November 24, 2024 09:06
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ނުވަވަނަބައި)

"ތިފަންޑުތަވެރިން ވަރަށް މޮޅުވާނެ" ބިލާލް ހޭންފެށިއެވެ.

ބިލާލް ބޭނުންވަނީ އެމީހުންނަކީ އެއްވެސް ބައެއް ނޫންކަން ދައްކާށެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުންކަން ހާމަ ކޮއްދޭށެވެ.

"ދެން ތިބުނާ މީހަކު އައީމަ އަހަންނަށްވެސް އަންގާލާތި" ބިލާލް އަނެއްކާވެސް މަލާމާތުގެ ރާގަކަށް ހީލިއެވެ.

Advertisement

ނައުފަލް ހިނގައިގަތީ ބިލާލް އެކަން ގަބޫލު ނުކުރާނެކަން ޔަގީންވުމުންނެވެ. ކޮންމެހެން ބިލާލް ރުއްސާކަށް ނުޖެހެއެވެ. ރަށުގެ ރައްޔިތުން ބޭނުންވަނީ މިކަމުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސަލާމަތް ވާށެވެ. ރަށުގެ މީހުން ވަކި މީހަކަށް ޝައްކު ނުކުރިޔަސް ނައުފަލް ބިލާލަށް ވަރަށް ބޮޑަށް ޝައްކު ކުރެއެވެ. އެއީ ނައުފަލަށް އެކަހަލަ މަންޒަރުތަކެއް ފެނިފައިވާތީއެވެ.

"ކޮބާ އެދިޔައީނު. އެއުޅެނީ ދެމީހުންގެ ދެމެދަށް ވަދެ ހަލާކުކޮއްލަން. އޭނަ ވަރަށް ޖެލަސްވާނެ ބިލާލް ރަނގަޅު ކުއްޖަކާއި ގުޅިގެން އުޅޭތަން ފެނިއްޖެއްޔާ" ރީޝާ ކޮޓަރިން ނިކުމެގެން އައިސް ބިލާލްގެ ހަށިގަނޑުގައި ބާރަށް ބައްދާލައި ރޯން ފެށިއެވެ. ރީޝާ ރޯތަން ދެކެން ބިލާލަށް ކެތެއް ނުވިއެވެ. ލޭ ކެކެން ފެށިއެވެ. މުޅި މީހާ ހުރީ ރުޅިއައިސްގެން ގޮސް ތުރުތުރު އަޅައަޅައެވެ.

"ހިލާ ތިހެނަކުން ނުވާނެ. އަހަރެމެންނަކާއި ނުކުޅުވޭނެ" ބިލާލް ރީޝާ ރުއްސޭތޯ ބެލިއެވެ.

"އެކަމަކު އެމީހުން އެގެންނަ މީހަކު ގެނެސް ސިހުރުހަދަން ފަށާނެ" ރީޝާ ރުއިމުގެ އަޑު ގަދަވިއެވެ.

ބިލާލް ބޭނުންވީ ރީޝާ ހަމައަކަށް އެޅުވުމެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމުގެ ޔަގީންކަން ދިނެވެ.

"އަހަރެން ދިރިހުރިހާ ހިނދަކު ލާހިކެއްނު ރީޝާއަށް ކަމެއް ކޮއްލެވޭކަށް" ބިލާލް ރީޝާއަށް ހިތްވަރު ދިނެވެ.

ރީޝާ ބިލާލްގެ އަތުގައި ހިފައި އެތެރެއަށް ދާން ހިނގައިގެންފިއެވެ. ދެމީހުންގެ ވާހަކަ އެރޭ ހުސްވާ ކަމަކަށް ނުވިއެވެ. ދެމީހުންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ނިންމާލާށެވެ. އެއިރުން އެހެން މީހުން ކިޔާނެ އެއްޗެއް ނޯންނާނެއެވެ.

"ކިހިނެތް މަންމަމެން ގެންނާނީ" ބިލާލް ރީޝާ އާއި ސުވާލު ކުރީ ދުވަހަކުވެސް އެ އާއިލާގެ މީހަކާއި ބައްދަލުވެފައި ނެތީމައެވެ.

"ހާދަ ހާސްވެފައި. ހަމަޖެހިބަލަ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް" ރީޝާ ހަމަޖެހުމުގެ ގޮތް ދައްކާލިއެވެ.

"އޯކޭ. މިރަށުން ނުވެއްޖެއްޔާ އެހެން ރަށަކުންވެސް ވާނެތާދޯ" ބިލާލް ވެސް ހީލިއެވެ.

"ކީއްކުރަން އެހެން ރަށެއް. އަހަރެން އުޅޭނީ މިފަސްގަނޑުގައި. މިއީ މަގޭވެސް ފަސްގަނޑު. މަގޭ ދަރިންގެ ވެސް ފަސްގަނޑަށް ވާނީ ހަމަ މިރަށް" ރީޝާ ވަރަށް އިތުބާރާއި އެކު ބުނަމުން ދިޔައެވެ.

ރީޝާގެ ބަސްތަކުން ބިލާލަށް ހިތްވަރާއި އިތުބާރު ލިބެމުން ދިޔައީ އިންތިހާ އަށެވެ. ބިލާލްވެސް ބޭނުންވަނީ ހަމަ އެގޮތެވެ. ނަމަވެސް ރީޝާ އަކީ އެހެން ރަށެއްގެ ކުއްޖަކަށް ވުމުން އެރަށަށްވެސް ނުދާ ވާހަކައެއް ނޫނެވެ. ނަސީބަކުން ބިލާލް ބޭނުންވާ ގޮތް ރީޝާއަށްވެސް ނިންމުނީއެވެ. ހީވަނީ ބިލާލްގެ ހިތުގައި ލިޔެވިފައިވާ ގޮތް ރީޝާއަށް ފެންނަހެންނެވެ. އެހާވެސް ތަފްސީލްކޮށް އަކުރުން އަކުރަށް ކިޔައި ދެމުން ދާތީއެވެ. އެކަހަލަ ރަނގަޅު ކުދިން މިޒަމާނަކު ނުތިބޭނެއެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީވެސް މިކަހަލަ ކުއްޖަކު ލިބިގެންނެވެ. ރީޝާ ބިލާލްގެ ހަޔާތަށް އައީތީވެ އެކަމާއި އަބަދުވެސް ބިލާލް އުފާ ކުރެއެވެ.

ހަވީރުގެ ފިނިވައިރޯޅި ޖެހެމުންދިޔަ ވަގުތު ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަނދަރުމަތީގައި އެތުރިލައިގެން ތިބީ އެމީހުންގެ ދަޢުވަތަކަށް އަންނަ ވަރަށް މޮޅު ފަންޑިތަވެރިއެއްގެ އިންތިޒާރުގައެވެ. އެނާ އަކީ މުޅި އަތޮޅުންވެސް ހޮވާލެވޭ މީހެކެވެ. އާމްދަނީ ހޯދުމުގެ މަސައްކަތަކަށް މިހާރު އޭނާ ކުރާ ކަމަކީ މިއެވެ. އަބަދުވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަމުން ދެއެވެ. އޭނާ މިރަށަށް އައީ މިއަރަށުގެ މީހުން ބޭނުންވެގެން ރަށަށް ފަންޑިތަ ހަދާށެވެ. އެމީހާ އާއި ހަވާލުވެ ހުންނަނީ ނައުފަލެވެ. ނައުފަލަށް ހަދަންވީ ގޮތް ކިޔައިދެނީ މުދިންބެއެވެ. ޖުމްލަކޮށް ރަހުމާން އާއި މުދިންބެ އަދި ނައުފަލް އެކަމުގައި އިސްކޮށް ހަރަކާތްތެރިވެއެވެ. އެމީހުންގެ ވިސްނުންހުރީ ވީހާވެސް އަވަހަކަށް އެމަސައްކަތް ކުރާށެވެ. މިއަދުން މިއަދަށް އެކަން ނިންމާލާށެވެ. ނަމަވެސް އެ ބުނާ ފަންޑިތަވެރިޔާ އެކަމާއި ދެކޮޅެވެ. އޭނަ ބޭނުންވަނީ ހަމަޖެހިލައިގެން އެމަސައްކަތާއިގެން ކުރިއަށް ދާށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެދުމަށް ފުރަގަސްދޭކަށް އޭނައަކަށް ނުކެރުނެވެ. އެރަށަށް އޭނަ އަންނަންވާއިރަށް ބޭނުންވާ ތަކެތި ހޯދައި ތައްޔާރުކޮއްފައި ހުރީ ރަހުމާންގެ ގޭގައެވެ. ނިދުމާއި ކެއުން ހަމަޖެހިފައިވަނީ ނައުފަލްގެ ގޭގައެވެ. އެމީހުން އެކުރާ ކަމެއް ކުރަން ވަކި ތަނެއް ކުރިން ހަމަޖައްސާފައި ނުއޮވެއެވެ. ސަބަބަކަށް ފަންޑިތަވެރިޔާ ދައްކަނީ ކުރިން އެތަން އެނގިއްޖެއްޔާ އެމީހުންނަށް ކޮންމެވެސް ބަޔަކުގެ އުނދަގޫ ފޯރަފާނެތީއެވެ. ފުރަތަމަވެސް ރަށަށް ފައިބައިގެން އައިސް މުޅި ރަށުގައި އޭނާ ހިނގީއެވެ. އިރުއޮއްސެންދެން އޭނާ އުޅުނީ އެކަމުގައެވެ. އަތުގައި އޮތް ފޮތެއްގައި ކޮންމެވެސް އެއްޗެއް ލިޔަމުންވެސް ދިޔައެވެ. ހީވަނީ އޭނާ އެބަލަނީ އެމަސައްކަތް ކުރަން އެންމެ ރަނގަޅު ދިމަދިމާހެންނެވެ. އަތޮޅަށް މަޝްހޫރު ފަންޑިތަވެރިއެއްކަމުން އޭނާގެ ވަށައިގެން އަބަދުވެސް ޚިދުމަތުގައި މީހުން ތިބެއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް އެންމެންވެސް ތިބެނީ ފާރަލައިގެންނެވެ. އޭނައަށް އެއްވެސް ކަމެއް އުނދަގޫ ވެދާނެތީއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި ގަޑިން ހަތެއް ޖެހިއިރު ނައުފަލް އެފަންޑިތަވެރިޔާ ގޮވައިގެން މިސްރާބު ޖެހީ ރަށުގެ ތުނޑީ ކޮޅަށެވެ. މޫދުގެ ރާޅު ޖަހާހިސާބުގައި އެއްބަޔަކު ކޮޅަށް ތިބިއިރު އަނެއްބަޔަކު ދެފައި ވަށްކޮއްލައިގެން ދޮންވެލިގަނޑުމަތީގައި އިށީނދެ ތިއްބެވެ. ރަށުގެ ތުނޑިއަށް ހިތްގައިމު އަލިކަމެއް ދީފައި އޮތީ ސާދަވިލޭރޭގެ ހަނދުންނެވެ. އެންމެންވެސް އަތްދިގު ހުދު ގަމީސް ލާފައި ތިބިއިރު އެމީހުން ފިޔަވައި އިތުރު އެއްވެސް މީހަކު އެ ސަރަހައްދަށް ދިއުން އޮތީ މަނާކޮއްފައެވެ. ޚާއްސަކޮށް ކުޑަކުދިން އެގަޑީގައި ބޭރަށް ނެރުން މުޅިން މަނަލެވެ. ނައުފަލް އެ ފަންޑިތަ ހަދާ މީހާއި އެކީ ހިނގަމުން ދަނިކޮށް ވަކި ހިސާބަކުން އެމީހުންނާއި ރަށުގެ މުދިންބެ ބައިވެރިވިއެވެ. ހުދު ގަމީހަކާއި ހުދު މުންޑެއް އަނދެފައި ހުރިއިރު ބޮލުގައިވެސް ހުދުކުލައިގެ ފޮތިގަނޑެއް އައްސާފައި ހުއްޓެވެ. ނިކަން ދެއަތް ފުޅާކޮށް ހިނގަމުން ގޮސް ތުނޑިއަށް ނިކުމެވުނު އިރު އެމީހުންގެ އިންތިޒާރުގައި އެހެން މީހުން ތިއްބެވެ. ފަންޑިތަވެރިޔާ ގޮސް މަޑުކޮއްލީ އެމީހުންގެ މެދުގައެވެ. ފަހަތުން މުދިންބެވެސް ގޮސް އިށީނީ އެމީހުންގެ މެދުގައެވެ. ނަމަވެސް އެކަމާއި ފަންޑިތަވެރިޔާ ހިތްހަމަ ނުޖެހުމުން ދުރަށްޖެހިލައިފިއެވެ. ފުރަތަމަވެސް ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން ދިޔައިރު ވަށައިގެން ތިބިމީހުން ކަނުލައި އަޑުއަހަމުންދިޔައީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ފަންޑިތަ ހަދާމީހާ ފުރަތަމަވެސް ފެށީ ކިޔެވެލި ކިޔަވާށެވެ. މަޑުމަޑުން ފަށައިގެން ކިޔެވެލި މެދުތެރެއިން އަޑު ގަދަވާ ފަހަރުވެސް އާދެއެވެ. އޭނަގެ އެހީތެރިންނަށް އިރުޝާދު ދެމުން ކިޔަވަމުން ދިޔައީ އޭނަގެ ކުޅަދާނަކަން ދައްކަމުންނެވެ. ކިޔެވުން ވަކި ހިސާބަކަށް ދިޔަތަނާ ސާފުކޮށް އޮތް އުޑުމަތި ބަނަވެ ވައި ގަދަވާން ފެށިއެވެ. ހިމަފޮދު ވާރޭގެ ކަނިތަށް ކޮންމެވެސް ވަރަކަށް އެމީހުންނަށް ހަމަލަ ދެމުން ދިޔަނަމަވެސް އެމައިދާން ދޫކޮށް ނުދިއުމަށް ފަންޑިތަވެރިޔާ އިރުޝާދު ދެމުން ދިޔައެވެ. ނަމަވެސް ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިގެން ފުރަތަމަވެސް ތެދުވެގެން ދުއްވައިގަތީ މުދިންބެއެވެ. ވެއްޓެމުން ތެދުވަމުން އެއްގަމާއި ދިމާއަށް ދުވެފައި ދިޔައިރު އޭނަގެ މުސްކުޅިކަމަށް ވުރެ ދުވެލި ހަލުވިއެވެ. އެމީހުން ވިއްސިވިހާލިވީ ގުގުރާ ބޯކޮށް ވާރޭ ވެހެން ފެށެމުންނެވެ. ނައުފަލް އަދި ރަހުމާން ފިޔަވައި އެހެން ބަޔަކު އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އެމީހަކު ޖެހުނު ދިމާލަކަށް ދުއްވައިގަތީ އެހެން މީހަކަށް ވީ ގޮތެއް އަދި ވާނެ ގޮތެއްވެސް ނުބަލައެވެ. އެމީހަކު އެމީހެއްގެ ސަލާމަތް ހޯދަން ދުއްވައިގަތީއެވެ. އެންމެންވެސް ބޭނުންވީ ގޭގައި ތިބި އަނބިދަރިންނަށް ވީ ކިހިނެއްތޯ ބަލާށެވެ. މި ކަހަލަ ރެއެއްގައި އެމީހުން އެކަނި ގޭގައި ތިއްބާ ކޮންމެ ފަދަ ކަމެއްވެސް އެމީހުންނަށް ވެދާނެތީއެވެ.

"ހުއްޓޭ" މުދިންބެ ސިއްސައިގެންގޮސް ފަސް އެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަރުބަލި ވެފައިވާ މުދިންބެ މަޑުޖެހުމެއްނެތި ދުވަމުން ދިޔައެވެ.

"ހުއްޓޭށޭ މި ބުނަނީ" ބާރުގަދަ ވައިރޯޅި އަކާއި އެކު މުދިންބެ ބިންމައްޗަށް ވެއްޓުނެވެ. ހިތްވަރު ކޮއްލާފައި ތެދުވެ ދުއްވައިގަންނަން މަސައްކަތްކުރީ ކުރިމަތީގައި އޭނަގެ ގެ ފެންނަން ހުރުމުން އެތަނުގެ ހިމާޔަތް ހޯދާށެވެ. ނަމަވެސް ކިތަންމެ ހިތްވަރެއް ކުރިޔަސް މިފަހަރުވީ ބޭކާރެވެ. ފަހަތުގައި އަންހެން ކުއްޖަކު ހަމަޖެހިލާފައި ހުއްޓެވެ. ކިޔެވުނުހާ ހެޔޮއެއްޗެއް ކިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް އަނގަ ހުޅުވައިލުމާއިއެކު އަނގަމަތީ އެ އަންހެން ކުއްޖާ އަތް އެޅިއެވެ. އަދި ކަރުގައި ބާރަށް ހިފެހެއްޓުމުން މުދިންބެއަށް ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެން ފެށިއެވެ.

"އަޅޭ. ޕްލީޒް ދޫކޮއްލާ. ތިއީ ކާކުކަމެއްވެސް ނޭނގެ" މުދިންބެ އާދޭސް ކުރަން ފެށިއެވެ.

"މިއީ ޖިންނި. އަދި ކިރިޔާ ރަނގަޅު ޖިންނިއެއް ތި ފެނުނީ" އެ އަންހެން ކުއްޖާ ބާރަށް ހޭންފެށިއެވެ.

"ދޫކޮއްލާ. އަހަރެންގެ ދަރިންނާއި އަނބިމީހާ ކިހާ ރޯނެ އަހަރެން މަރުވެއްޖެއްޔާ" މުދިންބެ ނޭވާ ކުރުވަމުން ދިޔައެވެ. އެއާއި އެކު އެއަންހެން ކުއްޖާ މުދިންބެ ކަރުން ދޫކޮއްލިއެވެ. އަނެއްކާވެސް މުދިންބެ ދުއްވައިގަތީ ގެއާއި ދިމާލަށެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އެމީހުންނާއި ބައްދަލު ކޮއްލުމުގެ ބޭނުމުގައެވެ.

"ކަލޭ ވަރަށް ލޯބިވޭ ދޯ ދަރިން ދެކެ" އަނެއްކާވެސް އެއަންހެން ކުއްޖާ އައިސް މުދިންބެގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ.

"ލައްބަ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ" މުދިންބެ ރޯންފެށިއެވެ.

"ކާކަށް އަޑުއިއްވަން ތިރޮނީ" އެއަންހެން ކުއްޖާގެ ހިތުގައި އެއްވެސް ކަހަލަ ރަހުމެއް ހަމްދަރުދީއެއް މިފަހަރަކު ނެތެވެ.

"ތިހާ ލޯބިވާއިރު ކީއްވެ އެހެންމީހުންގެ ދިރިއުޅުމަށް ތިވަންނަނީ. މިހާރުވެސް ކަލޭގެ އަނބިމީހާއަށް ނޭނގި ކިތައް މީހުން ގާތަށް ދެވިއްޖެ" ހީވަނީ އެއަންހެން ކުއްޖާއަށް ހުރިހާ ކަމެއް އެނގޭހެންނެވެ. ރުޅިވެރި ބަސްތަކުން މުދިންބެ އާއި ވާހަކަ ދައްކަމުން ދިޔައިރު އަންހެން ކުއްޖާގެ މޫނެއް އެއްފަހަރުވެސް މުދިންބެއަކަށް ނުފެނެއެވެ.

"ތިކަންތައް ހުއްޓާލާފައި ނަމާދުކޮއްލައިގެން މުސްކުޅި އުމުރުގައި އުޅޭ ނަމަ ކިހާ ރަނގަޅު" މިފަހަރު އެއަންހެން ކުއްޖާ ދޭންފެށީ ނަސޭހަތެވެ. ރަށުގެ އެންމެންވެސް އޭނައަށް ކިޔަނީ މުދިންބެއެވެ. އެއީ ކުރިން މިރަށުގެ މުދިމެވެ. ނަމަވެސް މިހާރު ވަނީ މުސްކުޅި ކުރައްވާފައެވެ.

"ދެން އަހަރެން އިސްލާހުވާނަމޭ. ދޫކޮއްލާ" މުދިންބެ އާދޭސް ކުރަމުން ދިޔައީ އެކުއްޖާގެ ކިބައިން ސަލާމަތް ވުމަށެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން ނަމަވެސް މިރޭ އެކުއްޖާގެ ކިބައިން ސަލާމަތް ވާން ބޭނުމެވެ.

"އަދިވެސް ދޮގު ހަދަނީތަ. ތިއުޅެނީ ސަލާމަތްވާނެކަމަށްތަ. މިހާ ދުވަސްވީއިރު ތިއީ ފަންޑިތައަށް ވަރަށް މޮޅު މީހެއް ކަމަށް ހެދިގެން ތި އުޅުނީ. އެންމެނަށް އޮޅުވާލަމުން ދިޔައީ" އެ އަންހެން ކުއްޖާ މުދިންބެގެ ކަރުގައި ހިފައި ބާރުކޮއްލިއެވެ. ނޭވާ ހާސްވެ ތެޅިފޮޅެމުން ދިޔަނަމަވެސް ކަރަކުން ދޫކޮއްލާކަށް އެއަންހެން ކުއްޖާ ބޭނުމެއް ނުވިއެވެ. އެންމެފަހުން އެތަނުން އެކުއްޖާ ދިޔައީ މުދިންބެގެ އެއްވެސް ހަރަކާތެއް ނެތި ބިންމައްޗަށް ވެއްޓުމުން ހަށިގަނޑުގައި ވިންދު ހުރިތޯވެސް އެތައް ފަހަރަކު ބަލައިފައެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
2
+1
5
+1
1
+1
1
+1
6
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް