September 20, 2024 14:54
Advertisement

-Advertisement-

ޤިޔާމަތް ދުވަހުން ތިބާއަށްޓަކައި ޝަފާޢަތްތެރި ވާނެ ފަދަ ރަހުމަތްތެރިން އިޚްތިޔާރުކުރޭ

ރަހުމަތްތެރިންނަކީ ވަރަށް މުހިންމު ބައެކެވެ. ޚާއްޞަ ބައެކެވެ. އަހަރުމެންގެ ޙަޔާތުގެ މުހިންމު ދައުރެއް އަދާ ކުރަނީ ރަހުމަތްތެރިންނެވެ. އަހަރެމެން އިޚްތިޔާރު ކުރާ ރަހުމަތްތެރިންގެ ސަބަބުން ދިރިއުޅުމަށް އަސަރު ކުރެއެވެ. ރަނގަޅު ރަޙުމަތްތެރިންގެ ސަބަބުން ރަނގަޅު އަސަރެވެ. އަދި ގޯސް ރަހުމަތްތެރިންނާއި އެކު އުޅުމުން ނުބައި އަސަރެވެ.  

ރަނގަޅު ރަޙުމަތްތެރިން އިޚްތިޔާރު ކުރުމަށް އިސްލާމްދީން ބާރު އަޅައެވެ. ރަނގަޅު ރަހުމަތްތެރިންނަކީ ކޮބައި ހެއްޔެވެ؟ ރަނގަޅު ރަހުމަތްތެރިންގެ ސިފަތަކަކީ ކޮބައި ހެއްޔެވެ؟ ރަނގަޅު ރަހުމަތްތެރިންނަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަ މީހުންނެވެ. ފާފަތަކުން ދުރުހެލިވެގެން ތިބޭ މީހުންނެވެ. ވައްކަން ނުކުރާ މީހުންނެވެ. ޒިނޭ ނުކުރާ މީހުންނެވެ. ރާ ނުބޯ މީހުންނެވެ. އަދި ދޫ ރައްކައުތެރިކޮށް ދީނުގެ ޙައްޤުތަކަށް ރައްކައުތެރިވެގެން ތިބޭ މީހުންނީ ރަނގަޅު ރަހުމަތްތެރިންނެވެ. ރަނގަޅު ރަހުމަތްތެރިން ތެދުވެރިވާނެއެވެ. ޙައްޤު ބަސް ބުނާނެއެވެ. މާތްﷲ އަށް ބިރުވެތިވާނެއެވެ. ހެޔޮ ކަންކަން ކުރުމަށް ނަސޭހަތްތެރިވާނެއެވެ. އަދި ނަސޭހަތް އަޑު އަހައި އެކަން ޤަބޫލުވެސް ކުރާނެއެވެ. ރިވެތި އަޚްލާޤުން ޒީނަތްތެރިވާނީވެސް ރަނގަޅު މީހުންނެވެ.

ރަނގަޅު ރަހްމަތްތެރިންގެ ދޫ ނުބައި ބަސްތަކުން ސާފުވާނެއެވެ. އެ މީހުންގެ ދުލުން ނިކުންނާނީ ހެޔޮބަހެވެ. މަލާމަތްކޮށް ފުރައްސާރަ ނުކުރާނެއެވެ. ހަޑި ހުތުރު ބަސްތައް ބޭނުމެއް ނުކުރާނެއެވެ. ތިބާގެ ސިއްރުތަކަށް ރައްކައުތެރިވާނެއެވެ. ގެއްލުމެއް ނުދޭނެއެވެ. އޭނާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮގޮތް ތިބާއަށްވުމަށް އެދޭނެއެވެ. ތިބާއަށް ތެދުވެރިވެ ވަފާތެރިވާނެއެވެ.

Advertisement

ރަނގަޅު ރަހުމަތްތެރިން އިޚްތިޔާރު ކުރުމުން އުފާވެރިކަން ލިބިގެންދެއެވެ. ހިތްދަތިވާ ވަގުތުގައި އެހީތެރިކަން ލިބިގެންދެއެވެ. އެމީހުންގެ ފަރާތުން ރަނގަޅު ނަސޭހަތާއި އިރުޝާދު ލިބެއެވެ. ޤިޔާމަތް ދުވަހުން ތިބާއާއި އެކުގައިވަނީވެސް ތަޤްވާވެރި ރަހުމަތްތެރިންނެވެ. ތިބާއާއެކު ނަމާދަށް ގޮސް އުޅުނު ރަނގަޅު ރަހުމަތްތެރިންނެވެ. ހެޔޮ މަގު ދައްކާ އުޅުނު މީހުންނެވެ. ނަމަވެސް، ދުނިޔޭގައި ތިބާއާއެކުވީ ގޯސް ރަހުމަތްތެރިން ތިބާ ދޫކޮށްދެއެވެ. ގޯސް މަގު ދައްކާ، އެމަގުން ދިއުމަށް އިރުޝާދު ދިން ރަހުމަތްތެރިޔާގެ ޚަބަރެއް އެދުވަހުން ނުވެއެވެ. ތިބާ އަށް ރައްކައުތެރިކަން ދިނުމަށް އެ ރަހުމަތްތެރިޔާ މަސައްކަތެއް ނުކުރެއެވެ. މިކަން ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ " (ޒުޚުރުފް 67). "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤްވާ ވެރިން މެނުވީއެވެ."

ރަނގަޅު ރަހުމަތްތެރިޔާ ވާގިވެރިވާނީ ހެޔޮކަންކަން ކުރުމަށެވެ. ކޮންމެ ތަނެއްގައި އުޅުނު ނަމަވެސް ދީނުގެ ކަންކަން ކުރުމަށް ނަސޭހަތްތެރިވެއެވެ. އެފަދަ ރަހުމަތްތެރިންގެ ސަބަބުން ނަމާދު ފަދަ މުހިންމު އަޅުކަންތަކަށް ފަރުވާތެރިވެއެވެ. ޙަރާމް ކަމަކަށް އަރައިގަނެވިދާނެ ފަދަ ކަންކަމުން ދުރުކުރުމަށް މަސައްކަތް ކުރެއެވެ. އެއީ ޙައްޤަށް ވަޞިއްޔަތް ކުރާ ރަހުމަތްތެރިންނެވެ. އަދި ހަލާކުގެ ތެރެއަށް ވެއްޓުނަނުދީ ހިފަހައްޓައިދެނީ އެފަދަ ހަރުދަނާ ތަޤްވާވެރި ރަހުމަތްތެރިންނެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާން ވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ." (އަލްޢަޞްރު)

ޙަޤީޤި ހާދިސާއެކެވެ. ސްކޫލުގައި އުޅުނުއިރު އެކުގައި ކިޔަވަން އުޅުނު ހުރިހައި ރަޙުމަތްތެރިން ބައްދަލު ކުރުމަށް ނިންމިއެވެ. މި ބައްދަލު ކުރުން އޮތީ ހުޅުމާލޭގައި އުޅޭ ރަހުމަތްތެރިއެއްގެ ގޭގައެވެ. އެ ގެއަށް ދިއުމަށް ދެ ރަހުމަތްތެރިން ނިންމިއެވެ. ދާނެ ވަގުތެއް ކަނޑައެޅުމަށް އެތަނުން ރަހުމަތްތެރިއަކު އަނެއް ރަހުމަތްތެރިޔާއަށް ގުޅިއެވެ. ރަހުމަތްތެރިޔާ ބުންޏެވެ. އަހަރެމެން ގެއިން ނިކުންނާނީ 3 ޖަހާއިރުއެވެ. އަދި ފުރަތަމަ ދާނީ މިސްކިތަށެވެ. އެގެއަށް ދާނީ ޢަޞްރު ނަމާދު ކޮށްގެންނެވެ. ކޮންފަދަ ރަހުމަތްތެރިކަމެއް ހެއްޔެވެ. ކޮންމެ ތަނަކަށް ދިޔަސް ނަމާދު ކުރެވޭނެ ގޮތަކާއި މެދު ވިސްނިއެވެ. އަދި އެކަމުގެ ސަބަބުން ދެވަނަ ރަހުމަތްތެރިޔާއަށް ނަމާދު ކުރުމަށް ބާރަކަށްވެސް ވިއެވެ. އެފަދަ ރަހުމަތްތެރިކަމެއްގައި ބަރަކާތް ލައްވާނެއެވެ.

ރަނގަޅު ރަހުމަތްތެރިންގެ ސަބަބުން މަންފާ ކުރަނީ ދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް އެފަދަ ރަހުމަތްތެރިންގެ ފައިދާ ކުރެއެވެ. އެއީ ތިބާ މަރުވުމަށްފަހުވެސް، ތިބާއަށްޓަކައި ހެޔޮ ދުޢާކުރުމުގެ ސަބަބުންނެވެ. ރަނގަޅު ރަހުމަތްތެރިން ތިބާގެ ފާފަ ފުއްސެވުމަށް އެދޭނެތެވެ.

ޙަޤީޤީ އެކުވެރިންނަކީ ކޮބައިކަމާއިމެދު ވިސްނާލަން ޖެހެއެވެ. ދުނިޔޭގައި އިންސާނުން އުޅޭއިރު އެކި ކަންކަމުގައި ވަގުތު ހޭދަ ކުރެއެވެ. އަދި އެކި ކަންކަމުގައިވެސް ވަގުތު ހޭދަ ކުރެއެވެ. އަދި އަހަރެމެންގެ ޙަޔާތުގެ ގިނަ ވަގުތު ދެވޭ އެއްބަޔަކީ ރަޙުމަތްތެރިންނެވެ. މި ރަހުމަތްތެރިންގެ ތެރެއިން ޤިޔާމަތް ދުވަހުން ތިބާއަށް މަންފާއެއް ކުރާނީ އީމާނުގެ އަހުލުވެރިންގެ ފަރާތުންނެވެ. މާތްﷲ އަށް އީމާންވެގެންތިބި ރަނގަޅު ރަޙުމަތްތެރިންގެ ކިބައިންނެވެ. އެކަލާނގެއަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރި ރަޙުމަތްތެރިންގެ ކިބައިންނެވެ. ދުނިޔަވީ ހަޔާތުގައާއި އުޚްރަވީ ޙަޔާތުގައިވެސް އަޅަމެންގެ ދިފާއުގައި މަސައްކަތްކުރާނެ ބަޔަކީ މިބުނި ރަޙުމަތްތެރިންނެވެ. އީމާނުގެ އަހުލުވެރިން ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވެއްދެވުނީމައި އެހިސާބުން އެމީހުންގެ ކަންބޮޑުވުން ނުފިލައެވެ. އެ ކަންބޮޑުވުން ނުފިލާ ސަބަބަކީ އޭނާއާއެކު ނަމާދުކޮށް އުޅުނު، އޭނާގެ އަނެއް ރަޙުމަތްތެރިޔާ ނަރަކައަށް ދިއުމުންނެވެ.

أبو سعيد الخدريގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "މުއުމިނުން ނަރަކައިން މިންޖުވުމުން، ތިބާގެ ދިފާޢުގައި ދުނިޔޭގައި މަސައްކަތްކުރާ ވަރަށްވުރެ މާބޮޑަށް ޤިޔާމަތް ދުވަހުން އީމާނުގެ އަހުލުވެރިން އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެބައިމީހުންގެ އަޚުންގެ ތެރެއިން ނަރަކައަށް ދިޔަ މީހުން ސަލާމަތް ކުރުމަށްޓަކައި މާބޮޑަށް މަސައްކަތް ކުރެއެވެ. އެބައިމީހުން ދަންނަވާނެއެވެ. އެބައިމީހުންނަކީ އަހަރެމެންނާއެކު ނަމާދުކޮށް، ރޯދަ ހިފައި ޙައްޖުވެ އުޅުނު މީހުންނެވެ. އިބަރަސްކަލާނގެ އެމީހުން ނަރަކައަށް ވައްދަވައިފިއެވެ. އެހިނދު ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުން ދާށެވެ. އަދި ތިޔަބައިމީހުންގެ އެކުގައި ދެނިފެނިވެ އުޅުން ރަހުމަތްތެރިޔާ ނަރަކައިން ނެރޭށެވެ. " أخرجه النسائي (5010)، وابن ماجه (60)

ރަހުމަތްތެރިންނަކީ މިއީ ނޫންތޯ؟ ދުނިޔޭގައިވެސް ތިބާއަށް ހެޔޮ މަގު ދައްކައި އުޅުނު ފަދައިން އާޚިރަތުގައި ތިބާ ނަރަކައިން މިންޖުކޮށް ދިނުމަށް މާތްﷲ ގެ ޙަޟްރަތުގައި ދަންނަވައެވެ. ތިބާ ރަހުމަތްތެރިންގެ ގޮތުގައި އިޚްތިޔާރުކުރަންވީ އެފަދަ ރަހުމަތްތެރިންނެވެ. އޭރުން ތިބާގެ ދުނިޔެއާއި އާޚިރަތްވެސް ބާއްޖަވެރިވާނެއެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް