September 20, 2024 15:01
Advertisement

-Advertisement-

ފޮޓޯ: މުސްލިމް ހޭންޑްސް

މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބޭނުންތަ؟

ރޯދައަކީ މަތިވެރި އަޅުކަމެކެވެ. އެއީ އެއްވެސް މިންވަރެއް ނެތި އަޖުރަ ލިބޭ އަޅުކަމެކެވެ. އިންސާނާގެ މުޅި ހަށިނގަޑުން ކުރާ އަޅުކަމެއްކަމުގައި ރޯދަވެއެވެ. ތިބާގެ ގޮހޮރަށް ކާން ނުދީ ބަހައްޓައެވެ. ތިބާގެ ދޫ ޣީބަ ބުނުމާއި ފުރައްސާރަ ކުރުން ފަދަ ޢަމަލުން ރައްކައުތެރި ކުރެއެވެ. ތިބާގެ ލޯ ފާޙިޝް މަންޒަރުތަކުން ރައްކައުތެރި ކުރެއެވެ. ތިބާގެ ފަޔާއި އަތް މާތްﷲ ޙަރާމް ކުރެއްވި ކަންކަމުން ރައްކައުތެރި ކުރެއެވެ. އަދި ތިބާގެ ހިތް އެހެން މީހުނާމެދު ސާފުކޮށް ބަހައްޓައެވެ. މި ހުރިހައި ގުނަވަންތަކެއް ހިފަހައްޓައިގެން ހިފައި ރޯދައަކީ އާދައިގެ އަޅުކަމެއް ނޫނެވެ. ރޯދައިގެ ފުރިހަމަ ދަރުމައާއި ޘަވާބު ލިބެނީވެސް މިގޮތުގެމަތިންނެވެ. ރޯދަ އަކީ ހުރިހައި ނުބައި ކަމަކުން ރައްކައުތެރިކޮށްދޭ އައްޑަނައެކެވެ. ނަފްސުގެ އެދުންތަކުން ރައްކައުތެރިކޮށް މާތްﷲގެ އަމުރުފުޅުތަކަށް ނަފްސު ލަންބުވާލައިވެސް އަޅުކަމެވެ. މަޑުމޮޅިކަމާއި ހިތްތިރިކޮށްދޭ އަޅުކަމެކެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ރޯދައަކީ ނަރަކައިގެ އަލިފާނުންނާއި އަދި ފާފަތަކަށް އަރައިގަތުމުން ރައްކައުތެރިކޮށްދޭ އައްޑަނައެކެވެ." (ބުޚާރީ). ރޯދައަކީ މިފަދަ މަތިވެރި އަޅުކަމެކެވެ. މިސަބަބަށްޓަކައި، މާތްﷲ އަށްޓަކައި އެންމެ ރޯދައެއް ހިފައިފި މީހާގެ މޫނު 70،000 މޭލު ދުރަށް ނަރަކައާއި ދުރުކުރެވިދާނެކަމަށް ކީރިތި މާތްﷲ ނަބިއްޔާ ޞައްލަޢްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (ބުޚާރީ، މުސްލިމް). އެއީ ކުޑަ ކަމެއް ނޫނެވެ. އެއީ ބޮޑު ކަމެކެވެ. ނަރަކައިން ސަލާމަތްވުމަކީ ކާމިޔާބީއެކެވެ.

ވިސްނާލަބަލާށެވެ! މުޅި އަހަރު ދުވަހުގެ ރޯދައަށް ހުންނަ މީހާއަށް ލިބޭނެ ޘަވާބާއި ދަރުމައިގެ މިންވަރު ކަނޑައަޅާނީ ކިހިނެތް ހެއްޔެވެ؟ މިފަދަ މަތިވެރި ފުރުޞަތެއް ދޫކޮށްލަންވާނެ ހެއްޔެވެ؟ ކުޑަކުޑަ ޢަމަލަކުން މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބެވެ. އެއީ ކޮންމެ މަހެއްގައި 3 ދުވަހު ރޯދައަށް ހުރުމެވެ. ކޮންމެ ހެޔޮ ކަމަކީ ދިހަ ގުނައަށް އިތުރުވެގެންވާ ޢަމަލެކެވެ. ވީމާ، 3 ދުވަހުގެ ރޯދައަކީ 30 ދުވަހުގެ ރޯދައެވެ. ހުރިހައި މަހެއްގައި 3 ދުވަހު ރޯދައަށް ހުރުމުން އެ ހިފުނީ މުޅި އަހަރު ދުވަހުގެ ރޯދައެވެ. މުޅި އަހަރު ދުވަހު ރޯދަ ނުހިފައި އެމިންވަރަށް ޘަވާބު ލިބުން އެއީ ކުޑަކަމެއް ނޫނެވެ. ތިބާ ކުރާ ކުޑަ ޢަމަލަކުން ލިބޭ މަތިވެރި، ގިނަގުނަ ޘަވާބެވެ.

މިކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. وَإِنَّ بِحَسْبِكَ أَنْ تَصُوْمَ فِي كُلِّ شَهْرٍ ثَلاَثَةَ أَيَّامٍ، فَإِنَّ لَكَ بِكُلِّ حَسَنَةٍ عَشْرَ أَمْثَالِهَا، فَإِنَّ ذَلِكَ صِيَامُ الدَّهْرِ" މާނައީ: " އަދި ހަމަކަށަވަރުން، ކަލޭގެފާނު ކޮންމެ (ހަނދު) މަހަކުން ތިންދުވަހު ރޯދައަށް ހުންނެވުމީ، ކަލޭގެފާނަށް ފުދިގެންވާނެކަމެކެވެ. ފަހެ، ހަމަކަށަވަރުން، ކޮންމެ ހެޔޮކަމަކަށް ކަލޭގެފާނަށް ދިހަ ގުނައަށް ޘަވާބު ލިބޭހުއްޓެވެ. ފަހެ، ހަމަކަށަވަރުން، އެއީ ދަހުރު ރޯދައެވެ. (އެބަހީ: މުޅި އަހަރު ރޯދަހިފުން ފަދަ ޘަވާބުހުރި ކަމެކެވެ.)" (ބުޚާރީ/މުސްލިމް).

Advertisement

ކީރިތި މާތް ނަބިއްޔާ ޞައްލަޢްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ފަސޭހަފުޅު ގޮތަކަށް ތިން ދުވަހުގެ ރޯދަ ހިތްޕެވިއެވެ. ބައެއް ފަހަރު މަހުގެ ކުރީ ކޮޅުގައެވެ. އަދި އަނެއްބައި ފަހަރު މަހުގެ މެދު ތެރޭގައެވެ. އަދި މަހުގެ ފަހު ކޮޅުގައިވެސް ރޯދަ ހިތްޕެވިއެވެ. ޢާއިޝާ ރަޟިޔަﷲ އަންހާއަށް ސުވާލު ދެންނެވުނެވެ. ކީރިތި ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމް ކޮންމެ މަހަކުވެސް ތިން ދުވަހަ ރޯދަ ހިތްޕަވާތޯއެވެ.؟ އެކަމަނާ ޖަވާބުގައި ވިދާޅުވިއެވެ. އާދޭހެވެ. ދެން ސުވާލު ދެންނެވުނެވެ. މަހުގެ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. މަހުގެ ވަކި ދުވަހެއް އެކަލޭގެފާނު ޚާއްޞައެއް ނުކުރައްވައެވެ." (މުސްލިމްގެ ރިވާޔަތެއް).

އަދި މި ބަސްފުޅަށް އިތުރަށް ބާރު ލިބިގެންދަނީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘް ބަސްފުޅެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ޚަލީލު ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމަށާއި ޟުޙާގެ ދެ ރަކުޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ." (މުސްލިމް،ބުޚާރީ).

ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފާނެ ގޮތަކާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. އެއީ ދެ ގޮތަށް ޙަދީޘް އައިސްފައިވުމުންނެވެ. ބައެއް ޙަދީޘްތައް އައިސްފައިވަނީ 13، 14، 15 ގައި ރޯދަ ހިފުމަށް ޚާއްޞަ ކޮށެވެ. އަނެއްބައި ހަދީޘްތަކުގައި ވަކި ދުވަހެއް ޚާއްޞަ ކުރުމެއްނެތި ތިން ދުވަހު ރޯދަ ހިފުމުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. އަދި އެކަމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމުގައި 13، 14 ،15 ގައި ހިފުމަށް އިސްކަން ދިނުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެއީ އެންމެ ހެޔޮ ރަނގަޅު ގޮތެވެ. ނަމަވެސް، އެ ތިން ދުވަހު ރޯދައަށް ނުހުރެވުނު މީހާ މަހުގެ ކޮންމެ ދުވަހެއްވެސް އިޚްތިޔާރުކުރެވޭނެއެވެ.

އަހަރެމެންނަށް އޮތީ ހެޔޮ ކަންކަމުގައި އަނެކާއަށްވުރެ ކުރިއަރައި ދިއުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!” (ބަޤަރާ 148). އެއީ މުދަލަކުން މަންފާ އެއް ނުކުރާނެ ދުވަހަށްޓަކައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ." އެ ދުވަހުން މަންފާ ކުރާނީ ތިބާގެ ހެޔޮ ކަމުގެ ތިލަފަތް ބަރުވުމުންނެވެ. ވީމާ، ތިބާއަށް ލިބިފައިވާ މި ފުރުޞަތު ނަގައިނުލާށެވެ. އެންމެ 36 ދުވަހު ރޯދައަށް ހުރުމުން 360 ދުވަހު ރޯދައަށް ހުރުމުގެ ޘަވާބެވެ.  

+1
0
+1
0
+1
14
+1
2
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް