November 24, 2024 09:38
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ހަވަނަބައި)

ނައުފަލް އައުމުގެ ކުރިން އެކުއްޖާ ދާން ހިނގައިގަތެވެ. އޭނަގެ ރައްޓެހިން އެބަ ގޮވާކަމަށް ބުނެއެވެ. ނައުފަލަށް އާދެވުނުއިރު އެތާ ހުރީ ބިލާލް އެކަންޏެވެ.

"ކީއްވެ މިތާ އެކަނި ތި ހުންނަނީ. ރީމާވެސް އެބައުޅޭ އެކޮޅުގައި"  އެކަނި އެތާ އެހާއިރު ހުރީ ކީއްވެތޯ ނައުފަލް ސުވާލު ކުރިއެވެ.

"އެކަންޏޭ؟" ބިލާލަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

Advertisement

"ދެން ކާކު. މިހިރަ ގަސްތައް؟" ނައުފަލް ހޭންފެށިއެވެ.

ބިލާލް ހުރީ އަޖައިބުވެފައެވެ. އެހާ ކައިރިވީއިރުވެސް ބިލާލްގެ ގާތުގައި އެހެން މީހަކު ހުރި ކަމެއް ނައުފަލަށް ނޭނގުނީމައެވެ. ނުވަތަ އެނގޭ ކަމަށް ނުހެދުނީމައެވެ. އެވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ބިލާލް ބޭނުމެއް ނޫނެވެ. ދެމީހުންގެ މިސްރާބު ހުރީ ބޮކިތައް ދިއްލާފައި ހުރި ދިމާއަށެވެ. އެތާގައި ގިނަބަޔަކު ތިއްބެވެ. މަޑު މަޑު ލަވައެއް ޖަހާފައި ހުއްޓެވެ.

"އެތާ ކަނެއްގައި އެކަނި ހުއްޓައި ގޮވައިގެން މިގެނައީ" ރީމާ ގާތަށް ބިލާލް ގެނެސް ނައުފަލް ބުނެލިއެވެ.

"އާނ. އަހަރެންވެސް ބިލާލް ހޯދައިފިން" ރީމާވެސް ބިލާލް ހޯދި ވާހަކަ ބުނެލިއެވެ.

"ވަރަށް މީރު ދޯ މިރޭގެ ކެއުން" ނައުފަލް ބިލާލް އާއި ދިމާއަށް ބަލައިލިއެވެ.

ކައި ނިމުމާއިއެކު ބިލާލް ބޭނުންވީ ވީއެންމެ އަވަހަކަށް ގެއަށް ދާށެވެ. ދެންމެ ދިމާވި ކުއްޖާ އާއި އަދިވެސް އެއްފަހަރު ބައްދަލު ކޮއްލާށެވެ. މިހާރު މިވީ ގޮތުން ނައުފަލް އެގޭގައި ބެހެއްޓުން ބުއްދިވެރި ކަމެއް ކަމަކަށް ބިލާލަށް ނުފެނުނެވެ. ފަހުން އަންނާނީއޭ ބުނާނީއެވެ. ބިލާލް ހިނގައިގަތީ ގެއާއި ދިމާލަށެވެ. ނައުފަލް މެންނަށް ނޭނގޭ ގޮތަށެވެ. އެމީހުންނަށް އެނގިއްޖެނަމަ އަނެއްކާވެސް އެތާ މަޑުކުރަން ޖެހޭނެއެވެ. ފަހަތަށް އެނބުރި ބަލަމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ގެއަށް ވަނެވެ. ގޯތިތެރެ ކޮންމެވެސް ވަރަކަށް އަނދިރިކޮށް އޮތް ނަމަވެސް ވަރަށް ފަރިތަކަމާއިއެކު ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ބިލާލްގެ ހިތް ތެޅެމުން ދިޔައީ މިރޭ ފެނުނު ކުއްޖާއެވެ. ފުރަތަމަ ނަޒަރުން ބިލާލްގެ ހިތް ކަތިލެވުނީއެވެ. ބުރު ސޫރަ ރީތި ދޮން ހަށިގަނޑެއްގެ ވެރިއެކެވެ. ފަން އިސްތަށިގަނޑު ވަޔާއި ކުޅެލަން ދޫކޮއްލާފައި އޮތުމުން ރީތީކަން މާ ފުރިހަމައެވެ. ބިލާލްގެ މި ޚިޔާލީ ދުނިޔެއިން ނިކުމެވުނީ މީހަކު ވަރަށް ބާރަށް ބޭރު ދޮރުގައި ޓަކިދޭން ފެށުމުންނެވެ. އަނެއްކާ އެ ޒުވާނާ ނޫންބާއެވެ. އޭނަ ނަމަ ހާދަހާ ރަނގަޅެވެ. ބިލާލް މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ނައުފަލެވެ. ކޮނޑުގައި ބޮޑު ދަބަހެއް އެލުވާލައިފައި އޮތެވެ.

"މިއައީ. ކޮބާ ރޫމް" ނައުފަލް ގޭތެރެއަށް ވަނެވެ.

"އަހަރެން ހީކުރީ މިރޭ ނާންނާނެ ކަމަށް" ބިލާލް ބޭނުންވީ ނައުފަލް ފޮނުވައިލާށެވެ.

"ދެން ކޮންރެއަކުން. މިއައީ އެގޭ މީހުންގެ ގާތުގައި ބުނެފައި" ނައުފަލް ކޮނޑުގައި އޮތް ދަބަސް ބިންމަތީގައި ބެހެއްޓިއެވެ.

"އަދި އެމީހުންވެސް ނުފުރައެއްނު" ބިލާލް އަނެއްކާވެސް ބޭނުންވީ ނައުފަލް ފޮނުވާލާށެވެ. އެންމެފަހުން ގޮތް ދޫކުރަން ޖެހުނީ ބިލާލަށެވެ. ނައުފަލް ހުރީ ދާކަހަލަ ގޮތަކަށް ނޫނެވެ.

ނައުފަލް ގޮވައިގެން ބިލާލް ގޮސްވަނީ ކުރިން މާމަ ނިދި ކޮޓަރިއަށެވެ. ނައުފަލް އަންނާތީ ކޮންމެވެސް ވަރަކަށް ކޮޓަރިތެރެ ވަނީ ތަރުތީބު ކޮއްލާފައެވެ. ނައުފަލް ކޮޓަރި ދައްކާފައި ބިލާލް ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފައި ގޮސް އެނދުގައި އިށީނެވެ. އެއިރު ގަޑިން ދޭއް ޖަހަން ގާތް ވަނީއެވެ. އެދުން ތެދުވެގެން ގޮސް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ކުޑަދޮރު ކައިރިން މީހަކު އުޅޭހެން ހީވެގެން ގޮސް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާން ނެތުމުން އަނެއްކާވެސް ދޮރު ލައްޕާލާފައި އެނބުރިލިތަނާހެން އަނެއްކާ ވެސް މީހަކު ހިނގާހެން ހީވާން ފަށައިފިއެވެ. އެއިރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ދާން ނުދާން ހުރެފައި ގޮސް އަނެއްކާވެސް ކުޑަދޮރު ހުޅުވައިލިއެވެ. އަސްކަނި ދަށުގައި ވާރެއިން ސަލާމަތްވާން ކޮންމެވެސް ކުއްޖަކު ހުއްޓެވެ. ތަންކޮޅެއް ދުރުވީމާ އެއީ ކާކު ކަމެއް ބިލާލަކަށް ނޭގުނެވެ. ކޮންމެ ގޮތެއްވިޔަސް އެކުއްޖާ އެހެރީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އެހެން ނޫންނަމަ މިވަގުތު މި ވިއްސާރާގައި މިތާ ނުހުރީހެވެ. ބިލާލް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ކުޑައެއް ހިފައިގެން ހިނގައިގަތީ އެކުއްޖާ އާއި ދިމާލަށެވެ. ފުރަގަހަށް އެނބުރި ހުރި އެ ކުއްޖާ އާއި އަރާހަމަކޮއްފައި ބިލާލް ސަލާމް ގޮވައިލިއެވެ. ދެތިން ފަހަރަށް ސަލާމް ގޮވައިލުމުންވެސް އަޑު އިވުނު ކަމަކަށް ނުވިއެވެ. އަނެއްކާވެސް އެއަށް ވުރެ ގާތަށް ޖެހިލާފައި ބިލާލް ގޮވައިލިއެވެ. އެނާ އެނބުރި ފަހަތަށް ބަލައިލިއެވެ. ބިލާލަށް ލިބުނީ ހައިރާން ކަމެކެވެ. މިރޭ ކެއުމުން ދިމާވި ކުއްޖާއެވެ. މާމަގެ ރައްޓެއްސެއްގެ ދަރިއެކެވެ.

"ކީއްވެ މިތާ" ބިލާލް އަވަސް އަވަހަށް ބުނެލިއެވެ.

"މިގެއާއި އަރައި ހަމަވިތަނާހެން ވެހެން ފެށީ. ދެން ނެތް އެހެން ގޮތެއް. އެހެންވެ މިތާ މަޑުކޮއްލީ" ހީކަރުވައިގެންފައި ހުރި އެ ކުއްޖާ ބުނެލިއެވެ.

"މިއީ އަހަރެންގެ ގެ" ގެއާއި ދިމާއަށް އިޝާރާތްކޮށް ބިލާލް ބުނެލިއެވެ.

"ނުވެސް އެނގޭ" އެ ކުއްޖާ ތުރުތުރު އަޅަމުން ވާހަކަ ދެއްކިޔެވެ.

ބިލާލް ބޭނުންވީ އެ ކުއްޖާ އަށް އެ ވިއްސާރައިން ރައްކާތެރިކަން ހޯދައި ދިނުމަށެވެ. ބިލާލް ހިނގައިގަތީ އެކުއްޖާ ގޮވައިގެން ގޭތެރެއަށް ދިއުމަށެވެ. ދެމީހުން އެކީ ގޭތެރެއަށް ވަދެގެން ދިޔައިރު ނައުފަލް ހޭލަފާނެ ކަމުގެ ބިރު ބިލާލް ހިތުގައި އުފެދިފައިވެއެވެ. ނަމަވެސް ނައުފަލް އަށް ހޭލެވުނަސް އަދި ފެނުނަސް ވަރިހަމައޭ ހިތާ ގޭތެރެއަށް ވަދެ ތުވާލި ގެނެސް އެ ކުއްޖާ އަށް ދިނެވެ. އަދި ސިޓިންގ ރޫމްގައި އެކުއްޖާ އާއި ޖެހިގެން ގޮނޑީގައި ބިލާލް އިށީނީ ބިރުން ހުރެއެވެ. ނައުފަލް ނިކުމެދާނެތީއެވެ.

"ތީނަ އެކަނިތަ މިގޭގައި އުޅެނީ" އެކުއްޖާ ބިލާލަށް ސުވާލު ކުރިމަތި ކުރިއެވެ. ބިލާލް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"މާމަ ނިޔާވި ފަހުން އެކަނި" ބިލާލް ކުރުކޮއްލިއެވެ.

"މިކޮޓަރީގައި ކާކު" އެކުއްޖާގެ ވާހަކަ ދެއްކުމުން ހީވަނީ މިގޭ ހުރިހާ ކަމެއް ދަންނަ ހެންނެވެ. ބިލާލް އިނީ ދެން ކުރިމަތިލާން ޖެހޭނީ ކޮން ސުވާލެއް ކަމާއި މެދު ވިސްނާށެވެ.

"އެ ރޫމްގައި ނައުފަލް. ވަރަށް ނިދި މަޑުވާނެ" އެކުއްޖާގެ ވާހަކަ ހުއްޓުވާލުމުގެ ބޭނުމުގައި ބިލާލް ބުނެލިއެވެ.

"އޯހް. އޭނާ ނުހޭލާނެ. ހޭލަފާނެތީ ބިރުންދޯ ތި އިނީ" އެކުއްޖާ ބިލާލް އާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.

އެކުއްޖާ އަތަށް ދިން ތުވާލިން މޫނު ފޮހެލުމަށްފަހު ބިލާލާއި ދިމާއަށް ތުވާލި އެއްލާލި ގޮތުން ހީވީ ބިލާލަކީ ވަރަށް ކުރިއްސުރެން ފެށިގެން ދަންނަ މީހެއް ހެންނެވެ. އެއްވެސް ކަހަލަ ބީރައްޓެހިކަމެއް އޭނަގެ ކިބައިން ނުފެނެއެވެ.

"އަދި ނަމެއްވެސް ނޭނގެ" ބިލާލް ފުންނޭވާއެއް ބޭރުކޮއްލަމުން ބުނެލީ ތުރުތުރު އަޅާ އަޑަކުންނެވެ.

"ރީޝާ" އެ ކުއްޖާ ހޭންފެށިއެވެ.

ރީޝާ ހޭން ފެށުމުން ބިލާލް ކޮޅަށް ތެދުވިއެވެ. އަޑު ގަދަވެގެން ނައުފަލް ކޮޓަރިން ބޭރަށް ނިކުމެދާނެތީއެވެ. އޭނަ ނިކުމެއްޖެއްޔާ މާދަމާ މުޅި ރަށުތެރޭ އޮންނާނީ މި ވާހަކައެވެ. ދަންވަރު ގަޑީގައި ރީޝާ މިގެއަށް އަންނަ ވާހަކައެވެ. ނަމަވެސް ކަންތައް ވީ ގޮތެއް އެމީހުންނަކަށް ނޭނގޭނެއެވެ. އަދި ރީޝާ އަކީ އާއިލީ ރައްޓެއްސެއްކަން ވެސް އެމީހުންނަކަށް ނޭނގޭނެތާއެވެ.

"މާ ރަނގަޅަށް ދޯ މިދިމާވީ. އަހަރެންނާއި އެކީ އުޅޭ ކުދިން މިހާރު ވާނީ ނިދާފައި" ބިލާލްގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ދިނީވެސް ރީޝާއެވެ. ރީޝާ ތެދުވެގެން ހިނގައިގަތީ ބޭރަށް ނިކުންނަ ދޮރާއި ދިމާއަށެވެ. ފަހަތުން ބިލާލްވެސް ދިޔައެވެ. ބޭރު ބަލައިލިއިރު އަވަހަކަށް ވިއްސާރަ ހުއްޓާލާކަށް ނެތެވެ. އިރު އަރަންދެން މިހެން ތިބެން ޖެހުނީއެވެ. ނައުފަލަށް މިކަން ފަޅާ އަރާނެއެވެ.

"ހިނގާ ވާރޭ ހުއްޓާލަންދެން ކޮޓަރީގައި މަޑުކޮއްލަން" ބިލާލް އެހެން ބުނެލީ ނައުފަލަށް ފެނިދާނެތީއެވެ. ނަމަވެސް ރީޝާ އެކަމަށް އެއްބަހެއް ނުވިއެވެ. ގޭތެރޭގައި ތިބެން ބޭނުން ނޫނިއްޔާ ބޭރު އަސްކަނި ދޮށުގައި ނަމަވެސް ތިބެލަން ރީޝާ ބޭނުމެވެ. މިގަޑީ ގެއަށް ދިޔަޔަސް ގޭ މީހުން ނިދާފައި ތިބޭނެތީއެވެ. އެމީހުންނަށް އެއްވެސް އުދަގުލެއް ކުރާކަށް ރީޝާ ބޭނުމެއް ނޫނެވެ. އެންމެފަހުން ބިލާލްގެ އަތުގައި ހިފަހައްޓައިގެން ހުރެ ގޮނޑީގައި އިށީނެވެ. ބިލާލް ހުރީ ހަތަރެސްފައި ފިނިވެފައެވެ. އަދި އަލަށް ފެނުނު ކުއްޖަކު ބިލާލްގެ އަތުގައި ހިފީމައެވެ. އެކަމާއި ބިލާލް ދެކޮޅެއް ނަހަދައެވެ. ރީޝާގެ ގާތުގައި ބަސްއަހާ ކުޑަ ކުއްޖެއްހެން އިށީނެވެ. މިރޭގެ ފިނިކަމުގެ ތެރެއިން ބިލާލަށް ހޫނުކަން އިހްސާސްވީ ރިޝާ ބިލާލްގެ ކޮނޑުގައި ބޯއަޅައިލުމުންނެވެ. ބިލާލް ރީޝާ ދުރަށް ޖައްސަން ބޭނުން ނުވާ ކަހަލައެވެ. މުޅި އުމުރަށް މިހެން ތިބެން ބޭނުމޭ ކިޔާފައި ބިލާލްގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް އެއީ ވަގުތީ މެހެމާނަކަށް ވެދާނެތީ ހިތް ބިރުގަތެވެ. އެހެން ވެއްޖެއްޔާ މުޅި އުމުރު އެކަމުގެ ހިތާމައިގާ އުޅެން ޖެހިދާނެއެވެ. ވިއްސާރަ ރެއަކަށް މިރޭ ބަދަލުވިކަން ނަސީބޭ ބިލާލްގެ ހިތަށް އެރިއެވެ.

"ތިހެން އުޅެފައި ރީޝާ ފުރައިގެން ދިޔައީމަ އަހަރެން ކިހާ އެކަނިވެރި ވާނެ" ބިލާލް ރީޝާ ގެނެސް ގަޔާ ގާތް ކޮއްލިއެވެ.

"އަހަރެން މަޑު ކުރަންވީތަ" ރީޝާ ހޭންފެށިއެވެ.

"ދެން އެމީހުން؟" ބިލާލް ސުވާލު ކުރިއެވެ. ބިލާލް ބޭނުންވީ އެއްކޮށް ރީޝާ އެގޭގައި މަޑު ކުރުމަށެވެ.

"މިރަށުގެ ވަޒީފާއަކަށް ބަދަލުވެދާނަމޭ" ރީޝާ ބިލާލްގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ނުލާހިކު ލޯބިންނެވެ. ދެމީހުންގެ ވާހަކަ މެދު ކެނޑުނީ ނައުފަލްގެ ކޮޓަރިން ވަރަށް ބާރަށް ކެއްސާލުމުންނެވެ. އަވަސް އަވަހަށް ތެދުވެ ބިލާލް ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެއަށްވުރެ ރީޝާ މާ ހުޝިޔާރެވެ. ދުވެފައި ގޮސް ދޮރުކަނީގައި އަތް ވިއްދައި ބިލާލަށް ހުރަސް އެޅިއެވެ.

"ތިހެން އުޅެނިކޮށް ނައުފަލް ނިކުމެދާނެ" ބިލާލް ހުރީ ވަރަށް ހާސްވެ މުޅި މީހާ ދާ ހިއްލާފައެވެ.

"އޭނަ ނުނިކުންނާނެ. އޭނަ އޮންނާނެ ހުވަފެނުން ރީމާ ބަލަން" ރީޝާ ހޭން ފެށިއެވެ.

"ހުރިހާ ކަމެއްވެސް އެނގޭތަ" ބިލާލްވެސް ހޭން ފެށިއެވެ.

"ތިއީ ޖިންނިއެއް ދޯ ހުރިހާ ކަމެއް އެނގެން" ބިލާލް ރީޝާ ދުރަށްލަމުން ބުނެލިއެވެ.

"ޖިންނިއަކަށް ވެއްޖެއްޔާ ވަރަށް ބިރު ގަންނާނެތަ" ރީޝާ ބިލާލްގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެންތަ. ނުގަންނާނެ ބިރެއް. މިރަށު މީހުންނަށްވެސް އެކަން އެނގޭނެ" ބިރު ނުގަންނަކަން ބިލާލް ދައްކައިލިއެވެ.

ޖެހެމުންދިޔަ ގަދަ ވަޔާއި ވެހެމުންދިޔަ ބޯ ވާރޭ ހުއްޓާލިތޯ ބަލާލަން ބިލާލް ދޮރު ހުޅުވައިލިއެވެ. ކައިރީގައި ރީޝާ ހުރީ ހިނިތުންވެފައެވެ. ދޮރު ހުޅުވައިލުމާއި އެކު ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތަށް ދެމީހުންނަށް ހަމަލަ ދިނެވެ. ދެމީހުންގެ ލޯބީގެ މަޖަލުގައި ބައިވެރިވެ މަޖާ ކުރަމުން ދާކަހަލައެވެ. ކުއްލިއަކަށް ރީޝާ ބިލާލްގެ އަތްދަށުން ދޫވެގެން ބޭރަށް ނިކުތީ ނައުފަލް ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ. ބިލާލް ދިޔައީ ސިއްސައިގެންނެވެ. ދުއްވައިގަންނާނެ ދިމާލެއް ނޭނގި ހުއްޓުން އަރާފައި ހުއްޓެވެ. ނައުފަލް އެ އައިގޮތަށް އައިސް ބިލާލްގެ ގާތުގައި ހުއްޓުނެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
0
+1
7
+1
0
+1
0
+1
6
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް