November 22, 2024 21:36
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އަރުހަމް އާއި ދޮންކެޔޮ

އަރުހަމް އަކީ ވަރަށް ކުޅިވަރު ކުޅޭ ހިތްވާ ކުއްޖެކެވެ.

އަރުހަމް ކިޔަވަނީ ގްރޭޑް 7 ގައެވެ. ސްކޫލުގެ ފަރާތުން ބާއްވާ އެކި ކުޅިވަރު މުބާރާތްތަކުގައި ވެސް އަރުހަމް ބައިވެރިވެއެވެ.

އެކަމަކު ހުންނަނީ ކުޑަކޮށް ފަލަކޮށް ޗަބީ ކޮންނެވެ. އަރުހަމް އަށް ފޮނި ބާވަތްތައް ވަރަށް މީރެވެ.

Advertisement

މައިލޯ އާއި ކިރު އޮލަކޮށް ގިރައިގެން އައިސް ކްރީމް ކާގޮތަށް ސަމުސަލުން ވެސް އަރުހަމް ވަރަށް ގިނައިން ކައެވެ.

ދޮންކެޔޮ ކާއިރުވެސް އަރުހަމް ކާނީ ގެރިކިރާއި އެއްކޮށްގެންނެވެ.

އަރުހަމްގެ މަންމަ ޝާފިޔާ ވަރަށް ގިނަ ވައްތަރުތަކުގެ މޭވާ ގަނެއެވެ.

ޚާއްސަކޮށް ކާކޮންމެ ގަޑިއެއްގައި ދޮންކެޔޮ ހުންނާނެއެވެ.

އެއްދުވަހަކު އަރުހަމް ސުކޫލުން އައިސް ބަތް ކައި ނިމިގެން ދޮންކެޔޮ ކުދިކުދިކޮށް ކޮށަން ފެށި ތަނާ ދޮންކެޔޮ ވައް އަރުހަމް އަށް ބުންޏެވެ.

ދޮންކެޔޮ: އަރުހަމް! އަހަރެން ތިޔަހާ ހިމުންކޮށް ތޫނުވަޅިއަކުން ތިޔަކޮށަނީ ކީއްކުރަންތަ؟

އަރުހަމް: މިއުޅެނީ ގެރިކިރާއި އެއްކޮށްގެން ކާން.

ދޮންކެޔޮ: އަހަރެން ތިޔަހާ ތޫނުވަޅިއަކުން ކުދިކޮށް ކޮށީމާ ހާދަހާ ތަދެއްވެސް ވެއޭ .

އަރުހަމް: އެކަމަކު ކިރާއި ރަނގަޅަށް އެއްވާނީ ހިމުންކޮށް ކޮށީމައެއްނު .

ދޮންކެޔޮ: އަހަރެންގެ ތޮށި ނޮޅާލައިގެން ހުހަށް ކާލީމާ މާ ފައިދާ ހުންނާނެ.

އަރުހަމް: އެކަމަކު އަހަރެންނަށް މީރީ ކިރު އެއްކުރީމަ.

ދޮންކެޔޮ: އެހެންވެގެންނޭ އަރުހަމް ޗަބީކޮށް ތިޔަހުންނަނީ. ކުޅޭ އިރުވެސް މޮޅުވާނީ ފިޓް ކޮށް ތިބޭ ކުދިން.

އަރުހަމް: އެހެންދޯ! އަރުހަމް ވަރަށް ބޭނުމޭ. ސުކޫލުން ބާއްވާ ކުޅިވަރު މުބާރާތްތަކުން ވެސް ވަނަތައް ހޯދަން.

ދޮންކެޔޮ: އެކަމަކު ތަންކޮޅެއް ހިކިލައިގެން ފިޓް ނުވަންޏާ ކިހިނެތްތަ! މޮޅުވާނީ. އަބަދު ތިޔަކަނީ މައިލޯ އާއި ކިރު ގިރައިގެން. އަނބެއް ދޮންކޭލެއް ކާލިޔަސް ކިރާއެއްކޮށްގެން ހައްތަހާ ވާނީ ފަލައެއްނޫންތަ؟

އަރުހަމް: އަރުހަމް ބޭނުން ވަރަށް ފިޓްކޮށް ހުންނަން. މީގެ ފަހުން ދޮންކޭލާއި އަނބު ކާއިރު ކިރު އެއްނުކުރާނަން. އަދި ފަލަވާ ފާޑުގެ އެއްޗިއްސެއްވެސް ނުކާނަން.

ދެން އޭގެ ފަހުން އަރުހަމް ދޮންކޭލާއި އަނބުވެސް ކަނީ ކިރު ނާޅައެވެ.

އަދި ފަލަވާ ފާޑުގެ ބާވަތްތައްވެސް ނުކައެވެ.

އަރުހަމަކީ ކުޅިވަރު ކުޅޭ ކުއްޖަކަށް ވާތީ ވަރަށް އަވަހަށް އަރުހަމް ހިކި ފިޓް ވެއްޖެއެވެ.

އަދި ސުކޫލުން ބާއްވާ ކުޅިވަރު މުބާރާތްތަކުންވެސް އަރުހަމަށް ވަނަ ލިބެންފެށިއެވެ.

+1
0
+1
5
+1
7
+1
1
+1
1
+1
4
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް