November 23, 2024 21:20
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (އަށްވަނަބައި)

އެމީހުންނާއި އެކު ބިލާލަށްވެސް އެހިސާބަށް ދެވުނީ އެކުއެކީގައެވެ. އެވަގުތު އެތަނަށް އެއްވެފައިވާ މީހުންތައް ދުރުކުރަމުން ނައުފަލް ފެންނަ ހިސާބަށް ބިލާލް ވަނެވެ. އެންމެ ފުރަތަމަވެސް ބިލާލްގެ ލޮލުގައި އަޅައިގަތީ ރަހުމާނެވެ. ނައުފަލްގެ ގާތުގައި އިނީނދެ އިން އިރު އޭނާއަކަށް ބިލާލެއް ނުފެންނާނެއެވެ. ބިލާލް ނައުފަލްގެ ގާތަށް ޖެހި ރަނގަޅަށް ބަލައިލިއެވެ. ނައުފަލްގެ ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުއްޓަސް ބިލާލް އެންމެ އަޖައިބުވީ އޭގެ ޒަޚަމަކުން އެއްވެސް ވަރަކަށް ލޭ ނާންނާތީއެވެ. ކޮންމެ ޒަޚަމެއްވެސް ހީވަނީ ގިނައިރުވެ ލޭ ހިކިފައި ހުރިހެންނެވެ. ބިލާލް ގޮސް ނައުފަލްގެ ގާތުގައި އިށީނދެ އިދެ ދެއަތުގައި ހިފެހެއްޓިއެވެ. ނައުފަލްގެ އަތުގައި ވިންދު ހުރި ކަމުގެ އިހުސާސް ކުރެވުނެވެ.

"ނައުފަލް މަރެއްނުވޭ" ބިލާލް ބާރަށް ހަޅޭލަވަން ފެށިއެވެ.

ބިލާލް އެހެންބުނުމާއި އެކު އެތަނުން މީހަކު އޭނާގެ ކައިރީގައި ހުރި ފެންބާލިދީ ނައުފަލްގެ މޫނަށް ޖެހުމާއިއެކު ނައުފަލް ފުންމައިގެން ތެދުވެ ވަށައިގެން ހޯދަންފެށިއެވެ. ކައިރީގައި ތިބި އެއްވެސް މީހަކަށް ނައުފަލް ސަމާލުކަން ނުދޭކަހަލައެވެ. ލިބިފައިވާ ޒަޚަމް ތަކުން އަޅާ ވޭންގެ އަސަރު ނައުފަލްގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ކައިރީގައި ތިބި މީހުން ނައުފަލް އިށީނުމަށް ނުވަތަ އޮށޯތުމަށް އިރުޝާދު ދެމުން ދިޔައެވެ.

Advertisement

"އަދި އަހަރެން ބަދަލު ހިފާނަން" ނައުފަލް ހިނގައިގަތުމާއި އެކު ވެފައިވާ ވަރުބަލިން ބިންމައްޗަށް ވެއްޓެން ދިޔަ ވަގުތު ހިފެހެއްޓީ ރަހުމާނެވެ.

ފެންނަފެނުމަށް ނައުފަލްގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަކީ ކޮންމެވެސް އެއްޗެއްގެ ހަމަލައަކުން ލިބިފައިވާ ޒަޚަމްތަކެކެވެ. ނައުފަލް މަރުނުވެ ސަލާމަށް ވުމާއިއެކު ބިލާލަށް ހިތްހަމަޖެހުން ލިބުނެވެ. ނައުފަލް ސިއްޚީ މަރުކަޒާއި ހަމައަށް ގެންދިއުމުގެ ހުރިހާ ކަމެއްގައި ބިލާލް ބައިވެރިވިއެވެ. ނައުފަލް އަކީ އަބަދުވެސް ބިލާލަށް އެހީތެރިވަމުން ދިޔަ ޒުވާނެކެވެ. މިއަދު ނައުފަލަށް ކަމެއް ދިމާވުމުން މޫނު އަނބުރާލާކަށެއް ބިލާލް ބޭނުމެއް ނޫނެވެ. މިއީ ކުރިން މިރަށުގައި ހިނގި ހާދިސާތަކެއް ނޫނެވެ. ރަށުގެ މީހުންވެސް މިކަމާއި ތިބެނީ ވަރަށް ފިކުރު ބޮޑުވެފައެވެ. ނައުފަލް ސިއްޚީމަރުކަޒަށް ލާފައި ބިލާލް ގެއާއި ދިމާލަށް ހިނގައިގަތީ އެކަންޏެވެ. ރަށުގައި މިހާރު ހިނގަމުންދާ ކަންތަކާއި ފިކުރުކުރަމުން ގޮސް ޖެހިގެން އޮތް ގޯޅިން އަޅައިލިތަނާހެން ލޮލުގައި އަޅައިގަތީ ބިލާލްމެންގޭ ދޮރާށި ދޮށުގައި މީހަކު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓައެވެ. އިރުއޮއްސި އަނދިރިވެފައި ވުމުން އެއީ ކާކުކަމެއް ސާފުވާވަރެއް ނުވެއެވެ. ބިލާލް ބާރަށް ހިނގަންފެށީ ކާކުތޯ ބަލައިލުމުގެ ބޭނުމުގައެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ހާސްވެފައި ހުރި މީހެއް ހެންނެވެ. ތަންކޮޅަކަށް ގާތްވެލިތަނާހެން އެއީ އަންހެން ކުއްޖެއްކަން އެނގުނެވެ. ނަމަވެސް އެތާ މިގަޑީ ހުންނަންވީ ސަބަބެއް ނުވިސްނުނެވެ. ބިލާލް ގޮސް އެކުއްޖާ އަރައިހަމަކޮއްލިއެވެ. ބިލާލް ދިޔައީ ސިއްސައިގެންނެވެ. އެއީ ރީޝާއެވެ.

"ރީޝާ" ބިލާލަށް ބޭއިޚްތިޔާރުގައި ގޮވައިލެވުނެވެ.

"ކީހިނެއްވީ. ޝޮކެއްދޯ ތި ލިބުނީ" ރީޝާ ހޭންފެށިއެވެ.

"ނުފުރަންތަ" ބިލާލް ހައިރާންކަމާއިއެކު އަހައިލިއެވެ.

"މިއައީ ބިލާލް ދެކޭހިތުން" ރީޝާ ބިލާލްގެ އަތުގައި ހިފައި ގަޔާ ކައިރިކޮއްލިއެވެ.

"މިއަދު މިރަށުން މީހަކު މަރުވެގެން އުޅޭތީ އެތަނުން މިއައީ" ބިލާލް ބޭނުންވީ ހާސްވެފައި ހުރިކަން ދައްކާށެވެ.

"މަށަށް އެނގޭ. ނައުފަލް ދޯ. އޭނަ މަރުވާން މާ ލަސްވެއްޖެ" ރީޝާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

"ކީކޭ؟" ރީޝާ ބުނި އެއްޗަކަށް ބިލާލް ހިތްހަމަނުޖެހުނެވެ.

"އާން. އޭނަ މަރުން ސަލާމަތްވެފައި އެހުރީ ހަމަލަ ދިންމީހާ ކިބައިން މަޢާފަށް އެދުމުން" ބިލާލާއި ދުރަށް ޖެހިލަމުން ރީޝާ ކިޔައިދޭން ފެށިއެވެ.

"ކިހިނެއް ތިހުރިހާ ކަމެއް އެނގެނީ" ބިލާލް ހުރީ ހައިރާންވެފައެވެ.

"އަތިރިމަގުން މިއައީ. އެހެންވެ އެނގުނީ. އެހެން ނޫނަސް އަހަރެން މިއީ ޖިންނިއެކޭ. ބިރުގަނޭތަ" ރީޝާ ހޭންފެށިއެވެ.

"ހެޔޮ ޖިންނިއަކަސް އަދި ފުރޭތައަކަށް ވިޔަސް" ބިލާލް ރީޝާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.

ބިލާލް ރީޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ދާން ހިނގައިގަތީ އެހެން މީހަކަށް އެމަންޒަރު ފެންނަން ބޭނުން ނުވާތީއެވެ. ނައުފަލް ވެސް ދިޔައީއެވެ. މުޅި ގެ އޮތީ ބިލާލްގެ ހިތަކަށް ލިބިފައެވެ. ގޭތެރެއަށް ވަދެ ބިލާލް ބޭނުންވީ އަވަހަށް ފެންވަރާށެވެ. ރީޝާ ގާތުގައި ނަލަ ހެދިލައިގެން ހުންނަން ބޭނުމެވެ. ކޮނޑަށް ތުވާލި އެއްލައިލައިގެން ގިފިއްޔާ ދިމާލަށް ދުއްވައިގަތީ އަވަސްކޮއްލުމަށެވެ. ބިލާލް ދިޔަތާ ފަސްމިނިޓް ނުވަނީސް އެނބުރި އައިސް އިށީނީ ރީޝާ ގާތުގައެވެ. ފެންވަރައި މީރުވަސް ދުއްވައިލައިގެންނެވެ.
"ހާދަ މީރުވަހެއް ދުވައޭ" ބިލާލް އައިސް ރީޝާގާތުގައި އިށީނުމާއި އެކު ރީޝާ ބިލާލްގެ ކޮނޑުގައި އަތް އަޅުވައިލިއެވެ.

"ދެން ބުނެބަލަ. ނުފުރާ ދެން ކޮންތާކު އުޅުނީ" ބިލާލް ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ.

"އަހަރެން ރޭގައި ސަލާމަތްވީ ކިރިޔާ. ހީވަނީ ނައުފަލަށް ފެނުނުހެން. ތެމިގެން އަހަރެން ދިޔައީވެސް އަވަހަށް ފުރަން. އެމީހުންނާއި ވަކިން އެހެން ރަށަކަށް ދާން ޖެހޭތީ. މިތާ ކައިރީގައި މިއޮތް ފަޅުރަށަކީ އަހަރެންގެ ބައްޕަގެ ރައްޓެއްސެއްގެ ރަށެއް. މިފަހަރު މިއައީވެސް ބޮޑަށް އެކަމާއި" ރީޝާ ބިލާލަށް ވަރަށް ތަފްސީލްކޮށް ކިޔައި ދިނެވެ. ރީޝާ ކަހަލަ ރަނގަޅު ކުއްޖަކާއި ދިމާވީތީ ބިލާލް ހުރީ ވަރަށް އުފަލުންނެވެ. އަދި ކައިވެނީގެ ކުރިން އެއްވެސް މީހަކަށް މިވާހަކަ އެނގޭކަށް ބިލާލެއް ނޭދެއެވެ. ރީޝާވެސް ބޭނުމީ އެގޮތެވެ. ނަމަވެސް ވަޒީފާގެ ގޮތުން ދުވާލު ފަޅުރަށުގައި އުޅެންޖެހޭ ވާހަކަ އާއި ރޭގަނޑު އެއްކޮށް ބިލާލް އާއި އެކީ އުޅޭނެ ކަމުގެ ޔަޤީންކަން ދިނެވެ. ބިލާލަށް ވެސް ބޭނުންވަނީ އެގޮތެވެ. ދުވާލު ގަޑީގައި ބިލާލްވެސް އޮފީހުގައި އުޅެން ޖެހޭތީއެވެ.

"އަހަރެންނަށް ހީވަނީ ނައުފަލްއަށް މިކަން ރޭކާ ލާފައިހެން އޮތީ" ބިލާލް ރީޝާއަށް ކިޔައިދިނެވެ.

"އޭނާއަށް އެނގުނަސް ކުރާނެކަމެއް ނޯންނާނެ. މިހާރުވެސް ބަޔަކު އެވަނީ އޭނާ އަނގަގަދަކަމުން އިންޒާރު ދީފައި. އެއީ ފިނޑިއެއް" ރީޝާ ބިލާލް ހަމަޖައްސަން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައެވެ.

"އެހެންވިއްޔާ ދެން ކޮންއިރަކުން ކައިވެނި ކުރާނީ" ބިލާލް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދާށެވެ. ގިނަ ދުވަހު މިގޮތަށް އުޅުމަކީ ރަނގަޅު ކަމެއް ނޫންކަން ބިލާލަށް ވިސްނެއެވެ.

އާދުވަހަކަށް އިރުއަރައިގެން ދިޔައިރު މުޅިރަށުތެރޭގައި އޮތީ ނުރައްކާތެރި މީހަކު ނައުފަލަށް ހަމަލަ ދިން ވާހަކައެވެ. ދެވަނަ މީހަކަށް އެކަހަލަ ކަމެއް ވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ބޭނުމެވެ. ސިއްޚީމަރުކަޒުން ފަރުވާ ދީފައި ދޫކޮއްލިޔަސް ނައުފަލް އަދިވެސް ހަމައަކަށް ނޭޅެއެވެ. ރަށަށް ދިމާވެފައި މިވާ ބިރުވެރިކަމުން ރަށް ސަލާމަތް ކުރުމަށް އެންމެން ތިބީ އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް ދެރައީ އެކަން ކުރި މީހަކު އެއްވެސް މީހަކަށް ނޭނގޭތީއެވެ. ރަށުގެ ރައްޔިތުން ބޭނުންވަނީ އެމީހަކު ހޯދައި އެރަށުން ބޭރުކޮއްލުމެވެ. ދުވަހަކުވެސް އެރަށަށް ނޭރޭނެ ގޮތަށެވެ. މި ހުރިހާ ދުވަހު އެރަށް އެހާ އަމާންކޮށް އޮވެފައި ކުއްލިއަކަށް މިކަހަލަ ހާދިސާއެއް ކުރިމަތިވުމުން އެންމެންވެސް ތިބީ ބިރުންނެވެ. މިކަހަލަ އެއްވެސް ވާހަކައެއްގައި ބައިވެރިވާކަށް ބިލާލް ބޭނުމެއް ނޫނެވެ. ބިލާލަށް ބުނެވޭ ބަހަކުން ކޮންމެފަދަ ކަމެއްވެސް ވެދާނެތީއެވެ. ބިލާލް ރަށުތެރޭ އުޅުން މަދުކޮށް ގިނައިރު ގޭތެރޭގައި މަޑުކޮއްލަން ބޭނުންވީވެސް އެސަބަބަށްޓަކައެވެ. އަދި މިހާރު ކަންތައްވެފައި އޮތް ގޮތުން އެކަންތައް ބިލާލަށް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ޚުދު ބިލާލްވެސް ގަބޫލު ކުރެއެވެ.

އިރުއޮއްސެން ގާތްވާ ވަގުތަކީ ބިލާލް މިހާރު އެންމެ އިންތިޒާރު ކުރާ ވަގުތެވެ. ބިލާލަށް ރަނގަޅީ އިރު ނާރައި ސައުވީސް ގަޑިއިރު އިރުއޮއްސިފައި ހުންނާށެވެ. ރީޝާ އާއި އެކީ ވަގުތު ހޭދަ ކުރުމުގެ ބޭނުމުގައެވެ. ބިލާލް މާގިނަ ވަގުތެއްގެ އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. އޮށޯވެ އޮތް ޖޯލި ފުރަގަހުން އައިސް ބިލާލްގެ މޫނުގައި އަތް އެޅީ ރީޝާއެވެ. ބިލާލް ނިދިފައި ކަމަށް ހެދިގެން އޮވެވުނީ ފަސްވަރަކަށް މިނިޓެވެ. ރީޝާ މި ދަނީއޭ ބުނުމާއި އެކު ބިލާލް ލޯ ހުޅުވީ ދެން ދުވަހަކުވެސް އެކަހަލަ ސަމާސާއެއް ނުކުރާނެ ކަމަށް ބުނެ އާދޭސްކުރާ ކަހަލަ ގޮތަކަށެވެ. ބިލާލް  ތެދުވެ ރީޝާ ގެނެސް ޖޯލީގައި ބޭންދީ ކުޑަކުއްޖަކު ގެނެސް ބައިންދާހެންނެވެ.

"ވަރަށް އުފާވެފައިދޯ ތިހުންނަނީ" ރީޝާ ބިލާލް އާއި ދުރަށް ޖެހިލިއެއެވެ. ނަމަވެސް ބިލާލް އެއަށްވުރެ ގާތްވެ ރީޝާ އުރައިލިއެވެ.

"އަހަރެމެން ދެމީހުންގެ ދޭތެރެއަށް ބަޔަކު ވަންނަން އެބަ މަސައްކަތް ކުރޭ" ރީޝާ އަނެއްކާވެސް ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"މިރޭ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ" އެންމެފަހުން ބިލާލްވެސް ހިތްހަމަނުޖެހުނެވެ.

މިކަހަލަ އުފާވެރި ރެއެއްގައި ޝަކުވާކޮށް ޝައުވާ އަޑުއަހާކަށް ބިލާލް ބޭނުމެއް ނޫނެވެ. ބޭނުންވަނީ އުފަލާއި މަޖަލުގައި އުޅުމަށެވެ. އެންމެފަހުން ރީޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ބިލާލް ހިނގައިގަތެވެ. ރީޝާ އެއްވެސް ކަހަލަ ނުރުހުމެއް ނުދައްކައެވެ. އެދިޔަ ގޮތަށް ގޮސް ބިލާލް ރީޝާ ވެއްދީ ނައުފަލް އުޅުނު ކޮޓަރިއަށެވެ. އެކޮޓަރިއަކީ މީގެ ފަހުން ރީޝާ ކޮޓަރި ކަމަށާއި ދުވާލު ގަޑީގައިވެސް ގޭގައި އުޅެވޭނެކަމަށް ބުންޏެވެ. ނަމަވެސް ރީޝާ އެކަމަށް ދެކޮޅު ހެދީ ދުވާލު ގަޑީގައި އެހެން ރަށެއްގައި މަސައްކަތް ކުރަން ޖެހޭތީއެވެ. ދިރިއުޅެވޭނީ މަސައްކަތް ކޮއްލައިގެން ލިބޭ ލާރިން ކަމަށް ރީޝާ ބިލާލަށް ވިސްނައި ދިނެވެ. ނަމަވެސް ރީޝާ އާއި ދުރުގައި އުޅުމަކީ މިހާރު ބިލާލަށް އެހާ ފަސޭހަ ކަމަކަށް ނުވާތީ އަބަދު އެޝަކުވާ ކުރެވެނީއެވެ. ކުއްލިއަކަށް ރީޝާ ދުއްވައިގަތީ ގޯތިތެރޭގައި މީހަކު އުޅޭ އަޑުއިވިގެންނެވެ. ރީޝާ ކޮޓަރިން ބޭރަށް ނިކުތަނުދީ ބިލާލް ހިފެހެއްޓިއެވެ. އަދި ކޮޓަރީގައި މަޑުކޮއްލުމަށް ބުނެ ބޭރަށް ނިކުތީ ކާކުތޯ ބެލުމަށެވެ. ކަމަކު ދާކަށް ނެތެވެ. ގޯތިތެރޭގައި ހުރީ ނައުފަލެވެ.

"މިރޭ ކީ ކީ ކީ ކީއްކުރަނީ" ބިލާލް އަޅައަޅައިގަންނަމުން ސުވާލު ކުރިއެވެ.

"މިއައީ ވާހަކައެއް ދައްކާލަން" އެހެން ބުނެފައި ގޭތެރެއަށް ނައުފަލް ވަނެވެ. ފަހަތުން ބިލާލް ވަނީ މާމަގެ ކޮޓަރިއަށް ނައުފަލް ވަދެފާނެތީއެވެ.

"އަހަރެންނަށް މިރަށުން ވަރަށް ޝައްކުވާ ކަންތަކެއް އެބަ ފެނޭ" ނައުފަލް ވާހަކަ ދައްކަން ފެށިގޮތުން ހީވީ ކޮންމެވެސް ކަމެއް އެނގިގެން އުޅޭހެންނެވެ.

"ކޮންކަމެއް" ބިލާލް ނޭނގޭ ކަމަށް ހެދުނެވެ.

"ކުރީދުވަހު އިރުއޮއްސެނިކޮށް ކާކުކަން ނޭނގޭ މީހަކު އަހަރެންނަށް ހަމަލަ ދިން. ޔަގީނުންވެސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރީ އަންހެނެއް. ދެން ހުރީ ކާކުކަމެއް ނޭނގުނު" ނައުފަލް ވާހަކަ ހިއްސާކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަން ބިލާލަށް އިހުސާސް ކުރެވުނެވެ.

"މޮޔަ ވާހަކަ ތިދައްކަނީ. ދެން ކިހިނެއް ކޮން މޮޅުކަމަކުން ސަލާމަތްވީ" ބިލާލް ސުވާލު ކުރީ މަލާމާތުގެ ރާގަކަށެވެ.

"ދެން އެތަނަށް އާދެވުނީ ރަހުމާނަށް. އޭނަ ހެދި އެއްޗެއް ނޭނގުނު. އެމީހުން ފިލާ ރައްކާވެއްޖެ" ނައުފަލް އިތުރަށް ތަފްސީލް ކުރަމުން ދިޔައެވެ.

"އެހެންވީމާ ރަހުމާން ތިއީ ސުޕަމޭން ދޯ؟" ބިލާލް ހޭންފެށިއެވެ.

"ނޫން. ފަންޑިތަ ހަދާ މީހެއް. މިރަށަށް އަންނަން އެބައުޅޭ އޭނަގެ ރައްޓެއްސެއް. ވަރަށް މޮޅުވާނެ ފަންޑިތަ ހަދަން" ނައުފަލް ސީރިއަސްވިއެވެ.

"އޭނަ ގާތުގައި އަހައްޗޭ އަހަރެން މަރުވާނެ ދުވަސް" ބިލާލް ހޭންފެށިއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
0
+1
2
+1
10
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް