November 24, 2024 11:35
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ދެވަނަބައި)

އެންމެންވެސް ވަރަށް ގުޅެއެވެ. އެންމެންނަކީ ވެސް ދެކެ ފަރިތަ ނުވަތަ ރައްޓެހި މޫނުތަކެކެވެ. އެދުވަހަކީ އެހާ ބުރަ ދުވަހެއް ނޫނެވެ. ފުރަތަމަ ދުވަސް ވީމަ ކަމަށްވެސް ވެދާނެއެވެ. ބިލާލަށް ހަވާލު ކުރެވިފައިވާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

"ކޮބާ ކޮފީ އޮންނަންވާނެ" އޮފީހުން ދިމާވާ ކޮންމެ ކުއްޖެއްވެސް މަރުހަބާ ކިޔުމަށްފަހު ބުނެލަނީ މި ޖުމްލައެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ރަށުގެ އިރުމަތީ ފަރާތުން އަތިރިމަތީގައި ކުލަކުލައިގެ ބޮކިތައް ދިއްލާލައިފައި އޮތީ ރީމާގެ އުފަންދުވަހުގެ ހަފްލާއެވެ. ރީމާއަކީ ރަށުގެ މުއްސަދި އާއިލާކަށް ނިސްބަތްވާ ކުއްޖެކެވެ. އަތްމަތި ތަނަވަސް އަމިއްލަ ވިޔަފާރި ކުރާ ޒުވާނެކެވެ. އަދި މިވީހާ ހިސާބަށް ކައިވެންޏެއް ނުކޮށް ހުންނަނީ ހުސްކޮށެވެ. ކޮންމެ އަހަރަކުވެސް އުފަންދުވަހުގެ ހަފްލާ ބޭއްވުމަކީ ރީމާގެ އުފަލެކެވެ. ރައްޓެހިންނާއި އާއިލާގެ މީހުން އަދި ރަށުގެ ކަމުވޮށިގެންވާ މީހުން މި ހަފްލާތަކުގައި ދިޔައީ ބައިވެރިވަމުންނެވެ. ބިލާލްވެސް އެތާ ހަދާފައި ހުރި ދޮރާށިން ވަދެގެންގޮސް ގޮނޑީގައި އިށީނީ ޖޫސްތައްޓެއް ހިފައިގެންނެވެ. ބޮޑުބެރުގެ އަޑުން މުޅި ހިސާބުގަޑު ގުގުމައިލައިފައެވެ. ދުރުން ރީމާމެން ފެނުނެވެ. ހުދު ކުލައިގެ ހެދުމެއްގައި ރީނދޫ ކުލައިގެ ބުރުގާއެއް އަޅައިގެން ހުރިއިރު ކޮންމެ ފިރިހެނަކުވެސް ހިތް ކިޔާނެވެ. ރީމާއަކީ ތަނަވަސް ކަމުގެ އިތުރުން ރީތިކަމުގެ ގޮތުންވެސް ރަށުން ހޮވާލެވޭ ކުއްޖެކެވެ. އެންމެންވެސް މަށަށް މަށަށް ކިޔާލަ ކިޔާލާ ތިބޭއިރުވެސް ރީމާގެ ޖަވާބަކީ ނޫނެކެވެ.

Advertisement

"އަންހެން ކުއްޖެއްހެން މާ ދުރުގައި އެކަނި ތި އިންނަނީ ކީއްވެ" އަރީޝް އައިސް ބިލާލް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

"މަ ދެންމެ މިއައީ" ބިލާލް އަރީޝްއަށް ބުނެލިއެވެ.

"ދެންވެސް ހިނގާބަލަ އެމީހުން ކައިރިއަށް ދާން" އަރީޝް ބިލާލްގެ އަތުގައި ހިފައި ތެދުވިއެވެ.

ބިލާލް އަރީޝް އާއި އެކު ހިނގައިގަތީ ބޮޑުބެރު ގްރޫޕާއި ދިމާލަށެވެ. ލަވައިގެ ފޯރީގައި އެމީހުން ނަށަމުން ދިޔައިރު ބިލާލްގެ ނަޒަރު ހުއްޓި ހުރީ ރީމާއަށެވެ. އަރީޝްވެސް އެހިސާބަށް ދިޔައީ ނަށަމުންނެވެ. އެތާގައި ބިލާލްގެ އޮފީސް ކުދިންވެސް ތިއްބެވެ.

"މިއީ އަހަރެމެންގެ ނިއު ސްޓާފް" ނީޒާ އަރައި ހަމަވުމާއިއެކު ރީމާއަށް ބިލާލް ތައާރަފް ކުރިއެވެ.

"ލައްބަ" ބިލާލަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.

އަނެއްކާވެސް އަރީޝް ހިނގައިގަތީ ކާ މޭޒާއި ދިމާލަށެވެ. އެތަނުންވެސް ފެންނަ ކޮންމެ މީހަކުމެ ބިލާލަށް މަރުހާބާ ކިޔަމުން ދިޔައެވެ. އެންމެންވެސް ކިޔަމުން ދިޔައީ ސައިދޭން ޖެހޭނެ ވާހަކައެވެ. އެކުވެރިންނާއެކު އެހަފްލާ ނިންމާފައި ގެއަށް އާދެވުނުއިރު ހުރީ ގަޑިން އެކެއް ޖަހަން ގާތްވެފައެވެ. ގޭތެރެއަށް ވަދެގެން އައިއިރު މާމަގެ އެއްވެސް ޚަބަރެއް ނުވެއެވެ. މާމައަށް ނިދުނީ ކަމަށް ވެދާނެއެވެ. ބިލާލް މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ކޮޓަރީގެ ލައިޓް ދިއްލާލުމަށްފަހު ހެދުން ބަދަލުކޮށް ގިފިއްޔަށް ދާން ހިނގައިގަތެވެ. އެއިރު ކުޑަކޮށް ވާރޭ ވެހެމުން ދިޔަނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ގިފިއްޔާ ދިމާއަށް ބިލާލް ދުއްވައިގަތެވެ. ގެއިން ބޭރަށް ނިކުމެވުނީ ހަމަ ކިރިޔާއެވެ. ބިލާލް ސިއްސައިގެން ދިޔައީ ފައިދަށުން ބުޅަލެއް ހަޅޭ ލަވައިގެންފައި ދުއްވައިގަތުމުންނެވެ. ބިލާލްވެސް ބިރުގަތެވެ. ކަޅު ކުލައިގެ އެ ބުޅާ އަނދިރީގައި ދެލޯ ދިއްލާލައިފައިވެއެވެ. ގިފިއްޔަށް ވަން އިރުވެސް އަދި ނިކުމެގެން ގެއަށް ވަން އިރުވެސް ދުރުގައި އެ ބުޅާ ބަލަހައްޓައިގެން އޮތެވެ. އެނދުގައި ބިލާލް އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ގައިމަތީ ރަޖާ އަޅާލައިގެން އޮވެ ލޯ މަރައިލިތަނާހެން އަނެއްކާ ވެސް ބޭރުން އިވެންފެށީ ދެ ބުޅާ ކޯޅޭ އަޑެވެ. ބައެއް ފަހަރު ފުރާޅުމަތީ ދުވާ ވަރުން ނިދާނުލެވި އޮންނަން ޖެހެއެވެ. ރޭގަނޑު ކަޅު ބުޅަލެއް މީހެއްގެ ކުރިކަޑައިފިއްޔާ އެއީ ޖިންނި އެކޭ މީހުން ބުނާތީ ބިލާލް އަޑު އަހައެވެ. އެއީ މީހުން ގަބޫލު ކުރަމުން އައި ގޮތެވެ. ބިލާލް ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވައިލިއެވެ. ބޭރުން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. މުޅި ގޯތިތެރެ އޮތީ އަނދިރިކޮށެވެ. ކުޑަކޮށް ވާރޭގެ ވެހެމުން ދިޔައިއިރު ހަމަހިމޭންކަން މުޅި ގޯތިތެރެއަށް ވެރިވެފައިވެއެވެ. ބިލާލް ހިނގައިގަތީ ގޯތިތެރެއަށް ނިކުމެ ބުޅާ ފައްސާލުމަށެވެ. ބޭރު ބަލައިލިއެވެ. އެއްވެސް އެއްޗެއްގެ ހިލަމެއް ނުވެއެވެ. ބިލާލުގެ އަޑުއިވުމުން ފިލީ ކަމަށް ވެދާނެއެވެ. އަނެއްކާވެސް އައިސް އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ފަތިހަށް މާމަ ގޮވާނެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ނިކަގަސްދޮށުގައި އެންމެން މަޑުކޮއްލައިގެންތިބީ ނިމިދިޔަ މެޗާއި ބޭހޭގޮތުން ވާހަކަ ދައްކާށެވެ. ބިލާލް ތަންކޮޅެއް ދުރުގައި ހުރި ހޮޅުއަށީގައި އޮށޯވެ އޮތެވެ. އެހެން ދުވަސްތާކައި ތަފާތު ދުވަހެކެވެ. އެހެން ނޫނީ ބިލާލް އެއީ ނަގައި ކިޔާ މީހާއެވެ. މިއަދު މާމަޑުން ދުރުގައި އެހެން މީހުންނާއި އެކަހެރިކޮށް އޮތުންވީ ވަރަށް ބޮޑު މައްސަލައަކަށެވެ.

"އޭތް. ބިޓެއް ނެގީތަ. މާ މޫޑީވެފައި ތިއޮތީ" އިރުފާން އައިސް ބިލާލްގެ ގާތުގައި އިށީނެވެ. ވަޒީފާ ލިބުނު ފަހުން ހަވީރުގެ ގަޑި ނޫނިއްޔާ ބިލާލަށް އެމީހުނަށް ވަގުތު ދެވޭ ކަމަށް ނުވެއެވެ. ހެނދުނު އޮފީހަށް ދާ މީހާ ނިމިގެން ގެއަށް އަންނައިރު ހުންނަނީ ހަވީރު ވާން ގާތްވެއެވެ.

"އަހަންނަކަށް ރޭގައި ނުވެސް ނިދުނު" ބިލާލް ބުނެލިއެވެ.

"ކީއްވެ. އޯހް. ރޭގައި ކުއްޖަކު ފެނުނީތަ" އިރުފާން ހޭންފެށިއެވެ.

"ނޫނެކޭ. ބުޅާތަކެއް ފުރާޅުމަތީ ދުވާވަރުން ނިދޭ ވަރެއް ނުވޭ. ހީވަނީ ދެންމެ ދެންމެ ކޮޓަރިއަށް ވަދެފާނެހެން" ބިލާލް ކިޔައިދޭން ފެށިއެވެ.

"ޖިންނި ބުޅާ ދޯ" އިރުފާން އަނެއްކާވެސް ފެށީ ހޭންށެވެ. އެވަގުތު އެހެން މީހުންވެސް އައިސް ހޮޅުއައްޓާއި އަރާހަމަވި ވަގުތެވެ. އެމީހުންވެސް އިރުފާންގެ ވާހަކަ އާއި ބައިވެރިވާން ފެށިއެވެ. އެމީހުންގެ ވާހަތައް ހުރީ ބިލާލް ބިރުގަންނަވާލުމުގެ ރާގަކަށެވެ.

"ވެދާނެ ތިގެއަށް ފަންޑިތަ ހަދާފައި ހުރި ކަމަށް. މިރަށުގެ މީހުން ވަރަށް ގަބޫލު ކުރާ އެއްޗެއް އެއީ" އިކްރާމްވެސް އެންމެފަހުން ވާހަކައިގައި ބައިވެރިވާން ފަށައިފިއެވެ.

ބިލާލަކަށް އެތާ އޮވެވުނު ކަމަކަށް ނުވިއެވެ. އެމީހުންނާއި އެކީ ދާން ޖެހުނީއެވެ. ވަޒީފާ ލިބުނު ފަހުން އަދި އެމީހުންނަށް ސައިފޮދެއްހާ މިންވަރުވެސް ބިލާލެއް ނުދެއެވެ. އެމީހުންގެ މިސްރާބު ހުރީ ތުނޑީ ކޮޅުގައި ހުރި ކެފޭ އާއި ދިމާލަށެވެ. މިއަދު ސައި ދިނީމަ އެކަންވެސް އެނިމުނީތާއޭ ބިލާލްގެ ހިތަށް އެރިއެވެ.

ރޭގަނޑު ހަތެއް ޖެހިއިރު ބިލާލް އޮތީ އެނދަށް އަރައެވެ. ނިދާލުމުގެ ބޭނުގައެވެ. ރޭ ނުނިދޭތީ ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސް ވަމުން ދިޔައެވެ. ގައިގައި ކުޑަ ރިހުމެއް ހުއްޓެވެ. ނަމަވެސް ބިލާލްގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދަނީ މިއަދު އިރުފާންމެން ދެއްކި ވާހަކަ ތަކެވެ. ރަށުގެ މީހުންނަކީ ސިހުރު ހާހޫރަށް ލޯބި ކުރާ ބައެއް ކަމެވެ. އަދި ބިލާލްގެ މައިންބަފައިން މިދުނިޔެ ދޫކުރުމުގަ ވެސް އެކަހަލަ ކަމެއް ވެދާނެ ބާއެވެ. އެގޭހާ ވެސް އެއްޗަކީ އަދި މިރަށުގެ މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ކޮންމެވެސް ކަންތަކެއް ހިނގިއެވެ. ކައިވެނި ކުރަން އާއިލާ މީހުން ނުރުހުންވި ކަމެވެ. ނަމަވެސް އޭގެ ތެދު ދޮގު ބިލާލަކަށް ނޭގެއެވެ. މާމާ ގާތުގައި ކިތަންމެ ފަހަރަކުވެސް އެހިއްޖެއެވެ. އެވާހަކަތައް މާމަ ކިޔައިދޭން ބޭނުމެއް ނުވާ ކަހަލައެވެ. މާމަ އެވާހަކަތައް ކިޔައި ނުދޭން އުޅެންޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެތާއެވެ. މި ޚިޔާލުގައި އޮއްވައި ދޮރުގައި ޓަކި ޖެހީ މާމައެވެ. ނުކައި ނިދަން އޮށޯތީމައެވެ. ބިލާލް ނިކުމެ މޭޒުދޮށުގައި އިށީނީ މާމަ އާއި އެސުވާލުތައް ކުރުމުގެ ބޭނުމުގައެވެ. މާމަ އައިސް ގޮނޑީގައި އިށީނީ ރިހަ ބޯތައްޓެއް ހިފައިގެންނެވެ. ބިލާލް އިނީ އެވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދު ވިސްނާނެވެ.

"ކޮން ޚިޔާލެއްގައި ދަރިފުޅާ. ބަލީތަ" މާމަ ހުރީ ފިކުރު ބޮޑުވެފައެވެ.

"ނޫން މާމާ. ރޭ ފުރާޅުމަތިން ބުޅާތަކެއް ދުވާތީ ނުނިދޭ" ބިލާލް ވާހަކަ ފެށޭތޯ ވިސްނަމުން ދިޔައެވެ.

"ބަލަ ދަރިފުޅާ. ބުޅާތައްވެސް ދުނިޔޭގައި އުޅެންވާނެ. ހަމައެކަނި އިންސާނުންނެއް ނޫން އުޅެންވީ" މާމަ ފައްޗަކަށް އަމުނައިލިއެވެ.

"ވެދާނެދޯ ޖިންނިން ތަކަކަށް" ބިލާލް ސީދާ މަޢުޟޫއަށް ބަދަލު ކުރިއެވެ.

"ޖިންނިންވެސް އުޅެންވާނެ. އެއީ ބިރުގަންނަންވީ ކަމެއް ނޫން. ނަމާދު ކޮއްލައިގެން އުޅެންވީ" ބިލާލްގެ މަޢުޟޫއަށް އެނބުރޭ ގޮތެއް ނުވިއެވެ.

"މަންމަމެން ނިޔާވުމުގައި އެކަހަލަ ކަމެއް ހިނގައިފައި އޮވެދާނެތަ" ބިލާލް ސީދާ ސުވާލު ކުރިއެވެ.

މާމަ ބަސްހުއްޓުނެވެ. ބިލާލް އެވާހަކަ ނުހުއްޓާނެކަން މާމައަށް ޔަގީންވިއެވެ. މާމަ އަތް ދޮވެލަން އިސްކުރާއި ދިމާއަށް ހިނގައިގެންފިއެވެ. ބިލާލް މާމަށް ބަލަހައްޓައިގެން އިނީ ޝަކުވާގެ ނަޒަރަކުންނެވެ. އެވާހަކަތައް ނުހޯދާ ހުއްޓާލާކަށް ބިލާލް ދެނެއް ބޭނުމެއް ނޫނެވެ. ލައްކަ ދުވަހު ކެތް ކުރެވިއްޖެތާއެވެ.

"މާމާ ދެންބުނެލަބަލަ. ޕްލީޒް. ޕްލީޒް" ބިލާލް އާދޭސް ކުރަންފެށިއެވެ.

"ލައްބަ ދަރިފުޅާ. މާމަ ކިޔައިދޭނަން" މާމަ އެންމެފަހުން އެއްބަސްވީއެވެ.

ބިލާލް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބޭނުންވާ މައުލޫމާތު މިރޭ ލިބޭނެތީއެވެ. ހުރިހާ ދުވަހު ކުރި އިންތިޒާރުގެ ނިމުން އަންނާތީއެވެ. އެއީ މަންމަ އާއި ބައްޕައެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިއަކީ ބިލާލެވެ.

"މާމާ ދެން ކިޔައިދޭންވީނު" ބިލާލް ގޮސް މާމަގެ އަތުގައި ހިފެހެއްޓުމުން މާމަ ބިލާލް ގޮވައިގެންގޮސް ގޮނޑީގައި އިށީނެވެ. ރަނގަޅަށް ބިލާލްގެ މޫނަށް ބަލައިލިއިރު ބިލާލްގެ މޫނުމަތިން ހާސްވުމުގެ މަންޒަރު ފެންނަމުން ދިޔައެވެ. އެވާހަކަ އަޑު އަހަން ބިލާލް ކެތްމަދުވެފައި ވާކަން މާމައަށް އިހްސާސް ކުރެވުނެވެ.

"ދަރިފުޅާ. ދަރިފުޅާ. ހަމަ މިރޭތަ ކިޔައި ދޭންވީ. ދެން މިހާރު ނިދާގަޑި ވެސް ޖެހުނީ" މާމަ ބުނެލިއެވެ.

"ލައްބަ މާމާ މިރޭ. މިހާރު" ބިލާލްގެ ލޮލުން ކަރުނަ އޮހިގަތެވެ.

މާމަ ބިލާލްގެ އަތުގައި ހިފެހެއްޓީ ގިސްލަމުންނެވެ. މާމަ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމުގެ އިހުސާސް ބިލާލަށް ކުރެވުނެވެ. އެމީހުންގެ މަރުގައި ޝައްކު އުފެދޭ އެތައް ކަމެއް އެކުލެވިގެންވާ ކަމުގެ ހެއްކަކީ މާމަ އެވާހަކަތައް ނުބުނަން މަސައްކަތް ކުރުން ކަމަކަށް ބިލާލް ހިތާހިތާ ކިޔާލެވުނެވެ. ބިލާލްގެހިތް ބާރަށް ތެޅެމުން ދިޔައެވެ.

"މާމަގެ ބައިވެރިވުމެއް އޮންނާނެތަ މިމަރުތަކުގައި" ބިލާލް ޝައްކުގެ ނަޒަރަކުން މާމަ އާއި ސުވާލު ކުރިއެވެ.

"މާމަ މިބުނީ ދަރިފުޅަށް ކިޔައިދޭނަމޭ" މާމަ އަނެއްކާވެސް ބިލާލް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.

"އަޑު އަހާ. މާމަ އަކީ ހިތުގެ ބަލި ހުންނަ މީހެއް" މާމަ ވާހަކަ ފެށިއިރު ބިލާލް ކަނުލައި އަހަން އިނެވެ. މާމަގެ ހިތުގެ މައްސަލެއް ހުންނަކަން މިވީ ދުވަސްތަކުގައި ދުވަހަކުވެސް ބިލާލަށް އެނގިފައިނެތެވެ. އެ ޖުމްލަ އަޑުއިވިފައި ބިލާލަށް ރޮވެން ފެށުނެވެ.
"މާމަ ހުރީ ދުވާލު ގަޑީގައި މިވާހަކަ ދައްކަން. އެކަމަކު ދަރިފުޅު ދޫނުކޮށް ކިޔަން ފެށީމަ މި ކިޔައިދޭން އުޅެނީ" މާމަ ފުންނޭވާ އެއް ލަމުން ބުނެލިއެވެ. އެވަގުތު މާމަގެ ލޮލުން ކަރުނަ ފާއްދާލިތަން ބިލާލަށް ވަރަށް ރަނގަޅަށް ފެނުނެވެ.

"އޯކޭ މާމާ. މިރޭ ކިޔައި ނުދިނަސް" ބިލާލަށް ރޮވެން ފެށީ މާމަގެ ބަލި ހާލަތު ހިތަށް އަރައިފައެވެ.

"ދަރިފުޅާ. މާމަ މާދަމާ ހެނދުނު ހުރިހާ ވާހަކައެއް ކިޔައި ދޭނަން. ދެން މިރޭ ނިދަން ދޭ" މާމަ ބިލާލްގެ ބޮލުގައި ފިރުމައިލީ ވަރަށް ލޯބިންނެވެ.

ބިލާލް ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. މާމަވެސް ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެނދުގައި އޮށޯވެއޮވެ ބިލާލް ވިސްނަމުން ދިޔައީ މިރޭ ދެކެވުނު ވާހަކަ އާއި މެދުގައެވެ. މައިންބަފައިންގެ މަރުގެ ވާހަކައެވެ. މާމަގެ ބަލި ހާލަތާއި މެދުގައެވެ. މާމަ މަރުވެއްޖެއްޔާ ބިލާލް އެކަނިވާނެ ވަރެވެ. އަދި ދިރިއުޅުމެއް ނުފެށެނީސް މުޅިން އެކަނިވެރިވެ ބާކީވާނެއެވެ. އެ ހިޔާލުގައި ބިލާލް އޮތީ އިރު އަރާނެ ވަގުތެއްގެ އިންތިޒާރުގަ އޮއްވާ ބިލާލަށް ނިދުނު އިރެއްވެސް ނޭގެއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
0
+1
1
+1
6
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް