އެޗް.ޕީ.ވީ ވައިރަސް އަކީ ކޮބާ؟
- ހިޔުމަން ޕެޕިލޯމާ ވައިރަސް (އެޗް.ޕީ.ވީ) އަކީ އާންމުކޮށް ޖިންސީ ގުޅުމުން ގައިންގަޔަށް އަރާ ވައިރަސް އެކެވެ. މި ވައިރަސްގެ ބައެއް ވައްތަރުތަކަކީ ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އަނގަޔާ، ކަރުތެރެޔާ، ނޭފަތުގެ އެތެރެ، ކުރިމަތިފަރާތް އަދި ފުރަގަސްފަރާތު ދޮރަށް ކެންސަރު ޖެހުމަށް މަގުފަހި ކޮށްދޭ ވައިރަސް އެކެވެ.
- އެޗް.ޕީ.ވީ އަކީ އެއް ވައްތަރަކަށް ނިސްބަތްވާ ގުރޫޕެއްގެ ވައިރަސް ތަކަކަށް ކިޔޭ ނަމެކެވެ. މިއީ ސަތޭކަޔަށްވުރެ ގިނަ އަދަދަކަށް ނިސްބަތްވާ ތަފާތު ވައިރަސް ތަކެކެވެ.
- ގިނަފަހަރު މި ވައިރަސް ހަށިގަނޑުގައި އަށަގަތުމަށްފަހު ބަލީގެ އަލާމާތެއް ނެތި، ހަށިގަނޑުގެ ދިފާއީ ނިޒާމުން، ބައްޔަކަށް ބަދަލުނުވެ ފިލުވާލައެވެ. ނަމަވެސް "ތަކުރާރުކޮށް" މި ވައިރަސް ހަށިގަނޑުގައި އަށަގަންނަނަމަ ރަހިމުގެ ދޮރުގެ ބައްޔަށް މަގުތަނަވަސް ވެއެވެ.
- ކުރިންވެސް ލިޔެވިދިޔަ ފަދައިން، އެޗް.ޕީ.ވީގެ ބައެއް ވައްތަރު ތަކަކީ "ހައި ރިސްކް" (އެޗް.ޕީ.ވީ ސްޓްރެއިން 16،18،31،45..) ވައިރަސް ތަކެކެވެ. ސަބަބަކީ މި ވައްތަރުތައް ކެންސަރ ބައްޔަށް މަގުފަހި ކޮށްދޭތީ އެވެ.
- ގާތްގަނޑަކަށް ރަހިމުގެ ދޮރަށް ޖެހޭ ހުރިހާ ކެންސަރަކީ (%99.7)، މި ހައިރިސްކް ވައިރަސް ސްޓްރެއިން ތަކުގެ އިންފެކްޝަނުން ޖައްސައިދޭ ބައްޔެކެވެ. (އެން.އެޗް.އެސްގެ ތަފާސްހިސާބު 2018)
- ވަރަށް ގިނަ ވައްތަރުގެ އެޗް.ޕީ.ވީ އަކީ އަނގަ، ކަރުތެރެ، އަދި ޖިންސީ ގުނަވަނާއި ފުރަގަސްފަރާތު ދޮރުގައި ފަސޭހައިން އަށަގަންނަ އެއްޗެކެވެ.
ބަލިން ރައްކާތެރިވުމަށް ވެކްސިންގެ މުހިއްމުކަން:
ފަހުގެ ދިރާސާ:
މީގެ ދިހަ އަހަރު ކުރިން، އެޗް.ޕީ.ވީ ވެކްސިން ބައެއް ގައުމުތަކުގައި ތައާރަފް ކުރެވިފައި ވެއެވެ. މިކަމުގެ ތަހުލީލީ މާހިރުން އޭރު އެއްބަސްވެ ގަބޫލުކުރި ގޮތުގައި ތައާރަފް ކުރެވުނު ވެކްސިންގެ ސަބަބުން މުހިންމު "ހައިރިސްކް ދެ ސްޓްރެއިން 16، 18" ނައްތާލާނެއެވެ. މިއީ ގާތްގަނޑަކަށް އަށްޑިހަ ޕަސެންޓް، ކެންސަރަށް ވާރުތަވުމުގެ ކުރީ މަރްހަލާއެއްގެ ބަލީގެ ވާހަކައެވެ.
ނަމަވެސް ރަނގަޅު ޚަބަރަކީ މި ވެކްސިންގެ ސަބަބުން އިތުރު 3 "ސްޓްރޭން" އެއް ވެސް ނައްތާލައެވެ.
އަދި އެންމެ މުހިންމުކަމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ކުރިން އަންނަ ބަދަލުތައް ފެނުން ނުވަދިހަ ޕަސެންޓް (%90) އަށް މަދުވެގެން ދިއުމެވެ.
(ސްކޮޓްލެންޑްގެ ދިހަ އަހަރުގެ ދިރާސާ މައުލޫމާތުގެ ތެރެއިން، މި ގައުމަކީ ދުނިޔޭގައި އެންމެ ފުރަތަމަ ތާވަލު ކުރެވިގެން އެޗް.ޕީ.ވީ ވެކްސިން ދޭން ފެށުނު އެއްގައުމެވެ).
މި ދިރާސާއިން ލިބުނު އަނެއް މުހިންމު މައުލޫމާތަކީ އެ ގައުމުތަކުގައި ވެކްސިން ނުކޮށް ތިބި އަންހެނުންގެ ތެރެއިން ވެސް ރަހިމުގެ ދޮރަށް ޖެހޭ ބަލި (ކެންސަރަށް ބަދަލުވުމުގެ ކުރީ މަރުހަލާ) މަދުވިކަމެވެ. (ހާރޑް އިމިއުނިޓީ).
މަތީގައި ބަޔާން ކުރެވުނެ ފަދައިން މިވެކްސިން ވަނީ ރައްކާތެރިކަމާއެކު ދުނިޔޭގެ އެކިހިސާބުތަކުގައި ދިހަ އަހަރު ބޭނުން ކުރެވިފައެވެ.
ފަހުބަސް
ދުނިޔޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ކޮންމެ މިނެޓަކު އެއްފަހަރަކު ދުނިޔޭގައި ރަހިމުގެ ދޮރުގެ ކެންސަރ އަށް ޑައިގްނޯސް ކުރެވެއެވެ.
ކޮންމެ ދެ މިނެޓަކުން މި ބަލީގައި އަންހެނަކު ނިޔާވެއެވެ.
އަހަރަކު ތިންލައްކަ އަށްވުރެ ގިނަ އަންހެނުން މި ބަލީގައި ނިޔާވެއެވެ. (ގްލޯބޯކެން2018).
މަތީގައި ބަޔާން ކުރެވުނު ދިރާސާތަކުގެ މައުލޫމާތުގެ އަލީގައި، މިވެކްސިން އަކީ މިފަދަ ބޮޑުބައްޔަކުން ރައްކާތެރި ވުމަށް އެޅެންހުރި މުހިންމު ފިޔަވަޅެއްކަން ހިތުގެ އަޑިން ގަބޫލު ކުރުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.
އަދި މިވެކްސިން ވަނީ ރައްކާތެރިކަމާއެކު ދުނިޔޭގެ އެކިހިސާބުތަކުގައި ދިހަ އަހަރު ބޭނުން ކުރެވިފައެވެ.
ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.