November 22, 2024 18:18
Advertisement

-Advertisement-

މުސްލިމް އަންހެނާގެ ފޭރާން

މުސްލިމް އަންހެނާ ހެދުން އަޅަންޖެހޭ ގޮތްތަކެއް އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ޢައުރަ ނިވާކުރުމަކީ ނުވަތަ ދިވެހިންގެ ބަހުންނަމަ ބުރުގާ އެޅުމަކީ  ބާލިޣުވެފައިވާ ކޮންމެ އަންހެނެއްގެ މައްޗައް ވާޖިބުކުރައްވާފައިވާ ކަމެކެވެ. ބުރުގާ އެޅުމަކީ ވާޖިބުކަމެއްކަމާމެދަކު އެއްވެސް ޢިލްމުވެރިއަކު އިޚްތިލާފްވެވަޑައެއް ނުގަންނަވައެވެ. އެހެނީ، މިކަމަކީ ޤުރުއާނާއި ސުންނަތުން އަދި ޞަޙާބީންގެ އިޖްމާޢުން ޘާބިތުވެފައިވާކަމެކެވެ. މިކަމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމުކުރައްވާފައިވާ ކަމެކެވެ.

ބުރުގާ އެޅުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ނަމަވެސް، މިހާރަކަށްއައިސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ ވަރަށް ނޭދެވޭ ކަންތައްތަކެކެވެ. ބުރުގާ އަޅާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ޙަޤީޤީ މާނައިގައި ބުރުގާ އެޅުމަކީ ކޮބައިކަން އެނގިގެން ބުރުގާއަޅާ އަންހެނުން ވަރަށް މަދެވެ.

އަންހެނާ ލާ ހެދުމަކީ އިސްލާމީ ޝަރީއަތުގައި މުސްލިމް އަންހެނަކު ލާ ހެދުމެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ހެދުމަކަށްވުން ލާޒިމެވެ. އެ ޝަރުތުތައް ފުރިހަމަނުވާނަމަ އަޅާ ބުރުގާއަކުން އެއްވެސް ޘަވާބެއް ނުލިބޭނެއެވެ. މުސްލިމް އަންހެނަކު ލާންޖެހޭ ހެދުމުގައި ހުންނަންޖެހޭ ޝަރުޠުތަކެއްވެއެވެ. އެގޮތުން ތިމާ ލާ ހެދުމަކީ ހަށިގަނޑުގެ ހަމުގެ ކުލައާއި ވަނާތައް އެނގޭހާ ތުނި ހެދުމަކަށް ވެގެނެއްނުވާނެއެވެ.

Advertisement

އައިޝަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ " أَنَّ أَسْمَاءُ بِنْتِ أَبِى بَكْر دَخَلَتْ عَلَى رَسُوْلِ اللّه صلى الله عليه وسلم وَ عَلَيْهَا ثِيَاب رِقَاق فَأَعْرَضَ عَنْهَا رَسُوْلِ اللّه صلى الله عليه وسلم وَقَالَ  يَا أَسْمَاء إِنَّ الْمَرْأَةَ إِذَا بَلَغَتْ الْمَحِيْضْ لَمْ تَصْلُحْ أَنْ يُرَىْ مِنْهَا إِلّاَ هَذَا وَ هَذَا وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ " މާނައީ: "އާއިޝަތުގެފާނު ރިވާކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެފާނު، ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހަށް، ތުނި ހެދުމެއް ތުރުކުރައްވައިގެން ވަޑައިގަތެވެ. ދެން ރަސޫލާ ﷺ މޫނުފުޅު އަނެއްފަރާތަށް އަނބުރާލެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ." އޭ އަސްމާއެވެ. އަންހެނާ ޙައިޟުވާ އުމުރަށް ދިޔައީމާ، ހަށިގަނޑުގެ މިތަނާއި މިތަން ފިޔަވައި އެހެން ތަންތަން ހާމަކުރުން ހެޔޮނުވާނެއެވެ." އަދި ރަސޫލާ ﷺ އެކަލޭގެފާނުގެ މޫނުފުޅާއި އަތްތިލަފުޅަށް އިޝާރާތް ކުރެއްވިއެވެ."

ހަމައެހެންމެ އަންހެނާގެ ވަނާތައް ފާޅުވާވަރަށް ބާރުކޮށް ހެދުންއެޅުން ހުއްދަވެގެނެއް ނުވެއެވެ. ހެދުން ހުންނަންޖެހޭނީ ތިމާގެ ވަނާތައް ނޭގޭވަރަށް ދޫކޮށެވެ. އަދި ފިރިހެނުންގެ ސިފަޖެހޭގޮތަށް އެމީހުން ހެދުން އަޅާހެން ހެދުންއެޅުން މަނާކުރައްވާފައިވެއެވެ. ކޮންމެކަހަލަ ފޮއްޗަކުން ހެދުންލިޔަސް އަދި ކޮންމެ ކުލަޔަކުންލިޔަސް ހެދުން ހުންނަންޖެހޭނީ މި ޝަރުތުތައް ފުރިހަމަވާ ގޮތަށެވެ.

ނަމަވެސް މިހާރަކަށް އައިސް ބައެއް އަންހެނުންނަށް އެނގިފައި އޮންނަގޮތުގައި، ބޮލުގައި އަޅާލެވޭ ފޮތިކޮޅަކުން އިސްތަށިގަނޑު ނިވާކުރުމުން އައުރަ ނިވާކުރެވުނީއެވެ. އެހެންވުމުގެ ސަބަބުން ކޮންމެކަހަލަ ހެދުމެއްލާފައިވެސް ބުރުގާ އަޅާފައި ހުންނަތަން އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަލެން މަދެއްނޫނެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި މިކަން އޮތީކީ މިގޮތަކަށެއްނޫނެވެ. ޝަރީއަތުގައި އަންގަވާފައިވަނީ ބުރުގާ އަޅާކަށެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި އަންގަވާފައި އޮތީ ޢައުރަ ނިވާކުރާށެވެ. ޢައުރަ ނިވާކުރުމަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ފުރިހަމައަށް ނިވާކުރުމަށެވެ. މިހެންވުމުން ތިމާގެ ވަނާތައް އެނގޭވަރުގެ ތުނި ހެދުމަކީ މުސްލިމް އަންހެނާގެ ހެދުމަކަށް ނުވެއެވެ. ހަމައެހެންމެ، ހެދުން ލުމަށްފަހު އަޅާބުރުގާއިން ތިމާގެ މޭމަތި ނިވާކުރަންޖެހޭނެއެވެ. ކޮންމެކަހަލަ ބުރުގާއެއް އެޅިޔަސް، މިކަންކުރަންޖެހޭނީ މި ގޮތަށެވެ. އިސްލާމީ ޝަރީއަތުގައި އަންހެނާ ހެދުން އެޅުމަށް އަންގަވާފައިވަނީ މިގޮތަށެވެ.

ރަސޫލާ ﷺ ގެ ޙަދީޘްއެއްގެ މާނައިގާވެއެވެ. "ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައެއްނުގަންނަވައެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި، ހެދުން ލައިގެން އެކަމަކުވެސް އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ. އެކަނބަލުންނަކީ ތެދުމަގާއި ޢިއްފަތްތެރިކަމުގެ ސީދާ މަގުން އެއްކިބާވެފައި ތިބޭ، އަދި އެހެން މީހުން ކަތި މަގަށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ ބޯ ހީވާނީ ލެނބިފައިވާ ބުޚްތު އޭ ކިޔޭ ޖަމަލުގެ އުސްވެފައިވާ ތަންހެނެވެ. އެ ކަނބަލުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްދުވާހިސާބަށްވެސް ނުދެވޭހުއްޓެވެ. މި ޙަދީޘްގައި ރަސޫލާ ﷺ ސިފަކުރައްވާފައިވަނީ، ފަހުޒަމާނުގައި އުޅޭނެ ބައެކެވެ. "އެފަދަ އަންހެނުން ތިބޭނީ ހެދުން ލައިގެން އެކަމަކުވެސް އޮރިޔާމުންނެވެ". މިބަހުގެ މާނައަކީ، ހެދުންލުމުގެ މަޤްޞަދު ޙާޞިލްނުވާނެވާހަކައެވެ. އޮރިޔާމުންތިބޭނެ ވާހަކައެއްނޫނެވެ. މި ޙަދީޘުން ދޭހަވަނީ، ފުރިހަމައަށް ނިވާނުކޮށް ހުރުން މުސްލިމް އަންހެނަކަށް ހުއްދަވެގެންނުވާކަމެވެ.

ވަރަށް ތުނި ބުރުގާއަކާއެކު ކައިވެނީގެ ހެދުން ލައިގެން ހުރި އަންހެން ކުއްޖެއް، އާއިޝަތުގެފާނު އަރިހަށް އައުމުން، އެކަމަނާ ވިދާޅުވީ، ތިޔަފަދަ ހެދުމެއް ލައިގެން ހުންނަ އަންހެނަކީ ނޫރު ސޫރަތަށް އީމާން ނުވާ އަންހެނެއްކަމަށެވެ. އެކަމަނާ އެ އިޝާރާތްކުރެއްވީ އެ ސޫރަތުގައިވާ ބުރުގާއަށެވެ. ވީމާ، އަޅުގަނޑުމެންލައި އުޅޭ ހެދުމަކީ ފިރިހެނުންގެ ހިތްތައް ލަންބުވާފަދަ ހެދުމަކަށްވެގެން ނުވާނެއެވެ.

+1
1
+1
1
+1
14
+1
0
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. ބުރުގާނާޅަހުންނަމީހުނާ އެއްބާނިވާވާގޮތަށްއަޅާމީހުންފެނުނީމަ ބޮލައްއުދަގޫވެ ވަޒީފާދޭއިރުވެސް ރަގަގަޅައްބުރުގާ އަޅާމީހުންހިޔާރުކުރުމަމީވަރަށްމުހިމުކަމެއް ހާސަކޮންމިނިސްޓަރިތަކުގެއިސްމީހުން

  2. Ragalhu vaahaka eh thee mizamaanuga ginavaanee dheenaa hilaafan burugaa Yaa hedhun alhaa meehun naa dharin Mee hithaama hurikameh varah iburathun furigeh vee vaahaka eh thee in Sha alloh varah bodah ufaavey mikahala nasey hathuge bas kolheh kiyaalumuge furusathu libuneema

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް