November 24, 2024 08:54
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (އެގާރަވަނަބައި)

މުޅި ސަހަރާ ވަނީ މީހުން ފުރި ބާރުވެފައެވެ. މުދިންބެގެ ޖަނާޒާ ކަންތަކުގައި އެންމެން ކަހަލަ ގޮތަކަށް ބައިވެރިވިއެވެ. އެންމެނަށް ލިބިފައިވަނީ އާ ރޫހެކެވެ. ހިތްވަރާއެކު މިކަމުން ސަލާމަތްވާށެވެ. އަދި ނިކަމެތިވެފައިވާ މުދިންބެގެ އާއިލާއަށް ޚާއްސަ ގޮތެއް ބެހެއްޓުމަށާއި އެމީހުންގެ ހާލު ބަލައި އެމީހުންނަށް ސެކިއުރިޓީ ދިނުމަށް ރަށުގެ ރައްޔިތުން ނިންމީ އުފަލުންނެވެ. ރަށުގެ މީހުން ތިބީ އަދިވެސް ގޮތް ދޫކޮއްލާ ކަހަލަ ގޮތަކަށް ނޫނެވެ. ކޮންމެ ފަދަ އަގެއް ދީފައި ނަމަވެސް މިކަމުން ރަށް ސަލާމަތް ކުރުމަށް އެންމެން ތިބީ އަތުކުރި އޮޅާލާފައެވެ.

ހަވީރުގެ ހިތްގައިމު ގަޑިއަކީ އެރަށުގެ ކުދިބޮޑު އެންމެން ނިކުމެ އުޅޭ ގަޑިއެކެވެ. ނަމަވެސް މިހާރު އިރުއޮއްސެން ގާތްވާ ވަގުތަކީ އެންމެންވެސް ގެއަށް ވަދެވޭތޯ ބަލާ ގަޑިއެވެ. ބިލާލްވެސް މަޑު ހިނގުމެއްގައި ރަށުގެ ބޮޑުމަގުން ހިނގާފައި ދިޔައިރު މަގުތަށް އަމާން ކަމުން ބިލާލްވެސް ހުރީ ހައިރާން ވެފައެވެ. ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު ހިތުގައި އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތް ކަހަލައެވެ. ރަށުގައި ބިރުވެރިކަން އުފެދިގެން އުޅޭއިރުވެސް ބިލާލްގެ ވިސްނުން ހުރީ ކައިވެނީގެ ކަންތަކާއިއެވެ. އެވިސްނުމުގައި ހިނގަމުން ގޮސް ބިލާލް ގޮސް ތުނޑިއަށް ފޭބިއެވެ. އެއްވެސް މީހެއް ފެންނަ ހިސާބެއްގައި ނެތުމުން މަޑުމަޑުން ދޮންވެލި ތުނޑީގައި އޮށޯވެލިއެވެ. ސާފު މަޑު ވައިރޯޅެއް ޖެހެމުން ދިޔައިރު ބިލާލްގެ ހަށިގަނޑަށް ފިނީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރުވަމުން ދިޔައެވެ. މަޑުމަޑުން ދެލޮލަށް ނިދީގެ ބާރު ފޯރުވަމުން ދިޔަ ނަމަވެސް ނިންޖާއި ހަނގުރާމަ ކުރާހާ ހިތްވަރެއް ބިލާލަކަށް ނުލިބުނެވެ. އެންމެ ފަހުން އަމާން ދޭން ޖެހުނީއެވެ.

"ބިލާލް. ބިލާލް" މީހަކު ބިލާލްގެ ކަންފަތް ބުޑުގައި ގޮވައިލި އަޑަށް ބިލާލް ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ކޮޅަށް ތެދުވެ ބަލައިލި އިރު ގާތުގައި ރީޝާ ބަލަހައްޓައިގެން ހުއްޓެއެވެ.

Advertisement

"މިގަޑީ ކީއްކުރަނީ. މިރަށަށް މިއުޅެނީ ބޮޑު ބިރުވެރިކަމެއް ލައިގަނެގެން" ބިލާލް ބޭނުންވީ އެވާހަކަ ރީޝާ އާއި ހިއްސާ ކުރުމަށެވެ.

"މަށަށް އެނގޭ. އެއުޅެނީ އެމީހުންގެ އަމިއްލަ އެދުމެއް އޮވެގެން" ރީޝާ ރުންކުރުކޮށް ބުނެލިއެވެ.

"ބަލާތި ދެން އެމީހުން އަންދާލާނީ ތިގެ. ތިގޭ ދޮށުގައި ފަންޑިތަ ހަދާނީ. ކަލޭ މަރާލަން. އަދި އަހަރެންވެސް" ރީޝާގެ ރުޅި ހުރިވަރު ފެނިފައި ބިލާލްވެސް ބިރުގަތެވެ.

"އަހަރެމެންގެ ކައިރީގައި ލާހިކެއްނު ތިކަހަލަ ކަމެއް ވާކަށް" ބިލާލް ރީޝާއަށް ހިތްވަރު ދިނެވެ.

"ހަނދާން ކުރާތި އަހަރެންނަށް ކަމެއްވާ ދުވަހަކީ މުޅި މިރަށް ނައްތާލާނެ ދުވަސްކަން" ރީޝާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. ރީޝާ ހަމައަކަށް އެޅުވޭތޯ ބިލާލް ހުއްޓާނުލައި މަސައްކަތް ކުރަމުން ދިޔައެވެ. ރީޝާ ހުރީ ބިލާލްގެ ހަށިގަނޑުގައި ބާރަށް ބައްދާލައިގެންނެވެ. ބިލާލް ގެއްލުމުގެ އިހުސާސް ރީޝާއަށް ކުރާ ކަހަލައެވެ. ބަޔަކު އަންނަ އަޑަށް ރީޝާ ބިލާލާއި ދުރަށް ޖެހިލިއެވެ. ބިލާލް ވަށައިގެން ހޯދައިލިއެވެ. ހޭޅިފަށުން ބަޔަކު ހިނގާފައި އަންނަތަން ބިލާލަށް ފެނުނެވެ. އަދި ރީޝާ ފޮރުވުމަށް ގަސްތަކުގެ ތެރެއަށް ފޮނުވާލުމަށްފަހު ބިންމަތީގައި އިށީނެވެ. އެމީހުން ބިލާލް ހުރަސްކޮށް ދިޔައިރުވެސް ހަމަ އެއިން ގޮތަށް ބިލާލް އިށީނދެ އިނެވެ. ނަމަވެސް އެމީހުން ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ބިލާލަށް އަޑު އިވުނެވެ. ނައުފަލާއި، ރީމާގެ ވާހަކައެވެ. އަދި ކައިވެނީގެ ވާހަކަ ދެއްކިކަން އެނގުނެވެ. ދެން ދެއްކި ވާހަކެއް ސާފެއް ނުވިއެވެ. އެމީހުން ގޮސް އޮބާލަންދެން ގުޑާވެސް ނުލާ ބިލާލް އިނެވެ. އެމީހުން ލޮލު ކޮޅުން އޮބައިލުމާއިއެކު ބިލާލް ތެދުވެ ހޭޅިތެރެއަށް ވަދެ ރީޝާއަށް ގޮވައިލިއެވެ. ރީޝާ އިނީ ގަހެއްގެ ގޮފިގަނޑެއްގެ މަތީގައި ވަރަށް ހަމޖެހިލައިގެންނެވެ.

"އަހަރެން ހީކުރީ އެމީހުންނަށް ރީޝާ ފެންނާނެކަމަށް. ވަރަށް ބިރުން މިހުރީ" ބިލާލް ރީޝާއަށް ހީލިއެވެ.

"ކޮބާ އެމީހުން އެބުނީނު ރީމާ އާއި ނައުފަލްގެ ވާހަކަ. އަހަރެން ބުނީމަ ދޯ ގަބޫލު ނުކުރަނީ" ރީޝާ ބިލާލްގެ ކޮނޑުމަތީގައި ބޯ އަޅައިލިއެވެ.

"ހާދަ ބިރު ކުޑަ އަންހެނެކޭ ދޯ މަށަށް މިލިބުނީ" ބިލާލް އުފަލުން ގޮސް ރީޝާގެ ކޮލުގައި ހިފައިލިއެވެ.

"ތި ގޮތަށް ހިފަން އަހަންނަށް ހުރެވޭނީ ބިލާލް ވަރަށް ހިތްވަރު ކޮއްގެން. އެހެން ނޫނިއްޔާ އަހަރެން މަރުވެދާނެ" ރީޝާ ބިލާލްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލީ ހިތްވަރާއި އެކުގައެވެ.

"ހިތްވަރު އެބަހުރި. ދެން އެހާ ގިނަ ދުވަހެއް ނުވެ އަހަރެންގެ އަނބިމީހާއަށް ހަދާނަން" ބިލާލް ހޭންފެށިއެވެ.

"އޯހް. ތިބުނީ އަހަރެންނާއި ކުރިމަތިވާ ކޮންމެ ކަމަކާއި ވެސް ކުރިމަތިލާން ތައްޔާރޭތަ" ރީޝާ ހޭންފެށިއެވެ.

"އާން. އަހަރެންނަށް ގެއްލުމެއް ލިބި އަހަރެން މަރުވުމަށްފަހު ރީޝާ އާއި ހަމައަށް ބަޔަކަށް އާދެވޭނީ" ރީޝާ ގެނެސް ގަޔާއި ގާތް ކޮއްލަމުން ބިލާލް ބުނެލިއެވެ.

ރީޝާއަށް އެއްވެސް ގެއްލުމެއްވާކަށް ބިލާލެއް ނޭދެއެވެ. އުމުރުން މިހާ ހިސާބަށް އައިފަހުން ލިބުނު ހަމައެކަނި ބައިވެރިޔާ ގެއްލެން ބޭނުންވާނީ ކާކުހެއްޔެވެ. ދެމީހުންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނިކޮއްގެން ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. ވީހާވެސް އަވަހަކަށް ރީޝާގެ އާއިލާ އާއި ބައްދަލުވުމަށްފަހު ކައިވެނީގެ ކަންތައް ކުރިއަށް ދިއުމަށް ބިލާލް ބޭނުންވިޔަސް އަދާއި ހަމައަށް ވެސް އެކަން ނުވެފައި އޮތީ ރީޝާގެ ނުގަބޫލުގައެވެ. ރީޝާ ބޭނުންވަނީ އޭނަ ބުނާ ދުވަހަކުން އާއިލާ އާއި ބައްދަލު ކުރާށެވެ. ރީޝާ ބުނާގޮތުން މާ އަވަހަށް ބޮންތީގައި ހިފަން އުޅެފިއްޔާ ވެއްޓިދާނެއެވެ. އެހެންނަމަވެސް މިހާރު ރަށުގެ ހާލަތު އޮތް ގޮތުން އަދި އެކަހަލަ ކަމެއް އެހާ އަވަހަށް ކުރުން އެއީ އެހާ ބުއްދިވެރި ކަމެއް ކަމަކަށް ބިލާލަށް ވެސް ނުވިސްނުނެވެ.

"އަދި ތިއާއިލާގެ މީހުންނާއިވެސް ބައްދަލެއް ނުވޭ. ދެން ކޮންއިރަކުން އެކަން ހަމަޖައްސާނީ" ބިލާލް އަހާލީ އެކަން ކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

"ކެތްކޮއްބަލަ. ފުރަތަމަ މިވާން އުޅޭ ކަންތަކުން ސަލާމަތްވެވިގެންތާ ކަމެއް ކުރެވޭނީވެސް" ރީޝާ ބިލާލަށް ބަލަހައްޓައިގެން ހުއްޓެވެ.

"ދެން މާގިނަ ވާހަކަ ނުދައްކާ ގެއަށް ދޭ. މީހަކަށް ފެނިދާނެ. އަދި މިރޭ މިރަށުގެ ރައްޔިތުންވެސް އެއްވާނެއެއްނު" ބިލާލް ގެއަށް ފޮނުވައިލެވޭތޯ ރީޝާ މަސައްކަތް ކުރިއެވެ.

"ހެޔޮ. އަހަރެން ބޭނުމެއްނޫން އަބަދު ފިލައިގެން އުޅޭކަށް. ކޮންމެވެސް ދުވަހަކުން އެންމެނަށްވެސް ފެންނާނެ" ބިލާލް ރީޝާ ފޮނުވައިލާކަށް ބޭނުމެއް ނުވިއެވެ. އަދި އަތުގައި ހިފައިގެން ގެއާއި ދިމާއަށް ހިނގައިގަތީ ރާޅު ޖަހާ ހިސާބުންނެވެ. އެއްފައިން މޫދުގެ ލޮނުގަނޑުގައި ޖަހަމުން ރީޝާގެ އަތުގައި ހިފަހައްޓައިގެން ދިޔައިރު ބިލާލަށް ލިބިފައިވާ އުފަލެއް ބުނެދޭންވެސް ނޭގެއެވެ. އަތިރިމަތިން ދެމީހުން ހިނގަމުން ދިޔައިރު ބިލާލް މަޑު މިއުޒިކެއް ކުޅެމުން ދިޔައެވެ. ނަމަވެސް ރީޝާގެ ހިތުގައި އަނދަމުންދާ އަލިފާންގެ އެއްވެސް އަސަރެއް ބިލާލަށް އެވަގުތު ދައްކަން ބޭނުން ނުވީ ބިލާލް އެހާ އުފާވެފައި ހުއްޓައި ދެރަ ކުރާކަށް ބޭނުން ނުވާތީއެވެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނަ އުސޫލުންނެވެ. ވަކި ހިސާބަކުން ރީޝާ ކުރިއަށް ދާކަށް ބޭނުން ނުވީ ކޮން ސަބަބަކާއި ހެދިކަމެއް ބިލާލަކަށް ނޭނގުނެވެ. މިރޭ އަންނާނެކަމަށް ބުނެ ދުއްވައިގަތީއެވެ. ބިލާލްވެސް ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ރީޝާގެ ހަލުވިކަން ބިލާލަށްވުރެ އިތުރެވެ. އެންމެފަހުން ރީޝާ ލޮލުކޮޅަށް ގޮސް އޮބައިލިއެވެ. ރީޝާ މިރޭ އަންނަންދެން އިންތިޒާރު ކުރުން ނޫން ގޮތެއް ދެންނެތެވެ. ހިތްހަމަ ނުޖެހިގެންވެސް ރީޝާ އާއި ދިމާއަށް އެއްޗެއް ބުނަން ބިލާލް ޖެހިލުންވަނީ އޭނަ ގެއްލިދާނެތީއެވެ. ރީޝާ އާއި ވަކިނުވާން ބިލާލަށް ކުރެވުނު ކޮންމެ ކަމެއްވެސް ދިޔައީ ކުރަމުންނެވެ.

އިރުއޮއްސެން ގާތް ވަމުން ދިޔައިރު ރަށުގެ ފިރިހެނުން ތައްޔާރު ވަމުން ދިޔައީ ފަންޑިތަ ހަދާ މީހާގެ އެންގުމަށް ތަނެއް ތައްޔާރު ކުރާށެވެ. މިފަހަރު އޭނާ ބޭނުންވީ ރަށުތެރޭން ކޮންމެވެސް ތަނެކެވެ. ރަށުގެ މީހުން އެމީހަކަށް ފެންނަ ތަނެއްގެ ނަން ހުށަހަޅަމުން ދިޔައިރު އެއްބަޔަކު ތުނޑީ ކޮޅެވެ. އަނެއް ބަޔަކު ރަށުތެރޭން ކޮންމެވެސް ތަނެއް ހަމަޖައްސަން ހުށަހެޅިއިރު ގިނަ ބަޔަކު ބޭނުންވީ މުދިންބެގެ ގޯތިތެރޭގައި އެކަން ކުރާށެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ ނައުފަލެވެ. ނައުފަލް ބޭނުންވީ ބިލާލްމެންގެ ގޯތިތެރޭގައި އެކަމެއް މިރޭ ކުރާށެވެ. ނަމަވެސް އެމީހެއްގެ ނުރުހުމާއެކު ގޯތިތެރެއަށް ނުވަދެވޭނެކަން އެހެން މީހުން ނައުފަލަށް ވިސްނައިދެމުން ދިޔައެވެ. އެންމެފަހުން ނައުފަލް ބޭނުންވި ގޮތަށް ނިމުނީއެވެ. ގޯތި ތެރޭގައި ނުކުރެވެންޏާ އެ ގެއާއި އެންމެ ކައިރި ހިސާބަކުން ތަނެއްގައި އެކަން ކުރާށެވެ. އަނެއް ބަޔަކު ބޭނުންވީ ފަންޑިތަ ހަދާ ލީޑަރަށް އެހީވާނެ އެހެން މީހަކުވެސް ހޯދާށެވެ. ސަބަބަކީ އެކަމުގައި އުޅޭ މީހާއަށް ގިނަ މީހުންގެ އިތުބާރު ގެއްލުމެވެ. އޭނާ ފަންޑިތަ ހަދަމުން ދާއިރުވެސް ރަށުން މީހުން މަރުވެ ގެއްލެމުން ދިޔުމަކީ އެމީހުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ފަންޑިތަވެރިޔާ އަބަދުވެސް ބުނަމުންދިޔައީ މިކަމުން އަރައިގަތުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.

އިޝާ ނަމާދުން ފައިބައިގެން އެހެން ރޭ ތަކެކޭ އެއްފަދައިން މިރޭވެސް އެންމެން ޖަމާވީ ބިލާލްމެންގެ ކުރިމަތީގައި އޮތް ހުސްބިމަށެވެ. އެތަނަށް މީހުން އަންނަމުން ދިޔައިރު ބިލާލްވެސް އެތާގައި ހުރެ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔައެވެ. ނައުފަލާއި ދެމީހުން ގިނަ އިރުތަކެއްގެ ހިތްހަމަ ނުޖެހުމަށްފަހު ބިލާލް ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް ނައުފަލް ބޭނުންވީ އެކަން އެތާނގައި ކުރިއަށް ގެންދިއުމަށެވެ. ގިނައިރުތަކެއް ނުވަނީސް ފަންޑިތަ ހަދާ މީހާ ގޮވައިގެން އައީ ރަހުމާނެވެ. އެހެން ރޭތަކާއި ތަފާތުކޮށް އޭނަ ހުރިއިރު ހީވަނީ ކޮންމެވެސް ބޮޑު ކަންތަކެއް މިރޭ ހިންގާލާނެކަމަށެވެ. އޭނަ އެއައި ގޮތަށް އައިސް އެތާ މެދުގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީނދެ އިނދެ މައްޗަށް ބަލަހައްޓައިގެން އެއްޗެއް ކިޔަވަމުން ދިޔައެވެ. އެހެން މީހުންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ވަށައިގެން ތިބި މީހުން އިންތިޒާރު ކުރަމުން ދިޔައީ ފަންޑިތަވެރިޔާގެ އޯޑަރަކަށެވެ. އޭނާ ހަވާލު ކުރާނީ ކޮންކަމެއް ކަމެއްވެސް ނޭނގެއެވެ. ފަހަރެއް ފަހަރަކަށް ވުރެ އަޑު ހަރުކޮށް ކިޔަވަމުން ދިޔައެވެ. ކިޔަވަން ފެށިތާ ބައިގަޑިއިރުވީ ފަހުން ދެލޯ ހުޅުވައި ވަށައިގެން ތިބި މީހުންނަށް ބަލައިލިއެވެ. ކޮންމެވެސް މީހަކު ގެއްލިގެން އުޅޭހެންނެވެ.

"މިރޭ ކޮންމެ ކަމެއް ދިމާވިޔަސް އެއްވެސް މީހަކު މިތަން ދޫކޮށް ގޮސްގެން ނުވާނެ. އެހެން ކަންތައް ކޮއްފިއްޔާ ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެ" ފަންޑިތަވެރިޔާގެ އިރުޝާދުތަކަށް އާން އެކޭ ބުނުމުގެ ގޮތުން ޖަމާވެފައިވާ މީހުން ބޯ ޖަހައިލިއެވެ.

"ވިއްސާރަވެސް ވެދާނެ. ވެލިވެސް ޖަހާނެ. ބިރުވެސް ގަންނުވާނެ،. އެކަމަކު މިތަން ދޫކޮށް އެއްވެސް މީހަކު ގޮސްގެން ނުވާނެ. ދާން ބޭނުންވާ މީހަކު ހުރިއްޔާ މިހާރު ދޭ" ފަންޑިތަވެރިޔާ އިރުޝާދު ދެމުން ދިޔައީ ވަރަށް ޔަގީން ކަމާއި އެކުގައެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
2
+1
6
+1
2
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް