November 22, 2024 19:43
Advertisement

-Advertisement-

އެވޭލާ ބިރުވެރި ހާދިސާ: ރަތް ހެދުމެއްގައި ފެނުނު ޖަމީލާ!

ރެއިންދަންވެ އެގާރަ ޖަހަނީއެވެ. އަދިވެސް އޭނަ ނާދެއެވެ. މުސްކުޅިން ބުނާތީ އަޑުއިވެއެވެ. އުންމީދަކީ ވަރަށް ފޮނި އަދި އެހާމެ ހިތި އެއްޗެކެވެ. ކޮންމެއަކަސް އަހަރެން މިއިނީ އޭނަގެ އިންތިޒާރުގައެވެ. ކިތަންމެ ގިނައިރު އިންނަން ޖެހުނަސް އަހަރެން އޭނައަށްޓަކައި ވަގުތު ހޭދަކުރާނަމެވެ. މިކަމުން ފޮނިކަމެއް ލިބުނަސް އަދި ހިތިކަމެއް ލިބުނަސް އެކަމެއް ތަހައްމަލުކުރާނީ އަހަރެން އެކަންޏެވެ. ބަޔަކަށް ރާހަތެއް ނުކުރާނެއެވެ.

މީހުނަށް އެނގޭނެހާވެސް ކަމަކީ ގިނަވަގުތު އަހަރެން މި ހޮޅުއަށި (އަހަރެންގެ މަންޒިލް) ގައި އިންނަކަމެވެ. މީހަކު ދުވަހަކުވެސް އަހަރެންދެކެ ނަފްރަތެއް ނުވެއެވެ. ވާހަކަދައްކާ ކުދިންވެސް އެހާމަދެއްނޫނެވެ. ގާތްއެކުވެރިން ވަރަށްމަދެވެ. އެއީ އަހަރެންގެ ހުންނަ ނުކެރޭ މިޒާޖަކުން ކަމަށްވެސް ވެދާނެއެވެ. ރެއިން ބާރަޖަހަނީއެވެ. ހަނދުވެސް އޭގެފުރިހަމަ އަލިކަން ދުނިޔެއަށް ފޮނުވަމުން އައިސް މެދުއުޑާހަމަވަނީއެވެ. ހުޅަނގު ފަރާތުން މަޑުމަޑު ފިނި ވައިރޯޅި ޖެހެމުންދާ މިރޭ މިއަތިރިމަތީގައި ހަމައެކަކުވެސް ނެތެވެ. ދަންވީމަވެސް އެހެންވެދާނެއެވެ. މިހުރިހާ ވަހުންތަކާއި އުދާސްތައް އޭނާ އެކުރަމުން އެދަނީ ހަމައެކަނިއެވެ.

ރަމީޒު އިންތިޒާރު ކުރަމުންދާ ވަގުތު ޖެހުނީއެވެ. ކޮންމެ ރެއަކުވެސް ކަނޑައެޅިފައިވާ ގަޑިއަކީ ބާރަގަޑި ފަނަރައެވެ. ޖަމީލާ އެއަންނަނީއެވެ. އޭނަގެ އާދައިގެމަތިން ދުފަމުންނެވެ. ރަމީޒުގެ މާޔޫސް ކަމާއި އެކަނިވެރިކަން ފިލައި ހިތްހަމަ ޖެހުމާއިއެކު އުފާވިއެވެ. ދެކުދިން އެކަނި އެމަންޒިލު (ހޮޅުއަށީ)ގައި ތިބިއިރު ހީވަނީ ލޯބީގެ ދެމުޖައްސިމާހެންނެވެ. އެކަކު އަނެކަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅަމުން ދިޔައިރު ގިލިގިލި ކޮށްޓުންފަދަ ކުދިކުދި ސަކަރާތްވެސް ޖަހައެވެ. ކޮންމެރެއަކުވެސް އެދެކުދިންގެ ދަންފަޅި ހަމަވަނީ އެކެއްޖަހާއިރުއެވެ. މިރޭވެސް އެވަގުތު ހަމަވީއެވެ.

Advertisement

މިދެކުދިން މިމަންޒިލުން ބައްދަލު މިވަނީ އެއްރެއަކު ދެރެއަކުނޫނެވެ. ތަފާތު އެތައްރެއެއްގައި މިމަންޒިލް ފަޅުފިލުވަމުން ދެއެވެ. ތިންއަހަރު ވީއިރު ލައްކަ ގިނަ ބައްދަލުވުން އޮންނާނީ ބޭއްވިފައެވެ. ގެއަށްދާން ހިނގައިގަންނަމުން ރަމީޒު ބުނެލިއެވެ. އަބަދަކު މިހާދަންވަރު އަތިރިމަތީގައި އެއްތަނެއްގައި ބައްދަލުވެ އުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. "ނުފެންނަ ކިތައްމެ ލޮލަކަށް" ފެނުމަކީ ދުރުކަމެއްނޫނެވެ. ދޯ ޖަމީލާ. ޖަމީލާ ހިނިތުންވެލާފައި އަދިކިރިޔާދޯ ރަމީޒަށް ތިވިސްނުނީ. ކޮންމެރެއަކު މައިންބަފައިންނަށް ވަގަށް ސިއްރުން މިގޮތަށް ރަށުތެރޭ އުޅުމަކީ ކުރާހިތްވާކަމެއް ނޫނެވެ. މިނޫން ގޮތެއް މިކަމުގައި ހޯދޭނެއެވެ. ދެކުދިންނަށް މިކުރެވެނީ އެހާރަގަނޅު ކަމެއްނޫންކަން ވިސްނި ގޮތެއްކަޑައެޅުމަށް ނިންމިއެވެ. ޖަމީލާމެންގެ ގޭ ހިތިމާގެއަށް ރަމީޒު ކޮންމެރެއަކު ދާގޮތަށެވެ. މައިންބަފައިންގެ ހުއްދަ ހޯދާނަމެވެ. އެއިރުން އެމީހުންގެ ކުރިމަތީގައި ދެމީހުންނަށް ތިބެވޭނެނޫންހެއްޔެވެ؟ އެއިރުން އެމީހުންގެ ހިތުގައިވެސް އެއްވެސް ޝައްކުކަމެއް ނޯންނާނެއެވެ. މިއީ ރަނގަޅުގޮތެއްދޯ ރަމީޒު؟ ޖަމީލާގެ މިހުށަހެޅުމަށް ރަމީޒު އެއްބަސްވެއެވެ. މަންމަމެންގެ ރުހުން ހޯދުމަށްފަހު އަންގާލާނަމެވެ. މިގޮތް ރަގަނޅުކަމުގައި ފެނި އެގޮތަށް އެއްބަސްވިއެވެ. އެހާދަންވަރު އަތިރިމަތީ ހޮޅުއަށީގައި ތިބުމަށްވުރެ މިގޮތް މާރަގަނޅުވާނެއެވެ. ތިންއަހަރު ފަހުން ދެކުދިން މިއެއްބަސްވި އެއްބަސްވުވަކީ ހަޔާތަށް އެޅުނު ހަރުދަނާ ބިންގަލެކެވެ. މިގޮތަށް އަމަލުކުރުން އޮތީ ޖަމީލާގެ މައިންބަފައިންގެ ހުއްދަ ލިބުމުންނެވެ.

ދެކުދިންނަށް ކުޑަނަމަވެސް ބްރޭކެއް ލިބުނީއެވެ. އޭގެ އެއްމަސްފަހެވެ. ރަމީޒު އޮތީ އޭނަގެ ގޭގައެވެ.

ރޭގަނޑުގެ ވަގުތެކެވެ. ނިދަންއުޅެއުޅެ ރަމީޒަކަށް ނުނިދުނެވެ. މިވީ އެއްމަސް ދުވަހުގެ ތެރޭ ރަމީޒުގެ ހާލަކީ އެއީއެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ކުރިން އެހުރިހާ ރޭތަކެއްގައި ބައްދަލުކުރި މަންޒިލުން ބައްދަލުނުވެވި އެއްމަސްވެ ދިއުމުން ރަމީޒުގެ ހާސްވުމާއި އުއްމީދު ފަޑުވުމުން ހިތްނުތަނަވަސްވަނީއެވެ. މިއީ ތަބީޢަތުގައިވެސް ވެދާނެކަމެކެވެ. ހަމައެރޭގެ އެވަގުތެވެ. ގޭގެ އަސްކަނިދޮށުގައި ރަމީޒު ހުރީ ބޭރު ބަލަހައްޓައިގެންނެވެ. މަންމަ ހަލީމާ ބައެއްފަހަރު ގޮވާފަ އެތެރެއަށް ވަނުމަށް އަންގައެވެ. ނަމަވެސް ނިދި ނާންނާތީވެ ރަމީޒު މަޑުކޮށްގެންހުރީއެވެ. ބާރަގަޑި ފަނަރަވީއެވެ. ރަމީޒު ކުޑަކޮށް ތާއްޔާ ޖެހުނެވެ. އެވަގުތު ކައިރީން މީހަކު ދިޔަހެން ހީވެގެން ދެލޯ ފުހެލާފައި ބަލާލިއެވެ. އެވަގުތު ރަމީޒަށް ފެނުނީ ޖަމީލާއެވެ.

އަހާ! ޖަމީލާ ތިޔައައީތަ؟ މަންމަމެންގެ ބަހަކީ ކޮބައިތަ؟

ޖަމީލާ: އަހަރެން މިއައީ އެޚަބަރު ދޭން. އުފާވެރިކަންހުރި ދެން ދަންވަރު ހޮޅުއަށި މަންޒިލަށް ދާކަށްނުޖެހޭނެ. ގޭގެ ފެންޑާމުގައި ތިބެގެން ދައްކަން ބޭނުން ވާހަކައެއް ދެއްކިދާނެ. މަންމަމެންނަށް ސިއްރުން ތަންތަނަށް ދާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ މާދަމާރޭ ނުވައެއްޖަހާއިރު ރަމީޒު ބަލާ އަހަރެން އަންނާނަމެވެ. ފުރަތަމަ ފަހަރު އަހަރެން ވަރަށް ލަދުގަންނާނެއެވެ. ފަހަރެއްގައި މަންމަމެން ނުރުހިދާނެއެވެ.

ރަމީޒު ބުނެލިއެވެ. ޙޫ.... މީނާ ހާދަ ފިނޑިއޭ..... ނުކެރިހުރެ ހާސިލްކުރެވޭނީ ކޯއްޗެއް. އަވަހަށް އަހަރެންނާއެކު ގެއާއިހަމައަށް ހިނގާށެވެ. ހިތިމާގޭ ދޮރާށިކައިރިއަށް ދެވުނުތަނާ ޖަމީލާ ވަދެއްޖެއެވެ. މާދަމާރޭ ނުވައެއް ޖަހާއިރު ބަލާ އަންނާނަމެވެ. ނަމަވެސް މީހުންގެ ލޯތަކަށް ސިއްރުވާން ޖެހޭނެއެވެ. މީހުންގެ "ވިހަލޯތަކަކީ ސިހުރަށްވުރެ ނުބައި އެއްޗެކެވެ." ޖަމީލާ ބުނެލިއެވެ.

ޖަމީލާގެ މަންމަ ކައްދާމަނިކަށް ޖަމީލާ މިޚަބަރު ކިޔާދިނެވެ. މަންމަ ދެބަހެއްނުވެ ރުހިއްޖެއެވެ.

ރަމީޒުގެ އިންތިޒާރުގެ ވަގުތު ކުޑަތަންވަނީއެވެ. ނުވައެއްޖަހަން ކައިރިވުމުން ރަމީޒު ދޮރާށިކައިރިއަށް ނުކުމެ މަޑުކޮށްފިއެވެ. ރަމީޒުގެ މަންމަ ހަލީމާ ދަރިފުޅުކޮބާތޯ ބަލާލިއެވެ. ދޮރާށިކައިރީގައި ހުއްޓާ ފެނުމުން، ދަރިފުޅާ ކޮންތާކަށްދާންތަ ތިއުޅެނީ؟ ރައްޓެއްސެއްގެ ގެއަށް ދާން މިއުޅެނީ. ރަމީޒު ބުނެލިއެވެ. އަހަރެން ބަލާ އެމަންޖެ އެބައާދޭ. ރަމީޒު މިހެންބުނުމުން މަންމައަށް ރަމީޒުގެ ރައްޓެހި އަންހެން ކުއްޖަކު އުޅޭކަން ޔަގީންވިއެވެ. ދަރިފުޅުގެ ބައިވެރިޔާ ކަމަށްވެސް ވެދާނެއެވެ. މަންމަގެ ހިތަށް މިހެންއެރުމުން، ދަރިފުޅު އެހާލަސްނުވެ އަންނާތިއޭ ބުންޏެވެ.

މަންމަމެން ދެން ނިދިޔަސް ހެޔޮ އަހަރެން އައިސް އޮށޯންނާނަން. ރަމީޒު މިހެންބުނުމުން މަންމަ އެތެރެއަށް ވަދެއްޖެއެވެ. ރަމީޒު މަގުމަތި ބަލައިލިއިރު ޖަމީލާ އެބައާދެއެވެ. ގިނަވާހަކަތަކެއް ނުދައްކާ އަވަހަށް ހިނގާށޭ ބުނެ ދެކުދިން އެކުގައިގޮސް ހިތިމާގެއަށް ވަންއިރު ޖަމީލާގެ މަންމަ (ކައްދާމަނިކެ) ހުއްޓެވެ. މަންމަ ތިއީތަ ދަރިފުޅު ގެންނަން ބުނި ކުއްޖަކީ. ލައްބަ މަންމާ. ކަމުނުދަނީދޯ. ނޫން ދަރިފުޅާ ތިއީ ދޯޅަނބުގޭ ހަލީމާގެ ރަމީޒު. ތިއީ ވަރަށް ހެޔޮލަފާ ރަގަނޅު ކުއްޖެކެވެ. ރަމީޒުގެ މަންމައަކީ ވެސް މަންމަގެ ގާތް އެކުވެރިއެކެވެ. ރަމީޒު ދުވަހަކުވެސް މިގެއަކަށްނާދޭ ދޯ ރަމީޒު. ލައްބަ ދައްތާ، މިއީ ފުރަތަމަ ފަހަރު. އެއިރު ޖަމީލާގެ ބައްޕަ ސުލައިމާނު މެދުއުނދޯލީގައި ދުންގަނޑު ބޯލަބޯލާ އޮތެވެ. އެވަގުތު ރަމީޒުއަށް ގޮވާލިއެވެ. ރަމީޒު އައިސްބަލަ ސުލައިމާނުބެ ކައިރިއަށް އައިސް އުނދޯލީގައި އިށީދެބަލަ. އެވަގުތު ރަމީޒު ސުލޭމާނުބެ ކައިރީގައި އިށީދެލިއެވެ. ތިއީ މިގޯތި ޖަމީލާގެ ރައްޓެހި ކުއްޖަކަށް ވުމުން ލަދުގަންނާކަށް ނުޖެހޭނެއެވެ. މިއީ ޖަމީލާގެ ގެއެވެ. އޭނާއާއިއެކު މިގެއަށް އަންނާނީވެސް މިގޭ ކުއްޖެކެވެ. އަދި އެނޫނަސް ތިއީ ދޯޅަބުގޭ ހުސައިނުގެ ރަމީޒުއެވެ. އެއީ އަހަރުމެންގެ ވަރަށް ގާތް ބަޔެކެވެ. ސުލައިމާނުބެ ބުނެލިއެވެ. ނަމަވެސް ރަމީޒަކަށް އެކަމެއް ނޭނގެއެވެ. އުނދޯލީގައި ގަނބުވެފައިވާކަހަލަ ގޮތަކަށް އިންދާ ސުލައިމާނު އާއި ކައްދާމަނިކެ ނިދަން ވަދެއްޖެއެވެ.

ދެކުދިން އެކަނިވީއެވެ. ހަމަހިމޭންކަން މުޅިގެއަށް ވެރިވެއްޖެއެވެ. ފުޅިބައްތީގެ އަލިކަމެއް ނޫނީ އެއްވެސް އަލިކަމެއް ނެތެވެ. ޖަހާފާހުރި ދުންމަޅީގެ ދުމުން މަދިރިން ސަލާމަތްވެއެވެ. ހަމަ ސާބަހޭ، އަދިވެސް ގަނބުވެފައިހެއްޔެވެ. ޖަމީލާ ރަމީޒުގެ ބޮލުގައި އަތްހާއްކާލަމުން ބުނެލިއެވެ. އުހު، ނޫން ރަމީޒު ބުނެލިއެވެ. މިއީ "އަހަރުމެންގެ ގެ ދޯ ޖަމީލާ. ރަމީޒު ސަމާސާ ރާގުގައި ބުނެލިއެވެ. ޖަމީލާ ބުންޏެވެ. އުއްމީދު ކޮށްލާ މިދެގޭ އެއްގެއަކަށްވެސް ވެދާނެއެވެ. މިގޮތަށް ދެކުދީން ތަފާތު އެކިވާހަކަ ދައްކަމުން ދާއިރު ދައުރުވަމުންދާ ރޭގަނޑު އޭގެ ވަގުތު ފަހަތަށް ދޫކުރަމުންދާކަމެއް މިދެކުދީންނަކަށް އިހުސާސް ނުވެއެވެ. ކުއްލިއަކަށް ބަންގާޅު ބޮޑުގަޑިން ޓިންޓިން ކިޔާފަ ޖެހޭ އަޑު އިވިއްޖެއެވެ. އެއީ ބާރަޖެހި އަޑެވެ. ދަންވެސް ވެއްޖެދޯ. ރަމީޒު ބުނެލިއެވެ. ދެން މިއައުން ތަކުރާރު ވާނެއެވެ. މިރޭ ދެން ނިދަންދަނީ. ރަމީޒުގެ މިޖުމްލައަށް ޖަމީލާ އިންކާރެއް ނުކުރެއެވެ. އެންމެ ރަނގަޅު. މާދަމާ ރެއަށް ފުރުސަތުދެމުން ރަމީޒު ހިތިމާގެއިން ނުކުތްއިރު ހިމަފޮދުވާރޭ ވެހެމުންދަނީ އެވެ.

ހިތިމާގެއާއި ތިންސަތޭކަވަރަކަށް ފޫޓް ދުރުގައި ހުރި ދޯޅަނބުގެއަށް ދާން ރަމީޒު ނުކުތީ ވާރެއާއި އަނދިރިކަމުގެ ތެރޭގައެވެ. ކުރިމަތިންވެސް އަދި ފަހަތުންވެސް އެއްވެސް ތަނެއް ނުފެނެއެވެ. އެހާވެސް އަނދިރިއެވެ. ރަމީޒު ކުޑަކޮށް ޖެހިލުންވެހުރެ ވަރަށް މަޑުމަޑުން ކުރިޔަށްދެއެވެ. ތެމިފޯވެއްޖެއެވެ. ތަންކޮޅަކަށް ދެވުނުތަނާ އަންހެންކުއްޖަކު ހީލިއަޑު އިވިއްޖެއެވެ. އެވަގުތު ރަމީޒު ވަރަށް ބިރުގަނެއްޖެއެވެ. މުޅިގައިން ހީބިހި ނަގައިފިއެވެ. ކައިރިން މީހަކު ހިނގާހެން ހީވެ ކުރިޔަށްދިއުން މަޑުޖައްސާލިއެވެ. މިހާރު ދާންވީކޮޅެއްވެސް ރަމީޒަށް ނޭނގުނެވެ. އެހާވެސް އަނދިރިވެފައި ބިރުވެރިއެވެ. ތެމިފަހުރުމުން ހީކަރުވަނީއެވެ. ކޮންތާކަށްތަ ތިދަނީ.؟ އަންހެންކުއްޖަކު ބުނެލިއެވެ. އަހަރެން މިދަނީ ގެއަށް. މިއޮތް އަނދިރީގައި ތިއީ ކޮންކުއްޖެއްތަ؟ އަހަރެންނަކީ ވަކިމަންޒިލެއްނެތި ދަތުރުކުރަމުންދާ ކުއްޖަކީމެވެ. އަހަންނަކަށް އަނދިރިއެއް ނޫނެވެ. އަދި އަހަރެންގެ ގަޔަކަށް ވާރޭވެސް ނުވެހެއެވެ. މިއަންހެންކުއްޖާ މިހެންބުނުމުން ރަމީޒުގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެއަންހެންކުއްޖާއަށް މިކަން އިހުސާސްވުމުން ބުނެލިއެވެ. ރަމީޒު ބިރުނުގަނޭ. ރަމީޒު ދާން ބޭނުންވަނީ ދޯޅަބުގެއަކަށް ނޫންހެއްޔެވެ. ގެންގޮސްދީފާނަމެވެ. އަހަންނަކީ ކާކުކަން އޮޅުންފިލުވަން އަދި ނޫޅޭށެވެ. އެހެންބުނުމާއެކު ރަމީޒު ގެއަށް ގެންގޮސްދިނެވެ. ރަމީޒު ގޭގެ ދޮރުހުޅުވާފަ ބައްތި ހިފައިގެން އައިސް އެއީ ކޮންކުއްޖެއްތޯ ބަލަން އުޅުނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ރަމީޒު ތެމިފަހުރި ފޭރާން ބޭލުމަށްފަހު ސޯޓްބުރިއެއް ލުމަށްފަހު ނިދަން އޮށޯތެވެ. އެއީ ކާކުކަން ނޭނގުމުން ވަރަށް ހައިރާންވިއެވެ. އެއީ އަނެއްކާ މިރަށު ކުއްޖެއްބާ.؟ ނޫނީ ހަންޑިކުއްޖެއް ހެއްޔެވެ. ތަފާތު ޚިޔާލުތަކާއި ވަހުންތަކުގެތެރޭ އޮވެ ދޭއްޖެހިއިރު ރަމީޒަށް ނިދިއްޖެއެވެ. ހޭލެވުނީ ހެނދުނު އަށެއްޖެހިފަހުން މަންމަ ގޮވީމައެވެ. ރޭގަ ހިނގި ހާދިސާގެ ވާހަކަ މަންމައަށް ކިޔާދޭން އުޅުމުން އެވާހަކަ ހަނދާންނެތިއްޖެއެވެ.

އެރެއަށްފަހު ރަމީޒުގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހުރެއެވެ. ކާކުކަންނޭނގޭ ކުއްޖަކު ވާރޭގެ ތެރެއިން ދިމާވިފަހުން ތިންމަސްވީއެވެ. ނަމަވެސް ބިރުވެރިކަމެއް ނުކެނޑެއެވެ. އަބަދުވެސް ހީވަނީ ކޮންމެވެސް އެއްޗެއް ސިކުނޑިއަށް ސަވާރުވެ އުޅޭހެންނެވެ. ޖަމީލާމެން ގެއަށް ދާހިތެއްވެސް ނުވެއެވެ. ދެކުދިން އެކަކު އަނެކަކާއި ބައްދަލުވަނީ ވަރަށް މަދުންނެވެ. މިވީގޮތެއް ނޭނގި ޖަމީލާމެންގެ ގޭގެ މީހުންވެސް ޖަމީލާ އާއި ސުވާލު ކުރިއެވެ. ޖަމީލާގެ ޖަވާބަކީ ރަމީޒަށް ވީގޮތެއް ނޭނގޭކަމަށެވެ. ދޯޅަނބުގޭ ހަލީމާ ބުނަނީ ރަމީޒު ބޮލެއްގެރިއްސާ ވާހަކައެވެ. މިކަމެއްގެތެރޭ އުޅޭތާ ތިންމަހެއްހާ ދުވަސްވެއްޖެއެވެ. ކޮންމެރެއަކުވެސް ޖަމީލާ ރަމީޒުމެންގެ ގެއަށް މަންމައާއެކު ގޮސްއުޅެއެވެ.

މިގޮތަށް އަހަރު ދުވަސް ފާއިތުވެދިއުމަށްފަހު އެއްރޭ އިރާކޮޅެވެ. ރަމީޒު މަޑުމަޑުން ގެއިން ނުކުމެ އޭނަގެ މަންޒިލާއި ދިމާއަށް މިސްރާބުޖެހިއެވެ. ރަމީޒުގެ މަންމަ ހީކުރީ އޭނަ އެދަނީ ޖަމީލާމެންގެ ގެއަށް ކަމަށެވެ. ރަމީޒުގެ ހިތުގަ އޮތީ އެގެއަށް ދާށެވެ. ނަމަވެސް މިދެވެނީ އެހެންދިމާލަކަށެވެ. އަތިރިއާއި ހަމައަށް އާދެވުނުތަނާ ރަމީޒަށް ފެނުނީ ޖަމީލާއެވެ. ކުރީގެ ރޭތަކަށްވުރެ މާރީތިކޮށެވެ. ހުރީ ރަތްކުލައިގެ ހެދުމެއްގައެވެ. އިސްތަށިގަނޑު ހުރީ ދެފަޅިއަށް ގަތާފައެވެ. ރަމީޒު ޖަމީލާގެ އަތުގައި ހިފައިގެންގޮސް އޭނަގެ ހޮޅުއަށި މަންޒިލުގައި މަޑުކޮށްފިއެވެ. ޖަމީލާއަށް އަހަރެން މިތަނަށް އަންނަކަން އެނގުނީ ކިހިނެއްތަ؟

ޖަމީލާ: މިރޭ ރަމީޒު ކޮންޓްރޯލް ކުރަނީ އަހަރެންނެވެ. އަހަރެން ބޭނުންގޮތަކަށް ރަމީޒަށް ހަދާލެވިދާނެއެވެ.

ޖަމީލާގެ ބަސްމަގު ހުރިގޮތުން ރަމީޒަށް ޝައްކުވެއެޖެއެވެ. "މިއީ އަނެއްކާ ޖަމީލާ ބާވައެވެ. ނޫނީ އެހެން ކުއްޖެއްހެއްޔެވެ.؟

ހާނ! މިއީ އެހެންކުއްޖެކެވެ. ޖަމީލާއާއި ވައްތަރުވީމަދޯ ތިވަހުން ތިއުފެދުނީ. ކުރިންވެސް އަދި މިހާރުވެސް އަހަރެންނަކީ ޖަމީލާއެއް ނޫނެވެ. މިއީ ރަށުތެރޭ، އަދި ހޭޅިފަށުގައި ދިރިއުޅޭ އަންހެނަކީމެވެ. ދުވާލު މީހަކަށް އަހަރެން ނުފެންނާނެއެވެ. ރޭގަނޑު ބައެއްފަހަރު ބައެއް މީހުނަށް ފެންނާނެއެވެ. އެއީވެސް މަދުފަހަރެއްގައެވެ. އެވާރޭ ވެހުނު ރެއަކީ ރަމީޒަށް އަހަރެންގެ އަޑުއިވުނު ރެއެވެ. މިރޭ ތިފެނުނީއެވެ. މިވަރުން އަހަންނަކީ ކާކުކަން އެނގޭނެއެވެ. ހިތިމާގެއަށް ދާ ގަޑިޖެހިގެން ޖަމީލާ މިހާރު ރަމީޒު ހޯދަން އެދަނީއެވެ. ރަމީޒު ވަރަށް ބިރުން އިނދެފައި އެންމެރަނގަޅު އަހަރެން މިދަނީ ގެއަށް. ތިއީ އިންސާނެއް ނޫން. ތިއީ ޖަމީލާގެ ސިފާގައިހުރި ހަންޑިއެއް...

އަހަރެން ރަމީޒަކަށް ގޯނާއެއް ނުކުރާނަން. އެކަމަކު ކޮންމެ ހަނދުމަހެއްގެ 27 ވަނަ ރޭ މިތަނުން އަހަންނާއި ބައްދަލުވާނެކަމަށް ވަޢުދުވޭ. ރަމީޒު ބޭނުންވަނީ މީނަކުރެން ސަލާމަތްވާށެވެ. އެހެންވެ އެއްބަސްވިއެވެ. ބިރުންހުރެ ރަމީޒު ގެއަށްވަދެ އެނދުގައި އޮށޯތުމުން ނިދިއްޖެވެ. އެއިރު ދިހަގަޑިބައިވީއެވެ.

އޭގެފަހުގައި ރަމީޒަށް ފެނިގެންދިޔައީ ހުވަފެނީ ހަޔާތެކެވެ. ވަރަށްބިރުވެރި އެއްޗަކާއި އޮޅުލަނީއެވެ. ނިދާފަ އޮވެގެން ވާހަކަ ދައްކަނީއެވެ. ގައިގެ އެކިތަންތާގައި ތަޅާއަޑުވެސް އިވެއެވެ. މަންމަ ހީކުރީ ޖަމީލާއާއި ރަމީޒު ޒުވާބުކުރަނީ ކަމަށެވެ. އެހެންވެ ބާރުއަޑަކުން ބުންޏެވެ. 

މަންމަ: ރަމީޒު، ޖަމީލާއާއި ޒުވާބު ނުކުރާށެވެ. އެހެން ބުނިއަޑަށް ރަމީޒަށް ހޭލެވިއްޖެއެވެ. މަންމަ ކޮބާތޯ ޖަމީލާ. ޖަމީލާ މިގެއަށް ނުވައްދާތި. އޭނަ އުޅެނީ އަހަރެން ހޭޅިފަށަށް ގެންދަން. ރަމީޒު ހީކުރީ ހޮޅުއަށިން ފެނުނު ޖަމީލާ ކަމަށެވެ. ނޫން ދަރިފުޅާ އެޖަމީލާ ދަރިފުޅު އެފަދަތާކަށް ނުގެންދާނެ. މަންމަ ބުނެލިއެވެ.

މަންމާ މިރޭ ޖަމީލާ މިގެއަށް ނާދޭތަ؟ ރަމީޒު މިހެންބުމުން މަންމަ ބުންޏެވެ. ދަރިފު ދިޔައީ ޖަމީލާ މެންގެ ގެއަކަށް ނޫންތަ؟ އާނ މަންމާ އަހަރެން ދިޔައީ ޖަމީލާމެންގެ ގެއަށް. އެކަމަކު ދެވުނީ ހޭޅިފަށުގައި ހުރި ހޮޅުއަށްޓަށް. ނޭނގޭ ވީނުވީގޮތެއް. ދެންފެނުނީ ރަތްހެދުމެއްލައިގެން ހުރި ޖަމީލާއެއް. ފަހުންއެނގުނު އެއީ ހިތިމާގޭ ޖަމީލާ ނޫންކަން. އެއީ ޖަމީލާގެ ސިފަޖެހިގެން ހުރި އެހެންއެއްޗެއް. މަންމަ އަހަރެން ބިރުގަނޭ. ނުކެރޭނެ ޖަމީލާމެންގެ ގެއަށް ދާން. ރަމީޒުގެ މިވާހަކަތަކަށްފަހު މަންމައަށް ވިސްނުނީ ދަރިފުޅާއި ކޮންމެވެސް އެއްޗެއް އަވަލައިގެން އުޅޭކަމަށެވެ. ޖެހިގެންއައި ދުވަހު މަންމަ މުދިންބޭ ކައިރިއަށްގޮސް ކުށުވެރިކަމަށް ފެންކިޔަވާފައި ފެންވެރުވުމުން ރަމީޒުގެ އަސްލުހާލަތަށް އައިސްފިއެވެ. އޭގެފަހަކުން ހަންޑީގެ އުދަގުލެއް ރަމީޒަކަށް ނުފެނެއެވެ. އޭގެފަހުގައި އަސްލު ޖަމީލާއާއި ރަމީޒު އުފާފާގަތިކަމުގައި އުޅެންފަށައިފިއެވެ.

 

ނޯޓް: މިއީ ރ. އިންނަމާދޫ އަލީ ޝަމީމު ލިއުއްވި އެވޭލާ ވާހަކަ ފޮތުން ނަކަލު ކުރެވުނު ވާހަކައެކެވެ. ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ.

+1
5
+1
19
+1
4
+1
35
+1
11
+1
9
+1
1

Advertisement

ގުޅުންހުރި ލިޔުންތައް