September 20, 2024 22:37
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ފައިންޕުޅުގައި ބޮސްދެއްވުމަށްފަހު އައްދާސް އިސްލާމްވިގޮތް

އައްދާސް އިސްލާމްވުން

ރަސޫލާ ﷺ އާމެދު ކަންތައްކުރެވުނު ގޮތް ފެނި އުޠުބާއާއި ޝައިބަން އިބުނު ރާބިއާ ހިތާމަކުރިއެވެ. މައްކާގެ އަވަށްޓެރިން މައްކާ މީހަކަށް މިވަރުކުރީތީ އެމީހުން ތިބީ އެކަމާ އުނދަގޫވެފައެވެ. ދެން އެމީހުން ރަސޫލާ ﷺ އަށް ވެދުމެއްގެގޮތުގައި މޭވާ ތަބަކެއް ފޮނުވިއެވެ. އެގޮތުން މޭބިސްކަދުރު ފޮނުވީ އެމީހުންގެ ޚާދިމެއްކަމުގައިވާ އައްދާސް އަތަށް ދީފައެވެ. އައްދާސްއަކީ ޢިރާޤުގެ ނަސާރާއެކެވެ. އެކަލޭގެފާނު ހަދިޔާ ގަބޫލުކުރައްވައި ބިސްމި ވިދާޅުވުމަށްފަހު މޭބިސްކަދުރު ފަރިއްކުޅުއްވިއެވެ.

ބިސްމީގެ އަޑު އިވުމުން އެކަމާ ހައިރާންވެ އެއީ ކޮން އެއްޗެއްތޯ އޭނާ ރަސޫލާ ﷺ އަށް ސުވާލު ދެންނެވިއެވެ. ދެން އެއީ ﷲ އެކަލޭގެފާނަށް ދަސްކޮށްދެއްވާފައިވާ އެއްޗެއްކަމަށް ވިދާޅުވެ އެއްސެވިއެވެ. 'އައްދާސް، ކަލޭގެ ރަށަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި އޭނާ ދެންނެވިއެވެ. 'އަހަރެންގެ ރަށަކީ ނައިނަވާއެވެ.' ދެން ރަސޫލާ ﷺ ހިނިފުޅުވަރުނަކުރައްވާފައި ވިދާޅުވިއެވެ. 'ޔޫނުސް އިބުނު މައްޠާގެ ރަށް ހެއްޔެވެ؟' ހައިރާންވެ ހުރެ އައްދާސް ދެންނެވިއެވެ. 'ކަލޭގެފާނަށް ޔޫނުސް އިބުނު މައްޠާ އެނގިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ މިބިމުން އެކަކަށްވެސް ތިޔަ ނަން އަޑުއިވިފައެއްނުވެއެވެ.' ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވަންވީ ކީއްވެހެއްޔެވެ؟ އެއީ ތިމަންކަލޭގެފާނުގެ އަޚު ބޭކަލެކެވެ. އަދި ތިމަންކަލޭގެފާނަކީ އެކަލޭގެފާނުގެ އަޚު ބޭކަލަކީމުއެވެ. ތިމަންބޭކަލުންނަކީ ރަސޫލުންނެވެ.' މިނަން ވިދާޅުވާން އެނގިވަޑައިގަތުމަކީ ރަސޫލާ ﷺ ގެ މުޢުޖިޒާތެކެވެ. ދެން އައްދާސް އެކަލޭގެފާނުގެ ފައިންޕުޅުގައި ބޮސްދެއްވުމަށްފަހު އިސްލާމްވެއްޖެއެވެ.

Advertisement

ދުރުގައި މިމަންޒަރު ބަލަންތިބި އައްދާސްގެ ސާހިބުން ހައިރާންވިއެވެ. އޭނާ އެނބުރި އައުމުން ސާހިބުން ބުންޏެވެ. 'ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ އެކަލޭގެފާނުގެ ފައިންޕުޅުގައި ބޮސްދިނީ ކޮންކަމަކާ ހެއްޔެވެ؟ ދެން އޭނާ ޖަވާބުގައި ބުންޏެވެ. 'އަހަރެންގެ ސާހިބުންނޭވެ! މިބިމުގައި އެއަށްވުރެ ރަނގަޅު ބޭކަލަކުނުވެއެވެ. އެއީ ރަސޫލު ބޭކަލެކެވެ. ރަސޫލު ބޭކަލަކަށް މެނުވީ އެނގިވަޑައިނުގަންނަވާނެ މައުލޫމާތު އެކަލޭގެފާނު އަހަރެން ގާތު ވިދާޅުވިއެވެ.' ދެން އެމީހުން ބުންޏެވެ. 'އޭ އައްދާސްއެވެ. އެކަލޭގެފާނު ކަލެއަށް ސިހުރެއް ހެއްދެވީއެވެ. އެއީ އެކަލޭގެފާނުގެ ދީނަށްވުރެ ކަލޭގެ ދީން ރަނގަޅުކަމުންނެވެ. ފަހުން ބަދުރު ހަނގުރާމައިގައި އައްދާސްގެ ސާހިބުން، ރަސޫލާ ﷺ އާ ދެކޮޅަށް ހަނގުރާމަކުރުމަށް އައްދާސް ނެރުނެވެ. އެކަމަކު އޭނާ އެކަމަށް އިންކާރުކޮށް ހަނގުރާމައަށް ނުނިކުމެ ބުންޏެވެ. 'ﷲ ގަންދީ ބުނަމެވެ. ފަރުބަދައަކަށްވެސް އެކަލޭގެފާނަށް ގެއްލުމެއް ނުދެވޭނެއެވެ.' އައްދާސްގެ ސާހިބުން ބަދުރު ހަނގުރާމައިގައި މަރުވިއެވެ.

މަލަކުލް ޖިބާލް

ބުޚާރީގައި ވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 'ތިމަންކަލޭގެފާނަށް ޤަރުނުލް މަނާޒިލަށް ވަޑައިގެންނެވުނު އިރު ވިލާގަނޑެއް ހިޔާދިނެވެ. އެ ވިލާގަނޑުން ޖިބުރީލްގެފާނު ފެނިވަޑައިގަތެވެ. އަދި ޖިބުރީލްގެފާނު ވިދާޅުވިއެވެ. 'އޭ މުޙައްމަދުއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނުގެ މީސްތަކުން ކަލޭގެފާނާ ދެއްކި ވާހަކައާއި އެމީހުން ކުރިއިންކާރު ދެނެވޮޑިގެންފިއެވެ. އަދި ﷲ ތިމަންކަލޭގެފާނާއެކު ފަރުބަދައިގެ މަލާއިކަތާ ކަލޭގެފާނުގެ ޚިދުމަތުގައި ފޮނުއްވައިފިއެވެ.' ދެން ފަރުބަދައިގެ މަލާއިކަތާ ވިދާޅުވިއަޑު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. 'ތިމަންކަލޭގެފާނަކީ ފަރުބަދައިގެ މަލާއިކަތާއެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއް ވިދާޅުވާށެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ ދެފަރުބަދައިގެ މެދުން ފިއްތައި މިރަށް ގަންބަވާހުށީމެވެ' ރަސޫލާ ﷺ ޖަވާބުގައި ވިދާޅުވިއެވެ. 'ނޫނެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ އެމީހުންގެތެރެއިން ބަޔަކު ކޮންމެވެސް ދުވަހަކު ﷲ އަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމަށެވެ.'

ޠާއިފުގެ ހާދިސާއިން ލިބޭ ފިލާވަޅުތައް

  • ރަސޫލާ ﷺ އާ ގިނަގުނަ ބޮޑެތި އިމްހާނުތައް ކުރިމަތިވެވަޑައިގަތެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ﷲ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާނެ ކަމެކެވެ. މިކަމުން އެނގޭ އެއްކަމަކީ އަހަރެމެން މުސްލިމުންނަށް މުހިންމުވަނީ މިދުނިޔޭގެ އުފަލާއި އަރާމު ނޫންކަމެވެ.
  • ރަސޫލާ ﷺ ކުރެއްވި ދުޢާއިން އެނގެނީ އެކަލޭގެފާނަށް މުހިންމުވަނީ ހަމައެކަނި ﷲ ގެ ރުއްސެވުންކަމެވެ.
  • އައްދާސް އިސްލާމްވުމަށް މެދުވެރިވީ ބިސްމީގެ އަޑެވެ. ދީނުގެ އެއްވެސް ކަމެއްކުރަން އަހަރެމެން ފަސްޖެހި ލަދުގަތުމަކީ އޮތް ކަމެއްނޫނެވެ. ދީނަށް ފުރިހަމައަށް ތަބާވެ އެދީނަށް އުޅޭ މީހާއަށް ލިބޭނީ ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.
  • ﷲ ރަސޫލާ ﷺ އަށް އިޖާބަދެއްވިގޮތް ފެނުނެވެ. އެންމެކައިރި މީހުން އެކަލޭގެފާނު ދޫކޮށްލެއްވުމުން މާދުރުން އައި މީހަކު އިސްލާމް ދީން ވަގުތުން ގަބޫލުކުރުމެވެ. އެކަލޭގެފާނަށް މޭވާ ދެއްވުމާއި ވިލާގަނޑަކުން ހިޔާ ދެއްވުމެވެ. އަދި އެކަލޭގެފާނު އަރިހަށް ޖިބުރީލްގެފާނާއި ފަރުބަދައިގެ މަލާއިކަތާ ފޮނުއްވުމެވެ.
  • ރަސޫލާ ﷺ ގެ އަޚުލާޤާއި ސުލޫކުގެ ފުރިހަމަކަން ފެނިގެންދިޔައެވެ. އެހިތްދަތި ހާލުކޮޅުގައިވަނިކޮށް ބޭނުންކަމެއް ވިދާޅުވުމަށް ފަރުބަދައިގެ މަލާއިކަތާ އެދިވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު ބޭނުންފުޅުވީ އެމީހުންގެ ދަރިފަސްކޮޅުން އިސްލާމްވާނޭ ބައެކެވެ. އެހެންކަމުން އެކަލޭގެފާނުގެ އަޚުލާޤު މުއުޖިޒާތެއްފަދައެވެ. މިއަދު ޠާއިފަކީ ﷲ އަށް އީމާންވެގެން ތިބި މުސްލިމުން ދިރިއުޅޭ ރަށެކެވެ.
  • ބޮޑެތިކަންކަމާކުރިމަތިވުމުން ޖަޒުބާތުގައި އެކަމަށް ހައްލުހޯދުމަކީ އޮތް ކަމެއްނޫނެވެ. ބޮޑެތި ކަންކަމުގައިވެސް އަހަރެމެން މުސްލިމުން ކަންކުރަންވާނީ ރަސޫލާ ﷺ ކަންކުރެއްވިފަދައިން ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކީ ކުރިމަގަށް ވިސްނައިގެންނެވެ.
  • އަހަރެމެންނާ ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ރަސޫލާ ﷺ ނަމޫނާއަކަށް ބަލަންޖެހެއެވެ. އެކަލޭގެފާނުގެ އަމަލުފުޅުތަކުން ހިތްވަރުލިބިގަންނަންޖެހެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
5
+1
7
+1
0
+1
2
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް