މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮ ވިސްނުމުން އެއްކިބާ ކޮށްލާ އެއްޗެއްކަން ކަށަވަރެވެ. މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިޒަމާނުގެ ދިރާސާތަކުން ސާބިތުވެއެވެ.
" މިފަދަ ދިރާސާތަކުން ދައްކާގޮތުގައި ހެރޮއިން އާއި ކޮކޭން ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ސިކުނޑިން ރަނގަޅު ނޫން މެސެޖުތަކެއް ދޭން ފަށާ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ކިބައިން ގިނަފަހަރަށް އާދަޔާޚިލާފު އަމަލުތައް ފެނިގެންދޭ. އަދި ބައެއް ފަހަރަށް ކަންބޮޑުވެ ހާސްވެގެން އަމިއްލައަށް ދަންޖެހި މަރުވާ ހިސާބަށްވެސް ހިނގައިދޭ. މިހެން ދިމާވަނީ މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ ގެއްލުމުން ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވުމުން. މި ގެއްލުމަކީ އަލުން ފޫބެއްދޭވަރުގެ ގެއްލުމެއް ނޫން".
މަސްތުވާތަކެތި ބޭނުންކުރުމުން މީހާގެ ހަށިގަނޑުގައިވާ އެންމެ ކުދި ނާރުތަކަށް ދާންދެން އެކަމުގެ ނުބައި އަސަރު ފޯރައެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލެވުނު ކަމުގައިވިއަސް އޭގެ އަހަރުތަކެއް ފަހުންވެސް އެމީހަކު އެއާ ދިމާއަށް ދިއުމީ އެކަށީގެންވާ ކަމެކެވެ.
މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހާއަށް އެއާ ދުރަށް ދެވޭކަށް ނޯވެއެވެ. އެފަދަ މީހުން ވަނީ ދެވިހިފައި އެއަށް އަޅުވެތިވެފައެވެ.
" ގެއްލުން ލިބެމުންދާއިރު ވެސް މަސްތުވާތަކެއްޗާ ދުރަށް ދިއުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރަމުންދަނީ އަމިއްލަ އަތުން ނަފްސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލުމަށް. އެފަދަ މީހުންނަށް މަސްތުވާތަކެއްޗާ ނުލައި ކާއެއްޗެއް ނުކެވޭމެ. ލޮލަކަށް ނިންޖެއް ނާންނާނެ. ތެދުވެ ހެލިފެލިވެއެއް ނުއުޅެވޭނެ. ކުރުގޮތަކަށް ދަންނަވާނަމަ މަސްތުވާތަކެއްޗާ ނުލައި އެއިން މީހަކަށް ދިރިއެއް ނުއުޅެވޭނެ. ސިކުނޑީގެ ބަދަލުގައި އޭނާ ކޮންޓްރޯލް ކުރާ އެއްޗަކީ މި ނުރައްކާތެރި ވަބާ".
އިސްލާމް ދީން ގޮވާލަނީ މަސްތުވާތަކެތިން ދުރުހެލިވެ އެކަމުން ސަލާމަތްވުމަށެވެ. މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއްކަން ކަށަވަރެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއްނެތް އެތައް ކުދިންނެއް ވަނީ ޔަތީމުވެފައެވެ. އެތައް އަންހެނުންނެއް ވަނީ ހުވަފަތްވެފައެވެ. އެތައް އާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ވަނީ ނިކަމެތިވެފައެވެ.
މައުލޫމާތު: ހުކުރު ޚުތުބާ