November 24, 2024 06:21
Advertisement

-Advertisement-

ބިރުވެރިވާހަކަ: އެރެއަށްފަހު (ސޯޅަވަނަބައި)

އުފަލުން ފޮޅިފައިހުރި ނައުފަލް ބޭނުންވީ ރީމާގެ އާއިލާއަށް ސަޕްރައިޒެއްގެ ގޮތުގައި މި ޚަބަރު ދޭށެވެ. ރީމާވެސް ބޭނުންވީ ހަމަ އެގޮތެވެ. ޑޮކްޓަރަށް ދައްކާ ނިމުމާއި އެކު ދެމީހުންވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ކޮންމެވެސް ކަހަލަ ކަމެއް ގޭތެރޭގައި ބާއްވާލާފައި މަންމަމެންނަށް އެޚަބަރު ދިނުމަށެވެ. ބައްޕަ ގޭގައި ނޫޅޭ ވަގުތު ބަލާފައި ގެއަށް ދިޔައީވެސް އެވާހަކަ އަކީ ސަޕްރައިޒެއްގެ ގޮތުގައި ބޭއްވުށެވެ.

"ހާދަހާ އުފާވެފައޭ" ރީމާގެއަށް ވަންތަން ފެނުމުން އެވަގުތު ގޭގައި އުޅުނު ތިމާގެ ކުއްޖެއްކަމަށްވާ ނީނާ ބުނެލިއެވެ.

ނީނާ އަކީ ރީމާ އާއި ދެބެންގެ ދެދަރި ކުއްޖެކެވެ. ދުވާލުގެ ގިނަވަގުތުތައް ހޭދަ ކުރަނީ ރީމާމެންގެ ގޭގައެވެ. ރީމާ އާއި ތިމާގެ ވުމުގެ އިތުރަށް ސްކޫލް ދައުރުން ފެށިގެންވެސް ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ.

Advertisement

"މިއުޅެނީ މިގޭ މީހުންނަށް ސަޕްރައިޒެއް ދޭން. އެއްވެސް މީހެއްގެ ގާތުގައި ނުބުނާތި" ރީމާ އެވާހަކަ ސިއްރު ކޮއްދޭން އެދުމުން އެކަމަށް އެއްބަސް ވުމުގެ ގޮތުން ނީނާ ބޯ ޖަހައިލިއެވެ.

"ދެން މަގޭ ގާތުގައި ބުނެބަލަ ތިވާހަކަ" ނީނާ ހުރީ އެވާހަކަ އަޑުއަހަން ކެތް ނުވެފައެވެ.

"އަހަރެން ބަނޑުބޮޑު" ރީމާ ގޮސް ނީނާގެ ގައިގައި ބައްދައިލިއެވެ.

ނީނާ އެންމެ ސިކުންތަކަށްވެސް މަޑުކޮއްލާކަށް ބޭނުމެއް ނޫނެވެ. ވަގުތުން މަސައްކަތް ފެށިއެވެ. ގޭތެރެ ކުޑަކޮށް ރީތި ކޮއްލުމުގައެވެ. ރީމާގެ ބައްޕަމެން ގެއަށް އަންނަންވާއިރަށް ގޭތެރެ ނިންމާލެވުނީ ހަމަ ކިރިޔާއެވެ. ސިޓިންގރޫމްގެ ދޮރު ހުޅުވައި އެތެރެއަށް ވަނީ ބައްޕައެވެ. ފަހަތުން މަންމަވެސް ބޮޑު ކޮތަޅެއް ހިފައިގެން ވަނެވެ. ހީވަނީ ދެމީހުން ބާޒާރު ކޮއްލައިގެން އައިހެންނެވެ.

"މިއީ ކޮންކަމެއް. ބަޔަކު އަންނަނީތަ" ރީމާގެ ބައްޕަ ސުވާލު ކުރިއެވެ.

"އަޅުގަނޑު. އަޅުގަނޑު..." ރީމާއަށް ރޮވެން ފެށުނެވެ.

"ކިހިނެއްވީ. ބުނެބަލަ" ރީމާގެ ބައްޕަ އައިސް ރީމާގެ އަތުގައި ހިފެހެއްޓިއެވެ.

"އަޅުގަނޑު ބަނޑުބޮޑު" ރީމާ އުފަލުން ގޮސް ބައްޕަ އާއި މަންމަގެ ގައިގައި ބައްދައިލިއެވެ.

"އަޅުގަނޑު ބޭނުންވީ ބައްޕައަށް ސަޕްރައިޒެއް ދޭން" ރީމާ ބުނެލިއެވެ.

ރީމާ ގޮވައިގެން ގޮސް ބައްޕަ އިށީނީ ނައުފަލްގެ ގާތުގައި ސޯފާގައެވެ. އެމީހުންގެ ގާތުގައި ރީމާގެ އަތުގައި ފިރުމާލަ ފިރުމާލާ މަންމަ އިނީ ވަރަށް އުފަލުންނެވެ. އެމީހުން އުއްމީދު ކުރަމުން އައި ދުވަސް ބައްދަލު ކުރީއެވެ. މޭޒުމަތީގައި ނީނާ ތައްޔާރު ކޮއްފައި ހުރި ތަކެތިން ކާ އެތިކޮޅެއް ރީމާ މަންމަ އާއި ބައްޕަގެ އަނގަޔަށް ލައްވަމުން ދިޔައިރު ހުރީ އުފަލުން ފޮޅިފައެވެ.

ބަނޑުބޮޑުވި ފަހުން ރީމާ އަށް ގިނަފަހަރު ކޮޅަކަށް ނުހުރެވެއެވެ. ހޮޑުލުން އެހާމެ ގިނައެވެ. އަމުދުން ކާއެއްޗެއް ކައިފިއްޔާ އެހާ ގިނައިން ހޮޑުލައެވެ. ވަރުބަލި ވުމުގެ ސަބަބުން ގިނަފަހަރަށް އޮންނަން ޖެހެނީ އެނދުގައެވެ. ރިމާ އަށް ޖެހޭ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ކުރަނީ މަންމައެވެ. ނައުފަލް ދުވާލު ގަޑީގައި ވަޒީފާގައި އުޅުނު ނަމަވެސް ކިރިޔާ ވަގުތެއް ލިބޭއިރަށް ގެއަށް އައިސް ރީމާގެ ގާތުގައި މަޑުކޮއްލައެވެ. ނައުފަލްގެ އެހީތެރިކަން ފެނިފައި ރީމާގެ އާއިލާގެ މެންބަރުންވެސް ތިބެނީ ވަރަށް އުފަލުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު އެމީހުން ތިބީ ކެތްތެރިކަން ކުޑަވެފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަވަހަށެވެ. ރީމާގެ ބަނޑަށްވެސް ދުވަސް ފުރި ވިހަން ގާތްވަމުން ދިޔައިރު ގޭތެރެގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ވަނީ ތައްޔާރު ކޮއްފައެވެ. ގެއަށް އަލަށް އަންނަ މެހެމާނަށް މަރުހަބާ ކިޔުމަށް މުޅި އާއިލާ އޮތީ ތައްޔާރުވެފައެވެ.

ރީމާގެ ބަނޑުގައި ރިއްސަން ފެށީއްސުރެ އާއިލާ ތިބީ ސިއްޚީމަރުކަޒުގައެވެ. ޑޮކްޓަރުންނާއި ނަރުހުން ރީމާގެ ކަންތައް ބެލެހެއްޓުމުގައި އުޅުނެވެ. ނައުފަލްވެސް ރީމާގެ ގާތުގައި ހުރުމަށް ފަހު ބޭރަށް ނިކުމެލީ ސައިތައްޓެއް ބޯލާށެވެ. ބޭރުގައި ބިލާލްވެސް ހުރުމުން އޭނާ އާއި އެކީ ސައި ބޯލުމަށެވެ. ސިއްޚީމަރުކަޒުގެ ކުރިމަތީގައި ހުރި ހޮޓަލަށް ދެމީހުންވެސް ވަނީ އެކީގައެވެ. ވަރުބަލި ވެފައިވާކަން ނައުފަލްގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. ނަމަވެސް ގެއަށް ނުގޮސްވެސް މަޑުކުރީ ރީމާ އެކަނި ބާއްވާފައި ގެއަށް ދާން ބޭނުން ނުވާތީއެވެ. ސައިބޯން ގެނައި ހެދިކާތައް މޭޒުމަތީގައި ބެހެއްޓީ ބިލާލް އެވެ. ބިލާލްގެ ފަހަތުން ނައުފަލްވެސް އައިސް ގޮނޑީގައި އިށީނދެ ސައިތަށި ނެގިތަނާހެން ފޯނު ރިންގްވާން ފެށިއެވެ. އަދި އެފޯނަށް ޖަވާބު ދިނުމަށްފަހު އުފަލުން ހަޅޭލަވައިގަތެވެ.

"ކޮބާ ވިހެއީދޯ. ކޮންގްރާ" ބިލާލް ނައުފަލަށް މަރުހަބާ ކިޔެއެވެ.

ނައުފަލް ދުއްވައިގަތީ ސިއްޚީމަރުކަޒާއި ދިމާލަށެވެ. ބިލާލް މަޑުކޮއްލީ ބިލް ދައްކާފައި ދިއުމަށެވެ. މިއަދު ބިލް ދައްކަން ބޭނުންވީވެސް ބިލާލެވެ. ނައުފަލަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.

ނައުފަލް ދުވެފައި ގޮސް ސިއްޚީމަރުކަޒަށް ވަންއިރު އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ މަންޒަރު ފެންނަމުން ދިޔައެވެ.

"މަރުހަބާ.މަރުހަބާ" ކޮންމެ މީހަކު ވެސް ނައުފަލަށް މަރުހަބާ ކިޔަމުން ދިޔައެވެ.

"ތިކަހަލަ ބޯއިއެއް" ނައުފަލް އާއި ސަލާމް ކުރުމަށްފަހު ރީމާގެ ބައްޕަ ބުނެލިއެވެ.

ނައުފަލް ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ކުރިމަތީގައި ރީމާ އާއި ދަރިފުޅު އޮތެވެ. ނައުފަލް ގޮސް ރީމާގެ ގައިގައި ބައްދައިލިއެވެ.

"ތިކަހަލަ ބޯއިއެއް. ބައްޕައޭ ކިޔާފައި ދެން ގޮވާ އަޑު ނުކެނޑޭނެ ގޭތެރެއިން" ރީމާ ނައުފަލް އަތުގައި ހިފައިލިއެވެ. ނައުފަލް ގޮސް ދަރިފުޅުގެ ކޮލުގައި އަތް ޖައްސައިލިއެވެ. ދަރިފުޅު އޮތީ ނިދިފައެވެ.

"ކިހާ ލޯބި ބޭބީއެއް" ނައުފަލް އެހެން ބުނެލިއިރު އޭނަގެ އުފާވެރިކަން ފާޅުވަމުން ދިޔައެވެ.

ބިލާލް ގެއަށް އައީ ނައުފަލަށް ދަރިއެއް ލިބުނު ވާހަކަ ބުނެލުމަށެވެ. އެއުފާވެރިކަމުގައި ބިލާލްގެ ދެމަފިރިން ބައިވެރިވެލުމުގެ ގޮތުންނެވެ. ނަމަވެސް މިގަޑީގައި އެތަނަށް ދިއުމަށް ވުރެން ފަހުން ހަމަޖެހިލާފައި އަދި ރީމާ ގެއަށް ދޫކޮއްލުމުން އެގެއަށް ދިއުން މާރަނގަޅުވާނެކަމަށް ފެންނާތީއެވެ. ބިލާލް ގެއަށް އައި ވަގުތަކީ ރީޝާވެސް ބަދިގޭގައި އަވަދިނެތި އުޅެމުންދިޔަ ގަޑިއެކެވެ. ރީޝާ ފެނުމާއިއެކު ބިލާލް ގޮސް ރީޝާގެ ގާތަށް ހުއްޓުނެވެ.

"ކާންވީނު" ބިލާލް ފެނުމުން ރީޝާ ބުނެލިއެވެ.

"މިއައީ ގޮތެއް ހަދާލައިގެން. ނައުފަލަށް ބައްޕައޭ ކިޔާފައި ގޮވާލައިފި" ބިލާލް ހޭން ފެށިއެވެ.

"ވިހެއީތަ. ކޮންކަހަލަ ކުއްޖެއް" ރީޝާ ބިލާލްގެ އަތުގައި ހިފެހެއްޓިއެވެ.

"ބޯއީއެއް. އެކަމަކު އަދި ނުދެކެން. އެމީހުން ހަމައަކަށް އެޅިލީމަ ދާނަމޭ ހިތާ މިއައީވެސް. އެކަމަކު ނައުފަލާއި ދިމާވި" ބިލާލް ބުނެލިއެވެ.

"އެންމެންވެސް ވިހަނީ. ވިހަނީ. ދެން އަހަންނޯ" ރީޝާ ނައުފަލްގެ އުނަގަނޑުގައި ބައްދައިލިއެވެ.

"ހަމަ ވިހަންވީ. އެކަމަކު އަހަރެމެންވެސް ހަމައަކަށް އެޅުނީމަ ދޯ. ރީމާ އެއީ ވަރަށް ލާރި ހުރިބައެއް. އެމީހުންނަށް ކޮންމެ ކަމެއްވެސް ވަގުތުން ވާނެ" ރީޝާ ހަމަޖައްސާލުމުގެ ގޮތުން ބިލާލް ބުނެލިއެވެ. ރީޝާ އަބަދުވެސް ދަރިއެއް ބޭނުންވެގެން އެވާހަކަ ހުއްޓައިނުލާ ދައްކަމުން ދެއެވެ. ނަމަވެސް އެކަމުގައި އުޒުރު ދައްކަނީ ބިލާލެވެ. އަބަދުވެސް އަތްމަތި ދަތި ވާހަކައެވެ. ހަމަޖެހިލައިގެން ދަރިން ހޯދީމާ މާ ރަނގަޅު ވާނެ ވާހަކައެވެ.

"ދެން ނުކަންޏާ ހިނގާ ދާން. އަހަރެން މި ހުންނަނީ ވަރަށް މީރުކޮށް ކާން ހަދައިގެން" ރީޝާ ބިލާލް ގޮވައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ހިތްހަމަ ނުޖެހިފައި ހުއްޓަސް އެކަމުން ބިލާލަށް އެއްވެސް އަސަރެއް ކުރާކަށް ރީޝާ ބޭނުމެއް ނޫނެވެ.

ގަޑިން ހަވީރު ހަތަރެއް ޖެހިއިރުވެސް ބިލާލްވީ ގިފިލީގައެވެ. ލަސްވެގެން ރީޝާ ދެތިން ފަހަރަކަށް ގޮވައިލިއެވެ. ކޮންމެ ފަހަރަކުވެސް ގޮވާލާ އިރަށް މި ނިކުންނަނީއޭ ބުނެއެވެ. ނަމަވެސް އެހެން ކިޔާތާ މިހާރު ވަރަށް ގިނައިރުވީއެވެ. މިއަދަކީ ރީމާ ވިހެއިތާ ތިންވަނަ ދުވަހެވެ. އެގެއަށް ދާން ބިލާލް ތައްޔާރުވާން ފެށިތާ މިހާރު ކޮންއިރެއް ހެއްޔެވެ. ރީޝާ ކޮޓަރި ތެރޭގައި ލަސްވެގެން ހުއްޓާ ބިލާލް ތެޅިފޮޅެމުން އައިސް ކޮޓަރިއަށް ވަނެވެ.

"މާލަސްވެއްޖެ ދޯ" ރީޝާ އެއްޗެކޭ ބުނެލުމުގެ ކުރިން ބިލާލް ބުނެލިއެވެ. ރީޝާ ހިތްހަމަ ނުޖެހިފައިވާހެން ހީވާތީއެވެ.

"ދެންވެސް އަވަސް ކޮއްލަބަލަ" ރީޝާ ހުރީ ލަސްވެފައެވެ.

އަވަސްކޮއްލައިގެން ދެމީހުން ނިކުތީ ރީމާމެންގެ ގެއަށް ދާށެވެ. ދެމީހުން އަތު ގުޅާލައިގެން މަގުގެ އެއްފަރާތުންވެސް ހިނގަމުން ދިޔައެވެ. މަގުގައި އެހާ ގިނަބަޔަކު ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި ގޮސް ރީމާމެންގެ ގޯތިތެރެއަށް ވަންއިރު ގޯތިތެރޭގައި އެ އާއިލާގެ ގިނަބަޔަކު ތިއްބެވެ. ހަވީރުގެ ގަޑިއަށް ވުމުން އެމީހުން ތިބީ ސައިގެ ކަންތަކުގައެވެ. އެމީހުންގެ ތެރެއިން ނައުފަލަށް ބިލާލްމެން ފެނުމުން އައިސް ބިލާލްމެންނަށް މަރުހަބާ ކިޔެވެ.

"ސައިބޯނީ ފަހުންދޯ. ފުރަތަމަ ހިނގާ ދަރިފުޅާއި އަންހެނުންނާއި ބައްދަލުކޮއްލަން" ނައުފަލް ބިލާލްމެން ގޮވައިގެން ދިޔައީ ރީމާ އާއި ބައްދަލުކޮއްލުމަށް ގޭތެރެއަށެވެ. ގޭތެރޭގައިވެސް ކޮންމެވެސް ވަރަކަށް މީހުން އުޅުނެވެ. އެންމެންގެ ތެރެއިންވެސް ބިލާލްގެ ލޮލުގައި އަޅައިގަތީ ކުރިން މިރަށަށް އައި ފަންޑިތަވެރިޔާއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
2
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް