September 20, 2024 22:29
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ސީރާގައި ހިމެނޭ ޖަވާހިރެއްފަދަ ދުޢާ

ރަސޫލާ ﷺ ގެ ސީރާ ބާވިސްވަނަ ބައި

ރަސޫލާ ﷺ ޠާއިފަށް ދަތުރުފުޅު ކުރައްވަންޖެހުނު ވަގުތާއި ސަބަބު

ރަސޫލާ ﷺ ގެ ހަޔާތްޕުޅުގައި އެކަލޭގެފާނާ ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ހިތާމަޔަކީ ބޮޑުބޭބޭކަލުން އަބޫ ޠާލިބުގެފާނާއި އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމެވެ. ހިތާމައިގެ މިދަނޑިވަޅުގައި ޤުރައިޝުންގެ ވެރިއަކަށްވި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫލަހަބު އެކަލޭގެފާނަށް ދެއްވި ރައްކާތެރިކަން ނިމުމަކަށް ގެނައެވެ. މިހިސާބުން ފެށިގެން މައްކާގައި ހުންނެވުން އެކަލޭގެފާނަށް ބޮޑު ނުރައްކަލަކަށްވިއެވެ. މައްކާގައި ދަތިއުނދަގުލުގައި ދީނަށް ގޮވައިލައްވާތާ ދިހަ އަހަރުވީއިރުވެސް އެރަށް ދޫކޮށް ވަޑައިގަންނަވަން އެކަލޭގެފާނު ނުވިސްނަވައެވެ. އެކަމަކު ކުރިމަތިވެވަޑައިގެންނެވި ހާލަތުގެ ނުރައްކާތެރިކަން ބޮޑުވުމުން ރަސޫލާ ﷺ މައްކާ ދޫކުރައްވައި ވަޑައިގަންނަވަން ނިންމެވީއެވެ. މިކަމުން އެނގެނީ ކޮންމެ މީހަކުވެސް އެމީހެއްގެ މުޖުތަމަޢުގައި އުޅުމުގެ މުހިންމުކަމެވެ. ތިމާގެ މުޖުތަމަޢު ދޫކޮށް ދާންޖެހޭނީ އެތަނުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެންކަން މިކަމުން އެނގެއެވެ. ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވީ މައްކާގައި މަޑުކުރެއްވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ.

Advertisement

ރަސޫލާ ﷺ އެންމެ ފުރަތަމަ ނިންމެވީ ޠާއިފަށް ވަޑައިގަންނަވާށެވެ. އެގޮތަށް ނިންމެވީ މައިގަނޑު ދެސަބަބަކަށްޓަކައެވެ. އެއީ:-

  • މައްކާއާއި އެންމެ ކައިރީގައިވާ ބޮޑު ރަށަކަށް ޠާއިފްވުން
  • މިދެރަށުގެ ކައިރިކަމުން ޠާއިފް މީހުންނަށް މައްކާ މީހުން ވަރަށް ގާތްކޮށް އެނގުން

ޚަދީޖާ އަވަހާރަވިތާ ދެތިން ހަފުތާ ފަހުން ރަސޫލާ ﷺ ޠާއިފަށް ދަތުރުކުރެއްވިއެވެ. އެކަލޭގެފާނު ވަޑައިގަތީ ޝައްވާލު މަހުއެވެ. އެކަލޭގެފާނުގެ މަގުސަދަކަށްވީ އެރަށަށް ވަޑައިގެން ދީނަށް ގޮވައިލެއްވުން ކުރިއަށް ގެންދެވުމަށެވެ. އެގޮތުން ޠާއިފްގެ ދަތުރުފުޅު އެކަލޭގެފާނު ރޭއްވެވީ ސިއްރިޔާތުގައެވެ. މިދަތުރުފުޅުގައި އަރިހުގައި ގެންދެވީ ޒައިދު އިބުނު ހާރިޘާއެވެ. އެކަލޭގެފާނު ދަތުރުފުޅުކުރެއްވީ ފައިމަގުގައެވެ. މިގޮތަށް ދަތުރުކުރެއްވި ސަބަބަކީ އަހެއް ނުވަތަ ޖަމަލެއްގައި ދަތުރުކުރާނަމަ އެކަން އެމީހުންނަށް އެނގިދާނެތީއެވެ. ފައިމަގުގައި ދަތުރުކުރާނަމަ މައްކާއިން ޠާއިފަށް ދެވޭނީ އެކެއް ނުވަތަ ދެދުވަހުންނެވެ. މިޒަމާނުގައި ކާރުގައި ނަމަ މިއީ ދޮޅު ގަޑިއިރުގެ ދަތުރެކެވެ. މިދަތުރުފުޅުން ލިބޭ ފިލާވަޅަކީ ކަމެއްކުރާއިރު އެކަމަކަށް ކުރިއަށް ރާވަންޖެހޭވަރެވެ. އަދި ﷲ އަށް ފުރިހަމައަށް ވަކީލުކުރާއިރުވެސް ކުރާ ކަމެއް ހިކުމަތްތެރިކަމާއެކު ކުރަންޖެހޭ ކަމެވެ. އަދި ކޮންމެ ކަމެއް ކުރާއިރުވެސް އެކަމަށް ވާންޖެހޭ ތައްޔާރީއާއި ހުރިހާކަމެއް ކުރުމަށްފަހު ﷲ އަށް ވަކީލުކުރަންޖެހޭކަމެވެ.

ބުޚާރީގައި ޢާއިޝާ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ޠާއިފުން ލިބިވަޑައިގަތް ހިތާމަ ރަސޫލާ ﷺ ބަޔާންކޮށްދެއްވިއެވެ. ރަސޫލާ ﷺ އަށް ޢާއިޝާ ދެންނެވިއެވެ. 'އުހުދު ހަނގުރާމައަށްވުރެ ވަކިން ގޯސް ދުވަހަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'އާދޭހެވެ! ކަމަނާގެ މީސްތަކުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ދަތިކުރިއެވެ. އޭގެތެރެއިންވެސް އެންމެ ހިތްދަތިކަން ބޮޑު ދުވަހަކީ އަޤަބާގެ ދުވަހެވެ. އެދުވަހު ތިމަންކަލޭގެފާނު ޠާއިފުގެ ވެރީންނަށް ދަޢުވަތު އެރުވީމެވެ. އެކަމަކު ތިމަންކަލޭގެފާނު އެދިވަޑައިގަތްގޮތަށް އެމީހުން އިޖާބައެއް ނުދިނެވެ.'

ޠާއިދުގެ ދުވަހު ރަސޫލާ ﷺ އާކުރިމަތިވެވަޑައިގަތް ދަތި ހާލުކޮޅުގެ ތަފުސީލުތަކެއް އެކަލޭގެފާނު މިޙަދީޘްފުޅުގައި ބަޔާންނުކުރައްވައެވެ. މިކަމުގެ ހިކުމަތަކީ ޢާއިޝަތުގެފާނުގެ ހިތްޕުޅަށް ދަތިނުކުރެއްވުމެވެ. ޖިސްމާނީގޮތުން އުހުދު ހަނގުރާމައިގެ ގެއްލުންބޮޑެވެ. އެކަމަކު ނަފުސާނީގޮތުން ޠާއިފުން ލިބިވަޑައިގަތް ހިތާމަ އެކަލޭގެފާނަށް މާބޮޑެވެ. އަދިވެސް އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނަށް ހިތްދަތިކަމާއި ހިތާމަ ލިބިވަޑައިގަތެވެ. އަދި ޤަރުނު އަލް ޘަޢާލިބަށް ވަޑައިގެންނެވެންދެން ތިމަންކަލޭގެފާނަށް ވީނުވީއެއްވެސް އެނގިވަޑައިނުގަތެވެ.' ޤަރުނު އަލް ޘަޢާލިބަކީ ޠާއިފާ އަށެއްކަ ކިލޯމިޓަރ ދުރުގައި އޮންނަ ރަށެކެވެ.

ރަސޫލާ ﷺ އަކީ އެކަލޭގެފާނާއި ކުރިމަތިވެވަޑައިގަތް ދަތިހާލުކޮޅުގެ ވާހަކަ ދެއްކެވި ބޭކަލެއްނޫނެވެ. މިވަރަށްވެސް އެކަލޭގެފާނު ވިދާޅުވާންޖެހިވަޑައިގަތީ ޢާއިޝަތުގެފާނު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށްޓަކައެވެ. މިކަމުން އަހަރެމެން މުސްލިމުންނަށް ލިބިދޭ މެސެޖަކީ އަހަރެމެން ނަފުސުގެ ޢިއްޒަތް ދަމަހައްޓަންޖެހޭކަމެވެ. އަނެކުންގެ ހަމްދަރުދީއާއި ލޯބި ހޯދުމަށްޓަކައި ތިމާޔާ ކުރިމަތިވާ ހިތާމަޔާއި ދަތިކަމުގެ ވާހަކަ ދައްކަންނުޖެހޭކަމެވެ. އެއަށްވުރެބޮޑަށް ހިތްވަރާއި ސާބިތުކަން މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭކަމެވެ. އަނެކުންގެ ހަމްދަރުދީ ހޯއްދެވުމަށްޓަކައި ރަސޫލާ ﷺ ދުވަހަކުވެސް އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް ދަތިހާލުކޮޅެއްގެ ވާހަކަނުދައްކަވައެވެ.

ޠާއިފުގައި ދީނަށް ގޮވައިލެއްވުން

އިބުނު އިސްޙާޤުގެ ސީރާގައި މިވާހަކަތައް ސަރީހަކޮށް ބަޔާންކޮށްދެއެވެ. ރަސޫލުﷲ ހިންގަވާފައި ޠާއިފަށް ވަޑައިގެން އެރަށުގެ އެންމެ އިސް ތިން ލީޑަރުންނާއި ބައްދަލުކުރެއްވިއެވެ. އެއީ ތިން އަޚުންކަމުގައިވާ ޢަބްދު ޔަލީލް އިބުނު އަމްރުއާއި މަސްޢޫދު އިބުނު އަމްރުއާއި ހަބީބް އިބުނު އަމްރުއެވެ. މިއީ ޠާއިފްގެ އެންމެބޮޑު ގަބީލާކަމުގައިވާ ޘަޤީފްގެ ވެރިންނެވެ. ޤުރައިޝުންނާއި ޘަޤީފްއަކީ ވާދަވެރި ދެ ގަބީލާއެވެ. ރަސޫލާ ﷺ އެމީހުންނަށް އިސްލާމް ދީނުގެ ދަޢުވަތު ދެއްވުމުން އެމީހުން މަލާމާތާއެކު އެކަމަށް އިންކާރުކުރިއެވެ.  

އެތިންބެއިންގެ ތެރެއިން އެކަކު ބުންޏެވެ. 'ﷲ ކަލޭގެފާނު ރަސޫލު ބޭކަލެއްގެގޮތުގައި ފޮނުއްވާފައިވާނަމަ އަހަރެން ގެފުޅުގެ އުރަކޮޅު ވީދާލާނަމެވެ.' ދެން އަނެއް މީހާ ބުންޏެވެ. 'ﷲ އަށް ކަލޭގެފާނަށްވުރެ ރަނގަޅު މީހަކު ފެނިވޮޑިގެންނުވަނީ ހެއްޔެވެ؟' ތިންވަނަ މީހާ ބުންޏެވެ. 'އަހަރެން ކަލޭގެފާނާ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. ކަލޭގެފާނަކީ ރަސޫލު ބޭކަލެއްކަމުގައިވާނަމަ ތިޔައީ އަހަރެން ވާހަކަދައްކަންޖެހޭ ވަރަށްވުރެ މާތް ބޭކަލެކެވެ. ކަލޭގެފާނަކީ ދޮގުވެރިއެއްނަމަ ތިޔައީ އަހަރެން ވާހަކަދައްކަންޖެހޭ ވަރަށްވުރެ މާ ދަށް މީހެކެވެ.' ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 'އެންމެ ރަނގަޅެވެ. ތިމަންކަލޭގެފާނު މިވަޑައިގަންނަވަނީއެވެ.' ދެން އެކަލޭގެފާނު އެމީހުންގެ ކިބައިން އެދިވަޑައިގަތެވެ. އެކަމަކު ތިމަންކަލޭގެފާނު މިރަށަށް ވަޑައިގަތް ޚަބަރު ޤުރައިޝުންނަށް ނުދޭށެވެ.' ދެން މިތިން މީހުން އެކަމަށް އެއްބަސްވެ އެގޮތަށް އަމަލުކުރިއެވެ.

އެހެން ރިވާއެއް ބުނާގޮތުގައި ރަސޫލާ ﷺ ދީނުގެ ދަޢުވަތު ކުރިއަށް ގެންދެވުމަށްޓަކައި ޠާއިފުގައި ހަފުތާއަކަށް މަޑުކުރެއްވިއެވެ. މިފަހަރު އެކަލޭގެފާނުގެ ދަޢުވަތު އަމާޒުކުރެއްވީ ޠާއިފުގެ އާންމު ރައްޔިތުންނަށެވެ. މިކަމުން ލިބޭ ފިލާވަޅަކީ ދީނުގެ ދަޢުވަތު ދިނުމުގައި އެންމެ ފުރަތަމަ އިސް މީހުން އަމާޒުކުރުމެވެ. އެހިސާބުން އެކަން ދޫނުކޮށް ދެވަނައަށް އާންމު ރައްޔިތުންނަށް ދީނުގެ ދަޢުވަތުދިނުމެވެ. ރަސޫލާ ﷺ ޠާއިފަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލީ މައުލޫމާތު ވަރަށް މަދެވެ. ސަބަބަކީ މިދަތުރުފުޅުގައި އެކަލޭގެފާނުގެ އަރިހުގައި އެންމެ ބޭކަލަކު ގެންދެވުމެވެ. އެއީ ޒައިދު އިބުނު ހާރިޘާއެވެ. އެކަލޭގެފާނަކީ މުޢުޠާ ހަނގުރާމައިގައި އަވަހާރަވި ބޭކަލެކެވެ. ކޮންމެއަކަސް މިދަތުރުފުޅުގެ އިތުރު މައުލޫމާތު ޠާއިފުން ފަހުން އިސްލާމްވި މީހުންގެ ފަރާތުން އެނގުނެވެ. އެފަދަ މުސްލިމަކު ބުންޏެވެ. 'ޠާއިފްގެ މާރުކޭޓުގައި ރަސޫލާ ﷺ ދީނަށް ގޮވައިލެއްވިތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކު އެކަލޭގެފާނުގެ ދަޢުވަތަކަށް އިޖާބަނުދެއްވައެވެ.' މިފަދަ އެހެން ފަހަރަކު ރަސޫލާ ﷺ ދީނަށް ގޮވައިލެއްވުމުން މީހަކު އިސްލާމްވެދާނެކަމަށް ފެނުމުން މީހުން އެއްވެ އެކަލޭގެފާނަށް ހަމަލާދިނެވެ. މިކަން މެދުވެރިވިގޮތަކީ މީހަކު އިސްލާމްވެދާނެކަމުގެ ބިރަށް ޠާއިފުގެ ވެރިން ތެޅިގެންފައި ރަސޫލާ ﷺ އަރިހަށް މީހުން ފޮނުވުމެވެ. އެމީހުންނަށް އަމުރުކޮށްފައިއޮތީ އެކަލޭގެފާނަށް ހިލައިން ހަމަލާދީ ރަށުން ބޭރުކުރުމަށެވެ. އެކަލޭގެފާނުގެ ހިމާޔަތުގައި ޒައިދު އެކަލޭގެފާނަށް ކުރެއްވުނު ހުރިހާ ކަމެއް ކުރެއްވިއެވެ. އެކަމަކު ލިބިވަޑައިގަތް ޒަޚަމްތަކުގައި ފޭބި ލޭފޮދުން އެކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅުތައް ތެމުނެވެ. ރަސޫލާ ﷺ އަށް ޤަރުނު އަލް ޘަޢާލިބާ ނުވަތަ ޤަރުނުލް މަނާޒިލާ ހަމައަށް ވަޑައިގެންނެވެންދެން އެމީހުން އެކަލޭގެފާނަށް ގޯނާކުރިއެވެ.

ޤަރުނުލް މަނާޒިލްގައި ރަސޫލާ ﷺ ވަރުބަލިކޮޅުފިލުއްވަން މަޑުކުރެއްވިއެވެ. އެގޮތުން އަރާމުކޮށްލެއްވުމަށްޓަކައި އެކަލޭގެފާނު މަޑުކުރެއްވީ ބަގީޗާއެއްގެ ކައިރީގައިހުރި ބޮޑު ގަހެއްގެ ހިޔަލުގައެވެ. މިބަގީޗާގެ މިލްކުވެރިންނަކީ އުތުބާއާއި ޝައިބާން އިބުނު ރާބިޔާއެވެ. ޠާއިފްގެ ފިނިކަމާއި ފެހިކަމުގެ ސަބަބުން މައްކާގެ ރަށްވެހީން އެތަނުން ބަގީޗާތައް ގަނެގެން އުޅުނެވެ. މިހާރުވެސް ޠާއިފު މަޝްހޫރުވެފައިވަނީ ސަހަރާގައިވާ ހިތްގައިމު ރިސޯޓެއްގެގޮތުގައެވެ. ޠާއިފުގެ މޫސުން ރަނގަޅުކަމުން އެތަނުގައި ތަފާތު ބާވަތްބާވަތުގެ މޭވާ ހެދެއެވެ. އޭގެތެރެއިން އެއް ވައްތަރަކީ މޭބިސްކަދުރެވެ.

އިބުނު އިސްޙާޤު ބަޔާންކުރާގޮތުގައި މިތަނުގައި އިށީނދެވަޑައިގެން އިންނަވައި ރަސޫލާ ﷺ ﷲ އަށް ދުޢާ ދެންނެވިއެވެ. މިދުޢާގެ އިބާރާތްތަކުގެ ފުރިހަމަކަމުގެ ސަބަބުން މިދުޢާގެ ތެދުކަން ކަށަވަރުކުރުމަށްޓަކައި އިސްނާދެއް ކޮންމެހެން ބޭނުންނުވާކަމަށް އަދުގެ ބައެއް ޢިލްމުވެރިންދެކެއެވެ.

ރަސޫލާ ﷺ ކުރެއްވި ދުޢާގައިވެއެވެ.

އޭ ﷲ! މިއަޅާގެ ހުރި ބާރުގެ ދެރަކަމާއި މީހުންގެ ކުރިމަތީގައި މިއަޅާގެ އެހީތެރިކަމެއްނެތުމާއި ދެރަކަން މިދަންނަވަނީ އިބަރަސްކަލާނގެއަށެވެ. ތިޔައީ އެންމެ ރަޙުމާންވަންތަ ރައްބުއެވެ. އަދި ތިޔައީ ހިތްތިރި އަދި ޟައީފް މީހުންގެ ރައްބުމެއެވެ. އިބަރަސްކަލާނގެ މިއަޅާ ތިޔަ ދޫކުރައްވަނީ ކޮން ބަޔަކަށްތޯއެވެ؟ މިއަޅާއަށް އިހާނެތިކޮށް ހިތާނެ ބީރައްޓެއްސަކަށްތޯއެވެ؟ ނުވަތަ މިއަޅާގެ މައްޗަށް ބާރުހިންގަން ތިޔަދެއްވީ މިއަޅާގެ ތިމާގެ މީހަކަށްތޯއެވެ؟ އިބަރަސްކަލާނގެ ކޯފާ މިއަޅާގެ މައްޗަށް ނުވާހާހިނދަކު މިއަޅާއަށް ކޮންމެގޮތެއްވެސްހެވެވެ. މުސީބާތްތަކުން މިއަޅާ އެދެނީ އިބަރަސްކަލާނގެ ރައްކާތެރިކަން ދެއްވުމަށެވެ. އިބަރަސްކަލާނގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން މިއަޅާއަށް މާފަސޭހައެވެ. އޭ ﷲ! މިއަޅާ ރައްކާތެރިކަމަށް މިއެދެނީ އިބަރަސްކަލާނގެ ވަޖުހުފުޅުންނެވެ. އެއީ އަލިކަމުގެ މަސްދަރެވެ. އެއަލިކަމުން އަނދިރިކަން ފިލައި މިދުނިޔެއަށް ތެދުމަގުލިބެއެވެ. އިބަރަސްކަލާނގެ ވަޖުހުފުޅުން މިއަޅާ ރައްކާތެރިކަން ހޯދަމެވެ. އެއީ އިބަރަސްކަލާނގެ ކޯފާ މިއަޅާއަށް އަތުވެދާނެތީއެވެ. އިބަރަސްކަލާނގެ ރުހިވޮޑިގަތުމަށްދާދެން މިއަޅާ ކުށްވެރިކުރެއްވުމުކަމީ އިބަރަސްކަލާނގެ ހައްގެކެވެ. އިބަރަސްކަލާނގެ ޙަޟުރަތުން މެނުވީ އެއްވެސް ބާރެއް ނުވަތަ ބަދަލެއްވެސް ނާދެއެވެ.'

މިދުޢާއަކީ ސީރާގައި ހިމެނޭ ޖަވާހިރެކެވެ.

މިދުޢާއިން އެނގޭ އެއްކަމަކީ ﷲ ގެ ޙަޟުރަތުގައި މުސްލިމުންނަށް ހުއްދަގޮތުގައި ޝަކުވާ ދެންނެވިދާނެކަމެވެ. ހުއްދަގޮތުގައި ޝަކުވާ ދެންނެވުމަކީ އިސްލާމް ދީނުގައި މަނާކުރެވިފައިވާ ކަމެއްނޫންކަމެވެ. ޔަޢުޤޫބްގެފާނު ﷲ އަށް ޝަކުވާދެންނެވިކަން ކީރިތި ޤުރްއާނުން އެނގެއެވެ.

ޔޫސުފް ސޫރަތުގެ 86 ވަނަ އާޔަތުގައިވެއެވެ. 'އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދ ތިޔަބައި މީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ޙަޟުރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.'

ޝަކުވާ ދެބަޔަކަށް ބެހެއެވެ. އެއް ބާވަތަކީ ޝިރުކުއެވެ. އަނެއް ބާވަތަކީ ތައުހީދުގެ ފޮނިމީރުކަމެވެ. ޝަކުވާ ފުރަތަމަ ބައިގައި ﷲ ގެ ނިންމެވުމާއި ޤަދަރުފުޅާ ދެކޮޅުވެރިވެއެވެ. 'ﷲ، މިއަޅާއަށް މިހެން ތިޔަ ހައްދަވަނީ ކީއްވެތޯއެވެ. މިއީ މިއަޅާއަށް ހައްގުވާ ކަމެއްނޫނެވެ.' މިކަހަލަ ޝަކުވާއަކީ ކަނޑައެޅިގެން ހުރި ބޮޑު ފާފައެކެވެ. އަދި މިއީ ކުފުރުވުމެވެ. ﷲ ލައުނަތްލެއްވި އިބުލީސްވެސް ކުރީ މިބާވަތުގެ ޝަކުވާއެވެ.

އަޢުރާފް ސޫރަތުގެ 16 ވަނަ އާޔަތުގައިވެއެވެ. 'އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެމީހުން އިބަރަސްކަލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސް އަޅާހުށީމެވެ.'

ޝަކުވާގެ ދެވަނަ ބާވަތަކީ ތައުހީދުގެ އެސެންސްއެވެ. އަހަރެމެން ރައްކާތެރިކަމަށް އެދި ﷲ އަށް ޝަކުވާ ދަންނަވަމުއެވެ. ﷲ ގެ ރަޙުމަތާއި ހަމްދަރުދީއަށް ޝަކުވާދެންނެވުމަކީ އޮތް ކަމެކެވެ. މިކަމުގެ އެންމެ ރީތި ހެއްކަކީ ރަސޫލާ ﷺ ދެންނެވި ޝަކުވާއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 'ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ބައްލަވައިވޮޑިގަނެ، މިއަޅާއަށް އެހީތެރިވެދެއްވާނދޭވެ!' އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. 'ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!، މިއަޅާ މިހިރީ ކަންބޮޑުވެ ހާސްވެފައެވެ. އިބަރަސްކަލާނގެ މިއަޅާއަށް ކޯފާވެވޮޑިގަތީތޯއެވެ؟' އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. 'މިއަޅާއަށް ނުބައިކޮށް ކަމެއް ކުރެވުނީތޯއެވެ؟ މިއަޅާދެކެ އިބަރަސްކަލާނގެ ކޯފާވެވޮޑިގަތީތޯއެވެ؟' މިއިން އަންގައިދެނީ އެކަލޭގެފާނުގެ ކަންބޮޑުވުމަކީ ޖިސްމާނީގޮތުން ލިބިވަޑައިގެންނެވި އަނިޔާ ނޫންކަމެވެ. އެކަމަކު އެކަލޭގެފާނަށް ﷲ ރުހިވޮޑިނުގަންނަވާކަމެއް ކުރެވުނުކަމުގެ ބިރުފުޅެވެ. ރަސޫލާ ﷺ ގެ ދުޢާ އަދި ޝަކުވާގެ ހަގީގީ މާނައަކީ އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް މުސީބާތަކީ ﷲ ގެ ޙަޟުރަތުން އައި ޢަޒާބަކަށް ނުވާނަމަ ދެން އެކަލޭގެފާނަށް އެންމެ ރަނގަޅުކަމެވެ.

މުސްލިމުންގެ ހަތިޔާރަކީ ދުޢާއެވެ. މާޔޫސްކަމާއި ދުޢާއިން މުސްލިމުންނަށް ހިތްވަރާއި ބާރާއި އުއްމީދު ލިބިދެއެވެ. ރަސޫލާ ﷺ އަމިއްލަފުޅު ވަޒަން ދޫކުރައްވައި ޖެހިގެން އޮތް ރަށަށް ވަޑައިގަތުމުން އެރަށުންވެސް އެކަލޭގެފާނަށް މަރުހަބާއެއް ނުކިޔެވެ. އެކަލޭގެފާނު އަތްޕުޅުގައި ކާނާއެއްނެތެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ފައިސާއެއްނެތެވެ. އަދި އެކަލޭގެފާނު ވަނީ ހިޔާވަހިކަމުންވެސް މަހުރޫމްކުރެވިފައެވެ. މިހާލަތުގައި އެކަލޭގެފާނަށް ހިއްޕެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކަށްވީ ދުޢާއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ކޮންމެ ކަމެއް ބަދަލުކޮށްދޭ އެއްޗަކީ ދުޢާއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
13
+1
1
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް