November 22, 2024 18:27
Advertisement

-Advertisement-

Muslim Man

ކަމަކަށް އެދި ދަންނަވަން އެހެންމީހަކު މެދުވެރިއަކަށް ހަދާކަށް ނުޖެހޭ

މުސްލިމުން އެމީހުން ހެއްދެވި ފަރާތުގެމަތިން ހަނދާން ނައްތާލައި އެކިއެކި ޚުރާފަތްތަކާއި ބިދުޢަތައް ގަބޫލުކޮށް އެކަމުގެ ތެރެއަށް ދިއުމުގެ ސަބަބުން ވަނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރޭގައެވެ. މި ޚުރާފަތާއި ބިދުޢަތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއްކަމަކީ ޞާލިޙު، އަޅަކު މިދުނިޔެ ދޫކުރީމައި އެމީހަކު މެދުވެރިކޮށް ﷲ ޙަޟްރަތަށް ކަންތައްތަކުގައި ދެންނެވުމެވެ. ޞާލިޙުއަޅުން ނިޔާވުމުން އެމީހުންނަކީ މާ މަތިވެރި ބައެއްކަމުގައި ހަދައިގެން މާތްﷲ އަށް ދެންނެވުމުގައި އެބައިމީހުން މެދުވެރިއަކަށް ހެދުމެވެ. މިކަމަކީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިންވެސް ބޮޑު ފާފައެކެވެ. އެހެނީ  އެކަލާނގެ ޙަޟްރަތަށް ދެންވެވުމުގައި މެދުވެރިއަކު ބޭނުންކުރުމަކީ އެކަލާނގެއަށް ޝަރީކުކުރުމެވެ. އެކަލާނގެއީ އެއްވެސް ދަރިއަކު އަދި ބައިވެރިއަކު ނުވާ ކަނލާންގެއެވެ. މާތްﷲ ވަޙީކުރައްވަނީ: " إِنَّهُ مَنْ يُشْرِكْ بِاللّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأُوَاهُ النَّارُ وَمَا للِظَّالِمِيْنَ مِنْ أَنْصَارٍ" މާނައީ: "މާތްﷲ ކިބަޔަށް ޝަރީކު ކުރާމީހާ، ހަމަކަށަވަރުން މާތްﷲ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އެމީހަކު ވަދެ އޮއްނާނެ ތަނަކީ ނަރަކައެވެ. އަނިޔާވެރިވި މީހުންނަށް އެހީތެރިންކަމުގައި ވާނޭ ބަޔަކު ނުވެއެވެ." މި އާޔަތުން އެނގެނީ އަޅުކަންކުރުމާއި ދުޢާ ދެންނެވުމުގައި އެކަނލާންގެއާއެކު އެހެން ފަރާތެއް ބައިވެރިކުރުމަކީ އަޅުކަންކުރުމުގައި އެކަލާނގެއަށް އިޚްލާޞްތެރިވުން ނޫންކަމެވެ. އެއީ ޝަރީކު ކުރުންކަމެވެ.

ބުއްދި ސަލާމަތުންހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެފަދައިން، ހެއްދެވި ފަރާތް ދޫކޮށް ދުނިޔެ ދޫކޮށްފައިވާ މަޚްލޫޤަކަށް ބޭނުންވާ ކަންތައް ފުއްދައެއް ނުދެވޭނެއެވެ. މުޞީބާތެއް ޖެހިއްޖެނަމަ އެކަމެއް ފިއްލަވާނީ ހަމައެކަނި ﷲ ޞުބުޙާނަހޫ ވަތާޢާލާއެވެ. އަދި އުފާވެރިކަމެއް ދެއްވިޔަސް އެކަންވަނީ ހަމައެކަނި އެކަލާނގެ ޙަޟްރަތުންނެވެ. ހުރިހާކަމަކަށްވެސް ކުޅަދުންވަންތަ އިލާހަކީ ހަމައެކަނި ﷲ އެވެ. މުއްސަނދިކަމާއި، ފަޤީރުކަން، އުފަލާއި ހިތާމަ، މިހުރިހައި ކަމެއްވެސް ވަނީ ﷲގެ އިރާދަފުޅުންނެވެ. އެހެންވީމާ ޞާލިޙު އަޅާއަކީ މަރުވެފައިވާ އަޅަކަށް ވިޔަސް އަދި ދުނިޔޭގައި ހުރި އަޅަކަށް ވިޔަސް ދުނިޔޭގައިވާ އިންސާނުންނަށް ފައިދާއެއް އަދި ގެއްލުމެއް އެ ޞާލިޙު އަޅާގެ ފަރާތަކުން ނުލިބޭނެއެވެ. މާތްﷲ ވަޙީކުރައްވަނީ:" وَالَّذِيْنَ تَدْعُوْنَ مِنْ دُوْنِهِ مَا يَمْلِكُوْنَ مِنْ قِطْمِيْرٍ. إِنْ تَدْعُوْهُمْ لاَ يَسْمَعُوْا دُعَاءَكُمْ وَلَوْسَمِعُوا مَاسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُوْنَ بِشِرْكِكُمْ وَلاَ يُنَبِّئُكَ مِثْلُ خَبِيْرٍ" މާނައީ: "އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތައް، ކަދުރު އޮށެއްގެ ބޭރުން އޮންނަ ދުލިފަށެއްގެ މިންވަރުވެސް އެފަރާތަކަށް މިލްކުވެގެނެއްނުވެއެވެ. ތިޔަބައިމީހުން އެފަރާތަކަށް ގޮވިޔަސް އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާގޮވުންތަކެއް ނީވޭނެއެވެ. އެގޮވުންތައް އެފަރާތްތަކަށް އިވުނުނަމަވެސް، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބައެއް ނުދޭނެތެވެ. އަދި ޤިޔާމަތް ދުވަހުން، ތިޔަބައިމީހުން ޝަރީކުކުޅަކަމާ މެދު، އެފަރާތަތަކުން އިންކާރު ކުރާނެއެވެ. ޚަބަރުތައް ދެނެވޮޑިގެންވާ، ކަލާނގެފަދައިން ކަލޭގެފާނަށް ޚަބަރުދޭނޭ ހަމަ އެކަކުވެސް ނެތެވެ.

ޞާލިޙު އަޅަކު މެދުވެރިކޮށްގެން ﷲގެ ޙަޟްރަތުގައި ދަންނަވަންޖެހޭނަމަ  ކީރިތި ރަސޫލާ ﷺ މެދުވެރިކުރައްވައި ކަންތައްތަކުގަ ދެންނެވުމަށް އެކަލޭގެފާނު އަޅުގަނޑުމެންނަށް އަމުރުކުރެއްވީހެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު މެދުވެރިކުރައްވައި މާތްﷲގެ ޙަޟްރަތުގައި ކަންތައްތައް ދެންނެވުން ވަނީ ނަހީ ކުރައްވާފައެވެ. އެކަލޭގެފާނަކީ މިދުޔޭގައިވާ އެންމެ މާތް އިންސާނާއަށްވީ ހިނދު ﷲއަށް ދެންނެވުމުގައި އެކަލޭގެފާނު މެދުވެރިއަކަށް ހެއްދެވުމަށް ނަހީކުރެއްވީ، އެކަމަކީ ކުރުން ހުއްދަކަމަކަށް ނުވާތީއެވެ.

Advertisement

މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ: "މާތް ރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ. އެކަން ކުރައްވައިފިނަމަ އެއިރުން ކަލޭގެފާނުވެސް ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ. މާތް ރަސްކަލާންގެ ކަލޭގެފާނަށް މުޞީބާތެއް ޖައްސަވައިފިނަމަ އެކަލާނގެ ރަސްކަންފުޅު މެނުވީ އެކަން ފިއްލަވާނޭ އެހެން ފަރާތެއް ނެތެވެ. އަދި ހަމަ އެސުވާންމީގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ އެކަނލާނގެ ފަޟްލުވަންތަކަން އަނބުރައި ރައްދުކުރެވޭނޭ އެއްވެސް ފަރާތެއްނުވެއެވެ. އެހެޔޮކަން އެކަލާންގެ ދެއްވަނީ އެކަލާނގެ އަޅުންގެތެރެއިން އެކަލާނގެ އެދިވޮޑިގަތް ބަޔަކަށެވެ. އެކަލާނގެއީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ."

ތިމާގެ ލޭނާރަށްވުރެވެސް ކައިރީގައިވާ ފަރާތަކީ ﷲ ޞުބުޙާނަހޫ ވަތާޢާލާއެވެ. އެހެންވީމާ އެކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވަން އެހެންމީހަކު މެދުވެރިއަކަށް ހަދާކަށް ނުޖެހޭނެއެވެ. އެކަލާނގެ ވަނީ އަޅުންނާއި އެންމެ ކައިރީގައެވެ. އަޅުން ކުރާ ދުޢާ އެކަލާނގެ އައްސަވާވޮޑިގެންވެއެވެ. މާތްﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ: "އަދި ތިމަންސުވާންމީގެ ރަސްކަންފުޅާމެދު، ކަލޭގެފާނުގެ އަރިހުން، ތިމަންސުވާންމީގެ އަޅުން ސުއާލު ދަންނަވައިފިނަމަ، ފަހެ ތިމަންސުވާންމީގެއީ ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންސުވާންމީގެ ކިބަޔަށް ދުޢާ ކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަންސުވާމީންގެ އިޖާބަކުރައްވަމެވެ. ފަހެ، އެބައިމީހުންވެސް ތިމަންސުވާންމީގެ އެންގެވި އެންގެވުމަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންސުވާމީންގެ ކިބަޔަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް އިރްޝާދުލިބި ތެދުމަގު ފެނޭތޯއެވެ."

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް