ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ސަރުކާރުގެ ބެލުމުގެ ދަށުން އެކި އުމުރުގެ ކުދިން ބަލަހައްޓާއިރު، އެކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަޅާލުމާއި ލޯބި ބޭނުންވާނެ ކުދިންނެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަން ބޭނުންވާނެ ކުދިންނެވެ. އާއިލާގެ ލޯބި ނުލިބި ބޮޑުވަމުން އަންނަ މިކުދިންނަށް 'ޕިކްނިކް' ފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭ މިންވަރު ވަރަށް މަދުވާނެއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން 'އެޗްޑީސީ' ގެ ސީއެސްއާރުގެ ދަށުން މިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދީފައެވެ. ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ތުއްތުކުދިންނާއެކު އެކި އުމުރުގެ ކުދިން މި ޕިކްނިކްގައި ބައިވެރިވިއިރު މިއީ ސާފުވައި ލިބޭ، ގުދުރަތީ މާހައުލެއްގައި މިނިވަންކަމާއެކު ހޭދަކުރަން އެކުދިންނަށް ލިބުނު އަގުނުކުރެވޭ ވަރުގެ އުފާވެރި ވަގުތުތަކެކެވެ.
ޕިކްނިކް އައިލެންޑް ފަރުކޮޅުފުއްޓަށް ކުރި މިދަތުރާ ގުޅޭގޮތުން ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ކުއްޖަކު ބުނީ "ވަރަށް އުފާވޭ މިކަހަލަ ދަތުރެއް އާދެވުނީމަ. އެއީ ބޭބީސް އަދި ހުރިހާ ކުދިންނާއެކު. ދެން ވަރަށް މަޖާ މިކަހަލަ ދަތުރުތައް" މިގޮތަށެވެ. މިކުއްޖާގެ ވާހަކައިން ވެސް އުފާވެފަ ހުރިވަރު އިހުސާސް ކުރެވޭނެއެވެ.
ފިޔަވަތީގެ ސީއީއޯ ޒީނާ ޤާސިމް ފާހަގަކުރެއްވިގޮތުގައި އެޗްޑީސީ އަކީ ފިޔަވަތީގެ އާއިލާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ކުންފުންޏެކެވެ.
" އެޗްޑީސީ ސިފަކުރެވެނީ އަޅުގަނޑުމެން ބަލަހައްޓާ ބިގް ބްރަދާއެއްގެ ގޮތަށް. ނޫނިއްޔާ ފާދާ ފިގަރ އެއް ގޮތަށް ސިފަ ކުރެވެނީ. އެޗްޑީސީ އިން ލިބޭ އެހީތެރިކަމަކީ އަބަދުވެސް ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް. ސީއެސްއާރުގެ ދަށުން ކުދިންނަށް އެބަހުރި ވަރަށްގިނަ އެހީތެރިކަން ފޯރުކޮށްދީފަ" ސިއީއޯ ޒީނާ ވިދާޅުވިއެވެ.
އެޗްޑީސީގެ ސީއެސްއާރު މެނޭޖަރ އައްޒާމް ލަތީފު މައުލޫމާތު ދެއްވިގޮތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާއެކު ޕިކްނިކެއްގައި އުޅެން ލިބުން މިއީ އެޗްޑީސީ އިން ވަރަށް އުފާކުރާކަމެކެވެ.
" އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތްތާގައިވެސް ފިޔަވަތީގެ ކުދިންނާއި ގުޅިގެން މިކަހަލަ ޕްރޮގްރާމްތަކެއް ހިންގުން. މިފުރުސަތުގައި އަޅުގަނޑު އެހެން އެސްއޯއީތަކަށް ރިކުއެސްޓް ކުރަން މިކަހަލަ ފުރުސަތު ހުރިއްޔާ މިކުދިންނަށް މިފުރުސަތުތައް ދޭން". އައްޒާމް ވިދާޅުވިއެވެ.
އައްޒާމް ފާހަގަކުރެއްވި ގޮތަށް އެހެނިހެން ކުންފުނިތަކުން ވެސް އިސްނަގައިގެން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެފަދަ ހަރަކާތްތަކެއް ރާވަން އެބަޖެހެއެވެ. އެއީވެސް ދިވެހި ދަރިންނެވެ. ތަފާތަކީ އަޅުގަނޑުމެންގެ ދަރިންނަށް ލޯބި ދޭގޮތަށް ލޯބިދޭނެ މައިންބަފައިން ނުވަތަ އާއިލާއެއް އެކުދިން ކައިރީގައި ނެތުމެވެ. އެކުދިންނަށް ބޭނުންވާނެ ލޯތްބާއި އަޅާލުން ހޯދައިދިނުމަށް ގުޅުންހުރި މުއައްސަސާތަކާއި ފިޔަވަތީގެ މުވައްޒަފުން އެކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ. އަދި ޕިކްނިކް ފަދަ ހަރަކާތްތައް ހިންގާ ފިޔަވަތީގެ ކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެޗްޑީސީ ފަދަ ކުންފުނިތަކަށް ވެސް ޝުކުރު ހައްގެވެ.
އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިފަދަ ކުދިން ދާއިމީކޮށް ބެލެހެއްޓުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު އޮތްއިރު، ބައެއް އާއިލާތަކުން ދާއިމީ ބެލެނިވެރިކަން ނެގުމަށްފަހު މިފަދަ ކުދިން ބަލަހައްޓަމުންދާކަން މިއީވެސް ފާހަގަކުރެވޭ ކަމެކެވެ.
ނޯޓް: މިރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތު އަދި ފޮޓޯތައް ނަގާފައިވަނީ އެޗްޑީސީ އިން ތައްޔާރުކޮށްފައިވާ ވީޑިއޯއިންނެވެ.