ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލައިފައިވާ 'މަންމައާއި ކުޑަދަރިފުޅު' ފޮތުގައި ވަނީ ވަރަށް މުހިންމު މައުލޫމާތުތަކެއް ހިމަނައިފައެވެ. މިފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރިފުޅަށް ދެއަހަރު ފުރުމަށްފަހު ދޭން އެންމެ އެދެވިގެންވަނީ ހޯލް މިލްކްގެ ބަދަލުގައި ސަރުބީ މަދު (ލޯފެޓް) ކިރެވެ.
ޕެކެޓް ޖޫހާއި ފިޒީ ބުއިންތައް އަދި އެކި ރަހަ އެކުލެވޭގޮތަށް ހަދާފައި ހުންނަ ޕެކެޓް ކިރު ކުޑަކުދިންނަށް ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. މިއީ ގިނައިން ހަކުރު އެކުލެވިގެންވާ ތައްޔާރީ ބުއިންތަކެކެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ދިފާޢީ ބާރު ދަށްކޮށްދީ، މާބޮޑަށް ފަލަވުމަށް މަގުފަހިކޮށްދީ ދަރިފުޅު ކަންކަމަށް ސަމާލުކަންދޭ މިންވަރު ކުޑަވެއެވެ.
" އުޅުމަށާއި ދަސްކުރުމުގެ ޤާބިލްކަމަށް ނުރަނގަޅު އަސަރުކުރުވާ. ދަރިފުޅަކީ ތޫނުފިލި ދުޅަހެޔޮ ސިއްހަތެއްގެ ކުއްޖަކަށް ހެދުމަށް ފައިދާހުރި ބުއިންތައް އިޚްތިޔާރު ކުރުން މުހިންމު. މިފަދަ ބުއިންތައް ދިންކަމުގައިވިއަސް ދޭންވާނީ ވީހާވެސް މަދުން" މަންމައާއި ކުޑަދަރިފުޅު ފޮތުގައި ފާހަގަކޮށްފައިވެއެވެ.
އަދި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ދަރިފުޅަށް ދޭނަމަ އެދަރިފުޅުގެ ދަތްފަނި ކެއުމުގެ ފުރުސަތު ބޮޑުވެއެވެ.
ދަރިފުޅަށް ދޭނަމަ ދޭންވީ ތާޒާމޭވާގެ ޖޫހެވެ. ޕެކެޓް ޖޫސް ދޭނަމަ ހަކުރު ނާޅާ ހުންނަ 100 އިންސައްތަ ޖޫސް ޚިޔާރުކުރާށެވެ. މިފަދަ ޖޫހެއް ނޫންނަމަ ގިނައިން ފެންއަޅައިގެން ޕެކެޓް ޖޫހުގައިވާ ހަކުރުގެ މިންވަރު މަދުކުރެވިދާނެއެވެ. މިސާލަކަށް ޖޯޑުގެ ތިންބައިކުޅަ އެއްބަޔަށް ޖޫސް އެޅުމަށްފަހު އަނެއްބަޔަށް ފެން އަޅާނީއެވެ.
ސައި، ކޮފީ، ކޯލާ ނުވަތަ އެހެނިހެން ކެފެއިން ހިމެނޭ ބުއިންތައް ކުޑަކުދިންނަށް ދިނުން ރަނގަޅެއް ނޫނެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ކާނާގައި ހިމެނޭ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު މަދުވެ ލޭ މަދުވުމަށް މަގުފަހިވުމުގެ އިތުރުން ކެލްސިއަމް މިންވަރު މަދުވެއެވެ.
" ސްޕޯޓްސް ޑްރިންކްތަކާއި ހަކަތަލިބޭ ފަދަ އެނަރޖީ ޑްރިންކްތައް އޮޅުވާނުލާ. އެނާރޖީ ޑްރިންކްތަކުގައި ވަރަށް ގިނަ އަދަދަކަށް ކެފެއިން ހިމެނިފައިވޭ. ކެފެއިން އަކީ ކުޑަކުދިންގެ ސިއްހަތަށް ނުރަނގަޅު އެއްޗަކަށް ވުމުގެ އިތުރުން އެފަދަ ބުއިންތަކުން ހަށިގަނޑުގެ ހަކަތަ ކުއްލިއަކަށް އިތުރުވެ އެހާމެއަވަހަށް ހަށިގަނޑުން ހަކަތަ ނެތިގެންދާގޮތް މެދުވެރިވޭ". މަންމައާއި ކުޑަދަރިފުޅު ފޮތުގައި ފާހަގަކޮށްފައިވެއެވެ.
ހަށިގަނޑަށް ގެއްލުންހުރި ކާނާ ކެއުމަށް ދަރިފުޅު އެދުނަސް އެކަމަށް އިޖާބަ ނުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅުގެ ސިއްހަތާއި މެދު ވިސްނާ ފައިދާހުރި ކާނާ ދިނުމަށް އިސްކަންދޭށެވެ.