސް ނުކުރެއެވެ.

އެކަނިވެރި މައިންނަށް ދޭ މެސެޖު

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި 5 އަހަރުގެ ފިރިހެން ދަރިފުޅު ބަލަމުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ޝަޒޫ ވަނީ އޭނާފަދަ އެކަނިވެރި މައިންނަށް މެސެޖެއް ދީފައެވެ.

" ދިމާވާ ހުރިހާކަމެއްގަ ކެތްތެރިކަން އިސްކޮށް، ވަރުގަދަ ހިތްވަރަކާއެކު އެކަންތައްތަކާ ކުރިމަތިލާން މަސައްކަތްކުރަންވީ. އިލްޒާމް އަޅުވާ އެއްޗެހިކިޔާ މީހުން ގިނަވާނެ. އެކަންތަކަށް ބެލުމެއްނެތި ކުރިއަށްދާންވީ. އަންހެނުންނަށް ވާނެ މިއަޒުމުގަ ކުރިއަށްދާންވީ".

ދިރިއުޅުމުގެ އުންމީދު ކަމުގައިވާ ލޯބިވާ ދެކުދިންނާއެކު

ޝަޒޫ ދިރިއުޅުމުގައި ހިތްވަރު ހޯދީ ކުރި ދެކައިވެންޏާއެކު ކުރިއަށް ނުދެވި ލިބުނު ފިލާވަޅުން އިބްރަތް ހޯދައި ކުރުމުއްދަތުގެ ތަފާތު ކޯސްތައް ހަދައިގެންނެވެ.

" އަސްލު ދިރިއުޅުމުގަ ވެއްޓުނު ކޮންމެފަހަރަކު އަރައިގަނެވުނީ ވަރަށް އުދަގުލުން. ވަރަށް ހިތްވަރުކޮށްގެން ކުރު މުއްދަތުގެ ކޯސްތައް ހަދަން ފެށުމަކީ ލިބުނު ބޮޑު ހިތްވަރެއް. ފިކުރުތަކުން ދުރުވުމަށް ނަފްސު ބިޒީކޮށް ބެހެއްޓީ. ދަރިންގެ ކަންތައްތައް އަމިއްލައަށް ކުރުމަށްފަހު ވަޒީފާއަށް ދަމުން ތަފާތު 15 ވަރަކަށް ކުރު ކޯސް ފުރިހަމަކުރިން". މައިންބަފައިންނާއެކު ދިރިއުޅެމުން އަންނަ ޝަޒޫ ބުންޏެވެ.

ލޯބިވާ މަންމައާއެކު ޝަޒޫ

ނިންމުން

ޝަޒޫ ދަނީ ދިރިއުޅުމުގައި ކުރިއަށްދާން މަސައްކަތްކުރަމުންނެވެ. އުންމީދަކީ ދެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމެވެ. ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ 'ބޯ އަނބުރާ' ގޮތްވެ އެކަމަށް ބޭސްކުރަންޖެހުމެވެ. މި އުދަގޫ ހާލަތުގައިވެސް ވަޒީފާއަށް ގޮސް އިތުރު މަސައްކަތްކޮށްގެން އާމްދަނީ ހޯދަނީ މައިންބަފައިންނާއި އާއިލާގެ މެންބަރުން ދޭ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. 'ޒީޓައިމްސް' އިން އެދެނީ މިހިތްވަރުގަދަ މަންމަ އަށް ކުރިއެރުމެވެ.

+1
5
+1
70
+1
3
+1
5
+1
6
+1
1
+1
0

Advertisement

ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު

  1. Shazoo akee heevagi muraali keytheri ehen anhen kanbalunnah namoona dhahkamundhaa knbaleh saabas shazu❤❤❤❤❤❤❤❤

    18
  2. އަޅުގަޑުގެ ދުއާއަކީ އުފާވެރި ދިރިއުޅުމެއް ޝަޒޫއަށް ﷲ މިންވަރު ކޮއް ދެއްވުން ދިރިއުޅުން އާރާސްތު ކުރުމަށް ކުރާހިތްވަރަށް ފަށް ފަށުން އައްސަރިބަހާ ސާބަސް ރައްދު ކުރަން 🏆🏆🏆🏆🏆🏆🏆.🏆🏆

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް