November 24, 2024 06:17
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ސަތާރަވަނަބައި)

ބިލާލަށް ފާޑަކަށް ލޯ އަޅައިގެން އިނެވެ. ބިލާލަށް އޭނަ ފެންނަ ކަމަށްވެސް ނުހަދާ ވަދެގެން ދިޔައީއެވެ. ފަހަތުން ރީޝާވެސް ބާރުބާރަށް ހިނގައިގަތީ އެ ފަންޑިތަ ހަދާ މީހާގެ ލޯމަތިން ގެއްލޭތޯއެވެ. ބިލާލްމެން ގޮސް ވަނީ ނައުފަލްމެންގެ ކޮޓަރިއަށެވެ. އެނދުމަތީގައި އެ ކުޑަ ދަރިފުޅު ހެވިފައި އޮތްއިރު ކައިރީގައި ރީމާ އިނެވެ.

"ކޮބާ އަދި ކިރިޔާދޯ ތިދައްކާލީ" ރީމާ ގޮސް ރީޝާ އަތުގައި ހިފައިގެންގޮސް އެނދުގައި ބެއިންދިއެވެ.

"ރަނގަޅު އިރުވަރަކަށް ބަލާފައި މިއައީ" ބިލާލް އަތުގައި ހުރި ހަދިޔާ ރީމާއަށް ދެމުން ހޭންފެށިއެވެ.

Advertisement

ބިލާލްގެ ފަހަތަށް ރީޝާ ގޮސް ވަނީ އެގޭތެރެއިން އޭނާއަށް ބިރުވެރިކަން އިހުސާސް ވާތީއެވެ. ރީޝާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ބިލާލް ހުރީ ވަރަށް ވިސްނައިގެންނެވެ. ނަމަވެސް ރީޝާއަށް ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. އެކަމުގެ އިހުސާސް ބިލާލަށް ވެސް ކުރެވެމުން ދިޔައެވެ. ކޮންމެވެސް ގޮތަކުން އެ މީހާ އެގެއިން ނެރެލެވޭތޯ ބިލާލް ވިސްނިއެވެ. އެކަން ކުރަން އޮތް އެންމެ މޮޅު އެންމެ މަސްލަހަތު އޮތް ގޮތަކީ ކޮބައިތޯ ބިލާލް ވިސްނަމުންދިޔައެވެ. އެންމެފަހުން ބިލާލް ނިންމީ ނައުފަލާއި އެވާހަކަ ދެއްކުމަށެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީވެސް ނައުފަލަށް ވާތީއެވެ. ބިލާލް ގޮސް ނައުފަލާއި އެވަހަކަ ހިއްސާ ކުރިއެވެ. އަދި އެކަމަށް ހައްލެއް ގެނެސް ދިނުމަށް އެދުނެވެ. އެކަމާއި ނައުފަލް ވަގުތުން ފިޔަވަޅު އެޅިއެވެ. ނައުފަލް ބޭރަށް ނިކުތީ އެ ފަންޑިތަ ހަދާ މީހާ އާއި ވާހަކަ ދައްކާ ލުމަށެވެ. ބާރުބާރަށް ބޭރަށް ނިކުތްއިރު އެފަންޑިތަ ހަދާ މީހާ ދޮރާށިން ބޭރަށް ނިކުންނަނީއެވެ. އޭނާގެ ދަރިފުޅު އުރާލައިގެން ހުރިއިރު ކައިރީގައި އޭނަގެ އަންހެނުން ހުއްޓެވެ.

"އޭތް. ރަޝީދޫ މަޑުކޮއްބަލަ" އެފަންޑިތަ ހަދާ މީހާގެ ފަހަތުން ނައުފަލް ބާރަށް ގޮސް އޭނާ އާއި އަރައި ހަމަކުރިއެވެ.

"ކިހިނެއްވީ މާހާސްވެފައި ތިހުރީ" ފަންޑިތަވެރިޔާ ނައުފަލްގެ އަޑަށް އެނބުރި ބަލާލައިފައި ބުނެލިއެވެ.

"ހިނގާބަލަ ދުރަށް. އެބައޮތް ވާހަކައެއް ދައްކާލަން" ނައުފަލް އެހެން ބުނެލުމާއިއެކު ފަންޑިތަ ހަދާ ރަޝީދު ނައުފަލާއި އެކު ދުރަށް ޖެހިލިއެވެ. އެދެމީހުންނަކީ ކުރިންވެސް ރައްޓެހި ގާތް ދެމީހުންނަށް ވާތީ ރަޝީދު ގާތުގައި އެއްވެސް ވާހަކައެއް ބުނެލަން ނައުފަލް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެއެވެ.

"ބިލާލްގެ އަންހެނުންނަށް ތިވަރަށް ނުބަލަބަލަ" ނައުފަލް ހުރީ ވަރަށް ސީރިއަށް ވެފައެވެ.

"އަނެއްކާ އަހަންނަށް ހިތް ކީތަ. އެކަމަކު އެއީ ވަރަށް ތަފާތު ކުއްޖެއް. ހީވަނީ ޖިންނި ކުއްޖެއްހެން" ފަންޑިތަ ހަދާ ރަޝީދު ހޭނެފެށިއެވެ.

"އެކަމަކު ވެސް އޭނައަށް ކަމެއް ނުކުރާތި" ނައުފަލް އާދޭސް ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ.

"އެހެންވީމާ އެއީ ޖިންނި ކުއްޖެއްދޯ. އަހަރެންނަށް ފުރަތަމަ ފެނިލުމުންވެސް ޝައްކުވެއްޖެ" ރަޝީދުވެސް ސީރިއަސްވިއެވެ.

"އާން. އެކަން ސިއްރުކޮއްލަދީ. އަދި އޭނައަށް އެއްވެސް ގެއްލުމެއް ނުދީ. އޭނާގެ ފިރިމީހާ އަކީ އަހަރެންގެ ވަރަށް ގާތް މީހެއް" ނައުފަލް އާދޭސް ކުރަން ފެށިއެވެ.

"ދެން އަހަންނަށް......" ނައުފަލް ކުރުކޮއްލިއެވެ.

"ރަޝީދު ބުނިއެއްޗެއް ބުނި ވަރަކަށް ދޭނަން" ނައުފަލްގެ ހުށަހެޅުން ހުށަހެޅިއެވެ.

"އޯކޭ. ކިހާވަރެއް. މިހާރު ތިއީ ލާރި ހުރި މީހެއް. އަދި ލިބޭވެސް މީހެއް" ރަޝީދު ބޭނުންވީ އެކަމަށްވެސް އަގެއް ކިޔުމަށެވެ.

"ބުނިވަރެއް. އެކަމަކު އެހާ ބޮޑުކޮށް ނުކިޔާތި" ނައުފަލް ހޭންފެށިއެވެ.

ދެމީހުންގެ ޑީލް ނިންމައިލީ އެކަކު އަނެކަކަށް ކުރާ އިތުބާރަށްޓަކައެވެ. ނައުފަލް ބޭނުންވަނީ ރީޝާ އަކީ ޖިންނި ކުއްޖެއްކަން އެއްވެސް މީހަކަށް ނޭންގުމަށެވެ. ސަބަބަކީ އެކަން އެހެން ވެއްޖެނަމަ ނައުފަލަށް ވެސް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައެވެ. އެކަން ނައުފަލް ވަނީ ތަޖުރިބާ ކޮއްފައެވެ. އަމުދުން މިހާރު އެކަހަލަ ކަމެއް ވާކަށް ނައުފަލެއް ބޭނުމެއް ނޫނެވެ. މިހާރު ނައުފަލްގެ ދަރިއަކާއި އަންބެއް އެބަހުއްޓެވެ. ރަޝީދު އެކަމަށް އެއްބަސް ވުމުން ނައުފަލް އުފަލުން ފޮޅުނެވެ. އެވާހަކަ ބިލާލްގެ ކަންފަތާއި ހަމައަށް ގެންގޮސް ދިނުމަށް ނައުފަލް ހުރީ ކެތްނުލަވާފައެވެ. ރަޝީދަށް ޝުކުރުވެރިވެލާފައި ގޭތެރެއަށް ވަންނަން ނައުފަލް ހިނގައިގަތީ އެއްވެސް މީހަކު ފެންނަ ހިސާބެއްގައި ހުރިތޯ ވަށައިގެން ހޯދައި ބަލައިފައެވެ. ނަސީބު ރަނގަޅުކަމުން އެއްވެސް މީހަކު ފެންނަ ހިސާބެއްގައި ނެތެވެ. ބާރުބާރަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ބިލާލާއި ރީޝާ ކޮފީ ބޯން އިނެވެ. ރީމާ ވެސް ނައުފަލްގެ ފަހަތުން އައިސް ކޮޓަރިއަށް ވަނީ ދެތަށި ފެން ހިފައިގެންނެވެ.

"އެކަން އޯކޭވެއްޖެ" ނައުފަލް ކޮޓަރިއަށް ވަނުމާއި އެކު ބުނެލިއެވެ.

"ކޮންކަމެއް. އަނެއްކާ ބިލާލަށް އެހެން އަންހެން ކުއްޖަކު ހޯދައިދެނީތަ" ރީމާ ހޭންފެށިއެވެ.

"ނޫން. އޭނާ އެއީ އެހެން ކަމެއް ކޮއްލަދީފައި. ނައުފަލަކީ އެކަހަލަ މީހެއް ނޫން" ބިލާލް ނައުފަލަށް ތަޢުރީފް ކުރިއެވެ.

ނައުފަލް އޯކޭ އޭ ބުނުމުން ރީޝާވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއްލީ ހެވިފައިއެވެ. އެހެން ނޫންނަމަ ރީޝާ އާއި އަނެއްކާވެސް އެއްކަލަ އުނދަގޫ ކުރިމަތިލާން ޖެހުނީހެވެ. ގެއަށް މީހުން އަންނަމުން ދިޔަވަރުން ރީޝާ ބޭނުންވީ ގެއަށް ދާށެވެ. އަނެއްކާވެސް އެހެން ދުވަހަކުން ބައްދަލުވެލުމުގެ އުންމީދުގައެވެ. ނައުފަލާއި ރީމާގެ އިޒްނަ އާއި އެކު ބިލާލް ރީޝާގެ އަތުގައި ހިފަހައްޓައިގެން ގޯތިތެރެއަށް ނިކުންނަން ހިނގައިގަތެވެ. ގޮނޑިތަކުގައި ސައިބޯން ތިބި މީހުންނަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ނިކުންނަން ދޮރާއްޓާއި ދިމާލަށް ހިނގަމުން ދެވުނީ ވަކި ހިސާބަކަށެވެ. ކައިރީގައި އައިސް ހުއްޓުނީ ރީމާގެ ތިމާގެ ކުއްޖެއްކަމަށްވާ ނީނާއެވެ. ސަލާމް ގޮވައިލުމަށްފަހު ބިލާލާއި ރީޝާ އާއި ސަލާމް ކޮއްލިއެވެ. ރީޝާއަށް ތަޢާރަފް ވެލާފައި ހިނިތުން ވެލިއެވެ.

"ހާދަ ތަފާތު ކުއްޖެއް" ބިލާލާއި ގާތް ވެލާފައި ނީނާ އެހެން ބުނެލިއިރު ރީޝާ ހުރީ ތަންކޮޅެއް ދުރުގައެވެ.

"ރަނގަޅަށް ބަލަހައްޓާތި. ނޫނީ ގެއްލިދާނެ" ނީނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިތަނާހެން ރީޝާ އައިސް އެމީހުންގެ ގާތަށް ހުއްޓުނެވެ. އަދި ހިނިތުންވެލާފައި ތިއީ ރީމާގެ ކޮއްކޮއެއްހޭ އެހިއެވެ. ޖަވާބު ދިނުމުގެ ގޮތުން ނީނާ ބޯޖަހައިލިއެވެ. އެދެމީހުންގެ ވާހަކަ ހުއްޓުވަން ބިލާލް ވާހަކަ ދައްކަން ފެށީ ނީނާގެ އެކަހަލަ ވާހަކައެއް ރީޝާގެ ގާތުގައި ދައްކަފާނެތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ނީނާ އަކީ އަބަދުވެސް ވަރަށް އަނގަ ގަދަ ސަކަމިޒާޖެއްގެ ކުއްޖެކެވެ. މަޖަލަކަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަން އެއްވެސް ޖެހިލުމެއް ނުވާނެއެވެ. ބިލާލް ހުރީ ވަރަށް ބިރުންނެވެ. ނަސީބަކުން މާގިނަ ވާހަކަތަކެއް ނުދެކެވެނީސް ކޮންމެވެސް މީހަކު ނީނާއަށް ގޮވައިލުމުން އެދިމާލަށް ހިނގައިގަތެވެ. ނަމަވެސް ބިލާލަށް މިހާރު އޮތް ހިތްހަމަޖެހުމަކީ ފަންޑިތަ ހަދަން ރަޝީދު ދެން މިރަށަކަށް ނާންނާނެކަމެވެ. އެކަން ނައުފަލް ވަރަށް މޮޅަށް ހަމަޖެއްސިއެވެ. ބިލާލްމެން ދިޔުމާއި އެކު ނީނާ ދުވެފައި ދިޔައީ ރީމާގެ ގާތަށް ކޮޓަރިއަށެވެ. ބާރަކަށް ގޮސް ކޮޓަރިއަށް ވަންއިރު ރީމާ ދަރިފުޅު އުރާލައިގެން ބޭރަށް ނިކުންނަން ހިނގައިގަތީއެވެ.

"އޭތް ދޮންތާ. ވަރަށް ތަފާތު ކުއްޖެއް ފެނިއްޖެ" ނީނާ ހުރީ ހިތް އަވަސް ވެފައެވެ.

"ކާކު.ކާކު. ބުނެބަލަ" ރީމާވެސް ހުރީ އެއީ ކާކުކަން އެނގެން ބޭނުންވެފައެވެ.

"ބިލާލް. ބިލާލް" ނީނާއަށް ބުނެވުނީ އެހިސާބަށެވެ.

"ސާބަހޭ. އެއީ މީހެއްގެ ފިރިއެއް. އަޅައިގަތީދޯ" ރީމާ ހޭންފެށިއެވެ.

"ނޫނޭ. އޭނަގެ އަންހެނުން. ވަރަށް ތަފާތު ގޮތެއް ހުރޭ. ބުނެދޭން ނޭނގޭ ކަހަލަ ގޮތެއް" އަނެއްކާވެސް ނީނާ ވާހަކަ ދައްކަން ފެށިގޮތުން އޭނާގެ މަޢުލޫމާތު ހޯދަން ވަރަށް ބޭނުންހެން ރީމާއަށް ހީވިއެވެ.

"ދެން ތިވާހަކަ ނުދައްކާ. ބިލާލް އެއީ ނައުފަލްގެ ގާތް މީހެއް. އޭނައަށް އަޑު އިވިއްޖެއްޔާ ރުޅިއައިސްފާނެ" ރީމާ އެވާހަކަ ހުއްޓުވުމުގެ ބޭނުމުގައި އެހެން ބުނެލާފައި ނީނާ ގޮވައިގެން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

"ނައުފަލް ދެކެ ހާދަހާ ބިރެއް ތިގަންނަނީ" ނީނާ އެވާހަކަ ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރީމާގެ ކޮނޑުމަތީގައި ބާއްވާފައި އޮތް ދަރިފުޅު ރޯން ފެށުމުން ނީނާގެ ވާހަކަ ހުއްޓުނެވެ.

ބިލާމެންނަށް ގެއަށް އާދެވުނު އިރު އިރުއޮއްސެން ގާތް ވަނީއެވެ. އަވަހަށް ގިފިއްޔަށް ވަދެ ވުޟޫކޮއްލައިގެން ބިލާލް ތައްޔާރުވީ މިސްކިތަށް ދިއުމަށެވެ. ރީޝާ އާއި ކައިވެނި ކުރިފަހުން ބަރާބަރަށް ފަސްވަގުތަށް ނަމާދަށް ދެވޭތޯ އަބަދުވެސް ބިލާލް ބަލައެވެ. އެހެން ނޫނިއްޔާ ރީޝާގެ ޝަކުވާ އޮންނާނެވެ. ބިލާލް މިސްކިތަށް ދިއުމުން ރީޝާ ވަނީ ކޮޓަރިއަށެވެ. ބިލާލް އަންނަން ވާއިރަށް ކާއެއްޗެއް ތައްޔާރު ކޮއްލަން ބަދިގެއަށް ދިއުމުގެ ކުރިން ހެދުން ބަދަލުކޮއްލުމުގެ ބޭނުމުގައެވެ. ނަމަވެސް މިސްކިތުންވެސް ފަންޑިތަ ހަދާ ރަޝީދު އާއި ބައްދަލުވެދާނެތީ ރީޝާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އިންސާނުންގެ ހިތަކީ ވަރަށް ފަސޭހައިން ހައްލާލެވޭނެ އެއްޗެކެވެ. ނަމަވެސް ރީޝާ އަށް ދެރަ ގޮތެއް ބިލާލްގެ ފަރާތުން ނުވާނެ ކަމުގެ ޔަގީންކަން އަބަދުވެސް ރީޝާއަށް އޮވެއެވެ. ހެދުން ބަދަލު ކޮއްލައިގެން ބަދިގެއާއި ދިމާއަށް ދާން ރީޝާ ނިކުތްއިރު ބިލާލް ދޮރާށިން ވަދެގެން އަންނަތަން ފެނުމުން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"ހާދަ އަވަސް ނަމާދެއް" ރީޝާ ބިލާލާއި ސުވާލު ކުރިއެވެ.

"އާން ވަރަށް އަވަސް ނަމާދެއް" ބިލާލް ހޭން ފެށިއެވެ.

"ރަޝީދު އާއި ދެންމެ ދިމާވި. ވަރަށް ތަފާތު. ކުރިން ފަންޑިތަ ހެދިއިރު އުޅުނު ގޮތް ދޫކޮއްލައިފިހެން ހީވަނީ" ބިލާލް ރީޝާއަށް ކިޔައިދޭން ފެށިއެވެ.

"އަނެއްކާ މަކަރުވެރި ރޭވުމެއް ނޫންބާ" ރީޝާއަށް ގަބޫލު ކުރަން އުނދަގޫވިއެވެ.

"ނައުފަލް ހުރީ އޭނަ ހަމައަކަށް އަޅުވާފައި. އަދި ރީޝާއަށް ސަލާމްވެސް ބުނި" ބިލާލް ރީޝާއަށް ޔަގީންކަން ދޭން މަސައްކަތް ކުރިއެވެ.

"އޯހް. މިފަހަރު އަހަރެން ގާތުގައިކަން ނޭނގެ ރައްޓެހިވާން އަހާނީ. ވެދާނެ އަހަރެން ސެޓް ކުރަން ބޭނުންވަނީ ކަމަށްވެސް" ރީޝާ ހޭންފެށިއެވެ.

"އޯކޭ ބަލަން ތިބެމާ. މަވެސް އަންނާނަން ހެދުން ބަދަލު ކޮއްލައިގެން" ބިލާލް ގޭތެރެއަށް ވަދެގެން ދިޔައިރު ރީޝާ އޭނައަށް ބަލަހައްޓައިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
1
+1
2
+1
7
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް