September 20, 2024 20:29
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ސިދުރަތުލް މުންތަހާއަށް ވަޑައިގަތުމުން ކަންތައް މެދުވެރި ކުރެއްވި ގޮތް

ރަސޫލާ ﷺ ގެ ސީރާ ސައުވީސްވަނަ ބައި

މިޢުރާޖު ދަތުރުފުޅު

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ރަސޫލާ ﷺ އާއި ނަރަކަ ބަލަހައްޓަވާ މަލާއިކަތާ މާލިކާ ބައްދަލުވެވަޑައިގަތެވެ. ޖިބުރީލުގެފާނު، ރަސޫލާ ﷺ އަށް މާލިކު ތަޢާރަފްކޮށް އެރުވިއެވެ. ދެން އެބެއިކަލުން ސަލާމް ބަދަލުކުރެއްވިއެވެ. ރަސޫލާ ﷺ ވިދާޅުވިގޮތުގައި މާލިކުގެފާނު ހުންނެވީ ހިތާމަފުޅުގައެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅުގައި ހިނިތުންވުމެއް ނުވެއެވެ.

Advertisement

ހަތްވަނަ އުޑުން ރަސޫލާ ﷺ ސިދުރަތުލް މުންތަހާއަށް ވަޑައިގަތެވެ. ޢަރަބީންނަށް ސިދުރާއަކީ ހަނަފަސް ސަހަރާގައި ހެދި ފެތުރިގެންދާ ގަހެކެވެ. ހިޔާބޮޑު މިގަހުގައި ފޮނި މޭވާއެއް އަޅައެވެ. އަދި މިގަހުގެ ވަހަކީ މީރު ސެންޓުގެ ވަހެވެ. މުންތަހާއަކީ ނިމޭ ތަން ނުވަތަ ނިމޭ ކޮޅެވެ. އެހެންކަމުން ސިދުރަތުލް މުންތަހާއަކީ ހަތްވަނަ އުޑު ނިމޭ ހިސާބުގައިހުރި ގަހެވެ. މިގަސް ރަސޫލާ ﷺ އަށް ދެއްކެވުމަށްފަހު އެއީ ސިދުރަތުލް މުންތަހާކަމުގައި ޖިބުރީލުގެފާނު ވިދާޅުވިއެވެ.

ރަސޫލާ ﷺ ޙަދީޘްފުޅެއްގައިވެއެވެ. 'ސިދުރަތުލް މުންތަހާގެ މޭވާ، ހަޖަރުގެ ފެން އަޅާ ކަންވާރުހާ ބޮޑެވެ. އެގަހުގެ ފަތް އެތުގެ ކަންފަތް ފަދައެވެ.'

ސިދުރަތުލް މުންތަހާއާއި ހިސާބުން ޖިބުރީލުގެފާނު ރަސޫލާ ﷺ އާއި ވަކިވެވަޑައިގަތެވެ. އެހިސާބުން އެކަލޭގެފާނަށް ޖިބުރީލުގެފާނު ދެންނެވީ ގިނިކަންޏާ މައްޗަށް ދަތުރުކުރެއްވުމަށެވެ. ބުޚާރީގައިވާގޮތުން ﷲގެ ހަޟުރަތަށް ރަސޫލާ ﷺ ހަތްވަނަ އުޑުން މައްޗަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން އެކަލޭގެފާނު އެންމެފަހުން ދެކެ ވަޑައިގަތީ ސިދުރަތުލް މުންތަހާއެވެ.

ރަސޫލާ ﷺ ވިދާޅުވެފައިވެއެވެ. 'ސިދުރަތުލް މުންތަހާގެ ބުޑުން ހަތަރު ކޯރު އުފެދިފައިވެއެވެ. އޭގެތެރެއިން ދެ ކޯރުވަނީ ފޮރުވިފައެވެ. އަދި އަނެއް ދެ ކޯރު ހާމައަށް އޮވެއެވެ. މިކޯރުތަކާބެހޭގޮތުން ތިމަންކަލޭގެފާނު ޖިބުރީލުގެފާނާ ސުވާލުކުރެއްވީމެވެ.' ޖަވާބުދެއްވަމުން ޖިބުރީލުގެފާނު ވިދާޅުވިއެވެ. 'ފޮރުވިފައިވާ ކޯރުތަކަކީ ސުވަރުގޭގެ ކޯރުތަކެވެ. ފެންނަންހުރި ކޯރުތަކަކީ ނީލަ ކޯރާއި ފުރާޠު ކޯރެވެ.'

މިޢުރާޖު ދަތުރުފުޅުގައި ރަސޫލާ ﷺ ބައިތުލް މަޢުމޫރު ދެކެވަޑައިގަތެވެ. މިއީ ދުނިޔޭގައި ހުރި ކަޢުބަތުﷲ ގެފުޅު ފަދައިން ހަތްވަނަ އުޑުގައިވާ ﷲ ގެފުޅެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 'ދުވާލަކު ހަތްދިހަ ހާސް މަލާއިކަތުން ބައިތުލް މަޢުމޫރަށް ވަޑައިގަންނަވައެވެ. އެއް ދުވަހު ވަޑައިގަތް ބޭކަލަކަށް ދެން ވަޑައިނުގެންނެވެއެވެ.' މިޢުރާޖު ދަތުރުފުޅުގައި ރަސޫލާ ﷺ ޖިބުރީލުގެފާނު އަސްލު ސޫރައިގައި ދެކެވަޑައިގަތެވެ. ޞަޙީޙު ބުޚާރީގައިވެއެވެ. 'ޖިބުރީލްގެފާނުގެ 600 ފިޔަފުޅު ހުރެއެވެ. އެކަލޭގެފާނު އުދަރެސް އެއްކޮށް ބައްދާލައްވައެވެ.' އަލް ޠަބަރީގައި ވާ ޙަދީޘްޕުޅެއްގައިވެއެވެ. 'ޖިބުރީލްގެފާނުގެ ފިޔަ ފުޅުގައިވާ ފަތްކޮޅުތަކުން މުތާއި އެންދެރި ފައިބައެވެ.' މިހުރިހާ ކަންކަމަކީ މިޢުރާޖު ދަތުރުފުޅުގައި ﷲ، އެކަލޭގެފާނަށް ދެއްކެވި ބޮޑެތި ހެކިތަކެވެ.

މިޢުރާޖު ދަތުރުފުޅުގައި ރަސޫލާ ﷺ އަށް ﷲ ތިނެއްޗެއް ދެއްވިއެވެ. އެއީ ފަރުޟު ފަސް ނަމާދާއި ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތާއި ﷲ އަށް އީމާންވެ ޝިރުކުނުކުރާ ކޮންމެ މީހެއްގެ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާނެކަމުގެ ވައުދުފުޅެވެ. ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތާގުޅޭގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'ތިމަންކަލޭގެފާނަށް މި ދެ އާޔަތް ދެއްވާފައިވަނީ ﷲ ގެ ޢަރުޝިކޮޅުގެ ދަށުގައިވާ ޚަޒާނާތަކުންނެވެ.'

މިޢުރާޖު ދަތުރުފުޅުގައި ހިނގި އެންމެ ޚާއްޞަ ކަމަކީ ﷲ ގެ ޙަޟުރަތަށް އެކަލޭގެފާނު ކުއްތަންވެވަޑައިގަތުމާއި މެދުވެރިއަކާނުލާ ﷲ އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރެއްވުމެވެ. މިބައްދަލުވުމާބެހޭ ތަފުސީލުގެ ޞައްޙަ ތެދު މައުލޫމާތެއް ބަޔާންކުރެވިފައިނުވެއެވެ. ރަސޫލާ ﷺ އެތަފުސީލުތަކެއް ނުދެއްވައެވެ. ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ރަސޫލާ ﷺ ﷲ ގެ ޙަޟުރަތަށް ކުއްތަންވެވަޑައިގަތް ނަމަވެސް އެކަލޭގެފާނަށް ﷲ ފެނިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ހަމައެކަނި ﷲ ގެ ފަރުދާކޮޅުކަމުގައިވެއެވެ.

ރަސޫލާ ﷺ ގެ ސީރާ ފަންސަވީސްވަނަ ބައި 

ﷲ އާ ބައްދަލުކުރެއްވުމަށްފަހު ދެން ރަސޫލާ ﷺ އަށް ސުވަރުގެއާއި ސުވަރުގޭގެ ބައެއް ނިޢުމަތްތައް ދައްކާލެވުނެވެ. ދެން އެކަލޭގެފާނަށް ދެއްކެވުނީ ނަރަކައާއި ނަރަކައިގެ ބައެއް ޢަޒާބުތަކެވެ.

މިޢުރާޖް ދަތުރުފުޅަށްފަހު ރަސޫލާ ﷺ ބުރާޤުގައި އެނބުރި ވަޑައިގަތީ ޤުދުސްއަށެވެ. އެއަށްފަހު އެތަނުން ދެން އެކަލޭގެފާނު ވަޑައިގަތީ މައްކާގެ ހަރަމްފުޅަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'ޖެހިގެން އައި ދުވަހު ތިމަންކަލޭގެފާނަށް ހޭފުޅު ލެއްވުމުން ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގަތީމެވެ. އެއީ ތިމަންކަލޭގެފާނަށް ރޭނގަނޑު ހިނގާދިޔަ ކަންކަމުގެ ވާހަކަ މީސްތަކުންނަށް ވިދާޅުވެދެއްވާނެ ގޮތަކާމެދުއެވެ. ދެން ތިމަންކަލޭގެފާނު ކަންބޮޑުވެ ހާސްވެ އިންނަވަނިކޮށް ﷲ އިރާދަކުރެއްވީ އަބޫ ޖަހުލު އެތަނަށް އައުމަށެވެ. ދެން އޭނާއަށް ތިމަންކަލޭގެފާނު އިންނެވި ހާލުކޮޅު ފެނި އެކަމާ ސުވާލުކުރިއެވެ.'

ޖެއްސުމުގެ ރާގަށް އަބޫޖަހުލު ރަސޫލާ ﷺ އަށް ސުވާލުދެންނެވިއެވެ. 'ކަލޭގެފާނަށް ކަމެއްވީތޯއެވެ؟ ކޮން ކަމެއް ހިނގީތޯއެވެ؟' ޖަވާބުގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'އާނއެކެވެ. ކަމެއް ހިނގައިފިއެވެ. ރޭ، ތިމަންކަލޭގެފާނު މިރަށުން ޤުދުސްއަށް ވަޑައިގަތީމެވެ.' މިކަމާ ސިހިފައިހުރެ އަބޫޖަހުލު ބުންޏެވެ. 'ކަލޭގެފާނު ދެން މިހާރު ތިއިންނެވީ އަހަރެމެންނާއެކުގައިތޯއެވެ؟'

'އާދޭހެވެ. ތިމަންކަލޭގެފާނު ހޭފުޅު މިލެއްވީ ތިޔަބައިމީހުންނާއެކުގައެވެ.' ދެން އަބޫޖަހުލު ބުންޏެވެ. 'އަހަރެން ކަލޭގެފާނުގެ މީސްތަކުން ގެނެސްފިއްޔާ ކަލޭގެފާނު ތިވިދާޅުވިގޮތަށް އެމީހުން ކައިރީ ވިދާޅުވާނަންތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. 'އާދޭހެވެ. ތިމަންކަލޭގެފާނު އެގޮތަށް ވިދާޅުވާނަމެވެ.'

ދެން އަބޫޖަހުލު ހަރުއަޑުން ގޮވައި ހަޅޭލައި މީސްތަކުން އެއްކުރިއެވެ. އެއަށްފަހު އޭނާ ރަސޫލާ ﷺ އަށް ދެންނެވިއެވެ. 'ކަލޭގެފާނު ވިދާޅުވާނެކަމަށް ވަޢުދުވެވަޑައިގަތް ވާހަކަ މިހާރު ވިދާޅުވާށެވެ.' ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 'ރޭ ތިމަން ކަލޭގެފާނު ބައިތުލް މަޤުދިސްއަށް ވަޑައިގެން މަސްޖިދުލް އަޤުޞާގައި ނަމާދުކުރެއްވީމެވެ.' ރަސޫލާ ﷺ ގެ މިވާހަކަފުޅާއެކު މީހުންތައް ތަފާތު ގޮތްގޮތަށް ރައްދުދޭން ފެށިއެވެ. އެއް ބަޔަކު އަތްތިލަ ބަޑިޖަހަން ފެށިއެވެ. އަނެއް ބަޔަކު ބޮލުގައި އަތް އެޅިއެވެ. ދެން ތިބި މީހުން މަޖަލަކަށްވެގެން ހުނެވެ. މީހުންތައް ތިބީ ހަދާނެ ގޮތެއް ނޭނގިފައެވެ. ސަބަބަކީ ރަސޫލާ ﷺ ދުވަހަކުވެސް އިތުރުފުޅެއް ހައްދަވާފައިނުވުމެވެ. އެހެންވެ މީހުންތައް ހައިރާންކަމުގައި ތިއްބެވެ. ދެން އެތަނުން ޤުދުސްއަށް ދަތުރުކޮށްފައި ހުރި މީހަކު ސުވާލުކުރިއެވެ.' ކަލޭގެފާނު އަހަރެމެންނަށް ބައިތުލް މަޤުދިސް ސިފަކޮށްދެއްވަފާނަންތޯޢެވެ؟' ދެން އެކަލޭގެފާނު ބައިތުލް މަޤްދިސް ސިފަކޮށްދެއްވިއެވެ. ވަކިހިސާބަކުން ޤުދުސްގެ ވަކިވަކި ކަންކަން ތަފުސީލުކޮށް އަހައި ސުވާލުކުރަންފެށިއެވެ. އެވަގުތު އެފަދަ ސުވާލުތަކަށް ޖަވާބުދެއްވަން އެކަލޭގެފާނަށް ދަތިފުޅުވިއެވެ. ސަބަބަކީ އެކަލޭގެފާނަށް ފެނިވަޑައިގަތް ހުރިހާ ތަނެއްގެ ތަފުސީލުތައް ކުއްލިއަކަށް ހަނދުމަފުޅުގައިނުވުމެވެ. ދެން މިކަމާ އެކަލޭގެފާނު ދުވަހަކުވެސް ހާސްވެ ކަންބޮޑުވެވަޑައިނުގަންނަވާ ވަރަށް ކަންބޮޑުވެވަޑައިގަތްކަމުގައި ވިދާޅުވިއެވެ.

ދެން ރަސޫލާ ﷺ އެމީހުންނަށް ޖަވާބުދެއްވަން އުޅުއްވަނިކޮށް ކަން ހިނގިގޮތް ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނުގެ ކުރިފުޅުމަތިން ތަންކޮޅެއް ދުރުން ބައިތުލް މަޤްދިސް އުފެލެންފެށިއެވެ. އަދި ބައިތުލް މަޤްދިސް އަޤީ އިބުނު އަބީ ޠާލިބުގެ ގެކޮޅުގެ މަތިން އުފުލުނެވެ.' ދެން އެކަލޭގެފާނާ ކުރެވުނު ކޮންމެ ސުވާލަކަށް ވަރަށް ފުރިހަމައަށް ޖަވާބުދެއްވިއެވެ. އެންމެފަހުން އެތަނުން މީހަކު ކަށަވަރުކޮށްދިން ގޮތުގައި ރަސޫލާ ﷺ ދެއްވީ މުޅިން ތެދު މައުލޫމާތެވެ.

އިބްނު ޙިޝާމް ބަޔާންކުރާގޮތުގައި މިދަތުރުފުޅާ ގުޅޭގޮތުން ރަސޫލާ ﷺ ވިދާޅުވިއެވެ. 'ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހެކިތަކެއް ދައްކަފާނަމެވެ.' ދެން އެކަލޭގެފާނު ވިޔަފާރީގެ ތިން ގާފިލާ ދެކެވަޑައިގަތް ވާހަކަ ވިދާޅުވިއެވެ. އަދި އެ ގާފިލާތަކާބެހޭ ތަފުސީލު މައުލޫމާތު ހާމަކުރެއްވިއެވެ. ރަސޫލާ ﷺ ގެ ވާހަކަފުޅުތައް އަހާފައި އަބޫޖަހުލު ބުންޏެވެ. 'ކަލޭގެފާނު ތިޔަ ވިދާޅުވާ ހިސާބުން ވިޔަފާރި ގާފިލާއެއް ފެނިވަޑައިގަތްނަމަ، މިހާރު އެގާފިލާ މައްކާއަށް ވަންނާނެއެވެ.' ދެން އިސާހިތަކު އެގާފިލާ މައްކާއަށް ވަން ޚަބަރު ލިބުނެވެ. އަބޫޖަހުލު އަވަހަށް އެގާފިލާއަށް ގޮސް މައުލޫމާތު އޮޅުންފިލުވިއެވެ. ރަސޫލާ ﷺ ދެއްކެވި ވާހަކަފުޅުގެ ތެދުކަން ކަށަވަރުވުމުން އަބޫޖަހުލު ބުންޏެވެ. 'މިއީ ސީދާ ސިހުރު ހާހޫރުއެވެ.'

އިސްރާއާއި މިޢުރާޖުގެ ވާހަކަ އަބޫބަކުރުގެފާނަށް ފުރަތަމަ އިވިވަޑައިގަތީ ރަސޫލާ ﷺ ގެ ފަރާތްޕުޅަކުންނޫނެވެ. ޤުރައިޝުންގެ މީހަކު ދުވަމުން އައިސް އެކަލޭގެފާނަށް ދެންނެވިއެވެ. 'ކަލޭގެފާނުގެ ރަހުމަތްތެރިޔާ މިހާރު ވިދާޅުވެގެން އުޅުއްވާ ވާހަކަ އެނގޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވަނީ ރޭގައި ޤުދުސްއަށް ވަޑައިގަތް ވާހަކައެވެ. މިއީ ދެމަސް ދުވަހުން ކުރެވޭ ދަތުރެކެވެ.' ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. 'އެކަލޭގެފާނު ތިޔަހެން ވިދާޅުވިނަމަ އެއީ ތެދެކެވެ.' ދެން އެމީހާ ދެންނެވިއެވެ. 'ކަލޭގެފާނުގެ ރަހުމަތްތެރިޔާގެ މިވާހަކަތައް ހަމަ ގަބޫލުކުރައްވަނީތޯއެވެ؟' ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. 'ތިއަށްވުރެ މާބޮޑަށް ހައިރާންކުރުވަނިވި ކަމެއް އަހަރެން އެކަލޭގެފާނުގެ ފަރާތްޕުޅުން ގަބޫލުކުރަމެވެ. އެއީ ހަތްވަނަ އުޑުން އެކަލޭގެފާނަށް ވަގުތުން އަންނަ ވަހީއެވެ.' މިހާހިސާބުން އަބޫބަކުރުގެފާނަށް އަލްސިއްދީގު މިލަގަބުން މުޚާޠަބުކުރަން ފެށުނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
15
+1
0
+1
3
+1
4
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް