November 24, 2024 10:32
Advertisement

-Advertisement-

ކީމޯބްރެއިން/ ފޮޓޯ: އެމްޑީ އެންޑަރސަން ކެންސަރ ސެންޓަރ

ޑރ. ޝިފާންގެ ލިޔުއްވުމެއް: ކީމޯ ބްރެއިން، ފެނިދާނެ އަލާމާތްތައް!

"ސިކުނޑި އެހެން ގޮތަކަށް (ވިސްނައިދޭން) މަސައްކަތް ކުރިއަސް، އުއްމީދު ކަނޑާނުލާށެވެ. ހިތްވަރު އެލުވާނުލާށެވެ".

ކެންސަރުގެ ބަލި ތަޙައްމަލް ކުރަމުންދާ މީހަކު މިފަދަ ދުވަސްވަރެއްގައި ވިސްނުމުގައި ނޫނީ ތޫނުފިލިކަން، ކުރިއަށްވުރެ ދައްވާކަން ފާހަގަވުން، ނޫނީ ކަންކަން ހަނދާންނެތުން، އާންމުކޮށް ދަތިކަމަކާނުލައި ކުރަމުން އައި ކުދިކުދި ކަންކަން ނިންމަން ނޭންގުން، އައު ހުނަރެއް ދަސްކުރުމުގަ އުނދަގޫތަކެއް ކުރިމަތިވުން. މިފަދަ ހާލަތައް ދީފައިވާ ނަމަކީ 'ކީމޯ ބްރެއިން' އެވެ.

ކީމޯ ބްރެއިން އަށް ނަން ދިނުމުގައި 'ކީމޯ' ނަން އައި ކަމުގައިވިޔަސް، މަތީގައި ބަޔާންކުރެވިދިޔަހެން ކެންސަރުގެ ބަލި އަދި ތަފާތު ފަރުވާއާއެކު މިފަދަ ބަދަލުތައް ފެނިދާނެއެވެ. މިކަމުގެ ސީދާ ސަބަބެއް އަދި ވަނީ ނުހޯދިފައެވެ.

Advertisement

އާންމުކޮށް ފެނިދާނެ އަލާމާތްތައް:

  • އާންމުކޮށް ފަސޭހައިން ހަނދާން ހުންނަ ކަންކަން، ހަނދާންނެތުން (ހަނދާނުގަ މަދުވާ 'ގެއްލުނު' ވަގުތުތަކެއް ހުރުން)
  • އެއްކަމަކަށް ވިސްނުން ހުސްކޮށްލަން ދަތިވުން، ވިސްނުމުގަ 'ފޯކަސް' ނުކުރެވުން.
  • ނަން، ތާރީހް ފަދަ މުހިއްމު ތަފްސީލް ހަނދާންކުރުމުގަ ދަތިތަކެއް މެދުވެރި ވުން.
  • އާ ކަންކަން ދަސްކުރުމަށް އުނދަގޫވުން.
  • އާންމުކޮށް ގޭތެރޭގެ މަސައްކަތް ފަދަ ކުދި ކުދި ކަންކަން ނިންމުމަށް އާދަޔާހިލާފަށް އިތުރު ވަގުތު ނެގުން.
  • އާންމުކޮށް މުއާމަލާތް ކުރުމުގަ ބޭނުންކުރި ބަސް ބަސް ހަނދާން ނެތުން.

ނޯޓް: ގިނަފަހަރު މިފަދަ އަލާމާތްތައް އިހްސާސް ކުރަމުން ދާމީހުންނަށް މިފަދަ އަލާމާތްތައް ފެންނާނީ ކުޑަދުވަސްކޮޅަކަށެވެ. ނަމަވެސް މަދު ބަޔަކަށް (މިސާލަކަށް ހަނދާން ނެތުން) ދާއިމީ ކަމަކަށް ވެއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން މިފަދަ ބަދަލުތަކަކީ އެހާބޮޑަށް ފެންނަ އަލާމާތްތަކަކަށް ނުވެދާނެއެވެ.

ކެންސަރުގެ ފަރުވާ ކަޑައްތު ކުރަމުންދާ އެންމެނަށް 'ކީމޯ ބްރެއިން' މެދުވެރި ވެދާނެތަ؟

މިފަދަ ފަރުވާއެއް ނަގަމުންދާ އެމެންނަށް 'ކީމޯ ބްރެއިން' މެދުވެރިއެއް ނުވާނެއެވެ. ނަމަވެސް އެކަމުގެ 'ރިސްކް' އިތުރުވާ ކަންކަން، ތިރީގައި ބަޔާންކުރެވިފައި ވަނީއެވެ.

  • އުމުރުން ދުވަސްވުން
  • ކެންސަރުގެ ވައްތަރު (މިސާލަކަށް ސިކުނޑީގެ ކެންސަރު، ނޫނީ ސިކުނޑިއަށް ފެތުރިފަވުން)
  • ކުރިންވެސް ނަފްސާނީ ބަލި ހުރުން
  • ތަފާތު ބޭސްތައް، ފަރުވާގައި އާންމުކޮށް ބޭނުންކުރެވޭ (މިސާލަކަށް ހޯމޯން ބޭސް، ސްޓިރޮއިޑް، ތަދުކަނޑުވާބޭސް، މޭނުބައިކުރުން ކެނޑުވުމަށް ދޭ ބޭސް، ހޭނެއްތުމަށް ދޭ ތަފާތު ބޭސްތައް ފަދަ ބޭސް ހިމެނެއެވެ).
  • ޢިއްދައިން ކެނޑިފައިވުން.
  • ހަށިގަނޑުގައި ބައެއް މުހިންމު މާއްދާތައް މަދުވުން.

ފަރުވާ:

ނޯޓް: މަތީގައި ބަޔާންކުރެވޭ ފަދަ ކަމެއް ކަނޑައެޅިގެން އެނގޭނަމަ އެކަމަކަށް ސަމާލުކަންދީ، އެކަމެއް ރަނގަޅު ކުރުމުން އަލާމަތްތައް ކުޑަދުވަސްކޮޅެއްގެތެރޭގައި ހުއްޓެއެވެ.

ދީން- އަމިއްލަ ނަފްސު – އަދި އުޚްރަވީ ހަޔާތަށް ސަމާލުވެ، ހަޔާތުގެ މުހިއްމުބަޔަކަށް ހެދުން

މިފަދަ ކޮންމެކަމެއް ކުރިމަތިވާފަހަރެއްގައިވެސް ސާބިތުކަމާއެކު، އަޅުކަމާއި، މާތް ﷲ (ސުބްޙާނަހޫ ވަތައާލާ) އަށް ދުޢާ ދެންނެވުމުގައި ދެމިހުރުމަކީ އެންމެ މުހިއްމު، ފުރަތަމަ ފިޔަވަޅެވެ. ދަންނާށެވެ. މިފަދަ ކަންކަމަކީ މީހާއަށް ހިއްވަރުލިބި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ، އަޤީދާ ވަރުގަދަވާކަމެކެވެ. ހެއްދެވިފަރާތާ ގާތްވުމަށް ލިބޭ ވަރަށް ރަނގަޅު ރަނުގެ ފުރުސަތެކެވެ.

'ކޮގްނިޓިވް ރިހެބިލިޓޭޝަން'

މިއީ ކެންސަރ ގެ ފަރުވާގެ ބައެކެވެ. ގިނަ ފަހަރު ތަޖުރިބާކާރަކާއެކު ވަގުތު ހޭދަކޮށް، ސިކުނޑި މަސައްކަތް ކުރާގޮތް ދެނެގަނެ، މިކަމުގެ އެހީއެއް ގޮތުން ހެދިފައިވާ ހަރަކާތްތަކުގައި ބައިވެރިވެ، އަލުން ހަޔާތުގެ ކަންކަން ތަރުތީބުކުރުމަށް އަމާޒުކުރެވިގެން ހެދިފައިވާ ހަރަކާތްތަކުގައި ބައިވެރިވެ، މަގެއް ހޯދުމަކީ މުހިއްމުކަމެކެވެ. މިފަދަ ކޮންމެ ދޭދޭ މީހެއްގެ ޢަލާމާތްތައް، މިންވަރު ތަފާތުވާނެއެވެ. އެހެންކަމުން 'ރިހެބިލިޓޭޝަން' ގައި ހޭދަވާ ވަގުތާއި، އަޅާލުން ބޭނުންވާވަރު ތަފާތުވާނެއެވެ.

ކަސްރަތު

ކަސްރަތަކީ ޖުމްލަ ގޮތެއްގައި މުޅިހަށިގަނޑަށް އޭގެ ފައިދާކުރާކަމެކެވެ. ހާއްސަކޮށް ދެމިހުންނަ ގޮތެއްގައި ކުރާ ކަސްރަތުގެ ސަބަބުން މުޅިހަށިގަނޑަށް ހެޔޮބަދަލުތައް އާދެއެވެ. ހެދިފައިވާ ގިނަ ދިރާސާތަކުގެ ހުލާސާއެއް ލިޔެލާނަމެވެ.

ކެންސަރު ފަދަ ބައްޔަކަށް ފަރުވާކުރާ މީހަކަށް ނޫނީ ފަރުވާނިމިފައިވާ މީހަކަށް އެންމެ ރަނގަޅު ކަސްރަތުތަކަކީ:

ހ: 'ފްލެކްސިބިލިޓީ' ކަސްރަތުތައް: (މަސްތަކާ ހުޅުތައް ދޫކޮށްލުމަށް) 'ސްޓްރެޗިން' ކަސްރަތުތައް.

ށ: 'އެއޮރޮބިކް' ކަސްރަތުތައް: (ބާރަށް ހިނގުން، ދުވުން އަދި ފެތުން ފަދަ)

ނ: 'ރެސިސްޓަންސް' ކަސްރަތުތައް: (ބަރު އުފުލުން، ބަރު ބޭނުންކޮށްގެން ކުރާ ކަސްރަތު އަދި މަސްތަކުގައި ވަރުޖައްސައިދޭފަދަ ކަސްރަތުތައް) ހިމެނެއެވެ.

ނޯޓް: ތަރުކާރީ ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުމުން، އުމުރުން ދުވަސްވާވަރަކަށް ހަނދާނަށް އަދި ވިސްނުމަށް އަންނަ އުނިކަމަށް ހެޔޮބަދަލެއް އަންނަކަން ވަނީ ގިނަ ތަހުލީލްތަކުން ދައްކާފައެވެ.

ޑރ. ޝިފާން މައުލޫމާތު ދެއްވަނީ، ކެންސަރުބައްޔަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން

ފަހުބަސް:

  • ވާހަކަ ދައްކާށެވެ. ލޯބިވާ އާއިލާ އާއި، އެކުވެރިން އަދި ހާއްސަކޮށް ފަރުވާކުރާ ޓީމު މި ދަތުރުގައި ބައިވެރިކުރާށެވެ. ތިބާގެ އިހްސާސްތައް އިއްވައިދޭށެވެ. މިފަދަ ބަލިމަޑުކަމެއް ތަޙައްމަލް ކުރަމުންދާ މީހުންނާއެކު ހިޔާލުބަދަލު ކުރާށެވެ. އެކަކު އަނެކަކުގެ ތަޖްރިބާއިން ހެޔޮމަގުތަކެއް ކޮށިދާނެއެވެ. ވިސްނުމާއި ބުއްދިއަށް ހެޔޮބަދަލުތަކެއް އިސާހިތަކު އަތުވެދާނެ ކަމަށް ގަބޫލުކުރާށެވެ.

" ހަމަކަށަވަރުން، ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ".

 

ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ. ޝިފާން ގެންދަވަނީ ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ގެނެސްދިނުމަށް އަމިއްލަ ބްލޮގެއްގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ. 

+1
1
+1
9
+1
2
+1
0
+1
0
+1
1
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް