އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އުމުރުން 8 އަހަރުގެ އަޒީން ހުސައިން ރަޝީދު އަކީ އުފަންވީއިރުއްސުރެ ބަލި ކުއްޖެކެވެ. 2014 ވަނަ އަހަރުގެ ޖޫންމަހު އުފަންވި އަޒީން އަކީ ވާހަކަދެއްކުމުން މަހުރޫމު ވެފައިވާ ލޮލަށް ނުފެންނަ ކުއްޖެކެވެ. އަދި ނުހިނގުމުގެ އިތުރަށް ސިއްހީ އިތުރު މައްސަލަތައް ދިމާވެފައިވާ ކުއްޖެކެވެ.
އަޒީންގެ ބައްޕަ ހުސައިން ރަޝީދު މައުލޫމާތު ދިންގޮތުގައި އަޒީން އުފަންވުމާއެކު ނޭވާލުމުގައި މައްސަލަތަކެއް ދިމާވެގެން މާލޭގެ ހޮސްޕިޓަލެއްގެ ނާސަރީގައި ދެހަފްތާއަށް ފަރުވާދޭން ޖެހުނެވެ. އެއަށްފަހު ދަރިފުޅަށް ގާތުން ދިނުމުން އާދަޔާޚިލާފަށް ހޮޑުލާތީ އިތުރު ފަރުވާ ހޯދުމަށް ދެއްކީ ކުޑަކުދިންގެ ޑޮކްޓަރ އަފީފު އަށް ކަމަށް ވަނީ ބުނެފައެވެ.
" ބަނޑުބޮޑުއިރު ހެދި ސްކޭނަކުން ނޭނގޭ އެއްވެސް މައްސަލައެއް ދަރިފުޅުގެ ހުރިކަމެއް. ދުވަސްހަމަކޮށް ވިހޭ ކުއްޖެއް. ވިހެއުމުގެތެރޭގައި އޮކްސިޖަން ނުލިބިގެން ސިކުނޑީގެ ސެލްތައް ހަލާކުވެގެން ލިބުނު ގެއްލުމެއް ކަމަށް ޑރ.އަފީފް ވެސް ލަފާކުރެއްވީ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް އިތުރު ފަރުވާ ހޯދަން ދިޔައީ ދަރިފުޅު ހަރަކާތްވެސް ނުކުރާތީ". އަޒީންގެ ބައްޕަ ކިޔައިދިނެވެ.
އެންމެ ފުރަތަމަ ފަރުވާ ހޯދަން އިންޑިއާގެ ބެންގަލޫރަށް ދިޔައީ 2014 ވަނަ އަހަރު އެވެ. އެފަހަރު ބީޖީއެސް ހޮސްޕިޓަލުން ދިނީ ދުނިޔޭގައި މާގިނަ ދުވަހު ދަރިފުޅު ނޯންނާނެކަމުގެ ހިތާމަވެރި ޚަބަރު ކަމަށް ވަނީ ބުނެފައެވެ.
" ކާންދިނުމަށް ބަނޑުގައި ލޯވަޅެއް އަޅަންޖެހޭކަމަށް ބުނީ. އަދި މާގިނަ ދުވަހެއްނުވެ ދަރިފުޅު މަރުވެދާނޭ ބުނުމުން ހިތްހަމަނުޖެހުނު. އެހެންވެ އިތުރު ފަރުވާ ހޯދުމަށް ދެން ދިޔައީ ޓްރިވެންޑްރަމް އަށް. އެކޮޅުންވެސް ބުނީ ސިކުނޑީގެ ސެލްތަކަށް ގެއްލުންވެގެން ދިމާވެގެން އުޅޭ ކަމެއްކަމަށް".
އެއަށްފަހު އަޒީން އަށް އިތުރު ފަރުވާ ހޯދުމަށް އާއިލާގެ ދިރިއުޅުން ބަދަލުކުރީ ސްރީލަންކާއަށެވެ. އެގައުމުގައި ގިނަދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިވަގުތު ދިރިއުޅެނީ މާލޭގައެވެ. ސްރީލަންކާގައި ދިރިއުޅުނުއިރު ބެންކޮކަށް ގޮސް ފަރުވާ ހޯދުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. މިހާތަނަށް ހޯދި އެއްވެސް ފަރުވާއަކުން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އަޒީންގެ ހާލަތު ދައްކުވައިދޭ ވީޑިއޯއެއް:
އަޒީންގެ ހާލަތު ފެނުނު މީހަކު ލޮލުން ކަރުނަ އަންނާނެއެވެ. ލޯބިވާ ދަރިފުޅު ކައިރީގައި އިށީނދެގެން އިން އެދަރިފުޅުގެ މަންމަ ޝަކީލާ ސައީދު ކިޔައިދިންގޮތުގައި މަންމާއޭ ކިޔާފަ ބައެއް ފަހަރަށް ދަރިފުޅު ގޮވާލައެވެ. އެނޫން އިތުރު ވާހަކައެއް ނުދައްކައެވެ.
" އަތުން އެއްވެސް އެއްޗެއްގަ ނުހިފެހެއްޓޭ. ލޮލަށް ނުފެނޭ. ނުހިނގޭ. ވާހަކަ ނުދެއްކޭ. އެކަމަކު މިއީ ވަރަށް ބަސްއަހާ ކުއްޖެއް. ވަރަށް މަދުފަހަރެއްގަ ނޫނީ ރުޅިގަދަ ނުކުރާނެ". ދަރިފުޅާއި ގުޅޭގޮތުން 'ޒީޓައިމްސް' އާއި ވާހަކަދައްކަމުން ޝަކީލާ ކިޔައިދިނެވެ.
" އަޒީން ލޮލަށް ނުފެންނަނީ ނާރުތަކުން ސިގްނަލް ނުފޮނުވާތީކަމަށް ޑޮކްޓަރުން ބުނަނީ. ލޮލުގެ މައްސަލައެއް ނުއުޅޭކަމަށް. ބޯންމެރޯހެދުމުން ހިނގާލެވޭވަރުވެ އިތުރު ކަންތައްތަކަށްވެސް ފަރުވާލިބޭނެކަމަށް ޑޮކްޓަރުން ލަފާކުރަނީ. އެހެންވެ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ބޯންމެރޯ އަށް ބޭނުންވާ ވަރަށް ރުފިޔާ އެއްކުރުމަށް. އެފަރުވާ ފުރިހަމަ ކުރުމަށް 13900 ޑޮލަރު ބޭނުންވޭ. އެއީ 14 ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއެކު ހޭދަވާނެވަރު". ހުސައިން ރަޝީދު
ދިވެހި ރުފިޔާ އިންނަމަ މިއީ ދެލައްކަ އަށްވުރެ ގިނަ ރުފިޔާއެވެ. ފަރުވާއަށް ގިނައަދަދެއްގެ ރުފިޔާ ބޭނުންވާތީ ފުރަތަމަފަހަރަށް އާންމުންގެ އެހީތެރިކަމަށް އެދެން ޖެހުނީކަމަށް ހުސައިން ރަޝީދު ވަނީ ބުނެފައެވެ.
ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން ކޮންމެ ދުވަހަކު މާލެއައިސް ދަރިފުޅަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި އާއިލާއިން އުންމީދު ކުރަނީ އާންމުންގެ އެހީތެރިކަން ލިބި އަޒީން އަށް އަމިއްލައަށް އުޅެވޭވަރު ވުމެވެ.
" ކޮންމެދުވަހަކު ޑިއުޓީ ނިންމާފަ މާލެގޮސް ދަރިފުޅު ފެންވަރުވާފަ މިއަންނަނީ ރޭގަނޑު އެނބުރި ރިސޯޓަށް. އަޅުގަނޑު އުންމީދު ކުރަނީ ދަރިފުޅަށް ރަނގަޅުވާނެކަމަށް. ފަރުވާ ހޯދުމަށް ދިއުމަށް މަސައްކަތްކުރަނީ އިންޑިއާގެ ނިއުރޯޖެން ބްރެއިން އެންޑް ސްޕައިން އިންސްޓިޓިއުޓަށް. މިއީ އާސަންދަ ހަމަނުޖެހޭ ފަރުވާއެއްކަމަށް ވަނީ މައުލޫމާތު ލިބިފަ. އެންސްޕާގައި ވެސް އެދޭނަން އެހީތެރިކަމެއް ލިބޭތޯ". އިންޓަވިއު ނިންމާލަމުން ހުސައިން ރަޝީދު ފާހަގަކުރިއެވެ.
ނޯޓް: ނޯޓް: މި ޢާއިލާ އަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. އެހީ ފޯރުކޮށްދިން ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.