ދިވެހި މުޖުތަމައުގެ ތެރެއިންވެސް ހިތްދަތި ކަންތައްތަކާ ދިމާވެ އެކަންތައްތަކުން އަރައިނުގަނެވިގެން އުޅޭ ކިތަންމެ ބަޔަކު އެބައުޅެއެވެ. މީގެތެރޭގައި އޯޓިޒަމް ހުންނަ ކުދިންގެ މަންމައިން ހިމެނެއެވެ. ހިތާމައަކީ މިފަދަ ކުދިންގެ ސިފައަށް މަލާމާތްކުރާ މީހުން މަދުންނަމަވެސް އުޅޭތީއެވެ.
ވިސްނަބަލާށެވެ. އެއްވެސް ކުއްޖެއްގެ ސިފައަކީ އެކުއްޖަކު އަމިއްލައަށް ކުރާނެ ކަމެއް ނޫނެވެ. އެކުއްޖާ އެސިފައަށް ހުރެގެން ތިބާއަށް ވީ ކޮން އުދަގުލެއްހެއްޔެވެ؟ އެކުއްޖާގެ އުޅުމުގައި ހުރި ގޮތަކަށް ފާޑުކިޔަން ތިބާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އެކުއްޖާގެ އުފަލަށްޓަކައި އެކުއްޖާގެ މައިންބަފައިން އެވާ ގުރުބާނީ ނިކަން ވިސްނަބަލާށެވެ.
އޯޓިޒަމްގެ އަސަރު ހުންނަ ކުދިންގެ މައިންބަފައިން އެވަނީ ވަރަށްވެސް ބޮޑު ގުރުބާނީ އެކެވެ. ލޯބިވާ ދަރިފުޅުގެ ހައްގުގައި ދަރިފުޅުގެ ބޭނުންތައް ފުއްދައިދިނުމަށް އެކުރާ މަސައްކަތަކީ " މާ ޅަ ކޮށްގެން އުޅުން ކަމަށް" ތިބާ އަށް ހީވިއަސް އެއީ އެފަދަ ކުއްޖަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެއެވެ. އުމުރުން 6 އަހަރުގެ ކުއްޖަކު ކޮނޑުމަތީގައި ސުކޫލަށް ގެންދާ މަންމައިން ވެސް އުޅެއެވެ. އެއީ އެކުއްޖާ ހިނގާފައި ދާން ބޭނުން ނުވުމުން ކޮނޑުގައި އުފުއްލައިގެން ނަމަވެސް އެކުއްޖާ އަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ ބުރަ މަސައްކަތެކެވެ. މިފަދަ މަންމައިންގެ ލޮލުން އޮހޮރޭ ވަރުބަލިކަމުގެ ކަރުނަ ފެނުމުންވެސް ދެރަވާނެއެވެ.
ވާހަކަ ނުދެއްކޭ ކުދިން އުޅޭއިރު އެކުދިންގެ އިހްސާސްތައް ބުނެ ނުދެވުމުން ރުޅިގަދަވާ ފަހަރުވެސް އާދެއެވެ. އެފަދަ ހާލަތެއްގައި މަންޒަރު ބަލަން ހުންނަ މީހާއަކަށް އެކުއްޖާ 'ކޮންޓްރޯލް' ކުރަން ކަންތައް ކުރާނެ ގޮތެއް ނޭނގިދާނެއެވެ. އެކުއްޖާ އަބަދުވެސް ބަލަމުން އަންނަ މައިންބަފައިންގެ އަމަލަށް ފާޑު ނުކިޔާށެވެ. އުމުރަށްވުރެ ކުޑަކޮށް 'ބޭބީކޮށްގެން' އުޅެނީ ކަމަށް ބުނުމުގެ ހައްގެއް ނޯންނާނެއެވެ.
ތިބާގެ ދަރި މަޑުން ތަންތަނުގައި ހުއްޓަސް އެހެން ކުދިންގެ ކިބައިން އެމަންޒަރު ނުފެނިދާނެއެވެ. އެއީ ތަފާތު ކުދިން އުޅޭތީއެވެ. އެކަމުގެ ބަދަލުގައި ބެލެނިވެރިން ގެންގުޅޭގޮތުން ކަމަށް ބުނެ އިލްޒާމު ނައަޅުވާށެވެ.
ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިން ގެންގުޅޭ މަންމައިންނާއި އާއިލާގެ މެންބަރުން އެކުރާ ހިތްވަރަށް ސާބަހެވެ. އެފަދަ ކުދިންނަށްވެސް ބޭނުންވަނީ މުޖުތަމައުގައި ހަމަހަމަކަމާއެކު އުޅޭނެ ފުރުސަތެކެވެ. ފާޑުކިޔުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދޭނެ އަތްތަކެކެވެ.
މިއީ ވަގުތީ ދުނިޔެއެކެވެ. މާދަމާ ދިމާވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ފުރިހަމަ ސިއްހަތެއް ލިބިފައިވާނަމަ ފަށްފަށުން ޝުކުރުވެރި ވާށެވެ. އެހެން ކުދިންނަށް ނުވަތަ މީހަކަށް ނަމަވެސް އެމީހަކު ހުރި ސިފައަކާއި ގުޅުވައިގެން ނުވަތަ އުޅޭގޮތަކަށް މަލާމާތް ކުރުމުގެ ކުރިން ހާސްފަހަރު ވިސްނާށެވެ.