November 24, 2024 07:43
Advertisement

-Advertisement-

މަދިރި މަދުކުރުމަށް އެއްވެސް މަސައްކަތެއް ކުރިންތަ؟

މިއަހަރުގެ ތެރޭގައި ވެސް ޑެންގީހުން ޖެހިގެން ދިވެހިރާއްޖޭގައިވެސް ވަނީ މީހުން މަރުވެފައެވެ. އަދި ޑެންގީ އަށް އެކި އުމުރުގެ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

ޑެންގީ އަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފުރާނައަށް ނުރައްކާވެދާނެފަދަ ބައްޔެކެވެ. ޑެންގީ ހުމުން ސަލާމަތްވުމަށް މަދިރި ހެފުމުން ރައްކާތެރިވާންޖެހެއެވެ. މަދިރި މަދުކުރުމަށް ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވުނީ ކޮންމަސައްކަތެއްތޯ ބަލާލުން މުހިންމެވެ.

ޑެންގީއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާނެ ތަންތަން ނައްތާލުމެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވެސް ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގައެވެ. އެކަމަކު ފަރުދީ ފެންވަރުގައި މަދިރި އާލާވިޔަ ނުދިނުމަށް މަސައްކަތް ކޮށްފިނަމަ އެކަމުގެ ފޮނި ނަތީޖާ ފެންނާނެއެވެ.

Advertisement

މަދިރި އުފެދި އާލާވެދާނެ ތަންތަން:

  • ޖަމާވެފައި ހުންނަ ކުންޏާއި ފެން ހަރުލާގޮތަށް ހުންނަ ތަކެތި ފެންވަޅުތަކާއި ފެންތާނގި ފަދަ ތަކެތި
  • ހަދަމުންދާ އިމާރާތްތަކުގެ ފައުންޑޭޝަން އެޅުމަށް ކޮނެފައި ހުންނަ ވަޅުގަނޑު
  • ޝީޓު، ލިފްޓްގޮޅި، ފެންވަޅު
  • ދިޔަދޮވި އަދި ފެންއެޅޭ ގޮތަށް ހުންނަ އެހެނިހެން ތަންތަނާއި ތަކެތި
  • ފެންހަރުލާ ބައެއް ވައްތަރުގެ ގަސްތައް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މިމަހު 12 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަހަރުގެ އޭޕްރީލް އިން ފެށިގެން މިހާތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވެފައިވެއެވެ. އަދި ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު އޮކްޓޯބަރ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ.

" ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާގުޅިގެން ޑެންގީ އުޅޭ ނިސްބަތް އިތުރުވެގެންދޭ. މިއަހަރަކީ ގިނައިން ވިއްސާރަކުރި އަހަރަކަށް ވެފައި މިހާރުވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ އިތުރުވުން ކުރިއަށްއޮތްތަނުގައި ގިނަވާނެކަމަށް ބެލެވޭ". އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރަށް އެހެނިހެން ނުރައްކާތަކާ ދަނީ ކުރިމަތިވަމުންނެވެ. ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީގެ ނުރައްކާ ބޮޑެވެ. މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ވެސް ވަނީ ފާހަގަކޮށްފައެވެ.

" 3 ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް (ކުޑަކަމުދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތުކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައުން ފަދަ އަލާމާތްތައް) ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ދިއުން ވަރަށް މުހިންމެވެ.

ހުޅުމާލެ ސާފުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް

ވެރިރަށް މާލެ ސަރަހައްދަށް ބަލާއިރު ހުޅުމާލެއަކީ އެތައްހާސްބަޔަކު ދިރިއުޅޭ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތެއް ކުރާ ތަނެކެވެ. މަސައްކަތްކުރުމަށް ބޭނުންކުރާ ބައެއްތަކެތި ފެންހަރުލާގޮތަށް އުކާލާފައި ހުންނަ މަންޒަރު ފެނެއެވެ. އަދި ގިނަ އަދަދެއްގެ ކުނިތައް ގަސްތަކުގެތެރޭގައާއި އާންމުކޮށް މީހުން ނުއުޅޭ ސަރަހައްދުތަކަށް އުކާލާފަ ހުންނަ މަންޒަރުވެސް ބައެއްފަހަރަށް ފެނެއެވެ. ހުޅުމާލެ ސާފުކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ހަރަކާތްތެރިވިއަސް ފަރުދީ ޒިންމާ އަދާނުކުރާނަމަ ދާއިމީކޮށް ސާފުކޮށް ބޭއްވުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މިމަހުގަވެސް އެޗްޑީސީ އިން އިސްނަގައިގެން ގިނަ ބައެއްގެ އެހީތެރިކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

'ޑެންގީ އިޖާބަ' ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި އެޗްޑީސީގެ މުވައްޒަފުންނާއެކު ވެމްކޯ، އެމްޕީއެލް، ހުޅުމާލެ ހޮސްޕިޓަލް، ޕާރލޭ، އެޗްޑީސީ ކޮންޓްރެކްޓަރސް، ލިޓިލްޖެމްސް، އެޗްޕީއޭ، ފެޑޯ، އެރޯ، ހާފްވޭ ހައުސް، ޣާޒީ ސްކޫލް، ބީއެމްއެލް، އާރުޑީސީ، ސްޓެލްކޯގެ އިތުރުން ހުޅުމާލެ ފޭސް2 ފުލުހުން ބައިވެރިވެފައިވެއެވެ.

ޑެންގީ ހުން މަދުކުރުމަށްޓަކައި މަދިރި އާލާވާތަންތަން ސާފުކުރުމަށް މިދިޔަ ހަފްތާގައި ހިންގުނު ހަރަކާތުގައި 9 ޓީމެއްގެ ގޮތުގައި ބައިވެރިން މަސައްކަތްކޮށް 9 ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. ހެނދުނު 7 އިން ރޭގަނޑު 10 އަށް ސާފުކުރުން ކުރިއަށްގެންދިޔައިރު ފާހަގަކުރެވުނީ، ފަރުދީ ޒިންމާ އަދާކުރާނަމަ އެދުވަހު އެނެގުނު ކުނިތަކެއް އެގޮތަށް ނަގަން ނުޖެހުނީހެވެ. އެޗްޑީސީ އިން މިއަހަރުތެރޭ ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި 1696 ޓަނުގެ ކުނި މީގެކުރިންވެސް ހުޅުމާލެއިން އެކަނި ވަނީ ނަގާފައެވެ.

މަދިރި މަދުކޮށް ޑެންގީ މަދުކުރުމަށް އެންމެން މަސައްކަތް ކުރަމާތޯއެވެ. ފެންހަރުލާފަދަ ތަކެތި ނައްތާލުމަކީ ފަރުދީ ފެންވަރުގައިވެސް ކުރެވިދާނެކަމެކެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް