November 23, 2024 18:23
Advertisement

-Advertisement-

ކަރަންޓުގެ ހިދުމަތުގެ މަސައްކަތުގައި ދިވެހިން/ ފޮޓޯ: ސްޓެލްކޯ

ކަރަންޓުގެ ހިދުމަތަށް 73 އަހަރު: އަނދިރިން އަލިކަމުގެތެރެއަށް ގެނެވުނީ ދިވެހި މަސައްކަތްތެރީންގެ ބުރަ މަސައްކަތުން!

ފަހުގެ ޒުވާން ޖީލު މިއުޅެނީ ވަރަށް އަރާމުގައެވެ. ސަބަބަކީ ހޫނުވެއްޖެނަމަ އޭސީގެ ފިނިކަން ލިބެއެވެ. އަނދިރިވެއްޖެނަމަ ކަރަންޓު ބޭނުންކޮށްގެން އަލިކުރެވެއެވެ. އެހެންނަމަވެސް މީގެ ބައިގަރުނުގެ ކުރިއަށް ވިސްނާލަބަލާށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އެއިރު ކަރަންޓުގެ އަލިކަމެއް ނެތެވެ. ފުޅިބައްތީގެ އެހީގައި ކިޔަވަމުންދިޔައިރު އަރާމުގައި ނިދާލެވެނީވެސް މަދުބަޔަކަށެވެ.

ފޮޓޯ: ސްޓެލްކޯ

ކަރަންޓުގެ ހިދުމަތް ފެށުން

ރާއްޖޭގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފެށީ ވެރިރަށް މާލޭގައެވެ. އެއީ 8 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. ކަރަންޓުގެ ހިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭގަ ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ގެނެސްދިން ހުށަހެޅުމުގައި ވަނީ ފުރަތަމަ ކަރަންޓު ދިން ދުވަސްވަރުގެ ހަނދާންތައް ކިޔައިދީފައެވެ.

Advertisement

" އެންމެ ފުރަތަމަ އާންމުތަނެއްގައި ކަރަންޓު ބޭނުންކޮށްގެން ބޮއްކެއް ދިއްލީ މާލޭ ނާދީ ކައިރީގަ. އާދައިގެ ބޮއްކެއް ދިއްލީމަ މީހުން ތިބީ އަޖައިބުވެފަ. އެބޮކީގެ އަލިން ހިނިވެސް ފެނުނޯ ދުވެދުވެ ތިއްބާ"

އެންމެ ފުރަތަމަ އިންޖީނެއް ބެހެއްޓީ އޯކިޑްމާގޭގެ ފެންޑާގައެވެ. އެއަށްފަހު ހުސައިން އާދަމް ބިލްޑިންގ ހުރިތަނަށް ބަދަލުކުރިއިރު އިތުރު 14 ކިލޯވޮޓްގެ 2 ޖަނަރޭޓަރު ބެހެއްޓިއެވެ. އެއިރު ކަރަންޓު ދެމުން ދިޔައީ އިރުއޮއްސި 6 އިން ރޭގަނޑު 11 އަށެވެ. ކަރަންޓު ދެމުން ދިޔައީވެސް ވަކި ސަރަހައްދަކަށެވެ. މާލޭގެ ހުރިހާ ގެއަކަށް ކަރަންޓު ދިނުމުގައި ތަފާތު މައްސަލަތައް ވެސް ކުރިމަތިވިއެވެ.

" އިންޖީނުގެ އާއި ކައިރިގެތަކުގެ ބޮކިތައް މާއަލިގަދަ. ދުރުގަ ހުންނަ ގެތަކަށް އަލިމަޑުވާ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރެވުނު. މިގޮތުން މާލޭގެ ފަސް ސަރަހައްދެއްގަ ސަބްސްޓޭޝަން ބެހެއްޓުމުން ހުރިހާގެއެއްގެ ބޮކިތައް އެއްވަރަކަށް ދިއްލެން ފެށުނު".

ކަރަންޓަށް އޮތް ޑިމާންޑް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިއުމުގެ ސަބަބުން އެއިރުގެ ސަރުކާރުން ކުރި މަސައްކަތުން މުޅި މާލެއަށް ކަރަންޓު ދެވޭވަރުވީ 1964 ވަނަ އަހަރުގައެވެ. ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދަނީ ބުރަމަސައްކަތްތަކެކެވެ. މިގޮތުން ބިމު އަޑީގައި ކޭބަލްތައް ވަޅުލުމުގެ ކުރިން ކަރަންޓު ކޭބަލްތައް ދަމާފަ ހުންނަނީ މަގުމަތީގަ ހަރުކޮށްފަ ހުންނަ ދަނޑިތަކެއްގައެވެ. މުވައްޒަފުންގެ ބުރަމަސައްކަތުން ބޮޑު ހަރުގަނޑެއް ދަމަމުން މައްސަލަ ދިމާވާ ކޭބަލްތައް ރަނގަޅުކުރަމުން ދިޔައިރު އެއީ ހީވެސް ނުކުރާފަދަ ބުރަ މަސައްކަތެކެވެ.

ފޮޓޯ: ސްޓެލްކޯ

ކަރަންޓުގެ ހިދުމަތް ދެމުން އައި ތަންތަން  

ކަރަންޓުގެ ހިދުމަތް ދެމުން އައީ އެންމެ ފުރަތަމަ އިލެކްޓްރިކް އޮފީހުގެ ނަމުގައެވެ. އެއަށްފަހު އިލެކްޓްރިކަލް ޑިޕާޓްމަންޓް، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ބަދަލުވުމަށްފަހު ދެން ނަން ބަދަލުވެގެން އައީ ސްޓެލްކޯ އަށެވެ.

ކުރިމަތިވި ގޮންޖެހުން

ޒަމާނަށް އަންނަ ބަދަލާއެކު ދިވެހިންވެސް ދިޔައީ ތަރައްގީވަމުންނެވެ. ގޭގަ ގެންގުޅޭ ކަރަންޓު ސާމާނަށް އަންނަ ބަދަލާއެކު ކަރަންޓުގެ ޑިމާންޑް ބޮޑުވިއެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައި ގިނަ އަދަދެއްގެ މީހުން އާބާދުވެ އެއެންމެންނަށް ކަރަންޓު ފޯރުކޮށްދިނުން މިއީ ބޮޑު ގޮންޖެހުމަކަށްވިއެވެ.

" ސްޓެލްކޯ އަށް ޖެހުނު އެކިފަހަރު ހައިސްޕީޑް ޖަނަރޭޓަރު ގެނެސް ހިދުމަތަށް ނެރެން. އެގޮތަށް ކުދި އިންޖީނުތައް ބެހެއްޓުން އެއީ ހައްލަކަށް ނުވާތީ 8.9 މެގަވޮޓްގެ ދެ އިންޖީނު 2012 ވަނަ އަހަރު އަދި 8.9 މެގަވޮޓްގެ އެއް އިންޖީނު 2016 ވަނަ އަހަރު ގެނެސް ޖުމްލަ 27 މެގަވޮޓްގެ ކެޕޭސިޓީއަށް އިތުރުކުރި. ހުޅުމާލޭގައި ޒަމާނީ އިންޖީނުގެއެއް އަޅައި 8.9 މެގަވޮޓްގެ 6 ޖަނަރޭޓަރު ބަހައްޓާ ޖުމްލަ 53 މެގަވޮޓްގެ އިންޖީނުގެއަކަށް އެތަން ބަދަލުކުރުން ވެގެންދިޔައީ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބުނު ކަމަކަށް".

ސްޓެލްކޯ މާލެ އިމާރާތް ހުރި ސަރަހައްދު/ ފޮޓޯ: ޒީޓައިމްސް

ކަރަންޓުގެ ހިދުމަތް ގޮއްސައޮތް ހިސާބު

މާލެއާއި ހުޅުލެއާއި، ހުޅުމާލެ އިންޓަރކަނެކްޝަން އަކުން ގުޅާލުމަށްފަހު، ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ އޮޓޮމޭޓްކޮށް، ސަބްސްޓޭޝަންތަކަށް ތަޅުދަނޑި ހިފައިގެން ދިއުން ނިމުމަކަށް ގެނެސް ޑިސްޓްރިބިއުޝަން ކާޑުގެ މަސައްކަތް ވަނީ ކޮށްފައެވެ. ކަރަންޓު ކެނޑޭ ހާލަތުގައި އަލުން ކަރަންޓު ދިނުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަން ވަނީ ކުޑަކުރެވިފައެވެ.

" ގޭގައި ބޭނުންކުރަމުންދާ ހަކަތައިގެ މިންވަރު ފޯނުން ބަލާލެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ސްމާޓް މީޓަރު ތައާރަފްކޮށް ސްމާޓް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ސްޓެލްކޯގެ އަމާޒަކީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ތައާރަފްކުރުމަށްޓަކައި އިޔާދަ ކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ތަޖުރިބާކުރުމުގެ އަމަލީ މަސައްކަތް ކުރުން".

ކަރަންޓުގެ ހިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގެތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ރޭގަ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަރީފް ވެސް ވަނީ ކަރަންޓުގެ ހިދުމަތަށް މިގެނެވުނު ބޮޑު ކުރިއެރުމުގެ ފަހަތުގައި ތިބި އެންމެހާ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސްޓެލްކޯގެ އިސްވެރިންނާއި އެކިދުވަސްވަރު މަސައްކަތްކުރި މުވައްޒަފުން ހިމެނެއެވެ.

" ކަރަންޓުގެ ހިދުމަތް މެދުނުކެޑި ދެވެނީ ސަރުކާރުން ސަބްސިޑީ ދެމުންދާތީ. ކުޑައަގެއްގައި ތެޔޮ ފޯރުކޮށްދޭތީ. ތެޔޮ ލިބުމުގައި ދަތިކަމެއް ނެތުމުން ކަރަންޓް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދަތިކަމެއް ނެތް". ޝަރީފް ވިދާޅުވިއެވެ.

ހުޅުމާލޭ އިންޖީނުގޭގެ ފިއުލް ޕަންޕު ހައުސްއަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ: ސްޓެލްކޯ

100 އިންސައްތަ ދިވެހިންގެ ބުރަ މަސައްކަތް

ކަރަންޓުގެ ހިދުމަތް ރާއްޖޭގައި ދޭން ފެށި ދުވަސްވަރުން ފެށިގެން މިހިދުމަތް ފުޅާކޮށް ދިނުމުގައި މިބުރަ މަސައްކަތް ކުރީ ސަތޭކަ އިންސައްތަ ދިވެހިންނެވެ. މިއީ ފާހަގަކުރެވޭ ކުރިއެރުމެކެވެ.

ކަރަންޓުގެ ހިދުމަތުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ. އެއާއެކު މިހިދުމަތް ދިނުމަށް ބުރަމަސައްކަތެއް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަންޖެހެއެވެ. މެނުއަލްކޮށް ކުރަމުންދާ މިބުރަ މަސައްކަތަށް ލުޔެއް ހޯދުމަށް ސްޓެލްކޯއިން ދަނީ އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ސިސްޓަމުގެ ސަބަބުން އެކަހެރިކޮށް މަސައްކަތް ކުރެވެމުން އަންނަ ސިސްޓަމްތައް ސެންޓްރަލައިޒް ކުރެވި މުޅި މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް