September 20, 2024 20:32
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ފަހަރަކު އުޑަކަށް ވަޑައިގަތުމުން ކަންތައް މެދުވެރިކުރެއްވި ގޮތް

އިސްރާއާއި މިޢުރާޖުގައި ކުރެއްވި ނަމާދުތަކުން އަންގައިދެނީ އިސްލާމް ދީނުގައި ނަމާދުކުރުމުގެ މުހިންމުކަމެވެ. ހުރިހާ ބެއިކަލުންގެ އިމާމަކަށް ރަސޫލާ ﷺ ހުންނެވުމުން އަންގައިދެނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމެވެ. ހުރިހާ ނަބިއްޔުން އެއްސަފުގައި ތިއްބެވުމުން ދައްކައިދެނީ ﷲ ގެ ޙަޟުރަތުގައި ހުރިހާ ބެއިކަލުންވެސް މަސައްކަތްޕުޅުގައި އެއްވަރުކަމެވެ. މާނަޔަކީ އެބެއިކަލުންގެ އިލާހާއި އެބެއިކަލުންގެ މެސެޖަކީ އެކައްޗެއްކަމެވެ. ބަޤަރާ ސޫރަތުގެ 285 ވަނަ އާޔަތުގައި ވެއެވެ. '...ތިމަންމެން، އެކަލާނގެ ރަސޫލުންގެތެރެއިން އެކަކާމެދުވެސް ތަފާތެއްނުކުރަމުއެވެ.' އެހެންނަމަވެސް އެކި ބެއިކަލުންގެ މަގާމާއި ދަރަޖަ ތަފާތުކުރެއްވިކަންވެސް އަހަރެމެންނަށް އެނގެއެވެ. ބަޤަރާ ސޫރަތުގެ 253 އާޔަތުގައިވެއެވެ. '...ތިމަން ރަސްކަލާނގެ އެރަސޫލުން އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރެއްވީމެވެ...'

ރަސޫލާ ﷺ ނަމާދުކުރައްވައި ނިމިވަޑައިގަތުމުން ދެ ކަންވާރުކޮޅު ހިއްޕަވައިގެން ޖިބުރީލުގެފާނު އެކަލޭގެފާނު އަރިހަށް ވަޑައިގަތެވެ. އެއް ރިވާގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'ޖިބުރީލުގެފާނު ތިމަންކަލޭގެފާނަށް ދެ ކަންވާރުކޮޅު ގެނެސްދެއްވިއެވެ. އެކަތީގައިހުރީ ކިރެވެ. އަދި އަނެކަތީގައި ހުރީ މޭބިސްކަދުރުގެ ރަލެވެ. ދެން ތިމަންކަލޭގެފާނު ބޭނުންފުޅު އެއްޗެއް އިޚުތިޔާރުކުރެއްވުމަށް ޖިބުރީލުގެފާނު ވިދާޅުވިއެވެ.' ދެން އެކަލޭގެފާނު ކިރު ކަންވާރު އިޚުތިޔާރުކުރެއްވިއެވެ. ޖަވާބުގައި ޖިބުރީލުގެފާނު ވިދާޅުވިއެވެ. 'ކަލޭގެފާނު ފިޠުރަތުގެ އުސޫލު އިޚުތިޔާރު ކުރައްވައިފީމުއެވެ.

ކިރުން ލިބިދޭ މެސެޖު ވަރަށްބޮޑެވެ. ކިރަކީ ޖަނަވާރުގެ ބަނޑުން އިންސާނުންނަށް ﷲ މިންވަރުކުރެއްވި ތާޒާ ބުއިމެކެވެ. ނަޙުލު ސޫރަތުގެ 66 ވަނަ އާޔަތުގައިވެއެވެ. '...އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ...' މިއީ އޭގައި އެއްވެސް ނުބައެއްނުވާ ފިޠުރަތުގެ ފުރިހަމަ ކާނާއެކެވެ. ކިރާއި ޚިލާފަށް މޭބިސްކަދުރުގެ ރަލަކީ ނުވަތަ ވައިންއަކީ ފިޠުރަތުގެ ސާފު ފުރިހަމަ ކާނާއެއް ގަޑުބަޑުކޮށްގެން އުފައްދާ ބުއިމެކެވެ. ޞަޙާބީއަކު ވިދާޅުވިކަމުގައިވެއެވެ. 'ﷲ ގަންދީ ބުނަމެވެ. ރަލަކީ މަނާ ނުކުރައްވާ އެއްޗަކަށްވީނަމަވެސް ސަލާމަތް ބުއްދި ހުރި މީހަކު އެއާ ކައިރިއެއްނުވާނެއެވެ.' ރަސޫލާ ﷺ ކިރު އިޚުތިޔާރު ކުރެއްވުމުން އަންގައިދެނީ އެކަލޭގެފާނުގެ އުއްމަތަކީ ފިޠުރަތުގެ ހަމައިން ސާފުކޮށް އޮންނާނެ އުއްމަތެއްކަމެވެ.

Advertisement

ދެން މިޢުރާޖު ދަތުރުފުޅު ފެށުނެވެ. ރަސޫލާ ﷺ ގޮވައިގެން ފަހަރަކު އުޑަކަށް އެކަލޭގެފާނު ވަޑައިގަތެވެ. ފުރަތަމަ އުޑުގެ ދޮރުކޮޅާހަމައަށް ވަޑައިގެންނެވުމާއެކު އެއުޑުގެ ބަނޑޭރި މަލާއިކަތާ ސުވާލުކުރެއްވިއެވެ. 'ތިޔައީ ކޮން ބޭކަލެއްތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ. 'މިއީ ޖިބުރީލުގެފާނުއެވެ.' އުޑުގެ މަލާއިކަތާ ދެން އެއްސެވިއެވެ. 'އަރިހުގައި ބެއިކަލަކު އެބަހުންނެވިތޯއެވެ؟' ޖަވާބުގައި ޖިބުރީލު ދެންނެވިއެވެ. 'ތިމަންކަލޭގެފާނު އަރިހުގައި މުޙައްމަދުގެފާނު އެބަހުންނެވިއެވެ.'

ދެން އަނެއްކާވެސް ސުވާލުކުރެއްވިއެވެ. 'އެކަލޭގެފާނަށް ހުއްދަ ލިބިގެންވޭތޯއެވެ؟

ޖަވާބުގައި ޖިބުރީލުގެފާނު ވިދާޅުވިއެވެ. 'އާދޭހެވެ!' ދެން އުޑުގެ ދޮރުކޮޅު ހުޅުއްވުމުން ދެބޭކަލުން އުޑަށް އަރާވަޑައިގަތެވެ. މިގޮތަށް ކޮންމެ އުޑަކުން އެއުޑެއްގެ މަލާއިކަތާ މިދެބޭކަލުންނާ ސުވާލުކުރެއްވިއެވެ. މިކަމުން އެނގެނީ ކޮންމެ އުޑެއްގައި ދޮރުކޮޅެއް ހުންނަކަމެވެ. އަދި ދޮރުކޮޅު ބަލަހައްޓަވަން މަލާއިކަތް ބޭކަލެއް ހުންނަވާކަމެވެ. އަދި ހުއްދަ އޮންނަ ބެއިކަލަކަށް މެނުވީ އުޑަށް އަރައިވަޑައި ނުގެންނެވޭނެކަމެވެ.

ފުރަތަމަ އުޑުން ރަސޫލާ ﷺ އާއި އާދަމް ޢަލައިހިސަލާމާ ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނާ ބައްދަލުވެވަޑައިގަތުމުން ޖިބުރީލުގެފާނު ރަސޫލާ ﷺ އަށް ދެންނެވިއެވެ. 'މިއީ ކަލޭގެފާނުގެ ބަފައިކަލުން އާދަމްގެފާނެވެ. އެހެންވެ އެކަލޭގެފާނަށް ސަލާމް ވިދާޅުވާށެވެ. ދެން އެކަލޭގެފާނު ސަލާމްދެންނެވުމުން އާދަމްގެފާނު ވިދާޅުވިއެވެ. 'މާތްވި ދަރިކަލުން އަދި މާތްވި ނަބިއްޔާއެވެ. ކަލޭގެފާނަށް މަރުހަބާއެވެ.'

އެހެން ރިވާއެއް ބުނާގޮތުން އާދަމްގެފާނު ވަށައިގެން ގިނަ އަދަދަކަށް މީހުން ތިއްބެވެ. ކަނާތްޕުޅުގައި ތިބި މީހުންނަށް ބައްލަވާފައި އާދަމްގެފާނު ހިނިފުޅުވެޑުވިއެވެ. އަދި ވާތްޕުޅުގައި ތިބި މީހުންނަށް ބައްލަވާފައި އެކަލޭގެފާނު ކީރިތިކުރެއްވިއެވެ. ދެން އެމީހުންނާ ބެހޭގޮތުން ރަސޫލާ ﷺ ސުވާކުރެއްވިއެވެ. ޖަވާބުގައި ޖިބުރީލުގެފާނު ވިދާޅުވިއެވެ. 'އެ އެންމެންނަކީ އާދަމްގެ ދަރީންނެވެ. ކަނާތުގައި ވަނީ ސުވަރުގޭގެ އަހުލުވެރިންނެވެ. އަދި ވާތުގައިވަނީ ނަރަކައިގެ އަހުލުވެރިންނެވެ.'

ދެވަނަ އުޑުން ރަސޫލާ ﷺ އާއި ދެބޭކަލަކާ ބައްދަލުވެވަޑައިގަތެވެ. އެއީ ޔަހުޔާގެފާނާއި ޢީސާގެފާނެވެ. މިބޭކަލުންނާ ސަލާމްކުރެއްވުމުން އެބޭކަލުން ވިދާޅުވިއެވެ. 'މާތްވި އަޚްއެވެ. އަދި މާތްވި ނަބިއްޔާއެވެ. ކަލޭގެފާނަށް މަރުހަބާއެވެ.'

ތިންވަނަ އުޑުން ރަސޫލާ ﷺ އާއި ޔޫސުފްގެފާނާ ބައްދަލުވެވަޑައިގަތެވެ. ދެވަނަ އުޑުގައި ބަދަލުކުރެވުނުފަދައިން މިފަހަރުވެސް ސަލާމްބަދަލުކުރެވުނެވެ. އެކަލޭގެފާނުގެ ސިފަފުޅާމެދު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 'ތިމަންކަލޭގެފާނަށް ޔޫސުފްގެފާނު ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް ހުރިހާ ރީތިކަމެއްގެ ދެބައިކުޅަ އެއްބައި ލިބިވަޑައިގެންފައިވާފަދައެވެ.'

ހަތަރުވަނަ އުޑުން ރަސޫލާ ﷺ އާއި އިދުރީސްގެފާނާ ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނުވެސް ރަސޫލާ ﷺ އަށް ދެންނެވިއެވެ. 'މާތްވި އަޚްއެވެ. އަދި މާތްވި ނަބިއްޔާއެވެ. ކަލޭގެފާނަށް މަރުހަބާއެވެ.'

ފަސްވަނަ އުޑުން ރަސޫލާ ﷺ އާއި ހާރޫނުގެފާނާ ބައްދަލުވެވަޑައިގަތެވެ. މިފަހަރުވެސް ދެބޭކަލުންގެ މެދުގައި ކުރިއެކޭ އެއްގޮތަށް ސަލާމް ބަދަލުކުރެވުނެވެ.

ހަވަނަ އުޑުން ރަސޫލާ ﷺ އާއި މޫސާގެފާނާ ބައްދަލުވެވަޑައިގަތެވެ.

ހަތްވަނަ އުޑުން ރަސޫލާ ﷺ އާއި އިބުރާހީމްގެފާނާ ބައްދަލުވެވަޑައިގަތެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 'އިބުރާހީމްގެފާނު ބައިތުލް މަޢުމޫރަށް ލެނގިލައްވައިގެން އިންނެވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.' ރަސޫލާ ﷺ އެކަލޭގެފާނާ ސަލާމްކުރެއްވުމުން އިބުރާހީމްގެފާނު ވިދާޅުވިއެވެ. 'މާތްވި ދަރިކަލުންނެވެ. އަދި މާތްވި ނަބިއްޔާއެވެ. ކަލޭގެފާނަށް މަރުހަބާއެވެ.'

ނަބިއްޔުންނާ ބައްދަލުވެވަޑައިގަތުމުގެ ބައެއް ޙިކުމަތްތައް

އާދަމް ޢަލައިހިސަލާމަކީ ފުރަތަމަ އިންސާނާއެވެ. އެއީ އިންސާނުންގެ ބަފައިކަލުންނެވެ. އަދި އެއީ ފުރަތަމަ ނަބިއްޔާއެވެ. އެކަލޭގެފާނު މަތިވެރިވި ސުވަރުގެއިން ބޭރުކުރެވުނެވެ. ހަމައެގޮތަށް ބިމުގައި މަތިވެރިވި މައްކާއިން ރަސޫލާ ﷺ ބޭރުކުރެވުނެވެ. އެހެންކަމުން ފުރަތަމަ އުޑުގެ މިބައްދަލުވުމަކީ މާނައިން ފުރިގެންވާ ބައްދަލުވުމެކެވެ.

ޢީސާ ޢަލައިހި ސަލާމާއި ޔަޙުޔާ ޢަލައި ސަލާމަކީ ތާރީޚީގޮތުން ރަސޫލާ ﷺ އާއި އެންމެ ގާތް ދެބެއިކަލުންނެވެ. ޔަޙުޔާއަށް ފަހު ފޮނުއްވީ ޢީސާއެވެ. ދެން ރަސޫލާ ﷺ އެވެ. މިދެބެއިކަލުން އަވަހާރަކޮށްލަން އެބެއިކަލުންގެ ގައުމުތަކުން ނިކުތެވެ. އަދި ޔަޙުޔާ އަވަހާރަކޮށްލެވުނެވެ. މިއިން އަންގައިދެނީ އަވަހާރަކޮށްލަން މަސައްކަތްކުރެވުނު ހަމައެކަނި ނަބިއްޔަކީ ރަސޫލާ ﷺ ނޫންކަމެވެ.

ޔޫސުފްގެފާނަށް އަނިޔާވެރިވީ އެކަލޭގެފާނުގެ އަޚުންނެވެ. އެމީހުން ފަހުން ތައުބާވެ އެކަލޭގެފާނާ ގުޅުނެވެ. މިއިން އަންގައިދެނީ ރަސޫލާ ﷺ ވަޒަނުން ބޭރުކުރި އާއިލާ މީހުންތައްވެސް އެނބުރި އަންނާނެކަމެވެ. މައްކާ ފަތަހަކުރެއްވުމަށްފަހު ރަސޫލާ ﷺ އެންމެނަށް މަޢާފުކުރެއްވިއެވެ.

އިދުރީސްގެފާނު މަތީ ހިސާބަކަށް އުފުއްލެވިކަމަށް ﷲ އަންގަވައެވެ. ހަމައެގޮތަށް ރަސޫލާ ﷺ ގެ ދަރަޖަ މަތިވެރިކުރެއްވިކަމަށްވެސް ﷲ އަންގަވައެވެ.

ހާރޫނުގެފާނާއި މޫސާގެފާނުގެ ގައުމުގެ މީހުން އެދެބެއިކަލުންނާ ފުރަތަމަ ދެކޮޅުވެރިވިއެވެ.

މޫސާގެފާނުގެ އުއްމަތަކީ ދެވަނައަށް އެންމެބޮޑު އުއްމަތެވެ. އެކަލޭގެފާނާ ﷲ ގިނަގުނަ އިމްތިހާނުތައް މެދުވެރިކުރެއްވިއެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ. 'ތިމަންކަލޭގެފާނަށްވުރެ ބޮޑަށް މޫސާގެފާނަށް އަނިޔާ ލިބިވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ.'

ކުރީގެ ނަބިއްޔުންގެތެރެއިން ﷲ އެންމެ މާތްކުރެއްވި އެއް ބެއިކަލަކީ އިބުރާހީމްގެފާނެވެ. އެހެންވެ އެކަލޭގެފާނާ ބައްދަލުވެވަޑައިގަތީ އެންމެމަތީ އުޑުންނެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 'ﷲ އެކުވެރިންގެ ގޮތުގައި އިޚުތިޔާރުކުރައްވާފައިވަނީ ތިމަންކަލޭގެފާނާއި އިބުރާހީމްގެފާނުއެވެ.' އެދެބެއިކަލުންނަކީ ޚަލީލުﷲ އެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
1
+1
5
+1
1
+1
0
+1
1
+1
3
+1
1

Advertisement

ގުޅުންހުރި ލިޔުންތައް