މިއަދު މެންދުރެއްހާއިރު ގިނަބަޔަކަށް ސިހުން ލިބުނީ ހދ. ނޮޅިވަރަމްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު ޚަބަރާއެކުގައެވެ. ނޮޅިވަރަމް ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު (28އ) 'މަރާލާފައި' ވަނީ އޭނާގެ ފިރިމީހާ ކަމަށް ތުހުމަތު ކުރަމުންދާއިރު، މި ދެމަފިރިންގެ 3 ކުދިންވެސް އެބަތިއްބެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ މިއަދު 12:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.
" މި މައުލޫމާތު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ހޭނެތިފައި އޮތް މީހަކު ހެލްތް ސެންޓަރ އަށް ގެންދިޔަ. އެއީ 28 އަހަރުގެ ދިވެހި އަންހެނެއް. އެމީހާ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ވަނީ މައުލޫމާތު ދީފަ". ފުލުހުން ހާމަކުރެއްވިއެވެ.
ނަން ހާމަނުކުރުމަށް އެދި 'ޒީޓައިމްސް' އަށް މައުލޫމާތު ދިން މީހަކު ކިޔައިދިންގޮތުގައި ނިޝާމާ ކައިވެނިކޮށްގެން އުޅުނީ އދ. ފެންފުށީ އަބޫބަކުރު ފައިސަލް (32އ) އާއިއެވެ. ނޮޅިވަރަމްގައި ފައިސަލް އުޅުނުއިރުވެސް އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެއްކަމަށް ވަނީ ބުނެފައެވެ.
މަރުވެފައި އޮތްކަން އެނގުނީ ކިހިނެއް؟
'ޒީޓައިމްސް' އަށް މައުލޫމާތު ދިން މީހާ ކިޔައިދިންގޮތުގައި މި ދެމަފިރިންގެ 3 ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަށް އަދި މިވީ އެންމެ 7 އަހަރެވެ. ހަނގު ދަރިފުޅަށް 2 އަހަރު އަދި މެދަށްހުރި ކުއްޖާ އަށް 4 އަހަރުވަރު ވެދާނެކަމަށް ބެލެވެއެވެ.
" ކުދިން މިބުނީ ނިޝާމާގެ އާއިލާ މީހުން ކައިރީގައި މަންމަ އަދިވެސް ނުތެދުވެއޭ. އެއިރު މެންދުރުވެއްޖެ. ދެން އެގޭ މީހުން ގޮސް ގޮވާގޮވާ ނިޝާމާ ކޮޓަރިން ނުނުކުތުމުން ކޮޓަރިއަށް ވަންއިރު ނިޝާމާ ކައިރީގައި ކުޑަދަރިފުޅު އޮތީ ބުއްބޯން. ވެދާނެ އެހާގިނައިރުވީމަ ބަނޑުހައިވެގެން އެދަރިފުޅު އަމިއްލައަށް ބުއްބޯން އޮތީކަމަށް. ނިޝާމާ ފުރަތަމަ ފެނުމުން އެމީހުން ހީކުރީ ހޭނެތިފަ އޮތީކަމަށް. ސިއްޙީ މަރުކަޒަށް ގެންދިޔުމުން އެނގުނީ މަރުވެފައިކަން އޮތީ". މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.
ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް ތުހުމަތު ކުރެވެނީ މަރުވެފައި އޮތްއިރު މޫނު ވަރަށްބޮޑަށް ނޫވެފައި އޮތުމުންނެވެ. އަދި ނިޝާމާ އެހާލަތުގައި އޮތުމުން ފައިސަލް ކޮބައިތޯ ބެލިއިރު، ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ މެންދުރުގެ ވަގުތެއްގައި ލޯންޗެއް ކުއްޔަށް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ފައިސަލް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޮޅިވަރަމް އިން ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ.
މިމަރުގެ ސަބަބުން 3 ކުދިންނާއި ނިޝާމާގެ އާއިލާ އަށް ކުރާނެ އަސަރު ނިކަން ވިސްނަބަލާށެވެ. ލޯބިވާ މަންމަގެ ކުއްލިވަކިވުމާއި ބައްޕަ އަށް ވީނުވީއެއް ނޭނގުން ވެގެންދާނީ އެކުދިންނަށް ފުންއަސަރުތަކެއް ކުރުވާނެ ކަމަކަށެވެ. މިފަދަ މަރުތަކުގެ ފަހަތުގައި އެއްވެސް މީހެއްގެ އަތެއް ވާނަމަ އެމީހަކަށް ހައްގު އަދަބު ލިބެން އެބަޖެހެއެވެ.
ނިޝާމާގެ މަރުގެ ޚަބަރު މިއިވުނީ އެއާއިލާގެ ފިރިހެން ކުއްޖަކު މަރުވި ހިތާމައިން ނިޝާމާގެ މަންމަ އަރައި ނުގަނެވިގެން އުޅެނިކޮށް ކަމަށާއި، ނިޝާމާގެ ކޮއްކޮ ކުއްލިއަކަށް މަރުވީ މަހަށް ގޮސްގެން އުޅެނިކޮށް މީގެ 4 އަހަރު ކުރިން ކަމުގައި ވަނީ ނޮޅިވަރަމް އިން ވާހަކަދެއްކި މީހަކު މައުލޫމާތު ދީފައެވެ.
މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފެންފުށީ ރޯޒީވިލާ އަބޫބަކުރު ފައިސަލް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.