2020 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑު ބައްޔަށްފަހު ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތެއް ނެތި ބައެއް މީހުން އަތްމަތި ވަނީ ދަތިވެފައެވެ. ދުނިޔޭގެ އިގުތިސާދަށް ވެސް ވަނީ ހީނަރުކަން ކުރިމަތިވެފައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސްތައް ބޮޑުކުރުމަށް 'މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ މިއަހަރު އޯގަސްޓް މަހުގައެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލުގައި ހުށަހަޅާފައިވަނީ 1 ޖަނަވަރީ 2023 އިން ފެށިގެން:
- އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށް
- ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށް
ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ވަނީ ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައެވެ. ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިބާވަތުގެ ބިލުތައް ފާސްކުރުމަށް ވަރަށް ބޮޑު އަގުލަބިއްޔަތެއް ލިބުން ޤާނޫނު އަސާސީ ލާޒިމުކުރާ ކަމަށެވެ.
" ސަރުކާރުން ހުށަހެޅި ގޮތަށް މިބިލު މިވަނީ ފާސްވެފައި. އެކަމަކަށް އެއްވެސް މީހަކު ޝައްކެއް ނުކުރާނެ. އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ބައްލަވާނެ މިފާސްވި ހަނި އަގުލަބިއްޔަތު. އަޅުގަނޑު އުއްމީދު ކުރަނީ މިމަޖިލީހުގަ ދެންތިއްބެވި މެންބަރުން ފާހަގަކުރެއްވި ނުކުތާތަކަށް ބައްލަވާ އަމަލުކުރެއްވުމުގައި ބުއްދިވެރިކަމާއެކު ކުރިއަށް ގެންދަވާނެކަމަށް". ނަޝީދު ވިދާޅުވިއެވެ.
ބިލަށް ވޯޓަށް އެހުމާއެކު މަޖިލީހުގެ ތަޅުން ހޫނުވެ ބިލާއި ދެކޮޅަށް ބައެއް މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ. މީގެތެރޭގައި އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް މަޖިލީހުގައި ވާހަކަދެއްކެވި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން ގަވާއިދުން ޓެކްސް ނުދެއްކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާ ނުލިބިވާއިރު އެރުފިޔާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ޓެކްސް ބޮޑުކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ގަވާއިދުން ޓެކްސް ދައްކާ މީހުން އަނެއްކާވެސް ބޮޑު އަދަދަކުން ޓެކްސް ދައްކަން ޖެހުމަކީ 'ވަރަށް ބޮޑު ބޭއިންސާފެއް' ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއީ ވިޔަފާރި ވެރިންނަށް ލިބޭ ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ކުދިވިޔަފާރިތައް އިނދަޖެހިދާނެކަމުގެ ކަންބޮޑުވުން އެމެންބަރުން ވަނީ ފާހަގަކޮށްފައެވެ.
ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް އާންމުންގެ ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު ރައްޔިތުންގެ އަތުން އިތުރަށް ޓެކްސްގެ ގޮތުގައި ރުފިޔާ ދައްކަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދަނީ ފާހަގަކުރަމުންނެވެ. ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމްތައް މަދުކޮށް އެމަގާމްތަކުގެ މުސާރައަށް ހޭދަކުރާ މިންވަރު މަދުކުރުމަށް ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި ޓެކްސް ބޮޑުކުރުމަކީ ދަތިހާލަތުގައި އުޅޭ މީހުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށް ފާހަގަކޮށް އެފަދަ މީހުން ކެއުން ބުއިމުގެ ހަރަދު ބަލަހައްޓަނީ ކިހިނެއްތޯ ދަނީ ސުވާލުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު
Tex bodukuree ma rangaleh noon. Ekamu thi liyuma coment eh kolaanan Agu 8000 ah vure dhashuge foaneh gengulenee kaaku tho 80000 rf ge cycle eh ne thee kaakutho. Male ga huri restoran cofee boa than than furifa meehun ekamu angyaa athaa dhimaleh nuvey dho
ކޮމެންޓްސް ބަންދުކުރެވިފައި