September 20, 2024 18:35
Advertisement

-Advertisement-

ވޭނީ ދިރިއުޅުމެއްގައި އުޅޭ 9 މެންބަރުންގެ މިއާއިލާގެ ހާލަތު ރަނގަޅުކުރުމަށް އެހީވަމާ!

ދިވެހިންގެ ތެރޭގައިވެސް މުއްސަނދިންނާއި ފަގީރުން އުޅެއެވެ. އެކަމަކު މިހާ ހިތްދަތި ދިރިއުޅުމެއް އުޅޭ މީހުން ވަރަށް މަދުވާނެއެވެ. މިފަދަ އާއިލާތަކަށް ބޭނުންވަނީ އެންމެންގެ އެހީތެރިކަމެވެ. މިއީ ކުޑަކުޑަ 7 ކުދިންނާއި ދެމަފިރިއެއްގެ ވާހަކައެވެ.

މަމްސް އެންޖީއޯ އިން އިސްނަގައިގެން ދަނީ ގިނަބައެއްގެ އެހީތެރިކަމާއެކު ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތަކީ މަމްސް އެންޖީއޯއިން ދީފައިވާ މައުލޫމާތެވެ. 

ނާދިޔާގެ އާއިލާ

Advertisement

ނާދިޔާ އަކީ ކުޑައިރުއްސުރެ ނިކަމެތި ދިރިއުޅުމެއް އުޅެންޖެހުނު މީހެކެވެ. އުޅެންޖެހުނު ހާލުން އެއްބަނޑަށް ތިބި ކުދިންނަށްވެސް ރަނގަޅު ތަޢުލީމެއް ނުލިބި ޅައުމުރުގައި ކައިވެނިކުރަން މަޖުބޫރުވިއެވެ. އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެން ކައިވެނިކުރި ނާދިޔާގެ ކައިވެންޏަށް 17 އަހަރު ވީއިރު، 15 އަހަރުން ދަށުގެ 7 ކުދިން ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ 10 އަހަރާއި 13 އަހަރުގެ ދެފިރިހެން ކުދިންނާއި، 15އ، 8އ، 6މ 4އ، އަދި 1 އަހަރުގެ އަންހެން ކުދިންނެވެ.

ފިރިމީހާގެ ގޭގައި ގިނަ އަދަދެއްގެ މީހުންނާއެކު އުޅެންޖެހުމުން ދިމާވި ދަތިތަކާއި ކުރިމަތިވި މައްސަލަތަކާހުރެ ވަންނާނެ އިތުރު ތަނެއް ނެތި ދިރިއުޅުން ބަދަލުކުރީ ފިރިމީހާ އަށް ރަށުން ލިބުނު ގޯތީގައި ވަގުތީ ހިޔާވަކިކަމެއް ހެދުމަށްފަހުއެވެ.

އުޅެންޖެހޭ ހިތްދަތި ދިރިއުޅުން

" ވަގުތީގޮތުން ދިރިއުޅުން ބަދަލުކުރަންޖެހުނީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެވި. ހުސްބިމުގައި ޓިނުޖަހައި ހިޔާކުރުމަށްފަހު އެއްކޮޓަރީގެ ކުޑަތަންކޮޅަކަށް ދަރިންނާއި އެކުގައި ނާދިޔާ ހުރިހާ އެއްޗެއް ދޫކޮށް އަތްފޮޅާލާފައި ދިޔައީ ދަރީންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް އަޒުމު ކަނޑައަޅައިގެން". މަމްސް އެންޖީއޯ އިން މައުލޫމާތު ދިނެވެ.

މަމްސް ޓީމުން ނާދިޔާގެ އާއިލާގެ ހާލަތު ބަލަން ދިޔައިރު ފެނުނީ ހިތްފަޅައިގެންދާފަދަ މަންޒަރުތަކެއް ކަމަށް ވަނީ ބުނެފައެވެ.

" ދިރިއުޅެމުން ދަނީ ޓިނާއި ގަލުން ހަދާފައިވާ 14 ފޫޓު 12 ފޫޓުގެ އެންމެ ކޮޓަރިއަކާއި، ބަދިގެއެއް އަދި ފެންޑާއެއް ހިމެނޭ ގޮތަށް އިން ތަންކޮޅެއްގަ. ގޭގައި އޮންނަނީ އެންމެ ގޮދަޑިއެއް، އޭގައި ޖެހި ފިތިގެން ހަގަށް ތިބި 4 ކުދިން ނިދާއިރު ބޮޑަށް ތިބި 3 ކުދިންނާއި އަޅުގަނޑު އޮންނަނީ ތަޅުންގަނޑުގަ. ކުދިން އެހާލުގައި ނިދަން ޖެހުމުން ގައިގަ ރިއްސާތީއާއި އެންމެން ތޮއްޖެހިގެން ތިބޭއިރު ހޫނުގަދަވެ ނުނިދިގެން ރޮއެ ފުރޮޅޭ މަންޒަރު ކޮންމެ ރެޔަކު ބަލަން އަޅުގަނޑުގެ މައިލަގޮނޑިއަށް ކެތެއް ނުވޭ". ނާދިޔާ މައުލޫމާތު ދީފައިވެއެވެ.

ކުޑަކުޑަ ކުދިންތަކެއް ނިދުމަށް ބޭނުންކުރަމުން އަންނަ ގޮދަޑި އޮތީ ތުނިވެ ބޭނުން ނުކުރެވޭވަރުވެފައެވެ. ކޮޓަރީގެ ސީލިންގއެއް ނެތްއިރު ތަރުފާލުގަނޑުވެސް އޮތީ ވީދި ހަލާކުވެފައެވެ. ބައެއް ކުދިން ނިދުމަށް ތުނިފިލާތަކެއް ބޭނުންކުރަމުން އަންނައިރު ހޫނުގަދައިރު މިކުދިންނަށް ހަމަނިދި ނުލިބެއެވެ.

ގޭގައި ހުންނަނީ އެންމެ ކުޑަ ކޮޓަރިއެއް ކަމަށްވެފައި ހަތް ކުދިންނާއި ދެމަފިރިން ނިދަން އެތަނުގައި އެކަށީގެންނުވާތީ އެކުދިންގެ ބައްޕަ ނިދަނީ ބޭރު ގުދަންބައިގައި ހުންނަ ކުޑަ އެނދެއްގައެވެ.

" ކޮޓަރީގައި މިވަނީ ދޮރެއްވެސް ހަރުކޮށްލެވޭނެ ވަރު ނުވެފަ. ފިރިމީހާއަކީ ވެސް މަސްވެރިއެއްކަމުން ގޭގައި ހުންނަނީ މަދު ފަހަރަކު. މިފަދަ ޒަމާނެއްގައި ކުދިން އެކަނި ބައިތިއްބާފަ ކައިރި ތަނަކަށްދާންވެސް ބިރުގަނޭ. އެކުދިންގެ ރައްކާތެރިކަމާއިމެދު އަބަދުވެސް ވިސްނާ ފިކުރު ކުރެވޭ". ނާދިޔާ މައުލޫމާތު ދީފައިވެއެވެ.

ފުރާޅު ހަލާކުވެފައި ހުރުމުގެ ސަބަބުން ވިއްސާރަވެއްޖެނަމަ ގޭތެރޭގައި ފެންބޮޑުވެ ކުދިން ކިޔެވުމަށް ބޭނުންކުރާ ސާމާނުތައް ހަލާކުވެ ގޭގައި ހިފާގެންގުޅޭ ތަކެތި ދަނީ ހަލާކުވަމުންނެވެ. ރަނގަޅު ފެންވަރެއްގައި ކަރަންޓް ވަޔަރިންގ ކުރެވިފައި ނެތުމުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެ ބައެއް ރޭރޭ އުޅެންޖެހިފައިވަނީ ކުދިން ގޮވައިގެން ކަނު އަދިރީގައެވެ.

ފާޚާނާ ކުރުމަށް ދާންޖެހެނީ ގޮނޑުދޮށަށް

މިގޭގައި ހަދާފައި ހުރި ފާޚާނާ ވެސް ހުންނަނީ ގެއާއި މާދުރުގައެވެ. ތަޅު ހަލާކުވެފައި ހުރިއިރު ޖަންކްޝަން ވެސް ވަނީ ހަލާކުވެފައެވެ. އެހެންވުމުން ވިއްސާރަވިއަސް ރޭގަނޑުގެ ވަގުތުތަކުގައި ފާޚާނާ ކުރުމަށް ދާންޖެހެނީ ކުދިން ގޮވައިގެން ގޮނޑުދޮށަށެވެ.

ގޭގެ ބައެއް ފާރުތައް ރާނާފައި ހުއްޓަސް ސިމެންތިޖެހޭނެ ގޮތެއް ނެތުމުން ނަންނުގައްޗާއި އެހެނިހެން ދިރޭތަކެތީގެ އުދަގޫ ދަނީ ފޯރަމުންނެވެ.

ބަދިގޭގެ ހާލަތު

ކާބޯތަކެތި ރައްކާކުރެވޭނެ ގޮތެއް ނެތެވެ. ކައްކަން ގެންގުޅޭ ގޭސްފުޅިވެސް މޭޒުދޮށުގައި ހާމައަށް ފެންނަން ހުރުމުން ހަގަށް ތިބި ދެކުދިން ގޭސްފުޅިއާއި ގާތްވެ އުޅޭތީ ދިމާވެދާނެ ހިތްދަތި ހާދިސާއަކާމެދު ނާދިޔާ ކަންބޮޑުވެއެވެ.

ނާދިޔާގެ ދެމަފިރިން ހިތްވަރު ދޫކޮށްނުލާ

ނާދިޔާއަކީ އަބަދުވެސް ވަރަށް ހީވާގި މަސައްކަތްތެރި މީހެކެވެ. ތުއްތު ކުދިންތަކެއް ގޮވައިގެން ވަލަށް ގޮސް ފަން ހޮވައި ފަންވިއެ އެ ވިއްކައިގެން ނާދިޔާ ދިޔައީ ކުދިންގެ ހަރަދުތަށް ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ. ފިރިމީހާ ބަލިވެ ބުރަމަސައްކަތް ނުކުރެވި 5 އަހަރެއްހާ ދުވަހު ހުންނަން ޖެހުން ވެގެންދިޔައީ މި އާއިލާގެ ހާލަތު އިތުރަށް ގޯސްވި ސަބަބަށެވެ. ފިރިމީހާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެ އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރަމުން އަންނައިރު ދިރިއުޅެން ޖެހިފައިވާ ހިތްދަތި ހާލަތުން އަރައިގަނެވޭނެ ދުވަހެއް އަދި ބުނަން ނޭގެއެވެ.

ގޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި:

ފާރުރޭނުން

ސިމެންތިޖެހުން

ކުލަލުން

ސީލިންގކުރުން

ތަޅުން އެއްވަރުކޮށް ތަރުފާލު އެޅުން

ޖަންކްޝަން ރަނގަޅުކުރުން

ކަރަންޓް ވައިރިން

ފާޚާނާ މަރާމާތުކުރުން

ގޭގައި ދޮރުހަރުކުރުން

ދެމަފިރިއަކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދަނީ މިހިތްދަތި ދިރިއުޅުމަށް އަލިކަމެއް ލިބޭތޯއެވެ. މަމްސް އެންޖީއޯ އިން ދަނީ ނާދިޔާގެ އާއިލާ އަށް އެހީތެރިވުމަށް ފަންޑްރައިޒިންގ ކެމްޕެއިނެއް ކުރިއަށްގެންދަމުންނެވެ. ބޭނުންވަނީ ތިޔަ ކިޔުންތެރިންގެ ދީލަތި އެހީއެކެވެ. އެންމެން ގުޅިގެން މިއާއިލާގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވަމާތޯ އެވެ.

މި އާއިލާއަށް އެހީތެރިކަން ފޯރުކޮއްދެއްވަން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ރުފިޔާ ޖަމާކުރެއްވުމަށްފަހު ސްލިޕް ފޭސްބުކް ޕޭޖް އަށް ފޮނުވާލަދެއްވުން އެދެމެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް

މަމްސް އެކައުންޓް: 7730000294482

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މަމްސް އެންޖީއޯ 9368833 / 7849393

+1
5
+1
3
+1
2
+1
2
+1
16
+1
3
+1
7

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އެ އަންހެން މީހާ ވެސް ހިތްވަރާއެކު ކެރިގެން މަސައްކަތްކުރާނަމަ ﷲ ދެއްވަވާނެ، މިއަށްވުރެ ހާލަތު ރަނގަޅުކުރުމަށް ހިތްވަރާއެކު މަސައްކަތްކުރޭ

    1
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް