ވަޒީފާއަކަށް އިންޓަވިއުއަކަށް ދާނަމަ ތައްޔާރުވުމަކީ މުހިއްމުކަމެއްކަން އެނގެއެވެ. ވަޒީފާއަކަށް އިންޓަވިއުއަކަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ ކަންކަމާއި ދައްކަންޖެހޭ ވާހަކައާއި މެދު ވިސްނަނީ ކޮންގޮތަކަށްތޯއެވެ. މިއީ އުފެދޭނެ ސުވާލެއްކަން ގައިމެވެ. މިކަމަށް ތައްޔާރުވުމުގައި ތިމާ ވިސްނަންޖެހެނީ އިންޓަވިއުގައި ކުރާނެ ސުވާލުތޯ؟ ނުވަތަ ތިމާ ދައްކާނީ ކޮން ވާހަކައެއްތޯ؟ އެވެ. މިދެކަމަށްވެސް ވިސްނާލުން މުހިއްމެވެ. އިންޓަވިއު ކުރާމީހާ އަހާނެ ސުވާލަށް ޖަވާބު ދިނުމުގައި ވިސްނުންތެރިކަން ގެންގުޅުމަކީ ތިމާގެ އަމިއްލަކަމެކެވެ.
ސުވާލާއި ނުގުޅޭ ވާހަކަ ދެއްކުން މަދުކުރަން ޖެހެއެވެ. އިތުރު ސުވާލެއް ތިމާ އަމިއްލައަށް ކުރާނަމަ އެކުރެވެނީ އެންމެ ރަނގަޅު ސުވާލުތޯ ނުވަތަ އެއީ އަހައިގެންވާނެ ސުވާލެއްތޯވެސް ވިސްނަންޖެހެއެވެ. ތިމާއަކީ ކިހާ ގާބިލުކަމެއް ހުރި ކެރޭ މީހެއްތޯ އިންޓަވިއު ކުރާ މީހާ ބަލާނެއެވެ. މިހުރިހާ ކަމަކަށްވެސް ތައްޔާރުވާންވާނެއެވެ. ރީތި ބަހުން މުއާމަލާތްކުރުމާއި ތިމާގެ ޝަހުސިއްޔަތެއް ހުރިކަން ދެއްކުން އެއީ ވަރަށް މުހިއްމުކަމެކެވެ. ކަންކަމުގައި ރަނގަޅުގޮތަށް ވިސްނައިގެން ކުރިއަށްދާން ވިސްނާ މީހެއްކަން ދެއްކުންވެސް މުހިއްމެވެ.
އިންޓަވިއުއެއްގައި ބުނެގެން ނުވާނެ ޖުމްލަތަކަކާއި ދައްކައިގެން ނުވާނެ ވާހަކަތަކެއް ހުންނާނެއެވެ. އޭގެތެރެއިން ކޮންމެހެންވެސް ދައްކަން ނުޖެހޭ ވާހަކަތަކުގެ ބައިތައް ހިމަނާލާނަމެވެ.
ކުރީގެ ވަޒީފާއާއި ގުޅޭގޮތުން ނުވަތަ މަސައްކަތް ކުރި ކުންފުންޏާއި ގުޅޭގޮތުން ދައްކަން ނުޖެހޭ ވާހަކަ
ކުރިން ވަޒީފާގައި އުޅުނު ތަނުން ވަކިވީ ކީއްވެގެންތޯ އަހައިފިނަމަ ޖަވާބުގައި އެތަން ކަމުނުދާތީއޭ ނުވަތަ އެތަނުގެ މުސާރަ ކުޑަވެގެން ނުވަތަ އެތަނުގައި ވެރިއަކަށް ހުރި ބޭފުޅަކީ ރަނގަޅު ބޭފުޅެއް ނޫންކަމަށް ބުނެ މިކަހަލަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. ފާއިތުވެދިޔަ ކޮންމެ ކަމަކުން އިބްރަތް ހާސިލުކުރުމާއި އެކަންކަމުން ދަސްވި ކަންކަން ރަނގަޅުގޮތުގައި ހިފައިގެން ކުރިއަށްދާން ދަސްކުރާށެވެ. ކުރީގެ ތަނުން ލިބުނު ތަޖުރިބާގެ އަލީގައި މިހާރު ކުރިމަތިލައިގެން އުޅޭ ވަޒީފާ ލިބިއްޖެނަމަ ބޭނުން ހިފޭނެ ކަހަލަ ގޮތަކަށް ވާހަކަ ކުރިއަށް ގެންދާށެވެ. ކުރިމަތިލައިގެން އުޅޭ ވަޒީފާ ކަހަލަ ވަޒީފާއެއް ނެތުމުން ވަކިވީ ކަމަށާއި ކުރިއަށްދާން ބޭނުންވާ ދާއިރާތައް އޮތުމުން މިވަޒީފާއަށް ކުރިމަތިލީކަމަށް ބުނެލާށެވެ. 'ޕޮޒިޓިވްކޮށް' ވާހަކަ ދައްކައިގެން ކުރިއަށްދާން ދަސްކުރާށެވެ. މީހާގެ ޝަހުސިއްޔަތެއް ހުރިކަން ދައްކަންވާނެއެވެ.
ނޭންގޭ
އިންޓަވިއުއެއްގައި ސުވާލެއް ކޮށްފިނަމަ ނޭންގެއޭ ބުނުމުގެ ބަދަލުގައި "ތީ ވަރަށް ރަނގަޅު ސުވާލެއް އެކަމަކު ތިސުވާލަށް އަޅުގަނޑު ޖެހޭނީ ވިސްނާލަން" މިހެން ބުނުމަށްފަހު އެސުވާލަކީ ޖަވާބު ދޭން ނޭންގޭ ސުވާލެއްނަމަ ސުވާލަށް ސުވާލެއް ކުރިމަތިކޮށްގެން އޭގެ ޖަވާބު ދިނުން ވަރަށް ބުއްދިވެރިއެވެ. ނުވަތަ އެއަށް އިތުރު ބައެއް ލައިގެން އެސުވާލު ކުރިމަތި ކުރުވާށެވެ. އެއްވެސް ހާލެއްގައި ނޭންގެއޭ ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ވަޒީފާއާއި ގުޅޭގޮތުން ހުރި ބޭނުންތަކާއި މުސާރަ އަދި ޗުއްޓީގެ ވާހަކަ ނުދެއްކުން
އެއްވެސް ހާލެއްގައި ތިމާ އަމިއްލައަށް ވަޒީފާއިން ލިބޭނެ ފައިދާތަކާއި ލިބޭނެ ބޯނަސްގެ ވާހަކައާއި ފަސޭހަ ނުވަތަ އުދަގޫ ވަޒީފާއެއްތޯ ނާހާށެވެ. ނުވަތަ މުސާރައިގައި ތިމާ ބޭނުންވަނީ އިތުރުކުރަން ކަމަށްވާނަމަވެސް އެވާހަކަވެސް ނުދައްކާށެވެ. އަދި ހަމަ އެހެންމެ ޗުއްޓީގެ ވާހަކަވެސް ނުދައްކާށެވެ. އިންޓަވިއު ކުރާ މީހާ އަމިއްލައަށް އެވާހަކަ ނުދައްކާނަމަ އެމައުޟޫ އަށް ވާހަކަ ނުދައްކާށެވެ. އިންޓަވިއު ކުރާ މީހާ އެފުރުސަތު ތިމާއަށް ދެންދެން މަޑުކޮށްލާށެވެ. އިންޓަވިއު ނިމުމަށްފަހު އެސުވާލު ނުކޮށްފިނަމަ ނުވަތަ އިންޓަވިއު ކުރާ ފަރާތުން ސުވާލެއް އަހަން ބޭނުންތޯ އަހައިފިނަމަ އެސުވާލު ކުރެވިދާނެއެވެ. އެކަމަކު އެސުވާލު ކުރާއިރު އޭގެ ޖަވާބެއް ދިނުމަށް މަޖުބޫރުވާގޮތަށް ވާހަކަ ނުދައްކާށެވެ.
އިންޓަވިއު ކުރާ ފަރާތުން ސުވާލެއް ކޮށްފިނަމަ "ސީވީގައި އޮންނާނެ" މިހެން ނުބުނުން
އިންޓަވިއު ކުރާ ފަރާތުން ސުވާލު ކޮށްފިނަމަ ޖަވާބުގައި "ސީވީގައި އޮންނާނެ" މިހެން ބުނުމަކީ ތިމާގެ ހައިބަތެއް ނެތްކަމެވެ. އެސުވާލު ސީވީގައި އޮތްނަމަވެސް އެސުވާލު ކުރަނީ އޭގެ އިތުރު ތަފްސީލަކަށް ބޭނުންވާތީއެވެ. އެހެންވުމުން އޭގެ ތަފްސީލް އިތުރަށް ކިޔައިދީ އެއާއި ގުޅޭގޮތުން ވާހަކަ ދައްކައިގެން އިންޓަވިއުގައި ތިމާގެ ހައިބަތެއް ހުރިކަން ދައްކުވައިދޭށެވެ.
އަދަބުވެރިކަމާއެކު ވާހަކަ ދެއްކުން
އިންޓަވިއުއެއްގައި ރީތި ބަސް ނުވަތަ މާތް ބަސް ބޭނުންކުރަން އާދަކުރާށެވެ. އިންޓަވިއު ކުރާ މީހާ ފުރަތަމަވެސް ބަލާނީ ތިމާ ވާހަކަ ދެއްކުމުގައި ހުރި ރީތި ކަމާއި މާތްކަމަށެވެ. ވާހަކަ ދައްކާއިރު އާފުރި މާނޭވާލައި ނުވަތަ ހުއްޓުން އަރައިގެން ނީންނާށެވެ. މިކަހަލަ ބޭއަދަބީ ކަންކަމުން ދުރުވެލާށެވެ. ފޫހިވެފައި ހުންނަ ރާގަކަށް ވާހަކަ ނުދައްކާށެވެ. ވަރަށް ކެރިގެން އަނެއް މީހާވެސް ޝައުގުވެރިކަން އުފެދޭގޮތަށް ވާހަކަ ކުރިއަށް ގެންދާށެވެ.
"އެއްވެސް ސުވާލެއް ނެތް" މިހެން ނުބުނުން
އިންޓަވިއުއެއް ނިންމާލުމަށްފަހު އެއްވެސް ސުވާލެއް އޮއްތޯ އަހަފިނަމަ ޖަވާބުގައި އެއްވެސް ސުވާލެއް ނެތޭ ބުނެ ނިންމާނުލާށެވެ. އޭގެ ބަދަލުގައި ކުންފުންޏާއި ގުޅޭގޮތުން ޝައުގުވެރިކަން އުފެދޭނެ ކަހަލަ ސުވާލަކަށް ވިސްނާށެވެ. ތިމާ ކުރާ ސުވާލުން އިންޓަވިއު ކުރަން އިންނަ މީހާގެ ޝައުގުވެރިކަން ހޯދުމަށް ވިސްނާށެވެ.