އިސްލާމްދީން ވަނީ ހުރިހައި މާނައެއްގައިވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފައެވެ. އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަޚްލާގީ ގޮތުން ހުތުރު ސިފައެކެވެ. އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި، ނަރަކައިގެ ގަދަފަދަ އަޛާބަށް ހުށަހެޅޭ ކަމެކެވެ. އުއްމަތްތައް ހަލާކު ކުރެއްވުމުގެ ސަބަބެކެވެ. ކަން މިހެން އޮތް ނަމަވެސް އަނިޔާވެރީންނާއި ފާސިދު ނުބައި މުޖުރިމުން މާތް ﷲ ހަލާކު ނުކުރައްވައި އެއުރެންނަށް މުހުލަތު ދެއްވަނީ ކީއްވެ ހެއްޔެވެ؟ ޢާލަމްތަކުގެވެރި ރަސްކަލާނގެއަށް އީމާންވާ މީހުންގެ އީމާންކަމުގެ ބިންގާ ފޫއަޅުވައިލުމަށްޓަކައި ޢަދާވާތްތެރިން މިފަދަ ސުވާލުތައް ތަކުރާރު ކުރަމުންދާ އަޑު އިވެއެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އަނިޔާވެރީންނަށާއި، ފާސިދުންނަށާއި، އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާންގެއެވެ. ނަމަވެސް މާތް ﷲ އެއުރެން ކުރާ އަނިޔާތަކާމެދު އިހުމާލުވެ ޣާފިލުވެވޮޑިގެނެއް ނުވެތެވެ. އަނިޔާވެރިއަކު މީހަކަށް ހަމަ އަނިޔާއެއް ކުރާ އިރަށް އެމީހަކަށް އުޤޫބާތެއް ވެސް ނުދެއްވާނެތެވެ. ބައެއް ފަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ ތައުބާވުމަށްޓަކައެވެ. އަނެއްބައިފަހަރަށް އޭނާއަށް ޢުޤޫބާތް ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައެވެ.
" އެއުރެންގެ އަނިޔާގެ ސަބަބުން ﷲ މީސްތަކުންނަށް (ވަގުތުން) އުޤޫބާތް ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު ކަނޑައެޅިގެންވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ އެއުރެންގެ އަޖަލު އައުމުން އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ". މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
ދުނިޔެއަކީ ޖަޒާދެއްވުމުގެ ގޮވައްޗެއް ނޫނެވެ. ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތްދުވަހެވެ.
" ބައެއް ފަހަރު ﷲ ސުބުހާނަހޫ ވަތަޢާލާ އަނިޔާވެރިންނަށް މުހުލަތު ދެއްވަނީ އެމީހުން އެ އަނިޔާވެރިކަމުގައި އިތުރަށް ކުރިއަށް ދިޔުމަށްޓަކައި. އެމީހަކު އުޅޭ ތަނެއްގެ ނުވަތަ ރަށެއްގެ ނުވަތަ ޤައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނިވުމަށްޓަކައި. އެމީހަކާ ދެކޮޅަށް އާޚިރަތް ދުވަހު ހިސާބު ބެލެވޭއިރު ހެކިވެރީންގެ ގޮތުގައި ތިބުމަށްޓަކައި. އަނިޔާވެރިޔާ އޭނާގެ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަވަރަކަށް އޭނާއަށް ލިބޭ ވޭން ބޮޑުވާނެ".
ފިރުޢައުނަކީ ތަފާތު އެކި ގޮތްގޮތުން ޤައުމުގެ މީހުންނަށް އަނިޔާވެރިވި ނުބައި ނުލަފާ ޖައްބާރެކެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއެކު އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާއި ދިޔައެވެ. މިފަދަ ބޮޑު އަނިޔާވެރިއެއް ކަމުގައިވީހިނދު ވެސް މާތް ﷲ އޭނާއަށް މުހުލަތު ދެއްވިއެވެ. އަދި އެޔަށްފަހު ﷲ ގެ އަޛާބު ފޮނުއްވައި ހަލާކު ކުރައްވައި ނެތިކުރެއްވިއެވެ. އަދި އޭނާ އަށް ގަދަފަދަ އަޛާބު ލިބިގެންވާކަން ބަޔާންކުރެއްވިއެވެ.
ﷲ ގެ ސުންނަތުގެ ތެރޭގައި އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު އިމްތިހާނު ކުރެއްވުން ވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިމްތިހާނެއްކަމުގައި ލެއްވުން ވެއެވެ. އީމާންކަމުގައި ތެދުވެރީންނަކީ ކޮން ބައެއްކަން ދެއްކެވުމަށްޓަކައެވެ. ޤަޟާޤަދަރަށް ކެތްތެރިވާ މީހުންނަކީ ކޮބައިކަން ހާމަކުރެއްވުމަށްޓަކައެވެ.
ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެއެވެ. މި ޢުޤޫބާތް ދުނިޔޭގައިވެސް ލިބިދާނެއެވެ. އަދި ޢާޚިރަތުގައި ވެސް ލިބިދާނެއެވެ. އަދި ދެ ދުނިޔޭގައިވެސް ލިބިދާނެއެވެ. މާތް ﷲ ވަނީ އަނިޔާވެރިކަމުގެ ސަބަބުން އެތައްއެތައް ޤައުމެއް ހަލާކުކުރައްވައިފައެވެ.
އަހުރެމެން ވާވައްދައި، ޢަޤީދާ ބަލިކަށިކުރުމަށްޓަކައި އަހުރެމެންނާއި އަހުރެމެންގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުންތައް ހީނަރު ކުރެވޭތޯ ޢަދުއްވުން ތާއަބަދު މަސައްކަތް ކުރެއެވެ. އެކި ދުވަސްވަރު އެކި ބާވަތުގެ ޝިޢާރުތައް އުފުލައިގެންނެވެ. މާތް ﷲ އަނިޔާވެރިންނަށް އަދަބު ނުދެއްވާ ވާހަކައާއި އަނިޔާ ލިބޭ މީހުންނަށް އޯގާތެރިވެވޮޑިނުގަންނަވާ ވާހަކައަކީ މިބާވަތުގެ ވާހަކަތަކުގެ ތެރޭގައި އަންނަ ވާހަކަތަކެވެ. މިފަދަ ނުބައި ފާސިދު ވާހަކަތަކުން އަހުރެމެންނަށް ސަލާމަތް ވެވޭނީ ﷲ އަންގަވާފައިވާ ގޮތަށް އަހުރެމެންގެ ޢަޤީދާ ރައްކައުތެރިކޮށްގެންނެވެ. އަހުރެމެންގެ ދަރިންނަށް އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅަށް ދީގެންނެވެ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކުން މިކަންކަމަށް ސަމާލުކަންދީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކޮށްގެންނެވެ.
މައުލޫމާތު: ހުކުރު ޚުތުބާ