November 24, 2024 10:28
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ތިންވަނަބައި)

ބިލާލަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެ މާމަ ކޮބައިތޯ ބަލައިލިއެވެ. ކޮޓަރިތެރެއިން މާމަ ކެއްސާ އަޑު އިވެމުން ދިޔައެވެ. ބިލާލް ދުވެފައިގޮސް މާމަގެ ކޮޓަރީގައި ތަޅައިގަތެވެ. އެތެރެއިން އެއްވެސް ޚަބަރެއް ނުވިއެވެ. ބިލާލްގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެނބުރިލާފައި ފާރުގައި ހުރި ގަޑިއަށް ބިލާލް ބަލައިލިއެވެ. ގަޑިން ފަސްގަޑި ފަނަރަވީއެވެ. އިރުއަރަން އަދި ލައްކަ އިރު އެބައޮތެވެ. މަޑުމަޑުން ގޮސް ސިޓިންގރޫމްގެ ގޮނޑީގައި ބިލާލް އޮށޯތެވެ. މާމަގެ އިންތިޒާރުގައެވެ. ކެއްސުމުގެ ކަންތަކަށް ކުޑަވެސް ލުޔެއް ލިބޭހެން ބިލާލަށް ހީނުވެއެވެ. މާމައަކީ ބަރާބަރަށް ނަމާދު ކުރާ މީހަކަށް ވާތީ ކޮންމެ ރެއަކުވެސް ފަތިސް ނަމާދަށް ގަޑިއަށް ހޭލުމަކީ މާމަގެ ގައިގައި ހަރުލާފައި ހުންނަ ވަރަށް ރަނގަޅު އާދައެކެވެ. އަދި ބިލާލަށް ގޮވާ ފަތިސް ނަމާދު ކުރުވާނެއެވެ. ނަމަވެސް މިރޭ މާމަ ކޮޓަރިން ނުނިކުމެ ޚަބަރެއް ނުވާތީ ބިލާލްގެ ހިތުގައި ބިރުވެރިކަން އިތުރުވަމުން ދިޔައެވެ.

"މާމާ. މާމާ" ބިލާލަށް ކެތްނުވެގެން ގޮސް ކޮޓަރީގައި ދޮރުގައި ޓަކިޖަހަން ފެށިއެވެ.

"ދަރިފުޅާ. ނަމާދު ކޮއްފިންތަ" ބަލިއަޑަކުން މާމަ ފުރަތަމަވެސް ކުރީ އެސުވާލެވެ. އެހާލުގައި ވެސް ބިލާލް ނަމާދު ކުރިތޯ ބެލީއެވެ.

Advertisement

"މާމާ ބަލީތަ. ދޮރުހުޅުވަބަލަ" އަނެއްކާވެސް ބިލާލް ގޮވަން ފެށިއެވެ.

މާމަގެ ޚަބަރެއް އިތުރަކަށް ނުވިއެވެ. އެކަމަކު ވަރަށް ގަދައަށް ކެއްސާ އަޑު އިވެއެވެ. ބިލާލް ގޮސް އަނެއްކާވެސް ގޮޑީގައި އޮށޯތެވެ.

ބިލާލަށް ސިއްސައިގެން ގޮސް ހޭލެވުނީ މާމަގެ އަޑަށެވެ. އުފަލުން ފުންމައިގެންގޮސް ކޮޅަށް ތެދުވިއެވެ. ބިލާލްގެ ހިތް ބާރަށް ތެޅެމުން ދިޔައީ މާމަ ވެފައިވާ ވަޢުދެއްގެ ސަބަބުންނެވެ. ރެއިން ފެށިގެން ކެތްކުރަމުން އައީ އިރުއަރާނެ ވަގުތަކަށެވެ. އެންމެފަހުން އިރުއަރައި މާމަ އާއި ބައްދަލުވީއެވެ.

"މާމަ ބަލީތަ" ބިލާލް ސުވާލު ކުރިއެވެ.

"ނޫން" މާމަ ދިނީ ކުރު ޖަވާބެކެވެ.

"އެކަމަކު ރޭގައި ވަރަށް ކެއްސާ އަޑުއިވުނު. އަހަރެން މިހުންނަނީ ވަރަށް ފިކުރުބޮޑުވެފައި" ބިލާލް ބުނެލިއެވެ.

"އޯކޭ. ކޮބާ މާމަ ކިޔައިދޭނަމޭ ބުނި ވާހަކަ" މާމަ އިތުރަށް ވާހަކަ ނުދެއްކުމުން ބިލާލް ހަނދާން ކޮއްލަދިނެވެ. ކުޑައިރުއްސުރެ ހަގީގަތް ހޯދަން ބޭނުންވެ ހަގީގަތް ހޯދިފައި ނުވާ ކަމެކެވެ. ރަށުތެރޭ އެކި ގޮތްގޮތަށް އެވާހަކަ ދެކެވެމުން ދެއެވެ. އެނގޭހާ ވެސް އެއްޗަކީ ބިލާލްގެ އާއިލާގެ މީހުންގެ އެއްވެސް އެއްބާރުލުމެއް އެއްވެސް ކަމެއްގައި ލިބެމުން ނުދާކަމެވެ. ކުޑަމިނުން މިގެއަށް ވަދެވެސް ނުލައެވެ. މަގުމަތިން ދިމާވިޔަސް މޫނު އަނބުރާލަނީ އަނެއް ފަރާތަށެވެ. ބިލާލްގެ ހުރިހާ ކަމެއް ކޮއްލަދިނީ މާމަ އެކަންޏެވެ.

"މިރޭ ކަރުގައި ވަރަށް ރިއްސާތީ މިއުޅެނީ" މާމަ އަނެއްކާވެސް ކެއްސަންފެށިއެވެ.

ބިލާލް ދުވަފައި ގޮސް ފެންތައްޓެއް ގެނެސް މާމައަށް ދިނެވެ. މިއަދުވެސް މާމަގެ ދުލުން އެވާހަކަ ނީވިދާނެތީ ބިލާލް ހުރީ ވަރަށް ބިރުންނެވެ. ކޮންމެ ގޮތެއްވިޔަސް އެވާހަކަ މިއަދު އަޑުއަހަން ބޭނުމެވެ. ދެން އިތުރަށް އިންތިޒާރު ކުރާނެހާ ހިތްވަރެއް ހަށިގަނޑަކުނެތެވެ.

"މާމާ. މާމާ ކޮބާހޭ ވާހަކަ" ބިލާލު ހިތް އަވަސްވަމުން ދިޔައެވެ.

"ދަރިފުޅާ މާމަ ވަރަށް ބަލި" މާމަ އަނެއްކާވެސް ކެއްސަން ފެށިއެވެ.

"އެހެންވީމަ މިއަދުވެސް ނުބުނެވޭނެދޯ. ތިއުޅެނީ ނުބުނަންތަ" ބިލާލް ބުނެލިއެވެ.

މާމައަށް ރޮވެން ފެށުނެވެ. އެއް އަތުން ކަރުގައި ފިރުމަމުން ދެއެވެ. ބައެއްފަހަރަށް ކޮންމެވެސް އެއްޗަކާއި ދިމާލަށް ބަލާހެންވެސް ހީވެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. މޫނުމަތިން ކުލަބަދަލުވެ މާޔޫސް ވިއެވެ.

"ބަޔަކު އެމީހުން މަރައިލީތަ" ބިލާލް އަނެއްކާވެސް ސުވާލު ކުރިއެވެ.

"ނޫން. ނޫން. އަޑުއަހާ" މާމައަށް ގިސްލާ ރޮވެން ފެށިއެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ.

"އެއީ ދަރިފުޅުގެ މަންމަ އާއި ބައްޕަގެ ކައިވެންޏަށް ބައްޕަގެ އާއިލާގެ މީހުން ނުރުހުންވީ. އެމީހުން ބޭނުންވީ ބައްޕަ މުއްސަނދި ކުއްޖަކާއި ކައިވެނި ކުރަން. އެކަމާއި ބައްޕަ ނުރުހުންވި ހިސާބުން އެމީހުން ސިހުރު ހަދަންފެށީ. އެކަން އެނގުނު ހިސާބުން މާމަ ވެސް މަންމަގެ ކައިވެންޏަށް ނުގަބޫލުވީ މަންމަގެ ރައްކާތެރިކަމަށް" މާމަ ގިސްލާ ރޯން ފެށިއެވެ.

ބިލާލަށް ވެސް ރޮވެން ފެށުނެވެ. މާމަ އަތުގައި ހިފަހައްޓަމުން މާމައަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް އެހުރިހާ ވާހަކައެއް އަޑު އަހަން ބިލާލް ވަނީ ކެތްތެރިކަން ކޮޅުން ލައިފައެވެ.

"ދެން ކިހިނެއްވީ" ބިލާލް އަވަސް އަވަހަށް އެހިއެވެ.

"އެމީހުންގެ ނުގަބޫލުގައި ނަމަވެސް ދަރިފުޅުގެ މަންމަ އާއި ބައްޕަ ކައިވެނީ ކުރީ. އަދި ކައިވެނި ކުރިތާ މަހެއް ވީތަނާހެން ދަރިފުޅުގެ މަންމަ ބަނޑުބޮޑުވީ" މާމައަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

"ކިޔާދީބަލަ މާމާ" ބިލާލް އަޑުއަހާ ހިތުން ބުނެލިއެވެ.

"ދަރިފުޅު ވިހެއިތަނާހެން ކުއްލިއަކަށް ދަރިފުޅުގެ މަންމަ އާއި ބައްޕަ ނިޔާވީ. އެދުވަހުން ފެށިގެން ދަރިފުޅު ބަލަހައްޓަމުން މިގެންދަނީ މާމަ" މާމަގެ ވާހަކަ ހުއްޓުނެވެ. އަޑު ނިކުންނަން އުދަގޫވިހެން ބިލާލަށް ހީވިއެވެ. މާމަ ވަށައިގެން ހޯދަން ފެށިއެވެ. ކޮންމެވެސް މީހަކު މާމަ ގާތުގައި ހުރެ އުދަގޫ ކުރާ ކަހަލައެވެ. ބިލާލްވެސް ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މާމަ އަތް މައްޗަށް ނަގައި އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ. ކިޔާ އެއްޗެއް ބިލާލަކަށް ސާފެއް ނުވެއެވެ. ބިލާލް ދުވެފައި ގޮސް މާމަގެ ގައިގައި ބައްދާލީ މާމަ ނޭވާލާން އުނދަގޫވެގެން އުޅޭތީއެވެ. ދެލޯ ބޮޑުވެ އަނގައިން ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން ހީވެއެވެ. އަނގައިން ފޮނުތަކެއް ފައިބަމުން ދިޔައެވެ. ބިލާލް ވަރަށް ހުށިޔާރު ކަމާއިއެކު މާމަގެ ގައިގައި ބާރަށް ބައްދާލައިގެން ހުއްޓެވެ. މާގިނަ އިރެއް ނުވަނީސް މާމަގެ ނޭވާ ހުއްޓުނެވެ. ބިލާލް ބާރަށް ހަޅޭ ލަވަން ފެށިއެވެ. މީހެއްގެ އެހީއަކަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ބަލާކަށް ނުހުރެ މާމަ ބިންމަތީގައި ބާއްވާފައި ބޭރަށް ނިކުންނަން ދުއްވައިގަތީ މީހެއްގެ ހިލަމެއް ނަމަވެސް ވޭތޯއެވެ. މީހެއްގެ ފަރާތުން އެހީއެއް ހޯދުމަށެވެ. މާމަ ދޫކޮއްލާފައި އެހާ ދުރަށް ދެވޭކަށް ނެތެވެ.

"ކިހިނެއްވީ" ބިލާލް ފެނުމާއެކު ޝަރުވާން އަހައިލެވުނީ ބިލާލް ހާސްވެފައި ހުރިވަރުންނެވެ.

"މާމަ. މާމަ. މާމަ މަރުވެއްޖެ" ބިލާލް އެހެން ބުނެލުމާއެކު ދެމީހުން ގޯތިތެރެއަށް ވަނުމަށް ދުއްވައިގަތެވެ. އެއިރު މާމަގެ ފުރާނަ ނެތް މަސްގަނޑު ފެންނަން އޮތެވެ. ބިލާލް ގޮސް މާމަގެ ގައިގައި ބައްދައިލިއެވެ. އަދި މޫނަށް ބަލައިލިތަނާހެން ބިލާލަށް މާމަގެ ކަރުދަށުން ނޫފައިގެންފައި ހުރި ތަނެއް ފާހަގަވިއެވެ. ހީވަނީ މީހަކު ވަރަށް ބާރަށް ހިފައިފައި ހުރިތަނެއް ހެންނެވެ. ރޭގައި މާމަ އެވަރަށް ކެއްސީވެސް އެހެންވެގެންތާއެވެ. ނަމަވެސް މާމަ އަމިއްލައަށް އެވަރު ކަމެއް ކޮއްފާނެ ކަމަކަށް ބިލާލަށް ގަބޫލެއް ނުކުރެވެއެވެ. ބިލާލް މާމަ އަތުގައި ހިފެހެއްޓި ވަގުތު އެމީހުން ވަށައިގެން މީހަކު ހިނގާހެން ހީވެގެން ބިލާލް ކޮޅަށް ތެދުވެ ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހީވި ހީވުމެއް ކަމަށް ބަލައި ގުދުވެ މާމަ ނަގައި ގޮނޑީގައި ބޭއްވީ ޝަރުވާންގެ އެހީތެރި ކަމާއި އެކުގައެވެ. ގޮނޑީގައި ބޭއްވި ތަނާހެން މާމަގެ އަނގައިން ލޭ ފައިބަންފެށިއެވެ.

"ޝަރުވާން. ޝަރުވާން" ބިލާލް ގޮވަން ފެށިއެވެ.

"މިދަނީ" ޝަރުވާން ދުވެފައި ވަނީ މީހުންތަކެއް ގޮވައިގެންނެވެ. ފަހަތުން ރަށުގެ މުދިންބެ ވެސް ދުވެފައި އައެވެ. އެންމެންވެސް ތިބީ މާމަގެ ކުއްލި މަރާއި ގުޅިގެން ލިބުނު ސިހުމެއްގައެވެ. ފުރަތަމަ އެއްވެސް މީހަކަށް މާމަގެ ގައިގައި އަތްލާކަށް ނުކެރުނެވެ. އެންމެވެސް ތިބީ މާމަގެ މަރާއި މެދު ސުވާލު އުފެދިފައެވެ. މާމައަށް ލިބިފައި ހުރި އަނިޔާ އެއީ ކޮންމެވެސް މީހެއްގެ ފަރާތުން ނޫނީ ނުލިބޭނެ ނިޝާނެކެވެ. އެއްވެސް މީހަކު އެކަންތައް މައްސަލައަކަށް ހަދަން ބޭނުމެއް ނުވިއެވެ. ރަށުގެ މަސްލަހަތު ގެއްލިދާނެތީއެވެ. ނަމަވެސް ފަހުން އެންމެން ނިންމީ މާމަގެ ޖަނާޒާގެ ކަންތައް ވީހާވެސް އަވަސް ކުރުމަށެވެ. ބަލަންޖެހޭ ކަންތައް ބެލުމަށްފަހުގައެވެ.

މާމަގެ ޖަނާޒާގެ ކަންތައް ނިންމާފައި ބިލާލަށް ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. ގޭތެރެ ވަނީ ހިމޭންކަން ވެރިވެފައެވެ. އެއްވެސް ދިރުމެއް ނެތްކަހަލައެވެ. އަތްފައި ދޮވެލައިގެން އައިސް ވެފައިވާ ވަރުބަލީގައި އެނދުގައި އިށީނީ ފަހުން ފެންވަރައިލުމުގެ ބޭނުމުގައެވެ. އެންމެ ހިނދުކޮޅަކަށް ވެސް މާމަގެ ހަނދާންތައް ބިލާލްގެ ސިކުނޑިން ފިލައިގެން ނުދެއެވެ. އެނދުގަ އޮށޯވެލީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. ބައެއްފަހަރު ކޮޓަރިތެރެއިން މާމަ ފެންނަ ކަމުގެ އިހުސާސްއެވެ. މުޅި ގޭގައި ބިލާލް އެކަންޏެވެ. ބޮޑު ގެއެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވީއެވެ. ބިލާލް ލޯމަރައިލިއެވެ. އެޚިޔާލު ތަކާއި ދުރަށް ދިއުމަށެވެ. ނަމަވެސް އިރުއިރުކޮޅާ މާމަ ގޮވާހެން ހީވެއެވެ. އެންމެފަހުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. ބޭރުގައި މީހަކު އުޅޭކަމުގެ އިހުސާސް ކުރެވިގެން ގޮސް ގޯތިތެރެއަށް ނިކުތެވެ. މަޑު އަލިކަމެއް ގޯތިތެރެއަށް ދީފައިވާ ވަގުތު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ބިލާލް އެކަނިމާ އެކަނި އަސްކަނި ދަށުގައި ހުރީ ގޮތް ހުސްވެފައިވާ އިންސާނެއް ފަދައިންނެވެ. ދުނިޔޭގެ އެއްވެސް ޚިޔާލެއް ނެތްކަހަލައެވެ. ގޯތިތެރޭ ކަނުގައި ހުރި ދިއްގާ ގަސް ތެޅިލިވަގުތު ބިލާލަށް އެދިމާލަށް ބަލައިލެވުނެވެ. ކޮންމެވެސް މީހަކު އެގަސްދޮށުގައި ހުރެފައި ހިނގައިގަތް ތަން ބިލާލަށް ފެނުނެވެ. ބާރުބާރަށް ގޮސް ބިލާލް އެގަސްދޮށުގައި މަޑުކޮއްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ކުރިން ފެނުނު މީހަކުވެސް އެތާކު ނެތެވެ. އެގަހުގައި އޮތް ވާލެއް އުދުއްސައިގަތުން ފިޔަވާ އެހެން އެއްޗެއްގެ ހިލަމެއް ނުވެއެވެ. މި ވިއްސާރާގައި ކޮންމެ މަޚްލޫގަކުވެސް ބޭނުންވާނީ މިވިއްސާރައިން ސަލާމަތް ވުމަށެވެ. އެއީ ހީވި ގޮތް ކަމަށް ނިންމާ ގެއަށް ވަންނަން ހިނގައިގަތީ ކޮންމެވެސް ވަރެއްގެ ބިރަކާ އެކުގައެވެ.

ބިލާލް ގޮސް ގޭ ދޮރު ހުޅުވައިލިވަގުތު ކުރިން ފެނުނު މީހާ ގޭ ދޮރާށިން ނިކުމެގެން ދަނީއެވެ. މިފަހަރު މިއީ ހީވުމެއް ނޫނެވެ. ބިލާލަށް ވަރަށް ރަނގަޅަށް އެމީހާ ފެނުނެވެ. އާދައިގެ އިންސާނަކަށް ވުރެ ހަށިގަނޑުން ބޮޑެވެ. ހަށިގަނޑު ކުރިއަށް ލެނބިފައި ދެފައި ދިގެވެ. ހިނގާ ހިނގުންވެސް ތަފާތެވެ. ކޮންމެވެސް ވަރަކަށް ކޮރު ޖަހަމުން ހިނގައިފައި ދިޔައިރު ރާމާމަކުނުގެ ހިނގުމާއި ކޮންމެވެސް ވަރެއްގެ ވައްތަރު ގޮތެއް ހުއްޓެވެ. އާދައިގެ އިންސާނަކަށް ވުރެ އިސްކޮޅުން ދިގެވެ. އެމީހާ ފަސް އެނބުރި ފަހަތަށް ނުބަލާ ކުރިއަށް ހިނގަމުން ދިޔުމުން ބިލާލަށް އެމީހާގެ މޫނެއް ފެންނަ ގޮތެއް ނުވިއެވެ. އެ ވިއްސާރައިގައި އެމީހާ މިގޭ ގޯތި ތެރޭގައި އެކުރަނީ ކޮން ކަމެއްބާއެވެ. އެމީހާ ގޮސް ގެއްލެންދެން ބިލާލް ބަލަހައްޓައިގެން ހުއްޓެވެ. ބިލާލް ގެއަށް ނުވަދެ އިރުކޮޅެއް ވަންދެން މަޑުކޮއްލީ ދެވަނަ ފަހަރަށް ވެސް އެމީހާ އެގޯތިތެރެއަށް ވަދެފާނެތީއެވެ. ނަމަވެސް އެމީހާގެ އެއްވެސް ޚަބަރެއް ނުވުމުން ބިލާލް ގެއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. އެހެން އެއްވެސް މީހަކަށް އެގެއަށް ނުވަދެވޭހެންނެވެ. ގޭތެރެއަށް ވަދެ ހެދުން ބަދަލު ކުރުމަށްފަހު މޯޅިއަކަށް ދެމިލީ ވެފައިވާ ވަރުބަލީގެ ސަބަބުންނެވެ. އަނެއްކާވެސް އެނދުގައި އޮށޯތީ ދަންނަ ހެޔޮ އެއްޗެއް ކިޔަވާފައެވެ. އެންމެ ފަހުން ބިލާލް ނިންމީ ރަށުގެ ގުރޫޕަކުން ބިލާލް ބިރު ގެންނެވުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ. މިކަލަ ރެއެއްގައި އެމީހުން ބިލާލަށް އުނދަގުލެއް ކޮއްފާނެބާއެވެ. އެއީ ދުވަހަކުވެސް މިވީހާ ހިސާބަށް އެމީހުންގެ ފަރާތުން ބިލާލަށް މެދުވެރިވި ކަމެއް ނޫނެވެ. އެކި ޚިޔާލް ތަކުގައި އޮއްވާ ބިލާލަށް ނިދުނު އިރެއްވެސް ނޭގެއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
0
+1
4
+1
2
+1
0
+1
2
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އީމާންގެ ހުރިހާ ވާހަތަކެއްވެސް ވަރަށް ރީތި. ޚާއްސަކޮށް ބިރުވެރި ވާހަކަ.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް