September 20, 2024 22:41
Advertisement

-Advertisement-

ފޮޓޯ: މުސްއަފިރު

ރަސޫލާ ﷺ ގެ ސީރާ: އެންމެ ބޮޑު އެއް މުޢުޖިޒާތް

މައްކާއަށް އެނބުރި ވަޑައިގަތުން

މައްކާއިން ބޭރުގައި ދިހަ ވަރަކަށް ދުވަސްވުމަށްފަހު ރަސޫލާ ﷺ އެނބުރި މައްކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ދެން ޒައިދު އެކަލޭގެފާނަށް ދެންނެވިއެވެ. 'ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން މައްކާއަށް އެނބުރި ދާނީ ކިހިނެއްތޯއެވެ؟ އެމީހުންވަނީ ކަލޭގެފާނު އެރަށުން ބޭރުކޮށްފައެވެ.' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'ﷲ އަޅަމެންނަށް ކޮންމެވެސް ގޮތެއް ދައްކަވާނެއެވެ. އަދި ﷲ އެކަލާނގެ ރަސޫލާއަށް މަދަދުވެރިވެވަޑައިގެން ޙައްޤު މަތިވެރި ކުރައްވާނެއެވެ.' މައްކާއާއި ޠާއިފުން ބޭރުކުރެވި ސަހަރާގެ މެދުގައިވުމުންވެސް އެކަލޭގެފާނު ﷲ އަށް ފުރިހަމައަށް ވަކީލުކުރެއްވިއެވެ. އެކަލޭގެފާނަށް ކުރެއްވޭނެ ހުރިހާ ކަމެއް ކުރެއްވުމަށްފަހު ދެން އެކަލޭގެފާނު މިވަކީލުކުރެއްވީ ﷲއަށެވެ.

ރަސޫލާ ﷺ ދެން ޤުރައިޝް ވަންހައިން އެކަލޭގެފާނާ ގާތް ތިން ބަޔަކާ ހަމައަށް މަންދޫބުން ފޮނުއްވިއެވެ. އެގޮތުން އެކަލޭގެފާނު މަންދޫބަކު ފުރަތަމަ ފޮނުއްވީ އަލްއަޚްނަސް އިބުނު ޝުރައިޤުއެވެ. ޖަވާބުގައި އޭނާ މެސެޖަކުން ވިދާޅުވިއެވެ. 'އަޅުގަނޑު މިހުރީ ކަލޭގެފާނަށް ރައްކާތެރިކަން ދެވޭނެ މަގާމެއްގައެއްނޫނެވެ.' ދެން އެކަލޭގެފާނުގެ މަންދޫބު ދިޔައީ ސުޙައިލް އިބުނު އަމްރުގެ ގަބީލާއަށެވެ. ސުޙައިލުވެސް ރަސޫލާ ﷺ އަށް ޖަވާބު ފޮނުއްވީ އެކަން ކޮށްދެއްވެން ނެތްކަމަށެވެ. ހަގީގަތުގައި އެމީހުންނަކީ އެކަލޭގެފާނަށް ހިމާޔަތްދެވޭނެ މީހުންނެވެ. ދެން އެކަލޭގެފާނު މަންދޫބަކު ފޮނުއްވީ ބަނޫ ނައުފަލް އިބުނު ޢަބްދުމަނާފް ގަބީލާގެ ވެރިޔާ މުޠުޢިމް އިބުނު އަދީ އަށެވެ. ޖަވާބުގައި އޭނާ އެކަލޭގެފާނު އަރިހަށް ފޮނުއްވީ ކުޑަ ލަޝްކަރެކެވެ. މުޠުޢިމް އޭނާގެ ދަރިންނަށް އަމުރުކުރެއްވީ އެމީހުން އިސްވެ ތިބެ ރަސޫލާ ﷺ ގޮވައިގެން ރައްކާތެރިކަމާއެކު މައްކާއަށް އައުމަށެވެ. ދެން އެމީހުން ހަތިޔާރާއެކު ގޮސް އެކަލޭގެފާނު ގޮވައިގެން މައްކާއަށް އައެވެ. ރަސޫލާ ﷺ މައްކާއަށް ވަޑައިގަތްއިރު އިސްތިގުބާލުގައި މުޠުޢިމް ގެފުޅުކައިރީގައި ހުންނަވައި ވިދާޅުވިއެވެ. 'ކަލޭގެފާނު ޠަވާފްކުރައްވާށެވެ. ކަލޭގެފާނު ޠަވާފްކުރައްވައި ނިމެންދެން އަޅުގަނޑު މަޑުކުރާނަމެވެ.' ދެން މުޠުޢިމް ގެފުޅުކައިރިއަށް އެއްވެތިބި މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. 'އޭ މައްކާގެ މީސްތަކުންނޭވެ! އަހަރެން މުޙައްމަދުގެފާނަށް ރައްކާތެރިކަންދީފީމެވެ.' ދެން އަބޫ ސުފިޔާން ތެދުވެ ސުވާލުކުރިއެވެ. 'ކަލެއަކީ އެކަލޭގެފާނަށް ތަބާވާ މީހެއް ހެއްޔެވެ؟ ނުވަތަ ހަމައެކަނި އެކަލޭގެފާނަށް ހިމާޔަތްދޭ މީހެއް ހެއްޔެވެ؟' ޖަވާބުގައި މުޠުޢިމް ވިދާޅުވިއެވެ. 'އަހަރެންނަކީ އެކަލޭގެފާނަށް ތަބާވާ މީހެއްނޫނެވެ. އެކަމަކު އަހަރެން އެކަލޭގެފާނަށް މިދެނީ ރައްކާތެރިކަމެވެ.' މުޠުޢިމް އިސްލާމް ދީން ގަބޫލުކުރެއްވިނަމަ ރަސޫލާ ﷺ އަށް ރައްކާތެރިކަން ނުދެއްވުނީހެވެ. މުޠްއިމްގެ ހިމާޔަތުގައި ދޮޅު އަހަރު މައްކާގައި އުޅުއްވިއެވެ. އެއަށްފަހު އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. ރަސޫލާ ﷺ މައްކާއަށް ހިޖުރަކުރެއްވިތާ މާގިނަ ދުވަހެއްނުވެ މުޠުޢިމް އަވަހާރަވިއެވެ. މުޠުޢިމް އަވަހާރަވީ އިސްލާމްނުވެއެވެ. އެކަމަކު ރަސޫލާ ﷺ އަށް ރައްކާތެރިކަން ނުދެވޭނެކަމަށް ބުނި އަޚުނަސްއާއި ސުޙައިލް ފަހުން އިސްލާމްވިއެވެ. އެކަމަކު މުޠުޢިމް އަވަހާރަވީ މުޝްރިކެއްގެ ގޮތުގައެވެ.

Advertisement

ރަސޫލާ ﷺ މުޠުޢިމަށް ވަރަށްބޮޑަށް ތަޢުރީފްކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބަދުރު ހަނގުރާމައަށް ފަހު އެކަލޭގެފާނު ވިދާޅުވިއެވެ. 'މުޠުޢިމް ވިދާޅުވިކަމުގައިވީނަމަ، ހަނގުރާމައިގެ ހައްޔަރުކުރެވިފައިވާ ހުރިހާ އަސީރުން ތިމަންކަލޭގެފާނު އޭނާއާ ހަވާލުކުރެއްވީމުހެވެ. ޞަޙީޙް ބުޚާރީގައިވާ ޙަދީޘްފުޅެއްގައި ވެއެވެ. 'ﷲ، އެކަލާނގެ ދީނަށް ޣައިރު މުސްލިމުން ނުވަތަ ނުބައި މީހުން މެދުވެރިކޮށް މަދަދުދެއްވައެވެ.' ޝަރީކުކުރުމުގެ ސަބަބުން މުޠުޢިމް ނުބައި ބޭކަލަކަށްވިޔަސް އެހެނިހެން ގޮތްގޮތުން އޭނާއަކީ ރަނގަޅު ބޭކަލެކެވެ. މިޙަދީޘުން އެނގޭ އެއްކަމަކީ އަދުގެ މުޠުޢިމުންނާ އަހަރެމެން މުސްލިމުން ގުޅުން އުފައްދަންޖެހޭކަމެވެ. މުސްލިމުންގެ ގޮތުގައި ދިރިއުޅެ ކުރިއެރުމަށްޓަކައި މިއީ މިއަދުކުރަންޖެހޭ ކަމެކެވެ.

ރަސޫލާ ﷺ ގެ ސީރާ ތޭވީސްވަނަ ބައި

މިޢުރާޖް ދަތުރުފުޅު (21)

އަހަރު ދުވަހުގެ މުސީބާތްތަކާއި ހިތާމައާއި ހިތްދަތިކަން ރަސޫލާ ﷺ ތަހައްމަލު ކުރައްވައިފިއެވެ. ދަތިކަމާއި ހިތާމައިގެ ގިނަގުނަ އިމްތިހާންތަކަށްފަހު ﷲ، އެކަލޭގެފާނަށް ބޮޑުވެގެންވާ މުޢުޖިޒާތެއް ދެއްވިއެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހައޮތްކަން ﷲ އަންގަވައެވެ. އިންޝިރާ ސޫރަތުގެ ފަސްވަނަ އާޔަތުގައިވެއެވެ. 'ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.' އެގޮތުން ﷲ އެކަލޭގެފާނަށް ދެއްވި ޚާއްސަ މުޢުޖިޒާތަކީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅެވެ.

އިސްރާ އަދި މިޢުރާޖުގެ މާނަ

ބަހުގެ ހަމަތަކުން ބަލާއިރު އިސްރާ މިބަހުގެ މާނަޔަކީ ރޭގަނޑު ދަތުރުކުރުމެވެ. އެހެންކަމުން އިސްރާގެ މާނަޔަކީ ރޭނގަނޑު ކުރެވުނު ދަތުރެވެ. އިސްރާއަކީ މައްކާގެ މަސްޖިދުލްހަރަމުން ޤުދުސްގެ މަސްޖިދުލްއަޤުޞާއަށް ޖިބުރީލުގެފާނު އަރިހުގައި ރަސޫލާ ﷺ ކުރެއްވި ދަތުރުފުޅެވެ.

ބަހުގެ ހަމައިން މިޢްރާޖު މިބަހުގެ މާނަޔަކީ މައްޗަށް އަރާ އެތި ނުވަތަ މައްޗަށް އަރާ ނިޒާމްއެވެ. އެހެންކަމުން މިޢުރާޖުގެ މާނަޔަކީ މައްޗަށް ދާން ބޭނުންކުރާ އާލާތް ނުވަތަ ހަތިޔާރެވެ. އެއީ މީހުން މައްޗަށް ގެންދާ ލިފްޓް ނުވަތަ އެލެވޭޓަރ ފަދަ އެއްޗެއްކަމަށް ބަލާށެވެ. މިޢުރާޖަކީ ޖިބުރީލްގެފާނު އަރިހުގައި މަސްޖިދުލް އަޤުޞާއިން ހަތްވަނަ އުޑަށް ރަސޫލާ ﷺ ކުރެއްވި ދަތުރުފުޅެވެ. މިއީ ﷲ އެކަލޭގެފާނަށް ދެއްވި އެންމެ ބޮޑު އެއް މުޢުޖިޒާތެވެ.

އިސްރާ އަދި މިޢުރާޖް މިދަތުރުފުޅުގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ދެ ފަހަރަށް ބަޔާންކުރައްވައެވެ. އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުގައިވެއެވެ. '....އެކަލާނގެއީ، މަސްޖިދުލްޙަރާމުން، މަސްޖިދުލް އަޤުޞާއަށް އެކަލާނގެއަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ...' ނަޖުމް ސޫރަތުގެ ވަރަށް ގިނަ އާޔަތްތަކުގައި މިޢުރާޖުގެ ވާހަކަވެއެވެ. ނަޖުމް ސޫރަތުގެ އެގާރަވަނަ އާޔަތުގައިވެއެވެ. 'އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު، (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވައެވެ.' ﷲ، އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތް އެކަލޭގެފާނަށް ދެއްވުމުގެ ޙިކުމަތަކީ އެކަލޭގެފާނަށް ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
3
+1
0
+1
5
+1
8
+1
0
+1
2
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އިތުރު އެކަލޭގެފާނަށް ދެއްވި އެއްމެ ބޮޑު މުޢުޖިޒާތަކީ ކީރިތި ޤުރުއާން. އިސްރާ މިޢުރާޖަކީ ދެއްކެވި ހާއްސަ މުޢުޖިޒާތެއް.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް